ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު އެ މަންޒަރު ބައްލަވަނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ބިން ހިއްކުން

ވެށި ހަލާކުކޮށްގެން ބިން ހިއްކިޔަސް ރައްޔިތުންނަށް ވާ ފައިދާއެއް ނެތް

ސަރުކާރުތަކުން ބުނަނީ ބިން ހިއްކަނީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވާތީ ކަމަށް. ނަމަވެސް ހިއްކާ ތަންތަން އާބާދުކުރަން މަސައްކަތް ކުރާ ތަނެއް ނުފެނޭ.
11 ޖެނުއަރީ 2024

ރާއްޖޭގެ ތިމާވެއްޓަށް އެންމެ ބޮޑު ގެއްލުމެއް ލިބެނީ، މާހިރުން ބުނާ ގޮތުގައި، ވެށި ހަލާކުވާ ގޮތަށް ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުންނެވެ. ރަށްރަށުގެ ވަށައިގެންވާ ފަރުތަކާއި ނާޒުކު ގުދުރަތީ ނިޒާމުތައް މުޅިން ހަލާކުކޮށްލައިގެން ގެންނަ ކޮންކުރީޓު ތަރައްގީގެ ސަބަބުންނެވެ. އެހެންކަމުން، ކޮންމެ ސަރުކާރަކުން ވެސް ބިޔަ މަޝްރޫއުތައް އިއުލާނު ކުރުމާ އެކު، ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެ އެވެ.

ރާއްޖެއަށް މިވަގުތު އެންމެ މުހިއްމީ، ތިމާވެއްޓަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކޮށް، މޫސުމީ ބަދަލުތަކަށް ހޭނުމުގެ ގޮތުން ދުރާލާ މަސައްކަތްތައް ކުރުން ކަމަށް ތިމާވެށީގެ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. 

މި ސަރުކާރުން ވެސް އުމްރާނީ ތަރައްގީގެ އެތައް މަޝްރޫއުއެއް ހިންގުމުގެ ވައުދާ އެކު ވެރިކަމާ ހަވާލުވެފައިވާ އިރު، މޫސުމީ ބަދަލުތަކާއި ދުނިޔެ ހޫނުވުން އިހުނަށްވުރެ އެތައް ގުނައެއް ގޯސްވެފައިވާ މި ހާލަތުގައި، ރާއްޖޭގެ ގުދުރަތީ ވެށި ހިމާޔަތް ކުރުމަށް އިސްކަމެއް ދޭނީ ކިހާ ވަރަކަށްތޯ، މިއީ ގިނަ ބަޔަކު އުފައްދަމުންދާ ސުވާލެކެވެ.

އެ ސުވާލުގެ ޖަވާބުގައި ތިމާވެށީގެ މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވަނީ، ރާއްޖޭގެ ތަރައްގީއަށްޓަކައި އަދި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި، ބިޔަ ބޮޑެތި މަޝްރޫއުތައް ހިންގުން މަޖުބޫރު ކަމަށެވެ. އެކަމަކު، އެކަން ކުރާ އިރު، ވެއްޓަށް ލިބޭ ގެއްލުން ވީހާ ވެސް ކުޑަކުރަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ނަމަވެސް، މިވަރުން ފަރުޖައްސާލެވޭނެ ހެއްޔެވެ؟

މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ، ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ ސިޓީގެ މަޝްރޫއު ފެށުން. (ފޮޓޯ/ރައީސް އޮފީސް)

ގުދުރަތީ ނިޒާމުގެ އެންމެ ބޮޑު ހަލާކު

ރާއްޖޭގައި ތިމާވެއްޓަށް އެންމެ ބޮޑު، އިއާދަ ނުކުރެވޭ ގެއްލުމެއް ލިބެނީ ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ސަބަބުންނެވެ. އެކަން އދ. އިން އެކުލަވާލާފައިވާ އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ)ގެ ރިޕޯޓުތަކުގައި ވެސް ފާހަގަކޮށްފައިވެ އެވެ.

  • އާބާދީ އިތުރުވުމުގެ ސަބަބުން ބޯހިޔާވަހިކަން ފޯރުކޮށްދޭން ރާއްޖެއިން ދަނީ ބިން ހިއްކަމުން

  • މިފަދަ ކަންކަމުގެ ސަބަބުން ކަނޑުފަރާއި ކުޅިތަކާއި ޗަސްބިމުގެ ގުދުރަތީ ނިޒާމަށް ބުރޫއަރާ، އެތަންތަނުގެ ސަބަބުން ރަށްރަށަށް ލިބޭ ރައްކާތެރިކަމާއި ހިމާޔަތް ގެއްލިގެންދޭ

  • މިއީ ރަށްރަށުގެ ދެމެހެއްޓެނިވި ތަރައްގީއަށް އެޅޭ ބޮޑު ހުރަހެއް

  • ބިން ހިއްކުން ފަދަ މަޝްރޫއުތަކުގެ ސަބަބުން ރަށްގިރުން އިތުރުވެ، ފެންބޮޑުވުމާއި އުދައެރުމުގެ ފުރުސަތު ބޮޑުވޭ

  • މިކަމުގެ ސަބަބުން ބެދެނީ ނިމުމެއް ނެތް، ހައްލެއް ނެތް ބޮޅެއްގައި؛ މިފަދަ މަޝްރޫއުތައް ހިންގުމުގެ ސަބަބުން ލިބޭ ގެއްލުންތައް ފޫބައްދަން ދެން ހިންގަން ޖެހޭ މަޝްރޫއުތަކުގެ ސަބަބުން އަނެއްކާވެސް ތިމާވެއްޓަށް ގެއްލުން ލިބޭ، އަދި ރަށްރަށުގެ ނާޒުކުކަން އިތުރުވޭ

މަތިކޮމަންޑޫ ހިއްކި ސަރަހައްދުގެ މޫދު އަޑި. އެ ސަރަހައްދުގައި ދިރޭ މުރަކައިގެ ނިސްބަތް ކުޑަ ކަމަށާއި ގިނައީ މަރުވެފައިވާ މުރަކަ އާއި ގާ ކަމަށް އީއައިއޭގައި ބުނެފައިވޭ.

އެކަން ފާހަގަކޮށްފައިވަނީ ހަމައެކަނި އައިޕީސީސީ އަކުން ވެސް ނޫނެވެ. ރާއްޖޭގައި ބިން ހިއްކުމުގެ މައްސަލަ އިންތިހާއަށް ގޮސް، އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން މިދިޔަ އަހަރު އޮކްޓޯބަރުގައި ހިއުމަން ރައިޓްސް ވޮޗް އިން ވެސް ވަނީ ރިޕޯޓެއް ނެރެފަ އެވެ.

އެ ކަންބޮޑުވުންތަކާ އެކު، ބޮޑެތި ޕްރޮޖެކްޓުތައް ކުރިއަށްގެންދާ އިރު ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވިޔަސް، ތިމާވެށީގެ ދާއިރާގައި އުޅުއްވާ މާހިރުން އެކަން ގަބޫލެއް ނުކުރައްވަ އެވެ.

ސަބަބަކީ، މީގެ ކުރިން ވެސް ރާއްޖޭގައި އެކަށީގެންވާ ވަރާ ގާތަށް ވެސް އެކަން ކުރެވިފައި ނެތުމެވެ. އަދި، ސަރުކާރުން އެކަން ކުރަން ބޭނުންވި ނަމަވެސް، އެކަށީގެންވާ ވަސީލަތްތަކާއި ފައިސާ އަދި ނުފޫޒުން އެއްކިބާވެފައިވާ އޯވާސައިޓް ބޮޑީއަކާއި ހަރުދަނާ ނިޒާމެއް ވެސް ނެތުމެވެ.

ރަސްމާލެ ކޮންމެހެން ހިއްކަން ޖެހޭތަ؟

ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީ ކުރަން ނިންމާފައިވާ ރަސްމާލެއަކީ މި ސަރުކާރުން އިއުލާނު ކޮށްފައިވާ އެންމެ ބޮޑު މަޝްރޫއު އެވެ. އެ ފަޅުގެ 1،135 ހެކްޓަރު ހިއްކައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫއު ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުން ސިފަކުރަނީ ވެށި އެއްކޮށް މަރާލުން ނުވަތަ 'އިކޯ-ސައިޑް'ގެ ގޮތުގަ އެވެ.

މާލެ އަތޮޅަކީ ބިން ހިއްކުމުގެ އެތައް މަޝްރޫއުއެއް ކުރިއަށް ގެންދިޔުމުގެ ސަބަބުން މިހާރު ވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެއްޓަށް ލިބިފައިވާ އަތޮޅެކެވެ.

އެ ގެއްލުންތަކާ އެކު ވެސް، މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރުމަށްޓަކައި އޮތް ހަމައެކަނި ހައްލަކީ، ފުށިދިއްގަރު ފަޅު ހިއްކުން ކަމަށް، ތޯރިގް ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް. (ފޮޓޯ/އެންވަޔަރަމެންޓް މިނިސްޓްރީ)

މިނިސްޓަރު ގަބޫލުކުރައްވާ ގޮތުގައި، "ރައްޔިތުންނަށް އެކަށީގެންވާ ޖާގަ މާލޭގައި އޮތް ނަމަ ކޮންމެހެން އެތަން [ތަރައްގީ] ކުރާކަށް ނުޖެހޭ"ނެ އެވެ. ނަމަވެސް، އެ ޖާގަ ނެތުމުން ފުށިދިއްގަރު ފަޅު "ކޮންމެހެން ހިއްކަން ޖެހެ"އެވެ.

"ދެން ބައެއް ބޭފުޅުން ވިދާޅުވާނެ، މިހިރީ ހެޔޮވަރު ވަރު ތަނެއް ނޫންހޭ، މި ހިއްކަނީ [ގުޅިފަޅާއި ގިރާވަރު ފަޅުގައި]. އެކަމަކު އެތަނުގައި އޮތީ ފޮތިފޮތި ޖަހާލާފައި. ފޮތިފޮތި ޖަހާލާފައި އޮތް ތަނަކަށް ކާކުތޯ ދާނީ؟ މާލޭގައި ވެސް މި އުޅެނީ އެހެން. އަނެއްކާވެސް ގޮސް އެކޮޅުގައި އެގޮތަށް އުޅެންވީތޯ؟" ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގި ބިންވެރިޔާ ސްކީމްއަށް އިޝާރާތް ކުރައްވައި ތޯރިގް ފާޑުވިދާޅުވި އެވެ.

ކުދިކުދި ކޮޓަރިތަކުގައި ތޮއްޖެހިގެން އުޅުން ނިމުމަކަށް ގެނެސް، ރައްޔިތުންނަށް އަބުރުވެރި ހަޔާތެއް ހޯދައިދެވޭނީ، ތޯރިގް ވިދާޅުވި ގޮތުގައި، ފުށިދިއްގަރު ފަަޅު ހިއްކައިގެންނެވެ.

ތަނެއް އާބާދު ކުރުމަށްޓަކައި، ސްކޫލުތަކާއި ޕާކުތަކާއި އެހެނިހެން އުމްރާނީ ތަރައްގީ ވެސް ގެންނަން ޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެކަން ކުރަން ޖާގަ ބޭނުންވާނެ ކަމަށެވެ. އަދި ފުށިދިއްގަރު ފަޅު ހިއްކަނީ، އެހެން ރަށްތަކަށް ވުރެ އުސްކޮށް، މޫސުމީ ބަދަލުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ރަސްމާލެ ވިލުންވެރިވާނެ ގޮތަށް ކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ހަމަ ގަބޫލުކުރާ ގޮތުގައި، ތިމާވެއްޓަށް އަސަރު ކުރާނެ. އެކަމަކު އެކަން މަދު ކުރުން އެންމެ މުހިއްމީ. އެކަަމަކު އަޅުގަނޑުމެން އެބަޖެހޭތާ ރައްޔިތުން ދިރިއުޅޭނެ ތަނެއް ހޯދައިދޭން ވެސް؟" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެންވަޔަރަމަންޓް މިނިސްޓަރަކަށް ހުންނެވި ތޯރިގް ވިދާޅުވި އެވެ.

ބިން ހިއްކުން: ސިޔާސީ މަޅިއެއް؟

"މާލޭގައި ހާލުގައި އުޅޭ މީހުންނަށް އަސްލު އަޅާލާ ނަމަ އެމީހުން ނުތިބޭނެ އެ ހާލުގައެއް މިހާރު. ކިތައް ވެރިން އިންތިހާބު ކޮށްފި؟ އެމީހުން [މާލޭގައި ހާލުގައި އުޅޭ މީހުން] އަދިވެސް އެ ތިބީ އެ ގޮޅީގައި، 10 މީހުން އެއް ކޮޓަރިއެއްގައި ތާށިވެފައި މިދިޔަ 20 އަހަރު [ތިބި ގޮތަށް]،" މިއީ، ތިމާވެށި ހިމާޔަތްކުރަން ވަކާލާތު ކުރާ ޖަމިއްޔާއެއް ކަމަށްވާ ޒީރޯ ވޭސްޓް މޯލްޑިވްސްގެ ކޯ-ފައުންޑަރު އަދި ތިމާވެށީގެ އެކްޓިވިސްޓް އަފްރާހް އިސްމާއިލް ދެކެވަޑައިގަންނަވާ ގޮތެވެ.

ބިން ހިއްކުމަކީ ތަރައްގީއަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެރިން ވިދާޅުވި ނަމަވެސް، އަފްރާހު ގަބޫލުކުރައްވާ ގޮތުގައި، ރައްޔިތުންނަށް އެހެން ވިސްނައިދީގެން އެފަދަ މަޝްރޫއުތައް ހިންގުމަކީ، ސިޔާސީ ލީޑަރުން ވޯޓު ހޯއްދަވަން ޖައްސަވާ މަޅިއެކެވެ.

ތިމާވެށި ހިމާޔަތްކުރަން ވަކާލާތު ކުރާ ޖަމިއްޔާއެއް ކަމަށްވާ ޒީރޯ ވޭސްޓް މޯލްޑިވްސްގެ ކޯ-ފައުންޑަރު އަފްރާހް އިސްމާއިލް. (ފޮޓޯ/ އަފްރާހް އިސްމާއިލް)

މިދިޔަ ސަރުކާރުތަކަށް ބަލާލުމުން ވެސް ހާމަވާން އޮތް ހަގީގަތަކީ، ކޮންމެ ރަައީސެއްގެ ވެރިކަމުގައި ވެސް ބިން ހިއްކުމުގެ ބޮޑު މަޝްރޫއުއެއް ފެއްޓެވި ކަމެވެ. ހިއްކި ހުރިހާ ބިންތަކަކާ އެކު ވެސް ހައްލު ނުވަނީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ޒައާމަތުން ފެށިގެން ވެސް ބިން ހިއްކައިގެން ހައްލު ކުރަން އުޅޭ ބޯހިޔާވަހިކަމުގެ މައްސަލަ އެވެ.

"ރާއްޖެއަކީ %99 ކަނޑު. އެންމެ %1ގެ ލޭންޑް މި އޮތީ. އެހެންވީމަ ރާއްޖެ ތަރައްގީވަމުން އަންނަ އިރު ބިން ބޭނުންވާނެ ރާއްޖޭގައި އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް ކުރަން. ގެދޮރުވެރިކަމާއި އަދިވެސް އެހެން އިންޑަސްޓްރިއަލް ކަންތައްތަކަށް،" ތޯރިގް ވިދާޅުވި އެވެ.

"އެހެންވީމަ މިހާ ކުޑަ އިންސައްތައެއްގެ ބިން އަޅުގަނޑުމެންނަށް އޮތް އިރު، ބިން ހޯދަން ކުރަން ޖެހޭ ކަމަކީ ޑްރެޖިން އެންޑް ރިކްލެމޭޝަން."

ތޯރިގް މިހެން ވިދާޅުވާ އިރު، މާލެ ސަރަހައްދުގައި މިހާރު ވެސް ހިއްކާފައި، ބޭނުން ނުހިފި އެތައް ބިމެއް އެބައޮތެވެ. މިދިޔަ ސަރުކާރުތަކުގައި ތަރައްގީ ކުރަން ފެށި ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ވެސް އަދި އޮތީ އޭގެ ހަގީގީ ކުލަ ނުޖެހި އެވެ. ގުޅިފަޅާއި ގިރާވަރު ފަޅު ވެސް ހަމަ އެފަދަ އެވެ. 

ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ (ފޮޓޯ/މިނިސްޓަރު މުއްތޮލިބު/އެކްސް)
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ

މާލެ ސަރަހައްދު އެކަންޏެއް ވެސް ނޫނެވެ. ޒީރޯ ވޭސްޓް މޯލްޑިވްސް އިން އެއްކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް އޮތީ، ހިއްކާފައި އޮތް ހަނަފަސް ބިމެވެ. އަދި އަދަށްދާންދެން ވެސް އާބާދު ނުވެ އެވެ. އެގޮތުން:

  • ޅ. ހިންނަވަރު - ހިއްކީ 13 އަހަރު ކުރިން

  • ކ. ހިންމަފުށި - ހިއްކީ ހަތް އަހަރު ކުރިން

  • ކ. ހުރާ - ހިއްކީ ހަތަރު އަހަރު ކުރިން

  • ކ. ތުލުސްދޫ - ހިއްކީ ނުވަ އަހަރު ކުރިން

  • ގއ. ދާންދޫ - ނުވަ އަހަރަށް ވުރެ ކުރިން ހިއްކުމަށް ފަހު، ހިއްކި ބިމުގެ ބޭނުން ނުހިފާ، ބިން ހިއްކުމުގެ އިތުރު މަޝްރޫއުއެއް ހިންގާފައިވޭ

  • ގދ. ތިނަދޫ - ހިއްކީ ހަތް އަހަރު ކުރިން

  • އައްޑޫ ފޭދޫ - ހިއްކީ ހަތް އަހަރު ކުރިން

"މީހުންނަށް އެ ތަންތަނުގައި ވަޒަންވެރިއެއް ނުވެވޭ، ފެނާއި ނަރުދަމާއެއް ނެތް. ގޯތި ދިން ކަމެއް، ނުދޭ ކަމެއް ނޭނގޭ. އެކަމަކު ފެންނާކަށް ނެތް މި ތަންތަނުގައި މީހުން އާބާދުވެފައިވާ ތަނެއް،" އަފްރާހު ވިދާޅުވި އެވެ.

ހިންނަވަރުގައި ބިން ހިއްކާފައި އާބާދު ނުވެ އޮންނަތާ 13 އަހަރުވެފައިވާކަމާއި މާލެ ސަރަހައްދުގައި ވެސް ބޭނުން ނުކުރާ އެތައް ބިމެއް އޮތް ކަން ފާހަގަކުރައްވައި އަފްރާހް ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ ބޯހިޔާވަހިކަން ކަމަށެވެ. ފައި ދަށަށް ވެލި އެޅިއެއް ކަމަކު އެ މައްސަލަ ހައްލެއް ނުވާނެ އެވެ.

މިދިޔަ ސަރުކާރުގައި ހިންގި އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހުކުރުމުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

"އަސްލު ބޯހިޔާވަހިކަން ދޭން ބޭނުން ނަމަ، މިހާރު ހިއްކާފައި ހުރި ހުރިހާ ބިންތަކުގައި، މީހުންނަށް ގެދޮރަށް ވަދެވޭނެ ގޮތެއް ހަދަންވީ ނޫން ހެއްޔޭ؟ އެމީހުންނަށް ފެނާއި ނަރުދަމާ އަޅާފައި އެ ހިދުމަތް ފޯރުކޮށްދޭންވީ ނޫން ހެއްޔޭ؟" އަފްރާހު ސުވާލު އުފެއްދެވި އެވެ.

ހިޔާވަހިކަމެއް ނުލިބުނުތާ ފަޅެއް، ފަރެއް ވެސް ނުލިބުނު

'ބޯހިޔާވަހިކަމަށް' ބިން ހިއްކާފައި، ރައްޔިތުންނަށް ބޯހިޔާވަހިކަން ނުލިބޭ ނަމަ، މިފަދަ މަޝްރޫއުތައް ހިންގައިގެން އަސްލު ނުކުންނަ ނަތީޖާ އަކީ ކޮބާ ހެއްޔެވެ؟

"ފަރެއް އެއްކޮށް މި ހަލާކުކޮށްލަނީ. ހަމަ އެއްކޮށް ކަހަލަ ގޮތަކަށް އެތަން މި ވަޅުލަނީ. މިއީ އިކޯސައިޑަކަށް ނުވެއެއް ނުދާނެ. މި ހަލާކު ކޮށްލަނީ ބޮޑު، ތިމާވެއްޓަށް ވަރަށް ސިގްނިފިކަންޓް ސަރަހައްދެއް،" އަފްރާހް ފާހަގަކުރެއްވި އެވެ.

"އަސްލު ޓޫރިޒަމް ސެކްޓާ އަކަށް ވެސް ބެލުމެއް ނެތި ބިން ހިއްކުމުގެ ކަންކަން މި ހިނގަނީ މިހާރު މާލެ ސަރަހައްދުގައި. ގުޅި، މާފުށި، މި ތަންތަނުން [ފަތުރުވެރިން] ރެކްރިއޭޝަނަލް ޑައިވްތަކާއި ސްނޯކްލިންއަށް ގެންދާ ތަންތަން މި ފުނޑާލަނީ."

މިހާރު މާލެ ސަރަހައްދުގައި ޑައިވިން އާއި ސްނޯކްލިންއަށް ދާނެ ތަންތަން ވަރަށް މަދެވެ. އެކަމުގެ ސަބަބުން، އަފްރާހް ފާހަގަކުރެއްވި ގޮތުގައި:

  • މާލެ އަތޮޅުގެ ބައެއް ގެސްޓްހައުސްތަކުން މިހާރު ސްނޯކްލިންއަށް ފަތުރުވެރިން ވ. އަތޮޅަށް ވެސް ގެންދޭ

  • ވ. އަތޮޅުގައި އޮންނަނީ މާފުށި ކަހަލަ، ރަށްރަށުގައި އޮންނަ ޓޫރިޒަމްއާ ވަރަށް ތަފާތު މޮޑެލްއެއް؛ ވ. އަތޮޅު މާކެޓު ކުރަނީ ވެސް ވަރަށް އެކަހެރިކޮށް އޮންނަ، ޕްރައިވެސީ ލިބޭ ތަނެއްގެ ގޮތުގައި

  • ވ. އަތޮޅުގެ މީހުންގެ ސްޕޮޓްތަކަށް މާލެ އަތޮޅު ގެސްޓްހައުސްތަކުން ދާން ފެށުމުން އެ ތަންތަނަށް ބާރުބޮޑުވެ، ފަތުރުވެރިންނަށް ކުރެވޭ ތަޖުރިބާގެ ފެންވަރު ދަށްވޭ؛ އެކަމުގެ ސަބަބުން ވ. އަތޮޅުގެ ވެލިޔު ވެސް ދަށްވެދާނެ

މިކަން މިގޮތަށް ކުރިއަށްދާ ނަމަ ފަތުރުވެރިކަމަށް، ހާއްސަކޮށް ގެސްޓް ހައުސް ޓޫރިޒަމަށް، އެކަމުގެ އަސަރު ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ކުރާނެކަން އަފްރާހް ފާހަގަކުރެއްވި އެވެ.

އައްޑޫ ހަންކެޑެ އިން ހިއްކަން ނިންމާފައިވާ ސަރަހައްދު ހިއްކާ ނިންމާފައި (ފޮޓޯ/ފަންޑު މެނޭޖުމެންޓު)
ހަންކެޑެ ބްރިޖް އަޅަން ހިއްކުމުގެ ސަބަބުން މޫދު ތަގައްޔަރުވެ މަސްތައް މަރުވެގެން ލައްގާފައި

ފުށިދިއްގަރު ފަޅު ހިއްކުމަށް ތައްޔާރު ކޮށްފައިވާ އީއައިއޭގައި، މާލެ އަތޮޅުގައި އޮންނަ އެނބޫދޫ ވިލެޖް ރިސޯޓުގެ ފަރާތުން ވެސް، ވެއްޓަށް ލިބޭނެ ގެއްލުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެ ރިސޯޓުގެ ފަރާތުން ފާހަގަކޮށްފައިވާ ގޮތުގައި:

  • ކްރޮސްރޯޑްސް ހިއްކުމުގެ ސަބަބުން އެނބޫދޫ ފަޅަށް ލިބުނު ގެއްލުންތަކުން އަދިވެސް އަރައިނުގަނެވޭ؛ އެ މަޝްރޫއުގެ ސަބަބުން އެނބޫދޫ ވަށައިގެން ވެލި ވޮޑެމުންދާ ގޮތަށް ބަދަލު އައި، އަދި ރަށުގެ އުތުރު ފަރާތުން މޫސުމީ ކޮށް ހިކޭ ވެލިގަނޑު އެއްކޮށް ގެއްލުނު

  • މާލެ ސަރަހައްދުގައި ބިން ހިއްކުމުގެ ބޮޑެތި އަސަރުތައް މި ސަރަހައްދުން ދަނީ ފެންނަމުން

  • ތިލަފުއްޓާއި ގުޅިފަޅަކީ ކުރިން ވަރަށް ރަނގަޅު ޑައިވް ސައިޓުތަކެއް؛ މިހާރު އެ ފަރުތައް މަރުވެ، އެ ސަރަހައްދު ވަނީ ކުނިން ފުރިފައި

އެ ކަންބޮޑުވުންތައް ޕްރޮޖެކްޓް ހިންގާ ފަރާތުން "ފާހަގަކޮށްފައި"ވާ ކަން ފިޔަވައި އިތުރު އެއްޗެއް ފުށިދިއްގަރު މަޝްރޫއުގެ އީއައޭގައި ބުނެފައެއް ނުވެ އެވެ.

އެނބޫދޫ ފަޅުގައި ތަރައްގީކޮށްފައިވާ ކްރޮސްރޯޑްސް. ކްރޮސްރޯޑްސް ހިއްކުމުގެ ސަބަބުން ލިބުނު ގެއްލުމުން އަދިވެސް އަރައިނުގަނެވޭ ކަމަށް އެނބޫދޫ ވިލެޖް އިން ބުނޭ. (ފޮޓޯ/ސިންހަ އެސްޓޭޓް)

ބިން ހިއްކުމުގެ ސަބަބުން އެންވެރިކަމަށް ވެސް ބޮޑު އަސަރެއް ކުރެ އެވެ. އެކަމާ ގުޅިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވެސް ވަނީ މިފަހުން ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

"ކަންނެލި މަސްވެރިން އެންމެ ރަނގަޅަށް އެންވެރިކަން ކުރަމުން އަންނަ އިހުރު ވައްބިންފަރު ކައިރިން ކޮންމެ ދުވަހަކު މަހާޖައްރާފު ވެލިނަގަމުން ދާތީ އެންވެރިކަން ހަލާކުވެއްޖެ،" އެ ޔޫނިއަނުން މިދިޔަ ހަފްތާގައި 'އެކްސް'ގައި ޕޯސްޓު ކުރި އެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ހައްލު ހޯދައިދޭން ޖެހޭނެ ކަމަށް ބުނެ، އެ ޕޯސްޓަށް މީހުން ކޮމެންޓުކޮށް، ޝެއާ ވެސް ކުރި އެވެ. އަދި "އެތައް މަސްވެރިއަކު އެން ހޯދަން ފީނަން ގޮސް ގުރުބާންވެ ނެތި ދިޔުމަކީ އާންމު ކަމަކަށް ވެ ނިމިއްޖެ" ކަމަށް ބުނެ ސޭވް މޯލްޑިވްސް ކެމްޕޭންގެ ފަރާތުން ވެސް ކަންބޮޑުވުން ފާޅު ކުރި އެވެ.

"އަހަރެމެންގެ ދިވެހިވަންތަކަން ވެސް އެބަ ގެއްލޭ މިކަމާ ހެދި. މަސްބާނާކަށް ނޭނގެ. މަސް ކަނޑާކަށް ނޭނގެ. މަސް ދަޅެއްގައި ނޫނިއްޔާ މަސް ނުގަނެވޭ. އެ ލެވެލްއަށް އަހަރެމެން ރިގްރެސް ވަނީ،" އަފްރާހު ވިދާޅުވި އެވެ. ބިން ހިއްކުމާ ގުޅިގެން ވެއްޓަށް ލިބޭ ގެއްލުމުގެ ސަބަބުން ދިވެހިންގެ ސަގާފަތަށް ބޮޑު އަސަރެއް ކުރުމަކީ އޭނާގެ ކަންބޮޑުވުމެކެވެ.

"ދިވެހިންގެ ކިބައިގައި ހުންނަ ހާއްސަ ސިފަތައް އެބަ ގެއްލޭ. ރޯނުވަށާ މީހުން ބޮނބި ފައްތާނެ ތަނެއް ނުހުރޭ." 

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި:

  • ހިއްކާ ބިންތަކުގައި އިމާރާތް ކުރުމުގެ މާލީ ތަނަވަސްކަން ގިނަ މީހުންގެ ނުހުރޭ؛ އެ ފުދުންތެރިކަން ހުންނަނީ ވިޔަފާރިވެރިންގެ

  • ކޮންމެވެސް އެހެން ރަށަކުން ގޯއްޗެއް ކުއްޔަށް ނަގައިގެން ގިނަ ފަހަރަށް އަޅަނީ ގެސްޓްހައުސް؛ އެކަމުގެ ސަބަބުން ރަށަށް އާމްދަނީއެއް ނުވަދޭ

ރަށެއްގެ އަތިރިމަތީގައި ހުރި ޖޯލިތަކެއްގައި އަންހެނުންތަކެއް އިށީނދެލައިގެން: ތިމާވެއްޓަކީ ރާއްޖޭގައި، ހާއްސަކޮށްް ރަށްރަށުގައި، ދިރިއުޅޭ މީހުންގެ ސަގާފަތުގެ ބޮޑު ބައެއް. (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ކޮންމެ ސަރުކާރަކުން ވެސް މޫސުމީ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމުގެ މުހިއްމުކަމުގެ ވާހަކަ ބޭރުގެ ޕޯޑިއަމްތަކުގައި ވަރަށް ބާރަށް ދެއްކި ނަމަވެސް، ރާއްޖޭގައި މަޝްރޫއުތައް ހިންގާ ގޮތާއި ސަރުކާރުން އަމިއްލަ ގައުމުގައި ނިންމާ ނިންމުންތަކުން އެކަން ދޭހަނުވާ ކަމަށް ބުނެ، ތިމާވެށީގެ ދާއިރާގައި މަސައްކަތް ކުރާ މީހުން އަބަދުވެސް ކަންބޮޑުވުން ފާޅު ކުރެ އެވެ. އެ ކަންބޮޑުވުންތަކަކީ، ކަނޑުގައި އަޅާލާ ރޮނގެކޭ އެއްފަދަ އެވެ.

ނަމަވެސް، މި ސަރުކާރުގެ އެންވަޔަރަމެންޓް މިނިސްޓަރު ޔަގީންކަން ދެއްވީ "އަބަދުވެސް އަޅުގަނޑުމެން ކުރާ ކަންތަކާ ދައްކާ ވާހަކަތަކާ ދިމާވާނެ" ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި، އެ ބަހުގެ އިތުބާރު ހިފޭ މިންވަރު ހާމަވެގެންދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް