އައިޝަތު އާފްރީން އާރިފްގެ ބައްޕަ މުހައްމަދު އާރިފް އާއި މަންމަ ޟުހާ އަހުމަދު، ދަރިފުޅު ގޮވައިގެން އެސްޓާ މެޑްސިޓީގެ ޑޮކްޓަރުންގެ ޓީމާ އެކު

ސިއްހަތު

'މިއީ ދަރިފުޅު އަލުން އުފަންވުން ފަދަ ކަމެއް'

އުމުރުން އެންމެ ހަތަރު މަހުގެ އައިޝަތު އާފްރީން އާރިފްގެ ފުއްޕާމޭ ހަލާކުވުމުން އެސްޓާ މެޑްސިޓީގައި ދިން ޒަމާނީ ފަރުވާއިން ކުއްޖާ ސަލާމަތްވުމަކީ އެ ހޮސްޕިޓަލަށް ވެސް ބޮޑު ކާމިޔާބީއެއް
16 ޖެނުއަރީ 2024
4

މުހިންމު ނުކުތާތައް

އިންޑިއާއަށް ނުގެންގޮސް އިތުރަށް އެންމެ ދުވަހަކު ރާއްޖޭގައި ބޭއްވި ނަމަ މަރުވީސް ކަމަށް ބައްޕަ ބުނި

އާފްރީންއަކީ އެސްޓާ މެޑްސިޓީގައި އެކްމޯ މެޝިން މެދުވެރިކޮށް ފަރުވާ ދިން އެންމެ ހަގު ކުއްޖާ

ަހަތް މަހުގައި އުފަންވި ކުއްޖާ ނުރައްކަލަށް ވެއްޓުނީ ވައިރަހުގެ އާދައިގެ ރޯގާއެއް ޖެހިގެން

"މިއީ ދަރިފުޅު އަލުން އުފަންވުން ފަދަ ކަމެއް،" މާތްﷲގެ ހަޒުރަތަށް ޝުކުރުކުރަމުން މުހައްމަދު އާރިފް ބުންޏެވެ.

އޭނާ އާއި އަންހެނުން ޟުހާ އަހުމަދުގެ ދެވަނަ ދަރިފުޅު އައިޝަތު އާފްރީން އާރިފްއާ ބެހޭ ގޮތުން އެހެން ބުނީ ދުނިޔޭގައި އޮތުމަށް ވުރެ މަރުވުން ކައިރިހެން ހީވި އެތައް ދުވަހެއް ތަޖުރިބާކޮށް، އެ ލިބުނު ހިތްދަތިކަމުގައި، ކަރުނަ ބާލާފައި ވުމުންނެވެ. އެކަމަކު މިހާރު އުމުރުން އެންމެ ހަތަރު މަހުގެ އަފްރީން ވަނީ އެ ހުރިހާ ހާލަތަކާ ވެސް ހަނގުރާމަކޮށްފަ އެވެ. އަދި ޒަމާނީ ބޭސްވެރިކަމުގެ މަތީ ހިދުމަތުގެ އެހީ އާއި ﷲގެ އިރާދަފުޅާ އެކު ކުއްޖާ މިހާރު އެ އޮތީ އެ ހުރިހާ ނުރައްކަލަކުން ސަލާމަތްވެފަ އެވެ.

ވިހާނެ ކަމަށް ދިން ތާރީހަށް ވުރެ ދެ މަސް ކުރިން ދުނިޔެއަށް އުފަންވި އާފްރީންއަށް ވައިރަސްއެއްގެ ސަބަބުން ޖެހުނު އާދައިގެ ހުމަކާ އެކު ފުއްޕާމޭގެ މަސައްކަތް ގާތްގަނޑަަކަށް ހުއްޓުނެވެ. އެ ހިތްދަތި ދުވަސްތަކާ ކުރިމަތިވީ ހަތް މަހުގައި ވިހެއުމުން ބޭނުންވާ ހާއްސަ ފަރުވާ ހޯދަން އޭޑީކޭގެ ކުޑަކުދިންގެ އައިސީޔޫގައި މަހެއްހާ ދުވަހު ހޭދަކޮށް ގެޔަށް ބަދަލުކުރިތާ މާ ގިނަ ދުވަހެއް ނުވެ އެވެ.

އަނެއްކާވެސް ގެންދަން ޖެހުނީ އޭޑީކޭއަށެވެ. ފުއްޕާމޭގެ މަސައްކަތް ދަށްވުމުން ވެންޓިލޭޓަރަށް ލި އެވެ. ނަމަވެސް އާދައިގެ ވެންޓިލޭޓަރަކުން އެންމެ މަތިން އޮކްސިޖަން ފޮނުވުމުން ވެސް ހިފެހެއްޓޭ ވަރެއް ނުވި އެވެ.

"ވެންޓިލޭޓަރުގެ ހައި ޕްރެޝަރުގައި ބޭއްވުމަކީ ރަނގަޅު ކަމެއް ނޫނޭ ޑޮކްޓަރުން ބުނި. އެކަމަކު އެ ނޫން އެހެން ގޮތެއް ނެތޭ ބުނީ. ފަސް ދުވަސް ވީއިރު ވެސް ވެންޓިލޭޓަރުގެ ޕެރެމީޓާސް ދަށެއްނުކުރެވޭ،" އާރިފް ކިޔައިދިނެވެ.

ދުވަސް ނުފުރާ އުފަންވާ ކުދިންގެ ފުއްޕާމޭ ފަދަ ގުނަވަންތައް ރަނގަޅަށް ފުރިހަމައެއްނުވެ އެވެ. އާންމު ކުއްޖަކަށް މާ ބޮޑު ކަމަކަށް ނުވާ ރޯގާއެއް އާފްރީންގެ ހަށިގަނޑުގައި އުފެއްދީ ނުރައްކާތެރި މިންވަރަކަށް ނިއުމޯނިއާ އެވެ. އޭގެ ފަހުން އިތުރު އިންފެކްޝަނަކާ ވެސް ކުރިމަތިލި އެވެ. އާއިލާއިން ނިންމީ ދެން އިތުރަށް މަޑުނުކޮށް ބޭރަށް ގެންދާށެވެ. އެކި މީހުންގެ މަޝްވަރާއާ އެކު ހިޔާރުކުރީ ކޮޗިންގައި ހުންނަ އެސްޓާ މެޑްސިޓީ އެވެ.

އެކްމޯ ފަރުވާ ދިން އެންމެ ހަގު ކުއްޖާ

ހަގީގަތުގައި އާފްރީން އޮތީ އާންމުކޮށް މި ބޭނުންކުރާ ވެންޓިލޭޓަރުން ފަރުވާދީގެން ސަލާމަތްވާނެ ފަދަ ހާލަތެއްގައެއް ނޫނެވެ. އެހެންކަމުން އެސްޓާ މެޑްސިޓީއަށް ކުއްޖާ ގެންދިއުމަކީ ނަސީބެވެ. ކޮޗިންއަށް ކުރި ދަތުރުގައި އޭޑީކޭގެ ޑޮކްޓަރަކާއި ނަރުހަކު، ހާއްސަ އާލާތެއް ބޭނުންކޮށްގެން މަތިންދާބޯޓުގައި، ހުއްޓުމެއް ނެތި އޮކްސިޖަން ދިނެވެ.

"އަސްލު އެންމެ ދުވަހެއް ލަސްވި ނަމަވެސް ދަރިފުޅު މަރުވީސް،" އާރިފް ބުންޏެވެ.

އޭގެ ހެއްކަކީ އެސްޓާ މެޑްސިޓީއަށް ގެންގޮސް ފުރަތަމަ ދުވަހު އާންމު ވެންޓިލޭޓަރެއް ގުޅައިގެން ކުއްޖާގެ ހާލަތު އެއްގޮތަކަށް ވެސް ރަނގަޅު ނުކުރެވުމެވެ. އެހެންކަމުން އޭޑީކޭގައި ހަމައެކަނި ވެންޓިލޭޓަރެއްގެ އެހީ ލިބިގެން އާފްރީން ދުނިޔޭގައި ނޯންނާނެކަން، އާރިފްމެންނަށް ޔަގީނެވެ.

ކޮޗިންއަށް ފުރުވަންވެގެން އޭޑީކޭގެ އެމްބިއުލެންސްގައި އާފްރީން ވީއައިއޭއަށް ގެންދަނީ

ފުރަތަމަ ދަރިފުޅަށް ނުވަ އަަހަރު ފަހުން ލިބުނު އަންހެން ދަރިފުޅު މަރުގެ ތުންފަތް މަތިން ނެގުނީ އެ ވަރުގެ ކުއްޖަކަށް އޭގެ ކުރިން އެެސްޓާ މެޑްސިޓީގައި ބޭނުންކޮށްފައި ނުުވާ ޒަމާނީ އާލާތެއްގެ އެހީގަ އެވެ. ފުއްޕާމޭގެ މަސައްކަތް މެޝިނަކާ ހަވާލުކޮށް، ކުއްޖާގެ ފުއްޕާމޭ އޭގެ ޒާތުގައި އަމިއްލައަށް އަލުން ރަނގަޅުވާން ފުރުސަތު ދޭ މެޝިނެވެ: އެކްސްޓްރަކޯޕޮރެލް މެމްބްރޭން އޮކްސިޖެނޭޝަން (އެކްމޯ) އެވެ.

އާފްރީން ގެންދިޔަ އިރު އެސްޓާ މެޑްސިޓީގެ ތަޖުރިބާކާރުން ތިބީ ތައްޔާރުވެގެންނެވެ. އޭރު އެ ހޮސްޕިޓަލްގައި ހުރި އެކްމޯ މެޝިން ވަނީ ތިން އަހަރުގެ ބަލިކުއްޖަކަށް ގުޅާފަ އެވެ. އެހެންކަމުން އާފްރީންގެ ފަރުވާއަށް އެ ހޮސްޕިޓަލުން މެޝިނެއް ގެނައީ ބެންގަލޫރުންނެވެ.

"އެ މީހުން ތިބީ އެކަމަށް ދުރާލައި ތައްޔާރުވެ މެޝިން ވެސް ހޯދައިގެން. ރާއްޖެއިން ފުރުމުގެ ކުރިން ދަރިފުޅުގެ މުޅި ހާލަތު އޮތީ އޮޅުންފިލުވާފައި. އެހެންވެ އަސްލު އެ މީހުންނަށް ލަފާކުރެވުނު ދެން ވާނީ ކިހިނެއްކަން،" އާރިފް ބުންޏެވެ.

އެސްޓާ މެޑްސިޓީގެ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި އާފްރީންގެ ފުއްޕާމޭ އޮތީ ވަރަށް ބޮޑަށް ހަލާކުވެެފަ އެވެ. ދުނިޔޭގައި އޮތުމުގެ ހަމައެކަނި ފުރުސަތަކީ އެކްމޯއާ ގުޅާލައި، އެ މެދުވެރިކޮށް ހަށިގަނޑަށް އޮކްސިޖަން ފޮނުވައިދީ، ކުއްޖާގެ ފުއްޕާމެއަށް އަރާމު ދިނުމެވެ. އެހެން ގޮތަކަށް ބުނާ ނަމަ ފުއްޕާމޭ މަސައްކަތްކުރުން ހުއްޓުވާލުމެވެ.

އެސްޓާ މެޑްސިޓީން ބުނި ގޮތުގައި އާފްރީންއަކީ އެ ހޮސްޕިޓަލުން އެ ފަރުވާ ހޯދި އެންމެ ހަގު ކުއްޖާ އެވެ. ބައެއް ޑޮކްޓަރުން ލަފާކުރައްވަނީ އޭގެ ކުރިން މުޅި އިންޑިއާގައި ވެސް އެ އުމުރުގެ ކުއްޖަކަށް އެކްމޯގެ ފަރުވާ ދީފައިނުވުން އެކަށީގެންވާ ކަމަށެވެ.

މުޅި ގައިން ލޭ އައުން: އެންމެ ކަންބޮޑުވި ދުވަސް

ދަރިފުޅުގެ ހަށިގަނޑުގެ 26 ތަނަކަށް ހޮޅި ގުޅާފައި އޮތް މަންޒަރު ބަލަން އާރިފް އާއި ޟުހާއަށް، ފުރަތަމަ ފަސޭހައެއް ނުވި އެވެ. އެ ފަރުވާއާ ގުޅިފައި ހުންނަ ނުރައްކާތައް ވެސް ބޮޑެވެ. ލޭ ދިޔާވުން ނުވަތަ ގަނޑުވުމެވެ. އެހެންކަމުން ސްޓްރޯކެއް ނުވަތަ ހާޓްއެޓޭކެއް ޖެހުމުގެ ފުރުސަތު އޮވެ އެވެ. އެކަމަކު އާރިފް ބުނި ގޮތުގައި އެންމެ ފަހަރަކު ވެސް 'އަހަރެމެންގެ އުއްމީދެއް ނުކެނޑެ' އެވެ.

"އެކްމޯ ގުުޅުމަކީ ވަރަށް އަގު ވެސް ބޮޑު، ވަރަށް ރިސްކް ވެސް ބޮޑު ކަމެއް. އޭގެ ޒާތުގައި އެއީކީ ފަރުވާއެއް ނޫން. އަމިއްލައަށް ފުއްޕާމޭ ރަނގަޅުވާން މި ޖެހެނީ،" އާރިފް ބުންޏެވެ.

"އެކްމޯގައި ބޮޑެތި މީހުން ސަލާމަތްވުމުގެ ފުރުސަތު މި އޮންނަނީ %50އަށް. ކުޑަކުދިން އެއަށް ވުރެ ތަންކޮޅެއް މަތި." 

ކޮޗިންގެ އެސްޓާ މެޑްސިޓީގެ ނަރުހުން އައިޝަތު އާފްރީން އާރިފް އުރާލައިގެން: ތިން މަހުގެ މި ކުއްޖާ ސަލާމަތްކުރުމަކީ ހޮސްޕިޓަލަށް ވެސް ލިބުނު ކާމިޔާބީއެއް ކަމަށް ދެކޭ

އާރިފްގެ ދެމަފިރިން އެންމެ ކަންބޮޑުވި ދުވަސް އައީ، އެކްމޯ ގުޅިތާ 10 ވަނަ ދުވަހު އެވެ. ހޮޅި ގުޅާފައި ހުރި ހުރިހާ ދިމާއަކުން ލޭ އަންނަން ފެށީ އެވެ. އެ މަންޒަރު ފެނިފައި ޟުހާ އަނބުރައި ވެސް ގަތެވެ. އޭރު އެކްމޯގައި އޮތް ތިން އަހަރުގެ ކުއްޖާއަށް ސްޓްރޯކެއް ޖެހި، ފަރުވާ ދެމުން އަންނަކަން އެ މީހުންނަށް އެނގެ އެވެ. 

ނަމަވެސް ނަސީބު ރަނގަޅުކަމުން އެފަދަ ނުރައްކަލެއް އާފްރީންއަކަށް ދިމައެއްނުވި އެވެ.

އެކްމޯއަކީ އާންމުކޮށް ފަސް ވަރަކަށް ދުވަހަށް ގުޅާ ވަސީލަތެކެވެ. އާފްރީންގެ ފަރުވާ 14 ދުވަހަށް ދެމިގެންދިޔައީ ހާލަތު ސީރިއަސްވުމުންނެވެ. އެކަމަކު ހަށިގަނޑުގެ އެކި ދިމާލުން ލޭ އަންނަން ފެށިއިރު، އާރިފް ބުނި ގޮތުގައި، ދަރިފުޅު އޮތީ މެޝިނުން ނައްޓާލާ ހިސާބަށް ރަނގަޅުވުމުގެ މަގަށް އަޅައިފަ އެވެ. 

"ދެން އިތުރަށް ނުބާއްވަންވެގެން އެކްމޯއިން ނެގީ،" އާރިފް ބުންޏެވެ.

އެހާ ހިސާބުން އާންމު ވެންޓިލޭޓަރެއްގައި ފަރުވާ ދީގެން އޮކްސިޖަން ހިފެހެއްޓޭ ވަރަށް އާފްރީންގެ ފުއްޕާމޭ އޮތީ ރަނގަޅުވާން ފަށައިފަ އެވެ. ވެންޓިލޭޓަރުގައި އިތުރު 16 ދުވަހު ބޭއްވި އެވެ. ޕީސީއައިސީޔޫގައި މަހެއްހާ ދުވަހެވެ. އާރިފްމެންގެ އަތަށް ދަރިފުޅު ލިބޭވަރުވީ ގާތްގަނޑަކަށް ދެ މަހެއްހާ ދުވަސް ފަހުންނެވެ. 

"އަސްލު ވަރަށް ހިތްދަތި ދުވަސްތަކެއް. ޟުހާގެ ހާލު ވެސް ވަރަށް ދެރަވި. ހޮސްޕިޓަލްގައި އެޑްމިޓްކުރަން ވެސް ޖެހުނު،" މަރާ ހަނގުރާމަކުރުމުގައި އާފްރީން ހޭދަކުރި ދުވަސްތަކުގައި ދަރިފުޅުގެ ހާލަތު ފެނިގެން ދެމަފިރިންނަށް ކުރި އިހުސާސްތަކާ ބެހޭ ގޮތުން އާރިފް ބުންޏެވެ.

އާފްރީންގެ މަންމަ ޟުހާ އަހުމަދު، އޭނާގެ ދަރިފުޅުގެ ފަރުވާގައި ބައިވެރިވި އެސްޓާ މެޑްސިޓީގެ ބައެއް މުވައްޒަފުންނާ އެކު

"މަރުގެ ހަމަ ތުންފަތް މަތިން ސަލާމަތްވީ. މިތަނަށް ރަނގަޅު ދުވަހު ނާދެވުނު ނަމަ ދަރިފުޅު އަނބުރާ ނުވެސް ލިބުނީސް،" މިހާރު ވެސް އިންޑިއާގައި ހުރި އާރިފް ބުންޏެވެ.

"އެހެންވެ އަސްލު މިއީ އަލުން ދަރިފުޅު އުފަންވުން ފަދަ ކަމެއް."

އެސްޓާ މެޑްސިޓީއަށް ވެސް އެއީ ކާމިޔާބީއެކެވެ. ކޮޗިންގެ ނޫހެއްގައި ވެސް ވަނީ އާފްރީންގެ ވާހަކަ ލިއެފަ އެވެ. އެ ހޮސްޕިޓަލުން ބުނީ "މިއީ އަވަސް ފިޔަވަޅުތަކެއް"ގެ ނަތީޖާ ކަމަށެވެ. އަދި އެންމެ ބޮޑު ސަބަބަކީ ޒަމާނީ ގޮތުން ކުރިއަރާފައިވާ ސިއްހީ އާލާތްތައް ބޭނުންކުރުމެވެ.

"ދުވަސް ނުފުރާ ވިހޭ ކުއްޖަކަށް ވުމާއި ފުއްޕާމޭ ހަލާކުވެފައި އޮތް މިންވަރުން އަސްލު އެއީ އާދަޔާ ހިލާފު، ގޮންޖެހުން ވެސް ބޮޑު ހާލަތެއް،" އާފްރީން ފުރަތަމަ ގެނައި އިރު އޮތް ގޮތަށް އިޝާރަތްކޮށް، ސީނިއަ ކޮންސަލްޓެންޓް، ޕީޑިއަޓްރިކް ކާޑިއެކް ސާޖަރީ، ޑރ. ސާޖަން ކޮޝީ ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ ފަރުވާ ދިން ޓީމުގައި ހިމެނުނު ހުރިހާ ތަޖުރިބާކާރުންގެ މަސައްކަތުން އާފްރީނަށް ރަނގަޅު ފަރުވާ ފޯރުކޮށްދެވުނު ކަމަށެވެ.

އާފްރީންގެ ފަރުވާއަށް ދިވެހި ސަރުކާރުން ވަރަށް ބޮޑު ހަރަދެއްކުރި އެވެ. އެގޮތުން ގާތްގަނޑަކަށް ބައި މިލިއަން ރުފިޔާ، ކުއްޖާގެ މުޅި ފަރުވާއަށް ހޭދަވި އެވެ.

"އާސަންދައިން ހުރިހާ ކަމެއް ހަމަޖެހުނު،" އާރިފް ބުންޏެވެ.

އެ އާއިލާގެ ހިތުގައި އޮތީ ޝުކުރެވެ: މާތްﷲ އާއި ދިވެހި ސަރުކާރާއި އެސްޓާ މެޑްސިޓީގެ ޓީމަށެވެ.

އާރިފް ބުނީ ދަރިފުޅުގެ ފަރުވާގައި ބައިވެރިވި ޓީމު ވަރަށް މޮޅު ކަމަށެވެ.

"ވަރަށް ރަނގަޅަށް ހުރިހާ ކަމެއްގައި މައުލޫމާތު ދީ، ކައުންސެލިން ދީ ހެދި. ވަރަށް އޮގަނައިޒްޑް ގޮތަކަށް ކަންކަން ކުރީ،" އާރިފް ބުންޏެވެ.

"އެސްޓާގެ ހުރިހާ ލެވެލެއްގައި ދިމާވި މުވައްޒަފުން ވެސް ވަރަށް ހިތްހެޔޮ."

ކިތައްމެ ބޮޑު ނުރައްކަލަކާ ދިމާވިޔަސް ހެޔޮ ހާލުގައި ދަރިފުޅު އަނބުރާ ލިބުމަށް ވުރެ ބޮޑު އުފަލެއް ނޯންނާނެ އެވެ. އެހެންކަމުން އާރިފްގެ ދެމަފިރިން މިހާރު އެ ތިބީ އެ އުފަލުގަ އެވެ.

އެޑިޓަރުގެ ނޯޓު:

އާރިފަކީ 'ދައުރު'ގެ ސީއެފްއޯ އަދި އެއް ހިއްސާދާރެވެ. އޭނާގެ އަންހެނުން ޟުހާއަކީ މި ނޫހަށް ވާހަކަ ލިއަމުން އަންނަ ލިއުންތެރިއެކެވެ.

ކޮމެންޓް (4)

ގޯދީ

17 ޖެނުއަރީ 2024
އިންޑިޔާ ޕުރޮމޯޓު ނުކޮށްބަލަ!
1 10

ރޯޒީ

16 ޖެނުއަރީ 2024
ތި ކުއްޖާ ޢަށް ހެޔޮރަހުމަތް ލައްވާށި
16 0

ޏަމާ

16 ޖެނުއަރީ 2024
ދިވެއްސަކަށް ބައިލައްކަ ހޭދަ ކުރުން ގޯހެއް ނޫން. ހޭދަ ކުރީ ބޭނުން ޖެހުނު ކުުއްޖަކަށް. ބޭކާރު ހަރަދު ސަރުކާރުން ކުރަނީ ދަތުރު ކުރަން ވެސް.
31 0

ޔެސް

19 ޖެނުއަރީ 2024
@ޏަމާ ބައި މިލިއަން*
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް