އަތުލައިގަތް މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތުގައި ފުލުހުން ހަރަކާތްތެރިވަނީ: މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ އާ ސަރުކާރުގެ ވެސް ބޮޑު ޒިންމާއެއް (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ފެންނަނީ ބޮއިގެން އެ އެނބުރޭ ޒުވާނުން، ނުފެންނަނީ ދައުލަތުގެ ބާރު

މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވެފައި އޮތް މިންވަރުން ދައުލަތުގެ މުޅި ނިޒާމުގެ ތެރެއަށް އޭގެ ފައިސާ ވަދެފައިވޭ. ފުލުހުންގެ އާ ލީޑަޝިޕަށް ވެސް އޮތީ އެކަމާ ދެކޮޅަށް ނުކުތުން
3 ޑިސެމްބަރު 2023
6

މުހިންމު ނުކުތާތައް

މިދިއަ ފަސް އަހަރުގެ ތެރޭގައި އަތުލައިގަތް މަސްތުވާތަކެތީގެ އަގު 2 ބިލިއަން ރުފިޔާއަށް އަރާ

ދައުލަތުގެ އިދާރާތައް އެއް މިސްރާބަކަށް ގެންދަން މިހާރުގެ ހާލަތު ރިވިއުކުރަން ޖެހޭ ކަމަށް، ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވި

އާ ސަރުކާރަށް އަދިވެސް އާ ޕޮލިސް ކޮމިޝަނަރެއް އައްޔަންކުރެވޭ ވަރެއް ނުވޭ

ގާތްގަނޑަކަށް 25 ވަރަކަށް އަހަރުގެ އެ އަންހެން ޒުވާނާ ހިނގަމުން ވެސް އައީ ފާޑަކަށެވެ. ދެން އެ ކުޑަ ގޯޅީގެ އެއް ކަނަށް ދުއްވައިގަތެވެ. ނެގީ އެއްލާލައިފައި އޮތް ޕްލާސްޓިކް ކުޑަ ފުޅިއެކެވެ. ފައިން ސައްޕެއް ޖަހާ ގޮތަށް އޭގައި ޖަހާ ވިހެލި އެވެ. ދެން އަނެއްކާ ކުރިއަށް ދުއްވައިގަނެ، ބޯޅައެއްގައި ޖަހާހެން، ހުސް ފައި ހޫރާލި އެވެ. ކުޑަކުޑަ ފިހާރައެއްގެ ބޭރުގައި ބަހައްޓާފައި ހުރި އާފަލުތަކަކުން އާ ފަލެއް ނަގައި، އޭގައި ވެސް އުޅުނީ ސައްޕެއް ޖަހާށެވެ. އާފަލުގައި ފައިން ލައްވާނުލައި، ބިންމައްޗަށް ވެއްޓުމާ އެކު، ނަގާ އެ ފިހާރައާ ދިމާއަށް ހޫރާލި އެވެ. ގޯޅީގެ އެއް ފަޅިން އަނެއް ފަޅިއަށް ދުވަަމުން، ފުންމަފުންމައިގެން އަރަމުން ގޮސް، ލޯމަތިން ގެއްލިއްޖެ އެވެ.

އެ ހުރިހާ މަންޒަރެއް ފެނުނު އިރު، އަޅުގަނޑާއި އެހެން ބައެއް މީހުން ތިބީ އެ ގޯޅިގަނޑާ ގުޅިފައި އޮތް މައި މަގުގެ ޓްރެފިކް ހުއްޓި، ތާށިވެފަ އެވެ. އަޅުގަނޑު ކައިރީގައި ސައިކަލެއްގައި އިން ޒުވާން ފިރިހެނަކު ބުނީ 'އެހެރީ ބޮއިގެން' ކަމަށާއި 'އެކުރެވެނީ ކީއްކަން އެ ކުއްޖާއަށް ނޭނގޭނެ' ކަމަށެވެ.

"އަންހެން ކުދިން ވެސް ހަލާކުވެ ހިނގައްޖެ. މިކަން ނެތޭ ހުއްޓޭކަށް،" އޭނާގެ ކަންބޮޑުވުން ހާމަކުރި އެވެ.

"ނުހުއްޓުވޭނެތާ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވެސް އެބަ އުޅެޔޯ ޑްރަގް ވިޔަފާރީގައި." އޭނާ ބުންޏެވެ.

އެހާ ހިސާބުން ޓްރެފިކްގެ ތާށިކަން ކެނޑި، އެންމެން ކުރިއަށް ދުއްވާލައިފި އެވެ.

އަންހެން ޒުވާނާގެ ހާލަތު ފެނުމުން ސައިކަލްގައި އޭނާ އިނީ، ޔަގީނުން ވެސް، ރުޅިއައިސްފަ އެވެ. މަސްތުވެގެން ހުރި ޒުވާނާ ދެކެއެއް ނޫނެވެ. ރާއްޖޭގެ މުޅި ނިޒާމާ މެދުގަ އެވެ. އޭނާ ގަބޫލުކުރަނީ ރައްޔިތުންގެ މަޖިލިހުގައި ވެސް މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅިފައި ތިބި ބަޔަކު އުޅޭ ކަމަށެވެ. އެއީ ތުހުމަތެކެވެ. ނަމަވެސް އެފަދަ ވާހަކައެއް ރާއްޖޭގެ އެންމެ ބާރުގަދަ އެއް މުއައްސަސާއާ ބެހޭ ގޮތުން އާންމު މީހަކު ދެއްކުމަކީ ވެސް، ލަދުވެތި ކަމެކެވެ. އެކަމަކު ދެއްކޭނެތާ އެވެ. އެންމެންގެ ކުރިމަތީގައި ހަލާކުވެފައި އެ އޮތީ، އަދި ހަލާކުވަމުން އެދަނީ ޒުވާން ޖީލެކެވެ.

މަސްތުވާތަކެތީގެ ފައިސާ މުޅި ނިޒާމުގެ ތެރެއަށް 

މި ނުރައްކާތެރި ގައުމީ ވަބާގެ އަސްލު މަންޒަރެއް ހަމައެކަނި ރައްޔިތުންގެ މަޖިލިހުގެ ބޮލަށް ކަނޑާލައިގެން ނުފެންނާނެ އެވެ. އަސްލު މަންޒަރަކީ މަސްތުވާތަކެތީގެ ފައިސާ އާއި އޭގެ ނުފޫޒު މުޅި ދައުލަތުގެ ތެރެއަށް ވަދެފައި ވުމެވެ. މިއީ އާ ސަރުކާރު ވެރިކަމާ ހަވާލުވާން އުޅެނިކޮށް ޕޮލިސް ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވުމުގެ އެއް ދުވަސް ކުރިން 'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް، އަޅުގަނޑު ކުރި އެއް ސުވާލުގެ މައުލޫއު އެވެ.

ހަމީދުގެ ކޮމިޝަނަރުކަމުގައި މިދިއަ ހަތަރު ފަސް އަހަރު ފުލުހުން ވަނީ މަސްތުވާތަކެތީގެ ވަރަށް ބޮޑެތި އޮޕަރޭޝަންތައް ހިންގައިފަ އެވެ. އޭރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުން ނަމަ، އެ އޮޕަރޭޝަންތަކުގައި އަތުލި މަސްތުވާތަކެތީގެ އަގު 2 ބިލިއަން ރުފިޔާއަށް ވުރެ މައްޗެވެ.

ހަމީދަށް ދެންެނެވި ސުވާލަކީ ދައުލަތުގެ މުޅި ނިޒާމް ކޮންޓްރޯލްކުރަން މަސްތުވާތަކެތީގެ ފައިސާ ވައްދާފައި ހުންނާނެ މިންވަރާ މެދު އޮތް ކަންބޮޑުވުމެވެ.

"ދައުލަތުގެ ތެރޭގައި ޑްރަގް ވިޔަފާރީގެ ތެރެއިން ހޯދާ ނަފާ، މާލީ ނަފާ ވަނުމަށް ވަރަށް ޖާގަ ބޮޑު،" ހަމީދު ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރުގެ ހައިސިއްޔަތުން އެންމެ ފަހު އިންޓަވިއު މުހައްމަދު ހަމީދު 'ދައުރު'އަށް ދެއްވަނީ --ފޮޓޯ/ހުސެއިން ސުނޭން/ދައުރު

އެއީ އެ ފައިސާއިން އެހެން ވިޔަފަރީތަކަށް އިންވެސްޓްކޮށް، އެއީ 'ސައްހަ' ފައިސާކަމަށް ހެދުމުގެ ފުރުސަތު އެހާމެ ބޮޑަށް އޮތުމެވެ. އެ އެނބުރޭ ފައިސާ ބޭނުންކޮށްގެން ދައުލަތުގެ އެކި މުއައްސަސާގެ މައްޗަށް ނުފޫޒު ފޯރުވުމަކީ، އޭގެ އެންމެ ނުރައްކާ ބޮޑު އެއް އުކުޅެވެ. މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން ކުއްލިއަކަށް ބަންދުން ދޫކުރުމާއި ކުށް ސާބިތުނުވެ ސަލާމަތްވުން ފަދަ ކަންކަމަށް ނިޒާމުގެ ތެރެއިން ޖާގަ ހުޅުވުމުގެ ފަހަތުގައި ފައިސާގެ ނުފޫޒު އޮންނާނެ އެވެ.

އެކަމަކު މަސްތުވާތަކެތީގެ ނެޓްވޯކާއި ފުލުހުންނާ ގުޅުވައިގެން ދައްކާ ވާހަކަތައް ހަމީދު ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތައް ކާމިޔާބުވަނީ އޭގެ ސިއްރު މައުލޫމާތު ފުލުހުންގެ ތެރޭގައި ހިފެހެއްޓޭތީ އެވެ. 

އަނެއްކޮޅުން އެފަދަ އޮޕަރޭޝަންތަކުގެ މައުލޫމާތު ލީކްނުވުމަކީ، ޑްރަގް ނެޓްވޯކާއި ވަކިވަކި ފުލުހުންނާ ގުޅުމެއް ނެތްކަމުގެ ދަލީލެއް ވެސް ނޫން މެ އެވެ. ކާމިޔާބުނުވާ ނުވަތަ ފާރަލައިގެން އުޅޭ ބަޔަކު އަތުނުވެ، ނުވަތަ ތަހުގީގީ މަރުހަލާގައި ހަދާ/ހެދޭ 'ގޯސްތައް' މިއީ ގަސްދުގައި ފުލުހުންގެ މަދު ބަޔަކު ނަމަވެސް، ބައިވެރިވުން އޮތް ކަމެއްތޯ، ސުވާލު ކުރެވިދާނެ އެވެ.

ރ އަތޮޅު ފަޅުރަށަކުން ފުލުހުން ހޯދި 215 ކިލޯގެ ޑްރަގް: މި ހުންނަނީ ސަރުކާރަށް ލޯ މަރާލައިގެން ނޯވެވޭނެ ފަދަ ބޮޑެތި މައްސަލަތައް (ފޮޓޯ/ ޕޮލިސް)

ހަމީދު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުނުވުމުގައި ފުލުހުންގެ މައްޗަށް ފޫކަނޑަނީ ވެސް މުޅި ނިޒާމް ހަރުދަނާނުވުމުންނެވެ. މިސާލަކަށް މި ރިޕޯޓް ފެށިއިރު ލިއުނު ޒުވާން އަންހެނާ ފަދަ މަގުމަތީގައި ގިނަވެގެން އުޅޭ އެފަދަ މީހުންނާ ގުޅިގެން ފުރަތަމަ ފޯނުކުރާނީ '119' ނުވަތަ '2111' އަށެވެ.

"އާންމުން ފުރަތަމަ ގުޅަނީކީއެއް ޕްރޮސިކިއުޓަ ޖެނެރަލް އޮފީހަކަށް ނޫން, ކޯޓަކަށް ނޫން. ފުލުހުންނަށް ގުޅަނީ. އެހެންވެ ފުލުހުންނަށް އެކަން ކުރެވޭ މިންވަރު ވަރަށް ފަސޭހައިން މިނަށް ޖާގަ ލިބެނީ އެންމެ ފުރަތަމަ އެޓެންޑްވާ ބަޔަކަށް ފުލުހުން ވާތީ،" ހަމީދު ވިދާޅުވި އެވެ.

ޕީޖީއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނަށް ދައުވާ ކުރާ މުއައްސަސާ އެވެ. ޝަރުއީ ކޯޓުތަކަކީ އެމީހުންނަށް ހުކުމް އިއްވާ ނިޒާމެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ، އަލުން ރަނގަޅުކުރުމުގެ ޒިންމާ ވެސް ދައުލަތުން އުފުލަ އެވެ. ދެން އޮތީ އާންމު ރައްޔިތުންނެވެ. އެކަމަކު ތިމާގެ ދަރިއެއް ނުވަތަ ތިމާގެ މީހެއް ހައްޔަރުކޮށްފި ނަމަ އެ މީހަކު ސަލާމަތްކުރަން އަވަހަށް އުޅެންވީ އެވެ. ހަމީދުގެ ބަހުން ނަމަ "އެމީހަކަށް ފޯރުވެން އޮތް ނުފޫޒެއް ފޯރުވައިގެން" އޮންނަނީ ސަލާމަތްކުރުމެވެ.

ހަމީދު ގަބޫލުކުރައްވަނީ ދައުލަތެއްގެ ގޮތުގައި ހުރިހާ ފަރާތްތަކުން އެއް މިސްރާބަކަށް ދާ ނަމަ، މަސްތުވާތަކެތީގެ މައްސަލައަށް ރަނގަޅު ހައްލެއް ލިބޭނެ ކަމަށެވެ.

"ދައުލަތުގެ ތެރޭގައި މިހާރު ހިނގަމުން އަންނަ ގޮތް ވަރަށް ފުޅާކޮށް، ރިވިއުކުރަން [ޖެހޭ]. ހުރިހާ މުއައްސަސާއަކުން އެއް މަގަކަށް، އެއް މިސްރާބަކަށް [ގެންދަން]،" ހަމީދު ވިދާޅުވި އެވެ.

މިިދިއަ ފަސް އަހަރުގެ ތެރޭގައި ހިންގި މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތައް

  • އޮކްޓޯބަރު 2021: 100 ކިލޯގެ މަސްތުވާތަކެތި: އދ. ބޮޑުކާށިހުރާގައި ވަޅުލާފައި

  • އޮކްޓޯބަރު 2021: 215 ކިލޯގެ މަސްތުވާތކެތި، ރ. އަތޮޅު ފަޅުރަށަކުން

  • ޑިސެމްބަރު 2021: 119 ކިލޯގެ މަސްތުވާތަކެތި، މާލެއިން

  • ނޮވެމްބަރު 2022: 82 ކިލޯގެ މަސްތުވާތަކެތި، ގދ. ހޯނޑެއްދޫ/އަދި ފަޅުރަށަކުން

ވިސްނާލާށެވެ. މަދު އަހަރުތަކެއްގެ ތެރޭގައި އަތުލެވުނު މަސްތުވާތަކެތީގެ އަގު އެ އުޅެނީ 2 ބިލިއަން ރުފިޔާގަ އެވެ. އެހާ ބޮޑު ވިޔަފާރިއެއްގެ ނުފޫޒު ދައުލަތުގެ މުޅި ނިޒާމަށް ވަންނަން ދޫކޮށްލައިފި ނަމަ، ޒުވާނުންނަށް ސަލާމަތެއް ނެތެވެ. ވިޔަފާރިކުރާ މީހުން އުޅެނީ ހަމަޖެހިލައިގެންނެވެ. އެމީހުން މަސްތުވާތަކެތި ބޭނުމެއް ނުކުރެ އެވެ. އެމީހުންނާއި އެ އެމީހުންގެ އާއިލާތައް ދިރިއުޅުމުގެ ހުރިހާ އުފަލެއް އެބަ ހޯދަ އެވެ.

އާ ލީޑަޝިޕަށް ވެސް އޮތީ ގައުމީ އެ މަސައްކަތް

ސަރުކާރު އާ ވެއްޖެ އެވެ. އެކަމަކު އާ ސަރުކާރަށް ދެ ހަފުތާ ވެގެންދިޔަ އިރު ވެސް ފުލުހުންގެ މުއައްސަސާއަށް ދާއިމީ ކޮމިޝަނަަރަކު އައްޔަން ކުރެވޭ ވަރެއް ނުވެ އެވެ. ހާވަހާވައިގެން ވެސް އުޅޭތަން ފެންނަނީ، ބޭނުންވާ މީހަކު ގެންނަން އޮންނަ ހުރަސް ނައްތާލެވޭތޯ އެވެ. ތަނުގައި ތިބި ރަނގަޅު މީހުންގެ މައްޗަށް، ކޮންމެެވެސް ސަބަބަކާ ހުރެ ކުރިން ބޭރުކޮށްފައި ހުރި މީހަކު/މީހުންތަކެއް ގެނައުމުގެ މަސައްކަތް އަދި ނުނިމެ އެވެ.

އެކަމަކު ހަމީދަށް އޮތް ޔަގީންކަމަކީ، ކޮންމެ ލީޑަޝިޕެއް އޮތަސް ފުލުހުންގެ ތެރޭގައި މިހާރު ކަންކަން ރޭވިފައި ހުރި ގޮތުން ވަކި މީހެއްގެ މައްސަލަ ނުފޮރުވޭނެ ކަމެވެ.

ޑްރަގް މައްސަލާގައި ފުލުހުންގެ އާ ލީޑަޝިޕުން ކުޅެން ޖެހޭ ރޯލާ މެދު ސުވާލު ދެންނެވުމުން ހަމީދު ވިދާޅުވީ "އަލަށް ވަޑައިގަންނަވާ ލީޑަޝިޕްގެ ބޭފުޅުން ވެސް މިކަން [ޑްރަގާ ދެކޮޅު މަސައްކަތް] ކުރައްވަން ޖެހޭނެ" ކަމަށެވެ. 

މާލޭގައި މަސްތުވާތަކެތި ބޭނުންކުރާ ތަނެއް: މިކަހަލަ އެތައް ތަނެއް މިހާރު ވެސް އެބަ ހުރި

"އަޅުގަނޑު ގަބޫލުކުރަނީ މި މުއައްސަސާގެ ކަންކަން މިހާރު ތަރުތީބު ވެފައި ހުރި ގޮތަށް ބަލާއިރުގައި ޖާގަ ވަރަށް ކުޑަވާނޭ މިސާލަކަށް ލީޑަޝިޕްގައި އެ ހުންނަ ފަރާތަކުން ބޭނުންވީމާ މިވެނި މީހެއްގެ މައްސަލައެއް އޮއްބާލަން, މިވެނި މީހެއްގެ މައްސަލަ އެހެން ގޮތަކުން ގެންދަން އެމީހަކަށް ފައިދާއެއް ހޯދައިދޭން،" ހަމީދު ވިދާޅުވި އެވެ.

"ޖާގަ އޮވެދާނެ. އެހެން ނަމަވެސް ޖާގަ ހަނިވާނެ. މި މުއައްސަސާގައި ރައްޔިތުންގެ މަސްލަހަތަށް ނޫނީ ގައުމަށް އެންމެ ބޮޑު ގެއްލުންކުރުވަނިވި ކަންކަމާ ގުޅޭ މައްސަލަތައް ބަލަން ތިބޭ ފަރާތްތަކުގެ ކިބާގައި އެ ނަޒާހަތްތެރިކަން ވަރަށް ބޮޑަށް ގާއިމްކުރިން މިދިއަ ފަސް އަހަރުގެ ތެރޭގައި."

މަސްތުގެ ނުރައްކަލުން ގައުމު ރައްކާތެރިކުރުމުގެ ޒިންމާ އާ ސަރުކާރުން ވަރަށް ފުޅާކޮށް ކުރިއަށް ގެންދަން ޖެހޭނެ އެވެ. އެކަން ކުރެވޭކަން ރައްޔިތުންނަށް ދައްކައިދޭން ވެސް ޖެހޭނެ އެވެ. ބުއްދި ފިލާފައިވާ ހާލުގައި މަގުމަތީގައި އެނބުރޭ ޒުވާނުން ހަލާކުވުމުގެ އަސްލަކީ މަސްތުވާތަކެތީގެ ވިޔަފާރި އެވެ. ފުރަތަމަ ފުނޑާލަން ޖެހެނީ އެ ވިިޔަފާރި އެވެ.

ކޮމެންޓް (6)

ޙަސަން

3 ޑިސެމްބަރު 2023
ދައުލަތުގެ ހުރިހާ ފަރާތްތަކަކުން ގުޅިގެން މަސައްކަތް ކުރެވޭނަމަ މިކަން ހައްލުކުރެވޭނެ ކަމަށް ހަމީދު ބުނާއިރު ، މިދިޔަ ސަރުކާރުގައި މުޅި ދައުލަތް އޮތީ ޙަމީދުމެން ގޭތެރާގައި ކަމެއް ނޭނގުނީތޯ.
1 0

ބަރުބެ

3 ޑިސެމްބަރު 2023
ތީ އެފް ރިޕޯޓަކާ އެކު ރިޓަޔަރ ވެފަ ހުރި މީހެއް. މިހާރު ދެން އިންޓަވިއު ކުރަންވީ ކާމިޔާބު ކަމާ އެކު މިކަހަލަ ކަންކަން ހައްލުކޮށްފަ ހުރި އެހެން ގައުމު ތަކުގެ މީހުންނާ.
2 1

އަހަންމަދާ

4 ޑިސެމްބަރު 2023
@ބަރުބެ ތިޔަ ބުނާ މީހަކު ނެތެެއްނު އަދި ކޮމިޝަނަރެއް އައްޔަނު ކޮށްނުލެވުނު ހުސްގޮޮނޑިއެއްގެ ދަށުވަނީ
0 1

ލޭޑީސް އެންޑު ޑެންޓަލްމޭނު

3 ޑިސެމްބަރު 2023
ހޮޅިންގެ އަށްދަށުން މިގައުމު ސަލާމަތްކޮށްގެން ނޫނީ މިކަން ވާކަށް ނެތް
2 0

އާލަކިރި

3 ޑިސެމްބަރު 2023
ހަމީދާ އެމްޑީޕީއާ ލީޑަޝިޕެއް ވާހަކަ ދައްކާނެ ކަމެއް ނެތް. ސަރުކާރާ މަޖިލިސް ފުލްކޮށް ބާރު ދިނީމަ 5 އަހަރު ނަގާލީ ސުމަގުލް ކުރާ ބޯއި ކޮޅުންތަކަށް ރެއިޑު ޖަހާފަ އަނެއް ކޮޅުން އެމީހުންގެ އެސްއެމްއީ ތަކަށް ލޯނު ދީ ފުޓްސަލް ދަނޑުތައް ދީގެން. މަނީ ލޯންޑަރިންގެ ކަންކަން ހުއްޓުވުމަށް ގާނޫނީ ގޮތުންވެސް އޮޕަރޭޝަން ގޮތުންވެސް ކަމެއް ކުރިތަނެއް ނުދެކެން. އާންމުނަށް ފެނޭ ގޭންގުތައް ފާޅުގަ ހިންގާ ފައިސާ ދޮންނަ ވިޔަފާރިތައް. ކޮންތާކުން ހޯދާ ފައިސާއެއްހޭ؟ ކޮންތާކުން ޑޮލަރު ހޯދައިގެންހޭ ޑުރަގު އެތެރެ ކުރަނީ. ރުފިޔާ ދީފަހޭ އިމްޕޯޓު ކުރަނީ. ޑުރަގު ފަހާ ނުދުވެ ފައިސާ ފަހާ ދުވަން ވެއްޖެ ނޫންހޭ؟ ދެން ފޮނި ވާހަކަ ނުދެއްކުން ދުރުގަ ހުރުން ރަނގަޅު ވާނީ.
4 0

އަހަންމަދާ

4 ޑިސެމްބަރު 2023
@އާލަކިރި ޑްެރަގު އެއީ ވިޔަފާރި ކުރެވޭ އެއްޗަކަށް ހަދާ އޭގެން ޖީއެސްޓީ ނެގުން ކިހިނެއްވާނެބާ؟ އަހާލި ހަމަ އެއީ ރާވެސް ވިއްކައިގެން އޭގެ ޖީއެސްޓީއާ ސާވިސް ޗާޖް ލިބޭ ދިވެހިންނަށް ދައުލަތަށްވެސް
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް