އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި ގަމުގައި ހުރި ދުވަސްވީ ގަހެއް ކަނޑާލާފައި. (ދައުރު ފޮޓޯ)
އައްޑޫ ގަމުން އެއް ބަޔަކަށް ތަރައްގީ، އަނެއް ބަޔަކަށް 'ތަރައްގޫ'
އައްޑޫ ގަން އެއާޕޯޓަށް ރާސްލާފައި ތަރައްގީ އެބަ ގެނެ އެވެ. އެކަމަކު މިއީ ތަރައްގީ ގެންނަން ރުއްގަސް ކަނޑައި ތިރިކުރާ ފިޔަވައްސެވެ. މުޅި ރަށުގެ މަލަމަތި ބަދަލުވެއްޖެ އެވެ. ގަމަށް އައިސްފައި ހުރި ބަދަލު ފެންނަ ފޮޓޯއަކަށް ހިތްހަމަނުޖެހިގެން މީހަކު ކުރި ކޮމެންޓެއްގައި ސިފަކުރީ މިއީ 'ތަރައްގޫ' ކަމަށެވެ. ކަމެއް ނުވަތަ އެއްޗެއްގެ ދެރަވަރުކަން ބުނެދިނުމުގައި މަޖާޒީ ގޮތަކަށް ވެސް އައްޑޫ މީހުން 'ގޫ' މި ބަސް ބޭނުންކޮށް އުޅޭ ކަމަށްވެ އެވެ. އެހެން މާނައެއް ނެތް ވާހަކައެއް ނޫނެވެ. މި ހާލަތުގައި އެ މީހާއަށް ގަމުގެ ތަރައްގީގެ ފެންވަރު ދަށްވެގެން އެ އޮތީ 'ތަރައްގީ' މި ބަސް، މުޅިން ބަދަލުކޮށްލާފަ އެވެ.
އައްޑު އަތޮޅުގައި އޮންނަ، މުޅި ރާއްޖޭގެ ވެސް އެންމެ ދުވަސްވީ ވައިގެ ބަނދަރު، ގަން އިންޓަނޭޝަނަލް އެއާޕޯޓު އޮތީ ފަޅަށެވެ. އަތޮޅުގެ ފަތުރުވެރިކަމުގައި ދިރުމެއް ނެތެވެ. ސިޔާސީ ބޭފުޅުން ވިދާޅުވިޔަސް، މި އަތޮޅުގެ އަތިރިމައްޗަށް ޕައުންޑާއި ޑޮލަރު ނުލައްގަ އެވެ. ވާނީ ވެސް އެހެންތާ އެވެ. ފަތުރުވެރިންނާ 'ރަހުމަތްތެރި' ބީޗެއް ނުވެސް ނެތީ އެވެ. ރިސޯޓުތަކުގެ ހާލަތު ވެސް 'ދެން އެކަހަލަ' ގޮތެކެވެ. ގިނަ ކޮޓަރިތަކުގައި ބެޑުޝީޓު ބަދަލުކުރަން ޖެހެނީ މީހަކު ނޫޅެތާ ގިނަ ދުވަސްވެ، ހިރަފުސް އަރައިގެންނެވެ.
ފެންނަ ފެނުމަށް މީގެ ކުރިން އައި ސަރުކާރުތަކުން މިކަމަށް ހޯދި ހައްލަކީ ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަން އަޅާނެ ބިން ހިއްކުމާއި އެކި ވަރުވަރުން އެއާޕޯޓު ތަރައްގީ ކުރުމެވެ. ގަން އެއާޕޯޓުގައި ޒަމާނީ އާ ރަންވޭއެއް ފަތުރައިލީ މީގެ މަދު އަހަރުތަކެއް ކުރިންނެވެ. އަދި އިންޓަގްރޭޓަޑް ޓޫރިޒަމް މަޝްރޫއެއްގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރަން ބިން ވެސް ހިއްކި އެވެ. އެ ރަންވޭގައި ޖައްސާ ހަމައެކަނި އިންޓަނޭޝަނަލް އެއާލައިނަކީ ސްރީލަންކަން އެއާލައިންސް އެވެ. އެއީ ވެސް ހަފްތާއަކު ދެ ފަހަރެވެ. ހިއްކި ބިން އޮތް ގޮތަށް ބާއްވާފައި އޭގެ ފަހުން އައި ސަރުކާރުން ވެސް އިތުރު ބިންތަކެއް ހިއްކީ އެވެ. ރިސޯޓުތަކެއް ތަރައްގީކުރަން އަތޮޅުގެ އެކި ދިމަދިމާލުން ބިން ހިއްކައި، އެއާޕޯޓު ތަރައްގީކުރުން ވެސް ހިމެނޭ ބޮޑު މާސްޓަޕްލޭނެއް އެކުލަވައިލި އެވެ.
އިންޑިއާ އެގްޒިމް ބޭންކުން ދަރަންޏަށް ފައިސާ ނަގައިގެން ގަން އެއާޕޯޓު ތަރައްގީކުރާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 4 ޖޫން 2023 ގަ އެވެ. އައްޑޫގެ ބައެއް ރައްޔިތުންނަށް އޭރު ނޭނގުނީ އެ މަޝްރޫއަށް ދައްކަން އޮތް އިތުރު އަގެވެ؛ ގެއްލެމުންދާ ގަމުގެ ފެހިކަމެވެ.
އެތައް އަހަރަކުން ފޯދުނު ގަސްތައް، މުލުން ލުހެލައި، ބައެއް ގަސްތައް ބުޑުން ކަނޑައި ތިރިކުރަމުން އެ ދަނީ މީގެ އަހަރުތަކެއް ފަހުން އައްޑޫ ފުރި ބަންޑުންވާ ވަރަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާކޮށްގެންނެވެ. އެ މީހުންގެ ދަތުރަށް ފަސޭހަކޮށްދިނުމަށް ގަމުގެ މަގު ހަތަރު ލޭނަށް ފުޅާކުރުމަށެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއު
-
އަގު: 29.7 މިލިއަން ޑޮލަރު (455.9 މިިލިއަން ރުފިޔާ)
-
ނިންމަން ދީފައިވާ މުއްދަތު: ދެ އަހަރު
-
އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރުގެ ޒަމާނީ ވަސީލަތްތަކާ އެކު އިންޓަނޭޝަނަލް ޓާމިނަލެއް ތަރައްގީކުރާނެ
-
އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނެއް އަޅާނެ
-
އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާ އެކު ކާގޯ ވަސީލަތްތައް ތަރައްގީކުރާނެ
-
އެއާޕޯޓުގެ މަގުތަކާއި ޕާކިން ސަރަހައްދެއް ތަރައްގީކުރާނެ
އާންމުން: މި ވަރު އަރުވާނުލާ އެއާޕޯޓު ތަރައްގީ ނުވާނެ؟
ގަމަށް ހަދަމުން ދާ ގޮތާ ބެހޭ ގޮތުން ވާހަކަދައްކާލި އައްޑޫގެ ބައެއް މީހުންގެ ފަރާތުން ފާހަގަވީ ހައިރާންކަމާއި މާޔޫސްވުމެވެ. ނޫނީ ރުޅިވެރިކަމެވެ. ބައެއް މީހުންނަށް ކަމެއް ވެގެން އުޅޭކަން ވެސް އެނގުނީ މި ފަހުން ސޯޝަލް މީޑިއާގައި މީހަކު ހިއްސާކުރި ގަމުގެ ފޮޓޯތަކުންނެވެ.
"ރިޔާސީ އިންތިހާބުގެ ފަހު ދުވަސްކޮޅުގައި މި ކަމެއް ފެށީ. އަދިވެސް [ގަސްތައް] ކަނޑަނީ. އަހަރެމެންގެ ހިޔާލެއް، މަޝްވަރާއެއް ނެތި މިކަން މި ކުރަނީ،" ފޭދޫގައި ދިރިއުޅޭ، ހިތަދުއަށް އުފަން އަހްމަދު މަސްއޫދު ބުންޏެވެ.
އާންމުކޮށް ގަމަށް ގޮސް އުޅޭ މަސްއޫދު ބުނީ ގަން މިހާރު އޮތް ގޮތް ފެނުމުން ވަރަށް ދެރަވާ ކަމަށެވެ. ގަސް ކަނޑާތީ އެކަންޏެއް ނޫނެވެ. އޭނާ ބުނާ ގޮތުގައި ގަމުގެ ތާރީހުގެ ބައެއް ވެސް އެއާޕޯޓު މަޝްރޫއަށް ވަނީ 'ފޭރިގެންފަ' އެވެ.
"ރާއްޖޭގެ ތާރީހުގެ މުހިންމު ބައެއް، އެއް ތަނަކުން އެންމެ ބޮޑަށް ފެންނަން މި އޮތީ ގަމުން. އަންނަން އޮތް ޖީލުތަކުގެ ކުދިންނަށް ދެން ނުވެސް އެނގޭނެ އެއީ ކިހިނެއް ހިނގާދިޔަ ކަންތައްތަކެއް ކަން ވެސް،" މަސްއޫދު ބުންޏެވެ.
"އިނގިރޭސިން އުޅުނު އެހެން ގައުމުތަކުގައި ވެސް މި ކަހަލަ ތަންތަނުގެ އަސްލު ނުގެއްލޭ ގޮތަށް ތަރައްގީ ގެނެސްފައި އޮތީ."
ގަން މިހާރު އޮތް ގޮތް ދައްކުވައިދޭ ފޮޓޯތަކަކާ އެކު މީހަކު ފޭސްބުކްގައި ހިއްސާކުރި ޕޯސްޓަކަށް އާންމުން ކުރި ބައެއް ކޮމެންޓުތައް މި ތަނުގައި ލިސްޓުކޮށްލާނަމެވެ.
-
"ނަލަނަލަ އައްޑޫ މިހާރު ނަލައެއް ނޫން"
-
"ސުބުހާނަﷲ އައްޑޫގައި އޮތް އެންމެ ހިތްގައިމު ތަން ސުންނާފަތި އަރުވާލާފައި މި އޮތީ"
-
"ކަމެއް ކުރަން ފަށާއިރަށް ތިމާވެށީގެ މަންމަމެންނާއި ބައްޕަމެން ފާޅުވަނީ ދޯ؟"
-
"މިއީ މިހާރު ކޮން ކަމެއް ނުވެގެންނޯ؟"
-
"ތަރައްގީ ވާނީ ގަސް ކަނޑައިގެން"
-
"ސިންގަ-ޕުއާ (ފަގީރު)"
ގަމުގައި ހުރި ބިޔަ ގަސްތައް ކަނޑާލުމުން ދެން ހިޔަލެއް ނުލިބޭނެ ކަމުގެ ޝަކުވާ ކުރި މީހުން ވެސް މަދެއް ނޫނެވެ. އެއާ އެކު އެ ގެއްލިގެންދަނީ ދޮންދީންޏާއި އެހެން ދޫނިސޫފާސޫފި ހާލި ހަދާނެ މާހައުލު ކަމަށް ބުނެ ވެސް ޝަކުވާކުރި އެވެ.
"ފަނާވެފައި އޮތް ވައްތަރު ޖަހަނީ. އެކަމަކު ވެސް މަގު ހަދަން ޖެހިއްޖެއްޔާ ދެން މަގު ހަދާނެ،" އައްޑޫ ވިޔަފާރިވެރިޔަކު ބުންޏެވެ.
ގަމުގެ ޒަމާންވީ މަލަމައްޗަށް ބަދަލު އަންނާތީ ހިތްދަތިވިޔަސް، އޭނާ ދެއްކި ވާހަކަތަކުން ދޭހަވަނީ ކޮންމެވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމެވެ.
"އިނގިރޭސިންގެ ޒަމާނުގައި، އެ މީހުން ގަމުގެ ގަސްތައް ޓްރިމްކޮށް، ވަރަށް ރީއްޗަށް މި ތަން ބެލެހެއްޓި. އެކަމަކު މިހާރު ބައެއް ގަސްތައް އެ ހުރީ އޭގެ މިންގަނޑަށް ވުރެ މާ މައްޗަށް ގޮސްފައި،" އޭނާ ބުންޏެވެ.
އާންމުންގެ ނަޒަރުގައި މުޅި ގަން އެ އޮތީ ސުންނާފަތި ކޮށްފަ އެވެ. ނަމަވެސް އައްޑޫގެ ބައެއް ކައުންސިލަރުންނާއި މި މަޝްރޫއު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ)ގެ ވިސްނުން ހުރީ އެހެން ގޮތަކަށެވެ.
"ގަމަކީ އެއާޕޯޓެއް؛ 'ބާޑް ސެންކްޗުއަރީ' އެއް ނޫން"
ގަމަށް އަންނަ ބަދަލުތަކާ މެދު އާންމުންގެ ހުރި ބައެއް ޝަކުވާތަކާއި ކަންބޮޑުވުންތަކާ ބެހޭ ގޮތުން އޭއައިއޭގެ އޮފިޝަލެއްގެ ގާތުން ސުވާލުކުރީމެވެ. މި މައުލޫއުގެ ގޮތުން އޭނާ ނަން ޖަހަން އެއްބަހެއް ނުވި އެވެ.
ގަމަކީ ޒަމާނުއްސުރެ ފެހިކަން ގަދަކޮށް، ވަރަށް ރީތިކޮށް އޮންނަ ތަނެއް ކަމަށް އޭނާ ވެސް އެއްބަސްވެ އެވެ. ނަމަވެސް މިއީ ބައެއް މީހުން ހީކުރާހާ ދުވަސްވީ ގަސްތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އިނގިރޭސިން އައިސް އެއާޕޯޓު ތަރައްގީކުރީ ވެސް މުޅި ގަން އެއްކޮށް ކަހަލަ ގޮތަކަށް ހަނަފަސްކޮށްލާފައި. އެހެންވީމަ އޭގެ ފަހުން ހެދިފައި ހުރި ގަސްތައް މިއީ،" އޮފިޝަލް ވިދާޅުވި އެވެ.
މި މަޝްރޫއާ ބެހޭ އީއައިއޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި:
-
ގަމުގެ ޑިވެލޮޕްމަންޓް ޕާތުވޭ (މަގު ފުޅާކުރުން، އެކި އިމާރާތްތައް އަޅާ ސަރަހައްދު)ގައި ހުރި ގަސްގަހާގެހީގެ އަދަދު - 129
-
އެއާސައިޑް ޑިވެލޮޕްމަންޓް ސަރަހައްދުތަކުގައި ހުރި ގަސްގަހާގެހީގެ އަދަދު - 18
-
ދުވަސްވެގެން ގޮސް ހިމާޔަތް ކުރަން ޖެހޭވަރުގެ ގަހެއް، ޕްރޮޖެކްޓު ސައިޓުގައި ނެތް
-
ގަމުން މިހާރު ފެންނަ އެންމެ ދުވަސްވީ ގަސްގަހުގެ އުމުރަކަށް ވާނީ 63 އަހަރު ކަމަށް އޭއައިއޭއިން ބުނެފައިވޭ
އޮފިޝަލް ވިދާޅުވި ގޮތުން ނަމަ އައްޑޫގެ މާސްޓާ ޕްލޭން އެކުލަވާލާފައި ވަނީ ކުރިއަށް އޮތް 15-20 އަހަރަށް ވިސްނައި، ފަސް ވަރަކަށް އަހަރުގެ ތެރޭގައި ބަދަލުތަކެއް އަންނާނެ ކަމަށް ބަލައިގެންނެވެ.
"ގަމުގެ މަގު ހަނިވީމަ، މަގު ފުޅާކުރަން ނިންމައިގެން ގަސްތައް ކަނޑަނީ. އެއީ އައްޑުއަށް ފަތުރުވެރިކަމުގެ 8،000 އެނދު އިތުރުކުރާތީ، އެއާ އެކު ޓްރެފިކް ވެސް ބާރުބޮޑުވާނެ ކަމަށް ބަލައިގެން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި މަޝްރޫއު ރޭވީ އަދި ކުރިއަށް ގެންދަނީ، އެންމެ ގެއްލުން ކުޑަވާނެ ގޮތަށް ބަލައިގެން، ކައުންސިލާއި އެކި މިނިސްޓްރީތަކާއި އެ ނޫނަސް ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެންނެވެ.
"ދެން ދޫނީގެ ހާލިތަކުގެ ވާހަކަ. މިއީ ބާޑް ސެންކްޗުއަރީއެއް ނޫން. ފުރަތަމަ ކަމަކަށް ފްލައިޓް އޮޕަރޭޝަނަށް ވެސް ނުރައްކާ ކަމެއް އެއީ [ދޫންޏަކީ]،" މި ފަހުން ރާއްޖޭގެ އެހެން ސަރަހައްދެއްގައި ހިނގި އެފަދަ ހާދިސާއަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.
"ދުވަސްވީ ވަރުން ވަރަށް ހޮލޯކޮށް، ބަލިކަށިކޮށް ހުރި ގަސްތައް ވެސް އެބަހުރި. މޫސުން ގޯސްވެ ވައި ގަދަވާ ހާލަތްތަކުގައި ވެއްޓުމުގެ ފުރުސަތު އޮތް ގަސްތައް އެއީ. މީގެ ކުރިން ވެސް އެބަހުރި ބޮޑެތި ގޮފިތައް ވެއްޓި، އެކި ކަހަލަ ގެއްލުން ލިބިފައި."
އިނގިރޭސިން ގަމުގައި އުޅުނު ޒަމާނުގައި އަޅާފައި ހުރި ބައެއް އިމާރާތްތައް ވެސް، މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ސަރަހައްދުގެ ތެރެއަށް ވަންނާތީ މިހާރު ވަނީ ތަޅާލައިފަ އެވެ. އޭގެ ކުރިން އެ ތަންތަނުގައި ހުރި ބޭނުން ހިފޭ ލަކުޑި ކަހަލަ ސާމާނު އާންމު ފަރާތްތަކަށް ވަނީ ނީލަމުގައި ވިއްކާލައިފަ އެވެ.
"އެއީ އަރިމަތީގައި ވީރާނާވާން ދޫކޮށްލާފައި ހުރި، އެއްވެސް ބޭނުމެއް ނުކުރާ އިމާރާތްތަކެއް. އަލަށް ތަރައްގީކުރާ މަގު ދާނީ އެ ދިމާލުން. އެހެންވީމަ އެކަހަލަ ދުވަސްވީ އިމާރާތްތައް ވެސް ނަގަން ޖެހޭ އެބަ،" އޭއައިއޭގެ އޮފިޝަލް ވިދާޅުވި އެވެ.
"އެހެން ނަމަވެސް ހެރިޓޭޖުގެ ގޮތުގައި ބެލެވޭ އެއްވެސް ތަނެއް ގެއްލުވާލާފައި ނުވާނެ."
ގަމުގައި އިނގިރޭސިން އެޅި ސިނަމާ ތަޅާލަން އުޅޭކަމުގެ އަޑު ފެތުރިފައި އޮތް ނަމަވެސް، އޮފިޝަލް ވިދާޅުވީ ސިނަމާ ހުންނަނީ މި މަޝްރޫއު ހިންގާ ސަރަހައްދުގައި ނޫން ކަމަށެވެ. އީއައިއޭ ރިޕޯޓުގައި ވެސް ސިނަމާގެ ވާހަކަ ފާހަގަކޮށްފައެއް ނުވެ އެވެ. ކިރިޔާ ވެސް ޕްރޮޖެކްޓު ސައިޓާ ކައިރި އާސާރީ ތަނެއްގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ގަމުގައި ހުންނަ ހުކުރު މިސްކިތެވެ. އެ ތަނަށް ގެއްލުމެއް ނުވާނެ ގޮތަށް މަޝްރޫއު ކުރިއަށް ގެންދަން ލަފާދީފައިވެ އެވެ.
އެއާޕޯޓު ސަރަހައްދުގައި ގަސްތައް ބަހައްޓަން ޖެހޭނީ ވަކި އުސްމިނެއްގައިކަން ފާހަގަކުރައްވައި އޮފިޝަލް ވިދާޅުވީ ގަން މިހާރު އޮންނަނީ އެއާޕޯޓުތަކާ ބެހޭ ބައިނަލްއަގްވާމީ ގަވާއިދުތަކަށް ނުފެތޭ ގޮތަށް ކަމަށެވެ. އެ ވިދާޅުވާ ގަވާާއިދުތަކަށް ފައްތައިގެން ގަން ތަރައްގީ ކުރަމުން އަންނައިރު، އޭނާ ވިދާޅުވީ މަޝްރޫއު ނިމޭއިރު ރަށް ފެންނާނީ ވަރަށް ތަފާތުކޮށް ކަމަށެވެ.
"ނިމޭއިރު ވަރަށް ހިތްގައިމު ވާނެ. އެކަމަކު ކުރިން ހުރި ގޮތަކަށް ނޫން ހުންނާނީ. ހިޔާ ލިބޭ ބޮޑެތި ގަސްތައް ހުންނާނެ ކަމަށް ބަލައިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
"ގެންނަންވީ ފަތުރުވެރިން؛ ފުޅާ ހައިވޭއެއް ނޫން"
އޭއައިއޭގެ ބައެއް ވާހަކަތައް އައްޑޫގެ ބައެއް އާންމުންނާއި ވިޔަފާރިވެރިން ގަބޫލެއްނުކުރެ އެވެ. ދެކޮޅުހަދާ މީހުންނަށް އެއީ ސިޔާސީ ކުލަ ޖައްސާފައިވާ، ދެކޮޅު ނުޖެހޭ ވާހަކަތަކެކެވެ. އައްޑޫގެ ތަރައްގީއޭ ކިޔައިގެން ސިޔާސީ ބޭބޭފުޅުންނާއި އެކި ސަރުކާރުތަކުން ދެއްކި، ހަގީގަތަކަށް ނުވި ހުވަފެންތަކަކީ ބައެއް މީހުންނަށް ބޮޑު 'ސްކޭމް'އެކެވެ.
"މުޅި ގަން ހަލާކު އެ ކުރަނީ. ކޮބައިތަ ތިމާވެށީގެ ކަންކަމުގެ އަޑު އުފުލާ މީހުން؟ ތާރީހީ ތަންތަން ހުރި، ވެޖިޓޭޝަން ހައި ތަނެއް ގަމަކީ. މިހާރު ހަނަފަސް ސަހަރާއަކަށް ހަދާފައި އެ އޮތީ،" ހަފްތާއަކު ދެތިން ފަހަރު އައްޑުއަށް ގޮސް އުޅުއްވާ އޭސް އޭވިއޭޝަންސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި އެވެ.
"ކޮންމެހެން [މިވަގުތު] ބޮޑު މަގެއް ހަދާކަށް ނުޖެހޭ. ފަތުރުވެރިން ތިބޭނެ ތަންތަނާއި ކުރާނެ ކަންކަން ބޭނުންވަނީ."
މި މައުލޫގައި ފިރާގުގެ ހުރި ކަންބޮޑުވުންތައް ބަންޑުންކޮށްލެއްވި އެވެ. މިދިޔަ އަހަރު ވެސް ގަން އެއާޕޯޓުން ޔުޓިލައިޒް ކުރެވުނީ އެންމެ %8 ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ "މިއުޅެނީ ގަން އެއާޕޯޓު ކުޑަވެގެން ނޫން" ކަމަށެވެ. ކުރާނެ ކަމެއް ނެތުމުގެ އިތުރަށް ފިރާގު ނެންގެވީ އައްޑޫގައި ޓޫރިސްޓުންނަށް ބީޗެއް ނެތް މައްސަލަ އެވެ.
"އެކަމެއް ނުވި. ކައުންސިލުން ބުނަނީ ހައުސިން މިނިސްޓްރީން ހުއްދަ ނުދެނީއޭ. ހައުސިންއިން ބުނަނީ ކައުންސިލުން ކަމެއް ނުކުރަނީއޭ،" ފިރާގު ވިދާޅުވި އެވެ.
"ފަތުރުވެރިންނަށް ހާއްސަ ބީޗެއް ނެތް. ދެން ހުރީ އާންމު މޫދު ސަރަހައްދު. އެ ތަންތަނަށް މޫދަށް އެރުނީމަ ޕޮލިހުން އައިސް މޫދުން އެބަ ނަގާ އެ މީހުން."
ފިރާގު ވިދާޅުވީ ކުރިން ވަރަށް ރަނގަޅަށް އޮތް ޑައިވް ސައިޓު ވެސް ބިން ހިއްކުމުގެ ސަބަބުން ދިޔައީ ކަމަށެވެ.
އަނެއް މައްސަލައަކީ ކަނެކްޓިވިޓީގެ މައްސަލަ އެވެ. ފިރާގުގެ އޭސް އޭވިއޭޝަނުން ޖީއެސްއޭއެއްގެ ގޮތުގައި އޮވެ، ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް އައްޑުއަށް ކުރަމުން އަންނަތާ ހަތް އަހަރު ވީ އެވެ.
"ހަތް އަހަރު މިވީ މޯލްޑިވިއަންގައި، ހުވަދުއަށް ކަނެކްޝަނެއް ދޭށޭ ކިޔައިގެން އާދޭސް ކުރާތާ،" އޭނާ ވިދާޅުވި އެވެ.
އެއީ ކުރިން ވާހަކަދެއްކެވި އޭއައިއޭ އޮފިޝަލް ވެސް ފާހަގަކުރެއްވި މައްސަލައެކެވެ. އޭނާ ވިދާޅުވި ގޮތުގައި ބޭރުގެ އެއާލައިނަކުން ގަމަށް އުދުހޭތާ ހަތް އަހަރު ވީއިރު، އައްޑޫން (ކަނެކްޓިވިޓީ ފްލައިޓަކުން) ހުވަދުއަށް ދިޔަ އެންމެ ފަތުރުވެރިޔަކު ވެސް ނެތެވެ.
އައްޑުއަށް 8،000 އެނދު އިތުރު ކުރެވި، ޓޫރިޒަމްގެ މަޝްރޫއުތައް ނިމުމުން، އޭނާ ވިދާޅުވި ގޮތުގައި، އެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ އެވެ.
މި ހުރިހާ ވާހަކަތަކަށް ފަހު އަނެއްކާވެސް ހަނދާންވީ ފޭސްބުކް ޕޯސްޓުން ފެނުނު ކޮމެންޓެވެ. ގަމުގެ ފޮޓޯތަކަށް 'ތަރައްގޫ'އޭ ޖަހާފައި މީހަކު ކުރި ކޮމެންޓެވެ. ތަރައްގީއަކީ ބަދަލެވެ. ބަދަލަކީ ރަނގަޅު އެއްޗެއް ނުވަތަ ނޫންކަން އެނގެން ވަގުތު ނަގާނެ އެވެ. ގަން ތަރައްގީ ކުރާ ގޮތް ކަމުދާ މީހުން، އެކަމާ ދެކޮޅުހަދާ މީހުންނަށް ބުނަނީ 50 އަހަރު އޮތް ގޮތަށް ގަން ބާއްވައިގެން ދޫކޮށްލެވެން ނެތް ކަމަށެވެ. ގަސްތަކެއް ކަނޑައިގެން ވިޔަސް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އެއީ އެ މީހުން ސިފަކުރާ ތަރައްގީ އެވެ.
އެކަމާ ދެކޮޅު ހަދާ މީހުންނަށް އެއީ 'ތަރައްގޫ' އެވެ.
ކޮމެންޓް (5)
ޢަލީ
އަހުދު
އިންޑިޔާ މީހާ
ހަަޖަރާ
މާލެ އަހްމަދު