
އަބްދުއްރަހީމްގެ އިންޓަވިއު: އާ ސަރުކާރު ބާރަށް ދުއްވައިގަންނަން ތައްޔާރަށް؛ ތަފާތު ފެންނާނެ
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަންނަވަން މިހާރު ދެން އޮތީ ބަރާބަރު އެއް ދުވަހެވެ. ހުކުރު ދުވަހުގެ ހަވީރު 4:30ގައި ޖުމްހޫރީ މައިދާނުގައި އިންތިހާބީ ރައީސް މުއިއްޒު ވެރިކަމުގެ ހުވާކުރައްވާއިރު ސަރުކާރު އެކުލަވާލުމުގެ އެންމެ ފަހުގެ ތައްޔާރީތަކުގައި އިންތިހާބީ ރައީސްގެ އޮފީސް އެ އުޅެނީ ވަރަށް އަވަދިނެތި އެވެ.
އިންތިހާބީ ރައީސް މަގާމާ ހަވާލުވެވަޑައިގަތުމުގެ ފަހު ވަގުތުތައް ގުނަމުން އަންނައިރު އިންތިގާލީ އޮފީހުގެ ވެރިޔާ، ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲއަށް ވެސް މިއީ އާދަޔާ ހިލާފު އުފާވެރިކަމަކާއި ހިތްހަމަޖެހުމުގެ ވަގުތުތަކެކެވެ. ފަސް އަހަރު މަގުމަތީގައި އުޅުއްވުމަށް ފަހު، ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބޭތީ އެ ކަމުގެ ހިތްހަމަޖެހުން އޭނާއަށް އޮތަސް، ކުރިމަތީ އޮތް ޒިންމާ ވެސް ބޮޑުކަން އޭނާ ހުންނެވި ގަބޫލުކުރައްވައިގެންނެވެ.
'ދައުރު'އަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، އިންތިގާލީ މަރުހަލާގެ މައިގަނޑު މަސައްކަތްތައް މިހާރު ވަނީ އޭނާ ހިތްހަމަޖެހިވަޑައިގަންނަވާ ފެންވަރަށް އެކީހެން ނިންމާލެވިފަ އެވެ. މިހާރު ހަމައެކަނި ކުރިއަށް ދަނީ އެންމެ ފަހުގެ ލިޔެކިޔުންތައް ބަދަލުކޮށް، ސަރުކާރާ ހަވާލުވުމުގެ ކަންކަން ރަސްމީ ކުރުމުގެ ބައެވެ.

އެއްވެސް ކަމެއް މިހާރު ނުނިމިއެއް ނެތް. އަޅުގަނޑުމެން މި ތިބީ ރައްޔިތުން އެދޭ ގޮތަށް އެ ބޭފުޅުންގެ ވެރިކަމެއް ގާއިމްކުރަން ތައްޔާރަށް.
އަބްދުއްރަހީމް ވިދާޅުވަނީ އޭނާ ހުންނެވީ ކުރެއްވުނު މަސައްކަތްތަކާ ދޭތެރޭ ފުރިހަމަ ޔަގީންކަމާ އެކު، ހިތްހަމަޖެހިވަޑައިގެންނެވެ. އަދި ސަރުކާރުގެ އޮނިގަނޑު އެކުލަވާލައި ކެބިނެޓާއި އިތުރު މަގާމުތަކާއި ކުންފުނިތަކުގެ ވެރިންނަށް އައްޔަން ކުރާނޭ ފަރާތްތައް ވެސް މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ފުރަތަމަ ދުވަހުން ފެށިގެން ވެސް އާ ސަރުކާރަށް އަމާންކަމާއި ފަސޭހަކަމާ އެކު މަސައްކަތް ފަށައިގަނެވޭ ވަރަށް ތައްޔާރީތަކާއި އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމުގެ ޔަގީންކަން އަބްދުއްރަހީމް ދެއްވި އެވެ.
"ހުރިހާ ގޮތަކުން އަޅުގަނޑުމެން ތައްޔާރަށް މި ތިބީ ސަރުކާރާ ހަވާލުވެ، ބާރު ދުވެލީގައި މަސައްކަތްތައް ފަށަން. މިވީ ދުވަސްކޮޅު ކުރެވުނު މަސައްކަތްތަކުން ހުރިހާ އިންތިޒާމްތަކެއް އަޅުގަނޑުމެންނަށް ހަމަޖެއްސިއްޖެ. ވަރަށް އިތުބާރާއި ޔަގީންކަމާ އެކު އާ ސަރުކާރު ފަށަން މި ތިބީ ތައްޔާރަށް،" ސްޓެލްކޯގައި ގާއިމްކޮށްފައިވާ އިންތިގާލީ އޮފީހުގައި ވަރަށް ހަމަޖެހިލައިގެން އިންނަވައި އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ހުވާކުރުމުގެ ހަފްލާއަށް ފަހު އެ ރޭ 7:30 އެހާއިރު މުޅި ކެބިނެޓު ހުވާކުުރުމުގެ ކަންކަން ވެސް ކުރިއަށްދާނެ އެވެ. އަދި އެއަށް ފަހު، ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި އެކި މަގާމުތަކަށް ބޭފުޅުން ކުންފުނިތަކަށް ވެސް ވެރިން ހަމަޖައްސާނެ އެވެ.
"އެއްވެސް ކަމެއް މިހާރު ނުނިމިއެއް ނެތް. އަޅުގަނޑުމެން މި ތިބީ ރައްޔިތުން އެދޭ ގޮތަށް އެ ބޭފުޅުންގެ ވެރިކަމެއް ގާއިމްކުރަން ތައްޔާރަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ މިއަދު ވިދާޅުވީ ސަރުކާރުގެ އޮނިގަނޑު އެކުލަވާލުމުގައި 700އަށް ވުރެ ސިޔާސީ މުވައްޒަފުން އިތުރު ނުކުރުމަށް ސަމާލުކަން ދީފައިވާ ކަމަށެވެ. އަދި އިންތިހާބީ ރައީސްގެ ބަސްފުޅާއި އަމަލުފުޅު ސަރުކާރު އެކުލަވާލުމުގައި ވެސް ދިމާވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އާ ސަރުކާރު އެކުލެވިގެން މި އަންނަނީ ރައީސްގެ ނިންމެވުންތަކާ އެއްގޮތަށް. އެ މަނިކުފާނުގެ ފުރިހަމަ އިހުތިޔާރުގައި އެ މަނިކުފާނަށް އިތުބާރު ކުރެއްވޭ ގާބިލް ޓީމަކާ އެކު އުފެދޭ ސަރުކާރެއް މިއީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
'ބައެއް މައުލޫމާތު ނުލިބުނު'
އަބްދުއްރަހީމް ވިދާޅުވީ އިންތިގާލީ މަރުހަލާގެ ކަންކަން ކުރިއަށް ގެންދަން އެކުލަވާލި ކޮމިޓީތަކުން ބުރަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އަދި އާ ސަރުކާރާ ހަވާލުވާން ހޯދަން ޖެހޭ ހުރިހާ މައުލޫމާތެއްހެން ހޯދާ ދިރާސާތައް ހެދުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އާ ސަރުކާރު އެކުލެވިގެން މި އަންނަނީ ރައީސްގެ ނިންމެވުންތަކާ އެއްގޮތަށް. އެ މަނިކުފާނުގެ ފުރިހަމަ އިހުތިޔާރުގައި އެ މަނިކުފާނަށް އިތުބާރު ކުރެއްވޭ ގާބިލް ޓީމަކާ އެކު އުފެދޭ ސަރުކާރެއް މިއީ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޖުމްލަ ގޮތެއްގައި ސަރުކާރު ބަދަލުވުމަށް މިހާރުގެ ސަރުކާރުން އެއްބާރުލުން ދިނެވެ. ނަމަވެސް، ލިބެން ޖެހޭ ބައެއް މައުލޫމާތުތައް ކުރި މަސައްކަތުން ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އާ ސަރުކާރު އެކުލަވާލުމަށް ހުރަހަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވި ބައެއް ކަންކަމަކީ:
-
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު މުޅިން ސާފު ނުވުން
-
ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ހިސާބުކިތާބުތައް
-
ސަރުކާރުން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ބައެއް ލޯނުތަކުގެ މައުލޫމާތުތައް
"އަޅުގަނޑުމެން ދެން ސަރުކާރާ ހަވާލުވުމަށް ފަހު އެ ކަންކަން އޮޅުން ފިލުވައިގެން ކުރިއަށް ދެވޭނެ. އެ މައުލޫމާތުތައް ނުދީ ހުއްޓަސް އެއީ އާ ސަރުކާރު ބާރަށް ހިނގައިގަންނަން ޗެލެންޖަކަށް ނުވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
'އެންމެ ބޮޑު ތަފާތަކަށް ވާނީ ތަފާތުނުކުރުން'
އަލަށް އުފެދޭ މުއިއްޒުގެ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ ބޮޑު ތަފާތަކަށް ވާނީ ކޮބައިތޯ ސުވާލުކުރުމުން އަބްދުއްރަހީމް އެ ސުވާލަށް އޮތީ ވަރަށް ކުރު ޖަވާބެކެވެ. އޭނާ ވިދާޅުވީ މުއިއްޒުގެ ސަރުކާރު ވާނީ ހަރަދު ކުޑަކޮށް ކޮންމެހެން ބޭނުންވާ މުވައްޒަފުން ނަގައިގެން ރައްޔިތުންނަށް ހިދުމަތް ކުރަން އެކުލަވާލެވޭނެ ސަރުކާރަކަށް ކަމަށެވެ.
"މިއީ ރައްޔިތުންނަށްޓަކައި ރައްޔިތުންނަށް ހިދުމަތް ކުރަން އެކުލަވާލެވޭ ސަރުކާރެއް. މި އުފެދެނީ ހަގީގީ ރައްޔިތުންގެ ސަރުކާރެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ މުއިއްޒުގެ ސަރުކާރު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނާނީ އެއްވެސް ފަރާތަކަށް ތަފާތުނުކުރުމަށް ކަމަށެވެ. އެގޮތުން، ވަކި ފިކުރަކަށް ނިސްބަތްވީތީ ތަފާތުކޮށް ބިރު ދެއްކުން ފަދަ އަމަލުތަކުން އާ ސަރުކާރު ދުރުހެލިވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރައްޔިތުން އެދޭ ރައްޔިތުންގެ ވިންދާ އެގޮތަށް މި ސަރުކާރުން ވެރިކަން ކުރާނޭ ކަމާ މެދު ޝައްކު ނުކުރެއްވުމަށް އަބްދުއްރަހީމް އެދިވަޑައިގެންނެވި އެވެ.
"އަމަލާއި ބަހާ ދިމާވާނޭ، ތަފާތު ގާބިލް ތައުލީމީ ރައްޔިތުންގެ ވިންދާ އެކު ގާއިމްވާ ސަރުކާރަކަށް މި ސަރުކާރު ވެގެންދާތަން ތިބޭފުޅުންނަށް ފެންނާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
'މިއީ އަމިއްލަ ފަހުރެއް ނޫން؛ ރައްޔިތުންގެ ކާމިޔާބެއް'
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، އިންތިގާލީ އޮފީހުގެ ވެރިޔާގެ ހައިސިއްޔަތުން ކުރެވުނު މަސައްކަތާ މެދު ވަރަށް ހިތް ހަމަ ޖެހެ އެވެ. އެފަދަ މަސައްކަތެއް ކުރުމަށް ލިބުނު ފުރުސަތު އޭނާ ދެކެނީ ފަހުރެއްގެ ގޮތުގައި ނޫން ކަމަށް ވިދާޅުވި އެވެ. އޭގެ ބަދަލުގައި އޭނާއަށް އަދި ގައުމަށް ހެޔޮ އެދޭ ހުރިހާ ރައްޔިތުންނަށް ލިބުނު ކާމިޔާބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑަށް ލިބުނު ޝަރަފެއް ކަމަކަށް ނޫން މިކަން މި ގަބޫލުކުރަނީ. ޝަރަފެއް ވިއްޔާ ޝަރަފަކަށް ވީ. އެކަމަކު އަޅުގަނޑު ދެކެނީ އަޅުގަނޑަށް ހޯދުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް. އަޅުގަނޑު ލަދެއް ނުގަނޭ. އަޅުގަނޑަކީ ތައުލީމެއް ވެސް ލިބިފައި ނެތް ރާއްޖެތެރޭގެ ވަރަށް އާދައިގެ އާއިލާއަކުން މި ހިސާބަށް މި އާދެވުނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ އަމަލުތަކާ ހުރެ ގައުމު ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތްކޮށްދެވުމުގެ ހިތްހަމަޖެހުމެވެ. އަދި ރައްޔިތުންނަށް އުޖާލާ ދުވަސްތަކެއް ގެނެސްދޭނޭ ސަރުކާރެއް ގާއިމް ކުރުމުގައި ބޮޑު އެހީތެރިކަމެއް ވެދެވުމުގެ ހިތްހަމަޖެހުން އޭނާއަށް އޮތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ވަރަށް ނާޒުކު ފައްތަރަކަށް ގައުމު ދިޔަ ދަނޑިވަޅެއްގައި އަޅުގަނޑަށް ނިންމުނު ރަނގަޅު ނިންމުންތަކެއްގެ ސަބަބުން މިއަދު ވަރަށް ބޮޑު ކަމަކުން ގައުމު ސަލާމަތް ކުރެވުމުގެ ހިތްހަމަ ޖެހުން އަޅުގަނޑަށް އެބަ އޮތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ކޮމެންޓް (3)
ޔަމީނު
މުޖުތާޒު
އަހްމަދު