ސަންލޭންޑްގެ ދެ ހިއްސާދާރުން ކަމަށްވާ އަހުމަދު ޝަބީރު (ވ) އާއި ހުސެއިން ހިލްމީ، ކޮކޯ ޕާމް ދުނި ކޮޅު ރިސޯޓަކަށް ހެދި ގޮތުގެ ހަނދާންތައް ކިޔައިދެއްވަނީ. އެ ރިސޯޓަށް މި އަހަރު ވަނީ 25 އަހަރު ފުރިފައި

ޓޫރިޒަމް

'ކުޑަ ކުދިންކޮޅަކަށް' ނުވާނެއޭ ބުނި ރިސޯޓް ފެނިފައި ލިބުނީ ސިހުން

ކޮކޯ ޕާމް ދުނި ކޮޅު ހުޅުވިތާ 25 އަހަރު ވީ އިރު އެ ރިސޯޓުން ރާއްޖޭގެ ޓޫރިޒަމްގައި ކުރަހާލަދިން ހިތްގައިމު މަންޒަރު މަތިން ފޫހިވާން ކައިރި ވެސް ނުވޭ
12 ޑިސެމްބަރު 2023
4

ދެބެން ކަމަށްވާ އަހުމަދު ޝަބީރު އާއި ހުސެއިން ހިލްމީ އިންނެވީ އެ ރީތި ރިސޯޓްގައި، މީގެ 25 އަހަރު ކުރީގެ ހަނދާންތައް އާކުރައްވާށެވެ. ވާހަކަ ދެއްކެވީ އިނގިރޭސި ބަހުންނެވެ. ދިވެހިންނަށް ވުރެ ބޮޑަށް އެއީ ބޭރު މީހުންނަށް އަމާޒުކުރައްވައިގެން ވެންނެވި މާޒީއެއް ކަމަށް ބަލަމާ ހިނގާށެވެ.

އެކަމަކު އެ މާޒީގައި ދިވެހިން ވެސް ބައިވެރިވެ އެވެ. އެއީ ރާއްޖޭގެ ޓޫރިޒަމްގެ 'ޖަވާހިރެއް'ގެ ގޮތުގައި ސިފަކުރި ރިސޯޓެކެވެ. ބ. އަތޮޅުގައި ހިންގަމުން އަންނަ ކޮކޯ ޕާމް ދުނި ކޮޅުގެ ފެށުމާއި އެ ފެށުމުގައި ކުރެއްވި ބައެއް ތަޖުރިބާތައް ދެބެއިން ކިޔައިދެއްވީ ކުރުކޮށް އެކަމަކު ފޮނިކޮށެވެ.

"ގަބޫލުކުރަން ވެސް ދަތި، މިވީ 25 އަހަރު،" ދާދި ފަހުން ހިނގައިދިޔަ ކަމެއްގެ އިހުސާސްކުރެއްވިގެން ވިދާޅުވާ ފާޑަކަށް، އެ ވީޑިއޯގެ ވަކި ހިސާބަކުން، ހިލްމީ ވިދާޅުވެ އެވެ.

ހިލްމީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަހު ދައުރުގައި ކެބިނެޓަށް ގެންނެވި ޒުވާން މިނިސްޓަރުންގެ ތެރެއިން ޒުވާނުންގެ މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އެކަމަކު އޭނާ އާއި ޝަބީރު ނިސްބަތްވަނީ އައްޑު އަތޮޅުން އުފެދުނު ވިޔަފާރި އާއިލާއަކަށެވެ. އެ އާއިލާގެ މައިގަނޑު ކުންފުންޏަކީ ސަންލޭންޑް އެވެ. ދެ ބޭފުޅުންގެ އިތުރުން ދެން ތިއްބެވި ހިއްސާދާރުންނަކީ ހަސަން ޒަރީރު އާއި މުހައްމަދު ނަޒީރެވެ.

ސަންލޭންޑްގެ ހިއްސާދާރުން ކަމަށްވާ ހަތަރު ބެއިން، ކަނާތުން ވާތަށް، ހަސަން ޒަރީރު، މުހައްމަދު ނަޒީރު، ހުސެއިން ހިލްމީ އަދި އަހުމަދު ޝަބީރު، ކޮކޯ ޕާމް ދުނި ކޮޅުގައި މީގެ 25 އަހަރު ކުރިން

ކޮކޯ ކަލެކްޝަން ބްރޭންޑަކީ ސަންލޭންޑްއާ ގުޅިފައި އޮތް ރިސޯޓް ވިޔަފާރި އެވެ. މި ބްރޭންޑްގެ ދަށުން 1998ގައި ހުޅުވި ކޮކޯ ޕާމް ދުނި ކޮޅު ރީތިވެފައި ހިތްގައިމު ވުން އެކަންޏެއް ނޫނެވެ. އެ ރިސޯޓްގެ ތަފާތު ޑިޒައިން އާއި ކޮޓަރިތައް ފެންނަލެއް ފުރިހަމަކަމުން، އެއީ އޭރުގެ ޓޫރިޒަމް އިންޑަސްޓްރީއަށް ޝޮކެއް ވެސް މެ އެވެ.

"ކޮކޯ ޕާމް ހުޅުުވުމާ އެކު އެތަން ވީ އޭގެ ފަހުން ހިންގި މަޝްރޫއުތަކުން ނަމޫނާއަކަށް ނެގި ތަނަކަށް،" ހިލްމީ ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވުމުން ޝަބީރު އޭގެ ތަފުސީލަށް ވަޑައިގަތެވެ. ރާއްޖޭގެ ރުކު ފަނެއްގެ ސިފަ އަންނަ ގޮތަށް މޫދު ކޮޓަރިތައް އަތުރާލުމަކީ މުޅިން ތަފާތު ޑިޒައިނެކެވެ. އޭނާ ވިދާޅުވި ގޮތުގައި އޭރު ވެސް ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި މޫދު ކޮޓަރި ހުއްޓެވެ. ނަމަވެސް އެތަންތަން ހަދާފައި ހުރީ މާހައުލުގެ މިނިވަންކަން ގެސްޓުންނަށް މާ ބޮޑަށް ލިބޭ ގޮތަކަށެއް ނޫނެވެ.

ކޮކޯ ޕާމް ދުނި ކޮޅުގެ މޫދު ކޮޓަރިތައް ހަދަނީ: މިއީ ދިވެހި ޓޫރިޒަމްގެ ނަމޫނާ މަސައްކަތެއް --ފޮޓޯ/ސަންލޭންޑް

"އެއް ކޮޓަރިން ނުކުންނަ އިރަށް އަނެއް ކޮޓަރީގެ މީހުންނާ ދިމާވާހާ ކައިރި ކައިރީގައި ހުންނަނީ،" ޝަބީރު ވިދާޅުވި އެވެ.

އެއަށް ވުރެ ބޮޑަށް ރާއްޖޭގެ ރީތި، ތާޒާ މާހައުލުގެ މިނިވަންކަން އިހުސާސްކުރެވޭނެ ގޮތަށް ކޮޓަރިތައް ފަރުމާކުރުމުގެ ވިސްނުން އެ ބޭފުޅުންގެ އޮތެވެ. އެ ހިޔާލުތައް، ޝަބީރުގެ ބަހުން ނަމަ، "ގަނޑަކާއި ފަންސުރަކާއި ފަތިގަނޑެއް ނަގައި ކުރަހަން ފެށީ" އެވެ.

ހިލްމީ ވިދާޅުވީ "މިއީ ލޯތްބާ އެކު ވުޖޫދަށް ގެނައި އެއްޗެއް" ކަމަށެވެ. އެ ލޯތްބަކީ ރިސޯޓްގެ ހުރިހާ ކަމެއްގައި ވެސް އެ ބޭފުޅުން %100އަށް ބައިވެރިވެވަޑައިގަތުމެވެ.

"ކޮންސެޕްޓް ޑިޒައިނުން ފެށިގެން ޑީޓެއިލް ޑިޒައިންއާ ހަމައަށް، އެތެރޭގެ ޑިޒައިންތައް ވެސް، ފަރުނީޗަރު ހޯދުން ވެސް، މިހުރިހާ ކަމެއްގައި އަޅުގަނޑުމެން އުޅުނީ ލޯބިން،" ހިލްމީ ވިދާޅުވި އެވެ.

ކޮކޯ ޕާމް ދުނި ކޮޅު: މިއީ ރާއްޖޭގެ ރިސޯޓް ޑިޒައިނަށް އިންގިލާބީ ބަދަލެެއް ގެނައި ރިސޯޓެއް --ފޮޓޯ/ސަންލޭންޑް

ޓޫރިޒަމް ޒޯނަކަށް ބ. އަތޮޅު ވުމުގެ ފުރަތަމަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ކޮކޯ ޕާމް ދުނި ކޮޅު ހަދަން ފެށިއިރު ކައިރި ރަށްރަށުގެ މީހުންގެ ހިތުގައި މާ ބޮޑު ޔަގީންކަމެއް ނެތެވެ. އެ ހަނދާންތައް ޝަބީރުގެ ވިސްނުމުން ފިލައިގެންނެއް ނުދެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބައެއް ރަށްރަށުގެ މީހުން ވައްބަހުން އެއްލަމުން ދިޔައީ "ކުޑަކުޑަ ކުދިންކޮޅެއް ދަނޑިތަކެއް ޖަހައިގެން އެބަ އުޅެއޭ" ފަދަ ބަސްތަކެވެ.

އޭރު އެއީ ޒުވާން ބޭފުޅުންނެވެ. އެ ޒުވާނުންގެ ހިޔާލާއި ވިސްނުން ޒަމާނީ ވާނެކަން، ބައެއް މީހުންނަށް ނޭނގުނީ އެވެ. އެކަމަކު އެ ޖެހި 'ދަނޑި އެންޓަނާތަކު'ގެ ބަދަލުގައި ރިސޯޓްގެ ރީތި އިމާރާތްތައް ފެންނަން މާ ގިނަ ދުވަހެއް ނުނެގި އެވެ.

ކޮކޯ ޕާމް ދުނި ކޮޅު: މިއީ ވަރަށް ތަފާތު ޑިޒައިނަކަށް މީގެ 25 އަހަރު ކުރިން ހެދި ރިސޯޓެއް --ފޮޓޯ/ސަންލޭންޑް

އެހާ ހިސާބުން "ކައިރި ރަށްރަށުގެ ކަތީބުން ވެސް ރިސޯޓް ދެކިލަން އަންނަ ފެށި. އަޅުގަނޑު އެ އެންމެންނަށް މުޅި ތަން ދެއްކިން. އެތަންތަން ފެނިފައި އެ މީހުންގެ ބަސް ހުއްޓުނު،" ޝަބީރު ވިދާޅުވި އެވެ.

އޭރު ސަން ލޭންޑްގެ ހިއްސާދާރުންނަކީ ރާއްޖޭގެ ރީތިކަމުގެ ތެރެއިން އެފަދަ ތަފާތު 'ޖަވާހިރެއް' ދައްކާލެއްވިދާނެ ބޭފުޅުން ކަމަކަށް، ޓޫރިޒަމް އިންޑަސްޓްރީ ވެސް ގަބޫލެއްނުކުރެ އެވެ. ހިލްމީގެ ބަހުން ނަމަ "އަޅުގަނޑުމެންނަކީ އެހާ ވަރުގަދަ ބައެއް ނޫނެ"ވެ.

އެފަހަރު ސަރުކާރުން ބީލަމަށް ލީ ރަށްތަކުގެ ތެރެއިން އެއީ އެންމެ ރީތި އެއް ރަށެވެ. ގިނަ އިންވެސްޓަރުން ބޭނުންވި އެއް ރަށް ވެސް މެ އެވެ. ހިލްމީ ވިދާޅުވީ "އެއީ ޖަވާހިރެއް" ކަމަށެވެ.

އަހުމަދު ޝަބީރު: ކޮކޯ ޕާމް ދުނި ކޮޅަކީ ފަހަރުވެރި މަސައްކަތެއް ކަމަށް ވިދާޅުވި

ރަށުގެ އެ ރީތިކަން ހިމާޔަތްކުރުމުގެ ގޮތުން ރިސޯޓްގެ މަސައްކަތުގައި ބޭނުންކުރާނެ ސާމާނާ މެދު ވެސް އެ ބޭފުޅުން ވިސްނެވި އެވެ. އެގޮތުން ބޮޑެތި ސާމާނު ރަށަށް އަރުވައިގެން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވާން ބޭނުންކުރީ ލިބެން ހުރި ވީހާ ވެސް ކުޑަ އެއްޗެއް، ވީހާ ވެސް މަދުންނެވެ. 

"ތިމާވެށި ހަލާކުނުކޮށް، ރަށުގެ ގުދުރަތީ ރީތިކަން ވީހާ ވެސް ބޮޑަށް ހިމާޔަތްކުރެވޭނެ ގޮތަށް ވިސްނައިގެން މަސައްކަތްކުރީ،" ޝަބީރު ވިދާޅުވި އެވެ.

ނިމުނު އިރު ކޮކޯ ޕާމް ދުނި ކޮޅު ރާއްޖޭގެ ޓޫރިޒަމްގެ ތާރީހަށް ވަނީ ނަމޫނާ ހިތްގައިމުކަމެއް މިލްކުކޮށްގެންނެވެ. 'ކުޑަކުދިންކޮޅަކަށް ނުވާނެއޭ' ބުނެ ބައެއް މީހުން އެއްލި ބަސް ދިމާނުވި ތަނުގައި އެ އެންމެންނަށް ފެނި ހެކިވާން ޖެހުނީ ޝޮކެއް ލިބޭ ވަރުގެ ރީތިކަމެކެވެ.

ހުސެއިން ހިލްމީ: ރިސޯޓްގެ ހުރިހާ ކަމެއްގައި ހަތަރު ބެއިން %100އަށް ބައިވެރިވި

"ގިނަ މީހުން އެހާ ސީރިއަސްކޮށެއް ނުނަގާ. ބީލަމުން ފެށިގެން، އިމާރާތްކުރުމުގެ މަރުހަލާގައި ވެސް އަޅުގަނޑުމެންްގެ މި މަސައްކަތް [އިންޑަސްޓްރީން] އެހާ ސީރިއަސްކޮށެއް ނުނަގާ،" ހިލްމީ ވިދާޅުވި އެވެ.

"އެކަމަކު ރިސޯޓް ހުޅުވުމާ އެކު މުޅި އިންޑަސްޓްރީއަށް ލިބުނީ ޝޮކެއް." 

ރިސޯޓްގެ ރިހި ޔޫބީލް ފާހަގަކުރުމުގެ ގޮތުން އެ މަޝްރޫއުގެ ހަނދާންތައް އާކުރައްވަމުން ދެ ބޭފުޅުން ގެންދެވި އިރު މަސައްކަތުގެ ބައިވެރިންނާއި އެ އެންމެންނާ ގުޅިފައި އޮތް މާޒީގެ ތެރެއަށް ވެސް ވެންނެވި އެވެ. ހިލްމީ ވިދާޅުވި ގޮތުގައި ރިސޯޓް ހެދުމުގެ މަސައްކަތުގައި އުޅުނު މުޅި ޓީމާ މެދު ވެސް ހިތްހަމަޖެހެ އެވެ. ހުރިހާ ދިމާލެއްގައި އިސްކޮށް ތިބީ ދިވެހިންނެވެ. ރެ އާއި ދުވާލު އެ އެންމެން މަސައްކަތްކުރީ އެހާމެ ފޯރީގައި ކަމަށް ވިދާޅުވެ، ޝުކުރު އަދާކުރެއްވި އެވެ.

ޝަބީރު ވިދާޅުވީ "މިއީ އެންމެންނަށް ކުރެވުނު ވަރަށް ފަހުރުވެރި މަސައްކަތެއް" ކަމަށެވެ.

"މުޅި ޓީމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

އޭގެ ފަހުން މިވީ 25 އަހަރެވެ. ދުވަސްތައް މާޒީ ވަމުން އެ ދިޔައީ އެހާ އަވަހަށެވެ. ކޮކޯ ޕާމް ދުނި ކޮޅު ކަހަލަ ރީތި ތަނެއް ރާއްޖޭގައި ހެދުނުކަމުގެ އުފާވެރި 25 އަހަރެވެ. މާޒީ ވެސް އެ އޮތި އެކަމަށް ފަހަރުވެރިވެގެންނެވެ.

ކޮމެންޓް (4)

އަސްތެރި

12 ޑިސެމްބަރު 2023
މިކަހަލަ އެއްވެސް ސަކްސެސް ސްޓޯރީއެއްގަ އިނގޭކަށް ނޯވޭ ރިސޯޓު ހަދަން ރަށް ލިބުނު ގޮތެއް، ވިޔަފާރި ފަށަން ފައިސާ ހޯދި ގޮތެއް. އެހެންވީމަ ޒުވާން ކުދިންނަށް އިބުރަތެއްގެ ނޫނީ ފިލާވަޅަކަށް ވުމުގެ ބަދަލުގައި މި ވަނީ ފޮނިކަނޑާ ވާހަކައަކަށް.
14 2

ވޯލް

12 ޑިސެމްބަރު 2023
އަސްލި މިއީ ރާއްޖޭގައި ހުރި އެންމެ ހިތްގާމު ދިވެހި ވަންތަގޮތެއް ދައްކާދޭ ކޮންސެޕްޓެއް. ރާއްޖޭގެ 99% ރިސޯޓުތަކަށް ގޮސްފަ ހުރި މީހެއްގ ެހައިސިއްޔަތުން ބުނެވޭނީ. މިހާރު މިހަދަ ލަްގޒަރީ ތަންތަނަށް ވަނީމަ ހަމަ ހީވާނީ ވޔޯކްގެ މަތީ ފަންތީގެ ހޮޓަލެއްހެން. އަދި އެޒަމާނަށް ބަލާފިއްޔާ ރީތި ހިތްގަމު ޕއރޮޑަކްޓެއް މީ.
2 3

ފޮނި އަނގަ

12 ޑިސެމްބަރު 2023
މޮޅު ވާހަކަ ދެއްކިދާނެ ކޮންމެ މީހަކަށްވެސް. މަސައްކަތް ކުރުވާފަ، އުޖޫރަ ނުދީ، ކްރެޑިޓަށް ތަކެތި ގަނެފަ 5-6 އަހަރު ވާއިރު ފައިސާ ނުދައްކާ، މިވެސް ވިޔަފާރި ކުރާގޮތްތަ؟
9 1

ސޭޓު

16 ޑިސެމްބަރު 2023
@ފޮނި އަނގަ ކުރެޑުޓަށް ނަގައިގެން ހުރިހާ ބޮޑެތި ޕްރޮޖެކްޓް ހިނގާނީ..މާ އިނގި ގަނެގެން ނޫޅެބަލަ.
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް