މީހަކު އަނދިރީގައި ފޯނުން އެއްޗެއް ބަލަނީ. ރާއްޖޭގައި ބަރަހަނާ ސައިޓުތައް ބްލޮކް ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. (ފައިލް ފޮޓޯ/ ގެޓީއިމޭޖެސް)
ބަރަހަނާ ސައިޓުތައް ބްލޮކް ކުރިޔަސް ޑިމާންޑް ނައްތާލެވޭނެތަ؟
ބަރަހަނާ ވެބްސައިޓްތައް ބްލޮކް ކުރުމަކީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު މިހާތަނަށް ނިންމަވާފައިވާ ނިންމެވުންތަކުގެ ތެރެއިން އާއްމުންގެ ތައުރީފު އެންމެ ބޮޑަށް ލިބުނު އެއް ނިންމުމެވެ. ގިނަ ބަޔަކު އެކަން ސިފަކުރަނީ މީގެ ކުރިން އެއްވެސް ވެރިއަކަށް ކުރަން ނުކެރުނު މުހިއްމު ކަމެއްގެ ގޮތުގަ އެވެ.
ސަރުކާރުން އެކަމާ ގުޅޭ ވަކި އުސޫލެއް، ނުވަތަ ގަވައިދެއް އާންމު ކޮށްފައެއް ނުވެ އެވެ. ނަމަވެސް ލަދު ހުތުރު މަންޒަރު ހުންނަ ހުރިހާ ސައިޓަކަށް ނުވަދެވޭ ގޮތް ހެދުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ކުރިއަށްދާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މިއީ ބަރަހަނާ މަންޒަރު ބެލުމާއި ޕޯންއަށް ދެވިހިފުން ފަދަ، މުޖުތަމައުގެ ތެރޭގައި ވަކިހިއްޕާލާފައިވާ މައްސަލަތަކުގެ "ހައްލު" ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.
ބަރަހަނާ ސައިޓުތައް އާންމުވެގެން ގޮސް، ހުރިހާ އުމުރުފުރާއެއްގެ މީހުން ވެސް އެ ވެބްސައިޓްތައް ދަނެ އެވެ. އެކިވަރުގެ ގެއްލުންތައް ލިބޭ މިފަދަ ބޮޑު އިޖުތިމާއީ މައްސަލައަކާ މެދު ފިޔަވަޅެއް މި އެޅުނީ އަދި އަލަށެވެ.
ނަމަވެސް، ފިޔަވަޅު މި އެޅުނީ އެންމެ ރަނގަޅު ގޮތަށް ހެއްޔެވެ؟
ޕޯންގެ ސަބަބުން ލިބޭ ގެއްލުންތައް
ޕޯން އަކީ، މުޅި ދުނިޔޭގައި ވެސް ހިޔާލުތަފާތުވުން ބޮޑު މައްސަލައެކެވެ. މާގިނައިން ޕޯން ބެލުމުގެ ސަބަބުން، ނުވަތަ ޕޯންއަށް ދެވިހިފުމުގެ ސަބަބުން މީހާގެ ސިކުނޑި އާއި މިޒާޖާއި، ޖިންސީ ދިރިއުޅުމާއި މުޖުތަމައުއަށް ވެސް ނުރަނގަޅު އަސަރުތަކެއް ކުރާ ކަމަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ހަދާފައިވާ ދިރާސާތަކުން ދައްކަ އެވެ.
ޕޯންގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ތެރޭގައި:
ކައިވެެނީގެ ގުޅުން ހީނަރުވުމަށް މަގުފަހިވުން
-
މާގިނައިން ޕޯން ބަލާ، ޕޯންއަށް ބަރޯސާވާ ނަމަ ދެމަފިރިންގެ ދޭތެރޭ މައްސަލަ ޖެހުމަށް މަގުފަހިވެދާނެ
-
ކައިވެނީގެ ގުޅުމަށް ބުރޫއަރާ، އާހިރުގައި ވަރިވުމުގެ ފުރުސަތު ބޮޑުވާ ކަމަށް ބައެއް ދިރާސާތަކުން ދައްކާ
ދެވިހިފުމުގެ ސިފަތައް އަށަގަތުން
-
ޕޯން އަކީ 'އެޑިކްޓް' ވާ އެއްޗެއް ކަމަށް އާންމުކޮށް ގަބޫލުކުރެވި، މީޑިއާގައި ރިޕޯޓު ކުރެވޭ؛ ސައިންސްވެރިންގެ މެދުގައި އެކަމާ މެދު ވަނީ ހިޔާލުތަފާތުވެފައި
-
މަސްތުވާތަކެއްޗަށް ދެވިހިފާ އުސޫލުން ޕޯންއަށް ދެވިހިފާކަމަށް ދިރާސާތަކުން ނުދެއްކި ނަމަވެސް، ގަވައިދުން ޕޯން ބަލާ މީހުންގެ ކިބައިގައި ދެވިހިފުމުގެ ބައެއް ސިފަތައް އަށަގަންނަކަން ފާހަގަކުރެވިފައިވޭ
-
ޕޯން ބެލުމުގެ ސަބަބުން 'ހެބިޓް ފޯމް' ވުމަށް މަގުފަހިވޭ؛ މާގިނައިން ޕޯން ބަލާނަމަ، މީހާގެ ސިކުނޑި އެކަމަށް ހޭނި، ހުއްޓާލަން އުނދަގޫވޭ
-
ޕޯން ބެލުން އިތުރުވާ ވަރަކަށް، މީހާ ބޭނުންވާ ހިތްހަމަޖެހުން ހޯދުމަށްޓަކައި 'އެކްސްޓްރީމް' ޕޯން ބަލަން ފަށާ
-
އާންމު ތަންތަނުގަ އާއި އޮފީސް މާހައުލުގައި ވެސް އެފަދަ މީހުން ޕޯން ބަލާ؛ ބައެއް ހާލަތްތަކުގައި މީހުންނަށް ވަޒީފާ ގެއްލި، ދިރިއުޅުން ހަލާކުވެފައި އެބަހުރި
ޖިންސީ އަނިޔާ 'ނޯމަލް' ވުން
-
ޕޯންގެ ސަބަބުން އަނިޔާވެރިކަން 'ނޯމަލް' ވޭ؛ ދިރާސާތަކުން ދައްކާ ގޮތުގައި އިންޓަނެޓުގައިވާ ކޮންމެ އަށް ޕޯން ވީޑިއޯއެއްގެ ތެރެއިން އެއް ވީޑިއޯ އިން ޖިންސީ އަނިޔާގެ އަމަލުތައް ދައްކާ
-
ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި، ގިނައިން ޕޯން ބަލާ ފިރިހެނުންގެ ތެރޭގައި އަންހެނުން ދަށްކޮށްލުން، އަންހެނުންނަށް ޖިންސީ އަނިޔާ ކުރުން، އަދި އެކި ކަހަލަ ޖިންސީ އަމަލުތައް ހިންގުމަށް ބާރުއަޅުވާ މަޖުބޫރު ކުރުން ފަދަ ކަންކަން އިތުރަށް ފާހަގަކުރެވޭ
-
ފަހުގެ ދިރާސާތަކުން ފާހަގަކޮށްފައިވާ ގޮތުގައި، ޕޯންގެ ސަބަބުން އެފަދަ ކަންކަން ބޮޑަށް އާންމުވަނީ، ޕޯން ބެލުމުގެ ކުރިން ވެސް އަންހެނުން ދަށްކޮށްލުމުގެ ވިސްނުން ގެންގުޅެ، އަންހެނުންނަކީ ހަމައެކަނި ޖިންސީ އެދުން ފުއްދާ އާލާތެއްގެ ގޮތުގައި ދެކޭ ފިރިހެނުންގެ ތެރޭގައި
ޖިންސީ އެދުން ފުއްދުމުގައި ގޮންޖެހުންތައް ކުރިމަތިވުން
-
ޕޯން ބެލުމުގެ ސަބަބުން ޖިންސީ ދިރިއުޅުމަށް އަސަރުކޮށް، ޖިންސީ އެދުން ފުއްދުމުގައި ލިބޭ ހިތްހަމަޖެހުން ދަށްވާ ކަމަށް ދިރާސާތަކުން ދައްކާ
-
ސަބަބަކީ، ޕޯންގެ ސަބަބުން ޖިންސީ ގުޅުން ހިންގުމުގައި އޮންނަ 'އެކްސްޕެކްޓޭޝަން' މާ ބޮޑުވެ، ޖިންސީ ދިރިއުޅުމުގައި 'ނޯމަލް' ކަންކަމުގެ ގޮތުގައި ގަބޫލުކުރެވޭ ކަންކަމަށް ބަދަލު އައުން
ސިކުނޑި މަސައްކަތް ކުރާ ގޮތަށް ބަދަލު އައުން
-
މާހިރުން ފާހަގަކުރާ ގޮތުގައި، މާގިނައިން ޕޯން ބެލުމުގެ ސަބަބުން ސިކުނޑި މަސައްކަތްކުރާ ގޮތަށް ބަދަލު އައުމުގެ ފުރުސަތު އޮވޭ
-
ޕޯން ބަލާއިރު، ސިކުނޑިން ގިނައަދަދެއްގެ 'ޑޮޕެމިން' އުފައްދާ؛ ޑޮޕެމިން އަކީ މީހާއަށް ހިތްހަމަޖެހުމާއި މޯޓިވޭޝަން އިހުސާސް ކުރުވައިދޭ ނިއުރޯޓްރާންސްމިޓާއެއް އަދި ހޯމޯންއެއް
-
ޕޯން ބެލުމުގެ ސަބަބުން ސިކުނޑިން ޑޮޕެމިން ޓްރާންސްމިޓްކުރާ ގޮތަށް ބަދަލު އައުމުގެ ފުރުސަތު އޮވޭ؛ އެއާއެކު މީހާ ކަންނެތްވެ، ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރޭ
-
ޕޯން ބަލާ މިންވަރު އިތުރުވާ ވަރަކަށް ޑިޕްރެޝަން، އެންޒައިޓީ، އެކަނިވެރިކަން، އަދި އަމިއްލަ ދިރިއުޅުމާ މެދު ހިތްހަމަނުޖެހުން ފަދަ ނަފްސާނީ މައްސަލަތައް އިތުރުވާކަން ދިރާސާތަކުން ދައްކާ
ޖިންސީ ވަގުފާރިއަށް މަގުފަހިވުން
-
ވީޑިއޯގައިވާ މީހާގެ ނުރުހުމުގައި އޭނާއަށް ޖިންސީ އަނިޔާކޮށް، އޭނާގެ ނުރުހުމުގައި ވީޑިއޯ ކުރުމަށް ފަހު ސައިޓުތަކަށް ވީޑިއޯ އެޅުމަކީ ޕޯން ކުންފުނިތަކުން އާންމުކޮށް ކުރާ ކަމެއް
-
އެފަދަ ވީޑިއޯތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރާ ވީޑިއޯ ވެސް ހިމެނޭ
-
ޕޯންއަށް އޮންނަ ޑިމާންޑް ބޮޑުވާ ވަރަކަށް، ހާއްސަކޮށް އަނިޔާވެރި އަމަލުތަކާއި ލާއިންސާނީ އަމަލުތަކަށް އޮންނަ ޑިމާންޑް ބޮޑުވާ ވަރަކަށް، އިންޑަސްޓްރީ އިން ޖިންސީ ވަގުފާރި ހިންގާ މިންވަރު އިތުރުވާނެ
ދިވެހިން އެއްބަސްނުވިޔަސް ބޮޑު ޑިމާންޑެއް
ރާއްޖޭގައި ބަރަހަނާ ސައިޓުތަކަށް ވަންނަ ކަމަށް އެއްބަސްވާ މީހަކު ނޫޅެ އެވެ. އެ ވާހަކަ ދެކެވުނަސް އެފަދަ ކަމެއް ނުކުރާ ކަމަށް އެންމެން ވެސް ވަގުތުން ބުނެ އެވެ.
އެކަމަކު، ތަފާސްހިސާބުތަކުން ފެންނަ މަންޒަރު މުޅިން ތަފާތެވެ. ވެބް ޓްރެފިކް އެނަލައިޒް ކުރާ ސައިޓެއް ކަމަށްވާ 'ސެމްރަޝް' އިން އެއްކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި:
-
ގޫގުލް އާއި ޔޫޓިއުބްއަށް ފަހު، ދިވެހިން އެންމެ ގިނައިން ވަންނަނީ ބަރަހަނާ ވެބްސައިޓަކަށް
-
އެއާ ޖެހިގެން ހަތަރުވަނައިގައި ފޭސްބުކް އޮތް އިރު، ފަސްވަނައަށް ވެސް އޮތީ ބަރަހަނާ ވެބްސައިޓެއް
ހަމައެކަނި މި އަދަދުތަކުން ވެސް ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކަށް ބޮޑު ޑިމާންޑެއް އޮތް ކަން ވަރަށް ސާފެވެ. ސުވާލަކީ، އެ ޑިމާންޑް އުފެދެނީ ކީއްވެގެން ހެއްޔެވެ؟
ޕޯން އަށް މުޅި ދުނިޔޭގައި ވެސް ޑިމާންޑް ބޮޑެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މީހުން ޕޯން ބަލާ ސަބަބުތަކުގެ ތެރޭގައި:
-
ޖިންސީ އެދުން ފުއްދުން
-
ޖިންސީ އަމަލުތަކާ މެދު ސުވާލު އުފެދި، ޖަވާބު ހޯދަން ބޭނުންވުން
-
ފޫހި ފިލުވުން
-
ދިރިއުޅުމުގައި ކުރިމަތިވާ އުނދަގޫ އިހުސާސްތަކާ ކުރިމަތިލުމުގެ ބަދަލުގައި، 'ޑިސްޓްރެކްޝަން'އެއް ހޯދުން
-
ސްޓްރެސް ކުޑަކުރުން
ޕާކިސްތާން، މިސްރު، އީރާން އަދި އިންޑިއާ އަކީ ޕޯން ސައިޓުތައް ބްލޮކް ކޮށްފައިވާ ބައެއް ގައުމުތަކެވެ. ނަމަވެސް، އާބާދީގެ ނިސްބަތުން މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ބަރަހަނާ ކޮންޓެންޓް ބަލާ ގައުމުތަކުގެ ގަދަ ދިހައެއްގައި މި ހުރިހާ ގައުމެއް ހިމެނެ އެވެ.
އާ ފިޔަވަޅުގެ ނަތީޖާއަކީ ކޮބާ؟
ޕޯން ބެލުމާއި ބަރަހަނާ ކޮންޓެންޓަށް ދެވިހިފުމުގެ ސިފަތައް އަށަގަތުމާއި، އެކަމުގެ ސަބަބުން ކުރިމަތިވާ އެހެން އިޖުތިމާއި މައްސަލަތަކަކީ ރާއްޖޭގައި 'ނުދައްކާ ވާހަކަ'އަކަށް ވެފައި އޮތް ބޮޑު އިޖުތިމާއީ މައްސަލައެކެވެ.
މި ހާލަތުގައި، މައްސަލައިގެ ކުޑަބޮޑުމިން ވެސް ރަނގަޅަށް ނޭނގި، ބަރަހަނާ ސައިޓުތައް ބްލޮކް ކުރުމުން ނުކުންނާނީ ކޮންކަހަލަ ނަތީޖާއެއް ހެއްޔެވެ؟
"ޓައް ކިޔާފައި ކުއްލިއަކަށް ބޭން އަކަށް ދިޔައިމަ ސީކްރެސީ ބޮޑުވާނެ. ޑާކް ނެޓް ބޭނުންކުރުމާއި ޕިއާ-ޓު-ޕިއާ ޝެއާރިިންއަށް ދިޔުމާއި، މިކަހަލަ އަޅުގަނޑުމެންނަށް ނޭނގޭ ގޮތްގޮތަށް ދެން އެ ކަންތައްތައް ހިނގާނީ،" މިއީ ޑްރަގް ޑިމާންޑް ރިޑަކްޝަންގައި މަސައްކަތް ކުރައްވާ އަލީ އަދީބު އެ ސުވާލަށް ދެއްވި ޖަވާބެވެ.
އޭނާ ވިދާޅުވީ، ކަމުގެ ހަގީގަތް ދެނެގަނެ، އެކަމަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރު ކުރުން އެއް ފަރާތުގައި ބާއްވާފައި، "ކަމެއް ވީމަ، ކުއްލިއަކަށް އެ ނަގާ ޑިޒިޝަން އިން އަޅުގަނޑުމެން ބޭނުންވާ ނަތީޖާ ނުނުކުމެދާނެ" ކަމަށެވެ.
"އެންމެ ރަނގަޅު ގޮތަކީ އަސްލު ހަގީގަތުގައި އެ މައުލޫމާތު ކުދިންނަށާއި މީހުންނަށް ކޮމްޕްރިހެންސިވް ކޮށް ލިބުން. ލިބިފައި، އެމީހުން އަމިއްލައަށް ނިންމުން، ތިމަންނަމެން ބަލާކަށް ނުވާނޭ މިއެއް، މިއީ ގެއްލުން ހުރި އެއްޗެކޭ."
މަސްތުވާތަކެއްޗާއި އެޗްއައިވީއާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، އެޑިކްޝަނުން އަރައިގަންނަން އެހީތެރިވެދޭ 'ޖާނީ' ޖަމިއްޔާގެ މާސްޓާ ޓްރެއިނަރަކަށް ވެސް އުޅުއްވާ އަދީބު ގަބޫލުކުރައްވާ ގޮތުގައި، ރާއްޖެއަށް މިވަގުތު އެންމެ މުހިއްމީ ހޭލުންތެރިކަމެވެ.
"ރާއްޖޭގައި ވާގޮތަކީ، ކޮމްޕްރިހެންސިވް ސެކްޝުއަލް އެޑިއުކޭޝަން ނޯންނާތީ، ފޯނުން [ބަރަހަނާ ސައިޓުތަަކަށް ވަދެގެން] މި ދަސްކުރަނީ. އޭގެ ނަތީޖާ އަސްލު ވަރަށް ނުރައްކާ،" އޭނާ ވިދާޅުވި އެވެ.
"ބައިވަރު ނުބައި މައުލޫމާތު ލިބުމާ، އެހެން ކަހަލަ ވިސްނުން ގެންގުޅުމާ، ރިލޭޝަންޝިޕް މައްސަލަތައް ޖެހުމާ، އެއިން ފެންނަ އެއްޗެހި އެއީ ރިއަލިޓީ ކަމަށް ގަބޫލުކުރެވުމާ، މިކަހަލަ ބައިވަރު ކަންތައްތަކެއް އާދޭ."
'ސެކްސް އެޑް ނުދީ ވާކަށް ނެތް'
ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާ ގޮތާ ހިލާފަށް، ކޮމްޕްރިހެންސިވް ސެކްޝުއަލް އެޑިއުކޭޝަން (ސެކްސް އެޑް) އަކީ ޖިންސީ ގުޅުން ހިންގާ ގޮތް ދަސްކޮށްދިނުމެއް ނޫނެވެ. އޭނާގެ މަސައްކަތުގެ ދާއިރާގެ ގޮތުން ކޮމްޕްރިހެންސިވް ސެކްޝުއަލް އެޑިއުކޭޝަން ވެސް ދެއްވާ އަދީބު ވިދާޅުވި ގޮތުގައި، އެފަދަ ތައުލީމު ރާއްޖޭގައި ދިނުމަކީ ކޮންމެހެން ބޭނުން ކަމެކެވެ.
ސެކްޝުއަލް އެޑިއުކޭޝަން ދިނުމުގައި ހިފަހައްޓާ ވަކި މިންގަނޑުތަކެއް ވެ އެވެ. އޭގެ ތެރޭގައި އަދީބު ފާހަގަކުރެއްވީ:
-
އުމުރާ ގުޅޭ ގޮތަށް މައުލޫމާތު ދިނުން؛ ކުޑަކުއްޖަކަށް ސެކްސް އެޑްގެ ދަށުން ޖިންސީ ގުޅުން ހިންގުމޭ ބެހޭ ކަންކަން ކިޔަވައެއް ނުދޭނެ
-
އެ ތަނެއްގެ ސަގާފަތަށް ރިއާޔަތްކުރުމާއި އެ ބަޔަކު ގެންގުޅޭ އިޖުތިމާއީ މިންގަނޑުތަކާއި ދީނާ ހިލާފު ނުވުން
-
ދުނިޔޭގެ އެހެން ގައުމުތަކުގައި ދިރާސާތަކާއި ތަޖުރިބާގެ އަލީގައި އެންމެ ރަނގަޅު ނަތީޖާ ނެރެވިފައި ހުރި ކަންކަން ދެނެގަނެ، އޭގެ ތެރެއިން ރާއްޖެއަށް އެޕްލައި ކުރެވޭނެ ކަންކަން އެޕްލައި ކުރުން
ސެކްސް އެޑްގެ މުހިއްމުކަމުގެ ވާހަކަ ސޯޝަލް މީޑިއާގައި ދޭތެރެ ދޭތެރެއިން ދެކެވެ އެވެ. ނަމަވެސް، އެކަމާ ދެކޮޅު ހަދާ މީހުންގެ އަޑު ގަދަކަމުން މިހާތަނަށް ރާއްޖޭގައި ނަތީޖާއެއް ނެރެވޭ ފަދަ ގޮތަކަށް އެކަން ކުރެވިފައެއް ނުވެ އެވެ.
"އަޅުގަނޑުމެންގެ އަދިވެސް މި ހުންނަނީ ވަރަށް ބޯދާ ވިސްނުމެއް. [މީހުން ގަބޫލުކުރަނީ] ޑްރަގްސްގެ ވާހަކަ ދައްކައިފިއްޔާ ގިނައިން މީހުން ބޯނީއޭ، ކޮންޑަމްސްގެ ވާހަކަ ދައްކައިފިއްޔާ ގިނައިން މީހުން ޖިންސީ ގުޅުން ހިންގާނީއޭ،" އަދީބު ފާހަގަކުރެއްވި އެވެ.
"އެކަމަކު އަޅުގަނޑުމެން އެންމެނަށް ވެސް އެނގެން ޖެހޭ ހަގީގަތެއް އެއީ. ނޭނގި ހިންގުމާއި، މީހާގެ އަމިއްލަ ޗޮއިސްއެއް އޮވެގެން ހިންގުމާ ވަރަށް ތަފާތު."
އޭނާ ވިދާޅުވި ގޮތުގައި، ޖިންސީ ގުޅުން ހިންގުމާ ބެހޭ ގޮތުން ހޭލުންތެރިކަން ނެތުމުގެ ސަބަބުން ހާއްސަކޮށް އަންހެނުންނާއި އަންހެންކުދިން ނުރައްކަލަށް ހުށަހެޅޭ މިންވަރު އިތުރުވެ އެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި ގޮތުގައި:
-
ސެކްޝުއަލް ނެގޯޝިއޭޝަންތަކުގައި އަންހެނުންނާއި އަންހެންކުދިންގެ ރޯލް ވަަރަށް ކުޑަ
-
ޖިންސީ ގުޅުމެއް ހިންގަން މީހަކު މަސައްކަތް ކުރާ ނަމަ 'ތިމަންނަ ތިކަމެއް ނުކުރާނަމޭ،' ނުވަތަ 'އިނދެގެން ނޫނީ ނުކުރާނަމޭ' ބުނުމުގެ ގާބިލްކަމާއި ކެރުންތެރިކަން ގިނަ އަންހެންކުދިންގެ ނުހުރޭ
-
އަމިއްލައަށް ގޮތް ނިންމަން ބޭނުންވާ މައުލޫމާތު ލިބިފައި ނެތުމުގެ ސަބަބުން އަމިއްލަ ނަފްސަށް އިތުބާރު ކުޑަވޭ، އަދި އެހެން މީހުން އެކަމުގެ ނާޖައިޒް ފައިދާ ނަގާ
ހޭލުންތެރިކަން ނެތުމުގެ ސަބަބުން އުފެދޭ މިފަދަ އިޖުތިމާއީ މައްސަލަތައް ހައްލު ކުރަން މަސައްކަތް ފެށޭނީ ވެސް މުޖުތަމައުގެ ހާލަތު ރަނގަޅަށް ދެނެގަނެވިގެންނެވެ. ބަރަހަނާ މަންޒަރުތައް ބަލަން ފަށާ އުމުރު، އެކަމަށް ދެވިހިފުމުގެ އާދަ އަށަގެންފައިވާ މީހުންގެ ނިސްބަތް، އެކަމަށް ހުށަހެޅޭ ކުދިންނާއި މީހުންގެ ވިސްނުން ހުންނަ ގޮތް، އަދި އާންމުކޮށް ހުށަހެޅޭ ކަންތައްތައް މިއީ ކޮންމެހެން ހޯދަން ޖެހޭ މައުލޫމާތެވެ.
ނަމަވެސް، މިހާތަނަށް ރާއްޖޭގައި މިކަމާ ބެހޭގޮތުން އެއްވެސް ދިރާސާއެއް ހަދާފައެއް ނުވެ އެވެ. އިޖުތިމާއީ ގިނަ މައްސަލަތަކުގައި ރާއްޖޭގެ ހާލަތު ރަނގަޅަށް ދެނެގަނެވޭނެ ފަދަ ދިރާސާތައް ނެތުމަކީ އަދީބުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
"މައުލޫމާތު ލިބިގެން އަޅުގަނޑުމެންނަށް ރަނގަޅު އެއްޗެއް ޑިވެލޮޕް ކުރެވޭނީ. އަޅުގަނޑުމެން މިކަން ކިޔަވައިގެން ތިއްބޭ ކިޔާފައި ކުއްލިއަކަށް އަޅުގަނޑުމެން ނުވާނެ ޕްރިވެންޝަން ޕްރޮގްރާމެއް ޑިޒައިން ކުރާނީ މިހެންނޭ ކިޔާފައި [އެކަން] ނިންމާކަށް،" އަދީބު ފާހަގަކުރެއްވި އެވެ.
'ބޭނުންވަނީ ޕްރިވެންޓިވް ވިސްނުމުގެ ސަގާފަތެއް'
އަދީބު ގަބޫލުކުރައްވާ ގޮތުގައި، މަސްތުވާތަކެތީގެ މައްސަލަ އާއި، ރާއްޖޭގައި ފަހަކަށް އައިސް އިތުރުވަމުންދާ ގޭމްބްލިން އެކޭ އެއްފަދައިން ޕޯން ބެލުމަކީ ވެސް ދެވިހިފުމުގެ ސިފަތައް އަށަގަންނަ، ބޮޑު އިޖުތިމާއީ މައްސަލަ އެކެވެ.
މިފަދަ ކޮންމެ އިޖުތިމާއީ މައްސަލައެއްގައި ވެސް އިސްކަން ދޭން ޖެހޭނީ މައްސަލަ ގޯސް ވުމުގެ ކުރިން އެކަން ދެނެގަނެ، މައްސަލަ މުލުން ލުހެލުމަށެވެ. މައްސަލަ ގޯސްވެގެން ފަޅައިގަންނަ ކުރިތައް ކިތައްމެ ވަރަކަށް ކޮށި ނަމަވެސް، މޫގަނޑު ވަރުގަދަ ނަމަ، އިތުރު ކުރިތައް ފަޅާނެ އެވެ.
ރާއްޖޭގައި އެންމެ ބޮޑުވެފައިވާ އެއް އިޖުތިމާއީ މައްސަލަ ކަމަށްވާ މަސްތުވާތަކެތީގެ މައްސަލަ، މިހާ ދުވަސް ވެގެން ދިޔައިރު ވެސް ހައްލުވެފައި ނުވަނީ، ދުރާލާ ފިޔަވަޅުއެޅުމުގެ ވިސްނުމަކުން ވިސްނައިގެން އެކަމުގެ ފުނަށް ވާސިލްވެވިފައި ނުވާތީ ކަމަށް އަދީބު ގަބޫލުކުރައްވަ އެވެ.
"އަޅުގަނޑުމެން ޕްރިވެންޓެޓިވް ވިސްނުމަކުން ވިސްނަންވީ،" އޭނާ ވިދާޅުވި އެވެ. "ވަރަށް މުހިއްމު ކަންނޭނގެ އެކަހަލަ ސަގާފަތެއް އަޅުގަނޑުމެންގެ ތެރޭގައި އޮތުން، ކަންތައްތައް ޕްރިވެންޓް ކުރުމުގެ."
އަދީބު ފާހަގަކުރެއްވިގޮތުގައި ދުރާލާ މައްސަލަ ދެނެގަނެ، އެކަންކަމުގެ ތެރެއަށް މީހުން ހުށަހެޅުމުގެ ކުރިން އެކަމާ މެދު ހޭލުންތެރި ކުރުވާ، އެކަމުން ދުރުހެލިވާން ދަސްކޮށްދިނުމުން:
-
ދެމެހެއްޓެނިވި ރަނގަޅު ނަތީޖާއެއް ނުކުމޭ
-
މައްސަލައަށް ހައްލު ހޯދަން ކުރަންޖެހޭ ހަރަދާއި ހޭދަ ބޮޑުތަނުން ކުޑަވޭ
-
މުޖުތަމައުގެ ތެރޭގައި މީހުން ބާކީ ކޮށްލުމުގެ ބަދަލުގައި އެކަކު އަނެކަކަށް އެހީތެރިވެދީ، ހިތްވަރު ދިނުމުގެ ސަގާފަތް އަށަގަނޭ
މިހާރު ވެސް، އުރީދޫ އާއި ދިރާގު ފަދަ އިންޓަނެޓް ސާވިސް ޕްރޮވައިޑާޒްގެ އަތުން ލިބެން ހުރި މައުލޫމާތުތައް ހޯދާ، ޕޯން ބެލުމުގެ މައްސަލައާ މެދު އަމަލު ކުރާނެ ގޮތުގެ ޕްލޭނެއް ހަދަން ފެށިދާނެ ކަމަށް އަދީބު ގަބޫލުކުރައްވަ އެވެ. އަދި މިކަމާ ގުޅޭގޮތުން ފެންވަރު ރަނގަޅު ދިރާސާތައް ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.
"[ބަރަހަނާ ސައިޓުތައް] ބޭން ކުރުމަކީ ގޯސް ފިޔަވަޅެއް ނޫން. އެކަމަކު މި މައްސަލައަށް ހައްލެއް ހޯދަން އެންމެ މުހިއްމު ކަމެއް ދީގެން ކުރަން ޖެހޭ ކަމަކީ ރާއްޖޭގެ ސަގާފަތާ ގުޅޭގޮތަށް ކޮމްޕްރިހެންސިވް ސެކްޝުއަލް އެޑިއުކޭޝަން ދިނުން،" އަދީބު ވިދާޅުވި އެވެ.
ކޮމެންޓް (2)
ޙިސްމާ
އަކުރަމް