އާޒިމާ: 'ބަޑި ޖައްސައިގެން' ސިޔާސީ ދާއިރާއިން ފައްސާލިޔަސް އެ ހުންނެވީ އަލުން ނުކުމެ

'ދައުރު'ގެ 'ސިޔާސަކަ' ޕްރޮޮގްރާމްގައި އާޒިމާ ޝަކޫރު ވަނީ އޭނާގެ ސިޔާސީ ހަޔާތާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތައް ދައްކަވާފައި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އެންމެ ބަލިކަށިވެގެން ދިޔަ ވަގުތު އެމަނިކުފާނާ އެކު އެންމެ ކައިރިން އެ ސަރުކާރު ދިފާއު ކުރުމުގައި ހުންނެވި އެއް ބޭފުޅަކީ މިފަހަރު ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރެވެ. އެ ސަރުކާރުގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ބަންޑަރަނައިބުކަން ކުރެއްވި އެވެ. އެ މަގާމު އަދާކުރެއްވި އެންމެ ފުރަތަމަ އަންހެން ބޭފުޅާގެ ޝަރަފާ އެކު މިހާރު އޭނާގެ ހިދުމަތުގެ ލިސްޓަށް އިތުރުކުރައްވަން އެ އުޅުއްވަނީ ފުރަތަމަ އަންހެން މޭޔަރުކަމުގެ މަގާމެވެ.

ސިޔާސީ ދާއިރާއިން މިދިޔަ ފަސް އަހަރު 'ގެއްލުމަށް' ފަހު އަލުން ސިޔަސީ މަންޒަރުން ފެންނަން ފެށީ އިޓްލޮސްއަށް ހުށަހެޅި ރާއްޖޭގެ އިމުގެ މައްސަލައާ ހިސާބުންނެވެ. އޭގެ ކުރިން އާނާ ހުންނެވީ ސިޔާސީ ދާއިރާއާ ދުރުގަ އެވެ. ކީއްވެގެން ހެއްޔެވެ؟ 

ރިޔާސީ އިންތިހާބުގައި 2018ގައި ޔާމީނަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު ވެސް ސިޔާސީ މަސައްކަތުގައި އުޅުއްވި އާޒިމާގެ ސިޔާސީ އަދި ގާނޫނީ ހަޔާތުގައި ޖެހުނު ލައްގަނޑަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އޭނާގެ މައްޗަށް އުފުލި މަނީ ލޯންޑަރިންއަށް މަގުފަހި ކުރުމުގެ ދައުވާ އެވެ. އެ ތުހުމަތަށް އޭނާ ކޯޓަށް ހާޒިރުކޮށް ސުވާލު ކުރަމުން ދިޔައިރު އޭނާ ފައިނަގައިން ހުންނެވީ 2019ގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް ޓިކެޓްގައި ހޮޅުދޫ ދާއިރާއަށް ވާދަކުރެއްވުމަށެވެ. ނަމަވެސް އެ ޓިކެޓް ވެސް ދޫކޮށްލައްވައި، ސިޔާސީ ދާއިރާއާ ދުރަށް ޖެހިވަޑައިގެންނެވި އެވެ. 

ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރަން ކަމާ ބެހޭ ޓްރައިބިއުނަލުން ކުރި ހުކުމާ ގުޅިގެން ކުރީގެ ބަންޑާރަނައިބުންނާއި މިނިސްޓަރުން 3 މޭ 2023ގައި މ. ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމާ (ދައުރު ފޮޓޯ/ހުސައިން ސުނައިން

އެކަމާ ގުޅިގެން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން އާޒިމާ 'ދައުރު'ގެ 'ސިޔާސަކަ'އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އެއީ 'ގަން ޕޮއިންޓް'ގައި ދުރުވި ދުރުވުމެއް ކަމަށެވެ. ނުވަތަ މަޖުބޫރީ ހާލަތުގައި އެހެން ގޮތެއް ނެތިގެން ކުރެއްވި ކަމެކެވެ.

"އަޅުގަނޑު ސިޔާސީ ދާއިރާގައި އޮންޑް އެންޑް އޮފް ނުވޭ. އެކަމަކު، 2018 ވަނަ އަހަރު ވެރިކަން ބަދަލުވީމަ، ޔެސް، އަޅުގަނޑު ސިޔާސީ ދާއިރާއިން ދުރަށް ޖެހިލަން ޖެހުނު. ސަބަބުތަކެއް އެބަހުރި. އަސްލު އެވާހަކަ ދައްކާލަން އަޅުގަނޑު ވެސް ހަމަ ބޭނުން،" އާޒިމާ ވިދާޅުވި އެވެ.

އަސްލު ވަރަށް ޑިފިކަލްޓް މުއްދަތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހަމަ ޓާގެޓްކޮށްގެން އަޅުގަނޑުގެ ދިރިއުޅުން ހަލާކުކޮށްލީ. ބަޓް [އެކަމަކު]، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އެނގިވަޑައިގަންނަވާނެ އަޅުގަނޑެއް ފަހަތަކަށް ނުޖެހޭނެކަން. އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅުވިޔަސް، އަޅުގަނޑެއް ކުޑަކަކޫ ވެސް ނުޖައްސޭނެކަން.

އާޒިމާ ޝަކޫރު/ ޕީއެންސީ މޭޔަރު ކެންޑިޑޭޓު

އޭރު އާޒިމާއަކީ ޔާމީންގެ ވަކީލެކެވެ. އާޒިމާ ފަދަ 'ފުންނާބު އުސް ވަކީލަކު' ޔާމީންގެ މައްސަލައިގައި ވަކާލާތު ކުރަން ހުންނެވުމަކީ އެ ސަރުކާރަށް ވެސް 'ހަޖަމްވާ' ކަމަކަށް ނުވި ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެ ދައުވާ އާޒިމާގެ މައްޗަށް ކުރުމާ އެކު ޔާމީންގެ ވަކީލުކަން ވެސް ދޫކޮށް، އެމަނިކުފާނާ ވާހަކަ ދެއްކެވުން ވެސް ހުއްޓާލެއްވި ކަމަށް ވިދާޅުވި އެވެ.

"އެ ހިސާބުން ފެށިގެން ދިވެހި ސަރުކާރުން [ނުވަތަ] އޭރުގެ ސަރުކާރުން ކަން ކުރި ގޮތަކީ، އަޅުގަނޑުގެ މައްޗަށް ދައުވާއެއް ކޮށްފައި، ރައީސް ޔާމީން ހިމެނީ އަޅުގަނޑުގެ މައްސަލައިގެ ހެއްކަކަށް. ގާނޫނުއަސާސީގައި މީހަކު ހައްޔަރު ހަމައެކަނި ކުރުމުގެ ފުރުސަތު މި އޮންނަނީ، ހެއްކަށް ނުފޫޒު ފޯރުވަން. އެ ހިސާބުން އަޅުގަނޑަށް ރައީސް ޔާމީންއާ ވާހަކަ ދެއްކުން ދުސްތޫރީ ގޮތުން ވެސް، ގާނޫނީ ގޮތުން ވެސް ހުއްޓާލަން ޖެހުނީ،" އާޒިމާ ވިދާޅުވި އެވެ.

"އެއީ، އަޅުގަނޑަށް އެނގުނު [އެހެން ނޫނީ ހައްޔަރު ވެސް ކޮށްފާނެކަން]. އަޅުގަނޑަކީ ސިންގަލް މަދާއެއް. އަޅުގަނޑު އޭރު ހުރީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައިގެން. އަޅުގަނޑަށް އޭރުގެ ސަރުކާރުން އެންގެވީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައިގެން ހުރިހާ ދުވަހަކު ސަރުކާރުގެ ފިއްތުންތައް އަޅުގަނޑަށް ކުރިމަތިވާނޭ."

"އަޅުގަނޑަަކަށް ނޯވޭ މާ ބޮޑު ޗޮއިސްއެއް. އަޅުގަނޑުގެ މައްޗަށް ދައުވާއެއްކޮށްފައި، އަޅުގަނޑުގެ ދަރިފުޅުގެ ސެކިއުރިޓީއަށް މައްސަލަ ޖެހުނީމާ، ޔެސް، އަޅުގަނޑު ސިޔާސީ މައިދާނުން [ދުރުގައި] ކުޑަކޮށް މަޑުކޮށްލީ."

 ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރާ އެކު އާޒިމާ (ފޮޓޯ/ޕީޕީއެމް)

އާޒިމާ ގަބޫލުކުރައްވާ ގޮތުގައި އެއީ އެ ސަރުކާރުން ވަރަށް ބޮޑަށް ރޭވިގެން، އޭނާ މަންޒަރުން ގެއްލުވާލަން ކުރި ކަމެކެވެ.

"ޔެސް ގަންޕޮއިންޓެއްގައި. އަހަރެން އިބޫ [ކުރީގެ ރައީސް ސޯލިހު]އާ ސީދާ ވާހަކަ ދެއްކިން،" އޭގެ ތަފުސީލަށް އެހެން ފަހަރަކުން ދާނެ ކަމަށް ވިދާޅުވެ، އެ ހިސާބުން އެ ވާހަކަ އާޒިމާ ކުރުކޮށްލެއްވި އެވެ.

ފެބްރުއަރީ 2، 2019ގައި އާޒިމާ ވަނީ މަޖިލިސް ޓިކެޓް ދޫކޮށްލެއްވިކަން އިއުލާން ކުރައްވާފަ އެވެ. ހަމަ އެ މަހު 17ގައި އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލި އެވެ. އަދިވެސް އެ ޝަރީއަތް ދަނީ ކުރިއަށެވެ.

މުޅި ދިރިއުޅުންވެސް އެ ފުށް މިފުށަށް ޖަހާލައި، ލިބެން ހުރި ފުރުސަތުތައްވެސް ގެއްލުނީ އެވެ.

މިހާރު މި އޮތީ އަނެއްކާ ސިޔާސީ ދާއިރާއަށް ނުކުންނަވައި، ބޮޑު އިންތިހާބަކާ ކުރިމަތިލައްވައިފަ އެވެ. 

ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ހަރާކާތުގައި ރައިސް މުއިއްޒު އާޒިމާއާ އެކު (ފައިލް ފޮޓޯ/ ކެމްޕެއިން ޓީމް)

'ދައުރު'ގެ ވީޑިއޯ އިންޓަވިއުގައި ސިޔާސީ ދާއިރާގެ އިތުރުން އޭނާގެ އެހެން ހުނަރުތައް ކަމަށްވާ ކެއްކުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވި އެވެ. ހުސް ދިވެހި ކެއުމަށް ބިނާކުރައްވާ ހުޅުމާލޭގައި ރެސްޓޯރެންޓެއް ވެސް ހިންގެވި އެވެ. ނަމަވެސް އެތަން މިހާރު ނުހިންގަވަ އެވެ.

"އަޅުގަނޑު އަނބުރާ އަންނަނާނެ. އެ އަންނަން ޖެހެނީ، ދިރިއުޅެން މަސައްކަތް ކުރަން ޖެހޭ މީހަކަށް ވާތީ. މިވަގުތު އަޅުގަނޑު ހަމަ ވިސްނާފައި، އަޅުގަނޑު ބޭނުންވީ އަލުން އަނބުރާ ސިޔާސީ މައިދާނަނަށް ނުކުންނަން. ގައުމަށް ހިދުމަތް ކުރަން ބޭނުންވާތީ،" އާޒިމާ ވިދާޅުވި އެވެ.

"އަސްލު ވަރަށް ޑިފިކަލްޓް މުއްދަތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހަމަ ޓާގެޓްކޮށްގެން އަޅުގަނޑުގެ ދިރިއުޅުން ހަލާކުކޮށްލީ. ބަޓް [އެކަމަކު]، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އެނގިވަޑައިގަންނަވާނެ އަޅުގަނޑެއް ފަހަތަކަށް ނުޖެހޭނެކަން. އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅުވިޔަސް، އަޅުގަނޑެއް ކުޑަކަކޫ ވެސް ނުޖައްސޭނެކަން."

އާޒިމާ 'ދައުރު'ގެ 'ސިޔާސަކަ'އަށް އިންޓަވިއު ދެއްވަނީ

އާޒިމާގެ މައްޗަށް ސިވިލް ކޯޓުން 4.2 މިލިއަން ރުފިޔާ ދިނުމަށް ހުކުމް ކުރުމުގެ ދުވަސްކޮޅެއް ކުރިން ދެއްވި މި އިންޓަވިއުގައި އޭނާ ވިދާޅުވި ގޮތުގައި ރެސްޓޯރެންޓް ފެށި އެއް ސަބަބަކީ ވެސް އެ ދަރަނި ދެއްކެވުމެވެ. ނަމަވެސް މާ ބޮޑު ތަފްސީލަކަށް ވަޑައެއްނުގަންނަވަ އެވެ.

މޭޔަރު އިންތިހާބަށް ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. ތިރީގައި މި ހިމަނާލަނީ 'ސިޔާސަކަ'އަށް ދެއްވި އިންޓަވިއުގެ ބައެއް ސުވާލުތަކާއި އޭގެ ޖަވާބުތަކުގެ ކުރު ހުލާސާ އެވެ.

  • ދައުރު: ސިޔާސީ ދާއިރާއިން ރެސްޓޯރެންޓް ވިޔަފާރިއަށް ވަދެވުނީ ކިހިނެއް؟ އަދި އަލުން އަނބުރާ ސިޔާސީ ދައިރާއަށް އައީ، އެ ވިޔަފާރި ރަނގަޅު ނުވީމަތަ؟

އަޅުގަނޑު މައިންބަފައިން އަޅުގަނޑު ގެންގުޅެފައި ހުރި ގޮތުން އެނގޭނެ ވަރަށް ގިނަ މަސައްކަތް ކުރަން. ފަން އެނގޭނެ، މާ ޖަހަން އެނގޭނެ، ކައްކަން އެނގޭނެ. އެގޮތަށް އުޅެ ބޮޑުވި މީހެއް އަޅުގަނޑަކީ. ފެން ބަލާ ގޮސްގެން، މަގުމަތި ކުނިކަހަން ނުކުމެގެން، އެހެން އުޅެ ބޮޑުވި މީހެއް.

އަޅުގަނޑުގެ ދަރިފުޅު ގޮވައިގެން އެކަނި ދިރިއުޅެން ޖެހޭތީ އަޅުގަނޑު ޖެހޭ މަސައްކަތެއް ކުރަން. އަޅުގަނޑުގެ ހޯމް ލޯންސް ހުންނާނެ. އަޅުގަނޑުގެ ގޭގެ ލޯނު ދައްކަން އޮންނާނެ. އެހެންވީމަ، ދިރިއުޅެން ޖެހޭނެ. ދަރިފުޅަށް ކިޔަވައިދޭން ޖެހޭނެ. މި ހުރިހާ ކަމެއް ކުރަން ޖެހޭނެ.

އެހެންވެ އެ ކަންތައް އަޅުގަނޑު ފެށީ ދިވެހި ކާބޯއެއްޗެހިން. އަޅުގަނޑަށް ވަރަށް ބޮޑަށް ދަސްވެފައި ހުރި ކަމެއް ވީމަ. އަޅުގަނޑު އެކަން ފެށީ ވެސް އަޅުގަނޑުގެ މާމަގެ ނަމުގައި. އާމިނަދިޔެއަކީ އަޅުގަނޑުގެ މާމަ. ވަރަށް ގިނަ ދުވަސް ވަންދެން އަޅުގަނޑު ބެލީ އަޅުގަނޑުގެ މާމަ.

އޭރު ކޮވިޑް ތެރޭ މަސައްކަތް ފެށި ނަމަވެސް އެއީ ކޮންމެ މީހަކަށް ވެސް ދަތިވެގެން އައި ވަގުތު. އެހެންވެ އަޅުގަނޑު އެޕްލައިން ކުރީ ލޯނަށް. އަޅުގަނޑުގެ ލޯނު އެޕްރޫވަލްވެސްވި، ހުރިހާ ޝަރުތެއް ފުރިހަމަ ވެސްވި. އެކަމަކު، ކުރީގެ ސަރުކާރުން އަޅުގަނޑަށް ވީމަ އިތުރު ޝަރުތެއް ކުރިމަތި ކުރެއްވީ، ރަހުނެއް ދިނުމަށް. އަޅުގަނޑު ދިނިން އަޅުގަނޑުގެ އަމިއްލަ ފްލެޓް. އެކަމަކު އެ ފްލެޓް އޮތީ، ރަހުނެއް ތެރޭގައި ވީމަ ގަބޫލެއް ނުކުރެއްވި. އަޅުގަނޑުގެ ނެތް އެހެން މުދަލެއް.

ދެން އެންމެ ފަހުން އަޅުގަނޑަށް [ސަރުކާރުގެ] ލޯނު ނުލިބިގެން އަޅުގަނޑަށް ޖެހުނީ، ރެސްޓޯރެންޓް ބަންދުކޮށްލާފައި ނުކުންނަން.

  • ދައުރު: ގެއްލުނު ކަމަށް ބުނާ ކަޑުގެ ސަރަހައްދު ހޯދިދާނެތަ؟ ކޮބާ ފޯމިއުލާއަކީ؟

ޔެސް، ގެއްލުނު ކަމަށް ބުނާ ކަނޑުގެ ސަރައްހައްދު އަޅުގަނޑުމެންނަށް ހޯދޭނެ. ދައުލަތުން އެ މަސައްކަތް ކުރަން ޖެހޭނެ، އެބަ ކުރައްވާ. އުނދަގޫ މަސައްކަތެއް. އެއްވެސް ފަހަރެއްގައި އަޅުގަނޑު ނުދަންނަވަން ފަސޭހަ މަސައްކަތަކޭ. އެއީ، ވަރަށް އުނދަގޫ މަސައްކަތެއް. އެކަމަކު ދިވެހި ގައުމުގެ ހައްގުގައި ކުރަން ޖެހޭ މަސައްކަތެއް. އަދި ރަނގަޅަށް އެކަން ކުރެވިއްޖިއްޔާ އަޅުގަނޑުމެންނަށް ކަނޑުގެ ސަރަހައްދު އަނބުރާ ހޯދޭނެ.

ކޮމެންޓް (3)

ލޯން

10 ޖެނުއަރީ 2024
މިދައިތަވެސް މިހާރު އަންނި ދައްކާ ކަހަލަ ވާހަކަ ދައްކަން ފެށީދޯ؟
2 0

ބަލަ

10 ޖެނުއަރީ 2024
ޝިފާ އަކީވެސް މޭޔަރުކަން ކުރެއްވި ބޭފުޅެއް ނޫންތޯ؟
1 0

ކޮސް

10 ޖެނުއަރީ 2024
އާޒިމާ މިއޮތީ މީހުންގެ ހަމްދަރުދީ ހޯދާށާއި އެމް.ޑީ.ޕީގެ ކެންޑިޑޭޓާއިމެދު މީހުންގެ މެދުގައި ގޯސްވިސްނުމަކަށް ފުރުޞަތުދޭން އިބޫއޭ ، އެމް.ޑީ.ޕީ އިން ދިރިއުޅުން ނަގާލީއޭ ކިޔައިގެން ޗަރުކޭހެއްކުޅެފަ. އެނގޭކަމަކީ ބޯހަމަޖެހޭމީހަކު އާޒިމާއަކަށް ވޯޓެއްނުލާނެކަން. ވ.ވެދުން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް