'ދައުރު'ގެ މެނޭޖިން އެޑިޓަރު ހިރިގާ އަހުމަދު ޒާހިރު (ވ)އަށް އެމްއެމްސީގެ އެވޯޑް، މިނިސްޓަރު އިބްރާހިމް ވަހީދުގެ އަތްޕުޅުން ދެއްވަނީ (ދަޓޯ/ހުސެން ސުނޭން)

ނޫސްވެރިކަން

ހިރިގާ ޒާހިރުގެ ދިގު މުއްދަތުގެ ހިދުމަތް: ނޫސްވެރިންނަށް މުހިންމު ތަޖުރިބާއެއް

ހިރިގާ ޒާހިރަކީ ރާއްޖޭގެ އެންމެ ފުރަތަމަ އަމިއްލަ ފުލްޓައިމް ނޫސްވެރިން އުފެދެން ފެށީއްސުރެ މިހާރު ވެސް ހިދުމަތުގައި ހުންނެވި ބޭފުޅެއް
26 ނޮވެމްބަރު 2023
1

ރާއްޖޭގެ އަމިއްލަ މީޑިއާތަކުގައި ފުލްޓައިމް ނޫސްވެރިން ދާއިމީ ގޮތެއްގައި އުފެދެން ފެށީ 1990ގެ ކުރީކޮޅުގަ އެވެ. އޭރުގެ 'ހަވީރު'އާ ގުޅުނު ޒުވާން ނޫސްވެރިން، ދިރިއުޅުމުގެ މަސައްކަތެއްގެ ގޮތުގައި ނޫސްވެރިކަން ހިޔާރުކުރި އިރު، އޭގެ ތެރެއިން އެއް ބޭފުޅަކީ، ހިރިގާ އަހުމަދު ޒާހިރު އެވެ.

ރޭ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން 'ހަޔާތުގެ އަރުތައިގެ އެވޯޑް' ނުވަތަ ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ އެވޯޑް ހިރިގާ ޒާހިރަށް ލިބިވަޑައިގަތުމަކީ، އޭނާގެ އެ ދިގު މުއްދަތުގެ އަގުވަޒަންކުރުމެވެ.

ނޫސްވެރިކަމުގެ މިނިވަންކަން އޭރު ނެތް ނަމަވެސް އިޖުތިމާއީ އަދި ވިޔަފާރީގެ މައްސަލަތަކަށް ހިރިގާ ޒާހިރު ހާއްސަ ސަމާލުކަމެއް ދެއްވި އެވެ. ރައްޔިތުންގެ މަޖިލިހުގެ މަސައްކަތްތަކަށް ޝައުގުވެރިކަން ބެހެއްޓެވި އެވެ. ލިއުންތައް ލިއުއްވި އެވެ.

'ހަވީރު'ގައި ހިރިގާ ޒާހިރު ވަނީ މެނޭޖްމަންޓްގައި ވެސް އިސް ދައުރެއް އަދާކުރައްވައިފަ އެވެ. އެ ނޫހުން 2010ގައި ވަކިވެވަޑައިގެންނެވި އިރު ހުންނެވީ މެނޭޖިން އެޑިޓަރުގެ މަގާމުގަ އެވެ.

'ހަވީރު'ގައި މަސައްކަތްކުރެއްވި އިރު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިރިގާ އަހްމަދު ޒާހިރު ސުވާލުކުރައްވަނީ (ހިރިގާ)

ހިރިގާ ޒާހިރާ އެކު އޭރު 'ހަވީރު'ގައި އޭރު އޮތް ނޫސްވެރިންގެ ޓީމުން ރާއްޖޭގެ ނޫސްވެރިކަމަށް ވަރަށް ތަފާތު ބަދަލުތައް ގެނަ އެވެ. ނޫސްވެރިކަމުގެ އެކި ވައްތަރުގެ ލިއުންތައް ކިއުންތެރިންނާ ހަމައަަށް އާންމުކުރި އެވެ. ރިޕޯޓްތަކާއި ފީޗާ ރިޕޯޓްތަކާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ތަފާތު ލިއުންތައް ގަވައިދުން، ދާއިމީ ގޮތެއްގައި ގެނެސްދިން ޓީމުގެ ބައެއް ނޫސްވެރިން ބުނާ ގޮތުން ނަމަ 'ހިރިގާއަކީ އަބަދުވެސް އަހަރެމެންގެ އެއް ބައިވެރިޔާ' އެވެ.

'ހަވީރު'އަށް ފަހު ހިރިގާ ގުޅިވަޑައިގަތީ ސަން އޮންލައިންއާ އެވެ. އެތަނުގައި ވެސް އޭނާ ގެންދެވީ މެނޭޖްކުރެއްވުމާ އެކު ނޫސްވެރިކަމުގެ އަމަލީ ކަންކަމުގައި، ޒުވާން ނޫސްވެރިންނެކޭ އެއްގޮތަށް، ބައިވެރިވެވަޑައިގަންނަވަމުންނެވެ. 

މަސްދަރު ހާމަކުރަން ޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި މިދިއަ އަހަރު އޮތް އަޑުއުފުލުމެއްގައި ހިރިގާ ޒާހިރު (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސަންގައި 11 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވުމަށް ފަހު 'ދައުރު' އުފައްދަން އެތަނުން ވަކިވެވަޑައިގަތީ 2021ގަ އެވެ. މިއަދު ހިރިގާ ޒާހިރަކީ 'ދައުރު'ގެ މުހިންމު އެއް ބައިވެރިޔާ އެވެ. ޒުވާން ނޫސްވެރިންގެ ޓީމެއް އޮތް މި ނޫހުގައި އޭނާގެ އެހީތެރިކަމާއި އިރުޝާދާއި މަގު ދެއްކުން ވަރަށް މުހިންމެވެ. މީގެ 34 އަހަރު ކުރިއެކޭ އެއްފަދައިން ހަމަ ކޮންމެ ދުވަހެއްގެ މަސައްކަތަކީ އަދިވެސް ނޫސްވެރިކަމެވެ.

ހަމައެކަނި ނޫސްވެރިއެއްގެ ނަން ހިއްޕަވައިގެން ހިރިގާ ޒާހިރު އުޅުއްވީކީ ނޫނެވެ. ނޫސްވެރިކަމުގެ މިނިވަންކަން ލިބުމަށް ފަހު އެ މިނިވަންކަން ހިމާޔަތްކުރެއްވުމުގެ ކަންކަމުގައި ވެސް ވަރަށް އިސް ދައުރެއް އަންނަނީ އަދާކުރައްވަމުންނެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ކިރިޔާ ހުރަހެއް ދިމާވިޔަސް އެކަމާ ދެކޮޅަށް ނުކުންނަ ނޫސްވެރިންގެ ތެރޭގައި އޭނާ ހިމެނޭނެ އެވެ. 

މަސައްކަތުގެ ހަޔާތުގެ އެންމެ ބޮޑު ބައި ނޫސްވެރިކަމުގައި ހޭދަކުރެއްވި މަދު ނޫސްވެރިންގެ ތެރޭގައި ހިރިގާ ޒާހިރު ފަދަ، ތަޖުރިބާކާރުން އަދިވެސް ތިއްބެވުމަކީ، ނޫސްވެރިކަމުގެ ޒުވާން ޖީލަށް އޮތް ރަނގަޅު ފިލާވަޅެކެވެ. 'ދައުރު'ގެ ނޫސްވެރިން އެކަމާ ހިތްހަމަޖެހެ އެވެ. ރޭ ހިރިގާ ޒާހިރަށް ލިބިވަޑައިގެންނެވި އެވޯޑަކީ 'ދައުރު'އަށް ވެސް ކާމިޔާބީއެކެވެ.

ކޮމެންޓް (1)

މުރަކަ

27 ނޮވެމްބަރު 2023
މަރުހަބާ ހިރިގާ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް