ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު ވިކްޓަރީގެ ކޯޗު ސޮބާހު މުހައްމަދު 'ދައުރު'އަށް އިންޓަވިއުދެނީ --ފޮޓޯ/ހުސެއިން ސުނޭން

ފުޓްބޯޅަ

ސޮބާހުގެ ފުޓްބޯޅަ ތަޖުރިބާ: ކެރިގެން ކުރިމަތިލުން، ހަގީގަތް ބުނެދިނުން

ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ދިފާއީ ކުޅުންތެރިޔާގެ ފާޑުކިއުން އެފްއޭއެމްއަށް އަމާޒުވަނީ ސަބަބުތަކެއް ހުރެގެން. އޭނާއަށް ފެންނަނީ 'ގޯލްޑަން ޖެނެރޭޝަނެއް' ގެއްލިދާނެކަމުގެ ބިރު
9 ނޮވެމްބަރު 2023

ރައްޓެހިން ބުނާ އަޑު އޭނާއަށް އިވުނެވެ؛ އަހަރެމެން ގަލޮޅު ދަނޑަށް ދާނީ ސައުތު ކޮރެޔާއިން ރާއްޖެ ކޮޅަށް ޖަހާ ލަނޑުތައް ބަލައިލާށެވެ. ހަމަ ލޮލުން އެ ލަނޑުތައް މިފަހަރު ފެންނާނެތާ އެވެ.

ދިފާއީ ކުޅުންތެރިޔާ ސޮބާހު މުހައްމަދު މާޔޫސްއެއް ނުވެ އެވެ. ކޮންމެ ޓީމަކާ ކުޅެން ޖެހުނަސް، ކޯޗު މެނުއެލް ގޯމޭޒްގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ގައުމީ ޓީމު އޮތީ ރަނގަޅަށް ތައްޔާރުވެފައިކަމުގެ ޔަގީންކަން އޭނާއަށް ބޮޑެވެ.

އެއީ 31 މާޗު 2004 އެވެ. ގަލޮޅު ދަނޑު ފުރާލި އެވެ. މަޖީދީ މަގަށް ވާ ގޮތަށް ހުންނަ އުތުރުކޮޅު ސިޑިބަރީގައި، ސައުތު ކޮރެޔާއިން ސީދާ އެ މެޗަށް އައި ސަޕޯޓަރުންނެވެ. ހަޅޭއްކުގެ އަޑު އެހާމެ ގަދަ އެވެ.

އެއީ އޭގެ ދެ އަހަރު ކުރިން ސައުތު ކޮރެޔާ އާއި ޖަޕާންގައި އޮތް ވޯލްޑް ކަޕްގައި ސައުތު ކޮރެޔާ ސެމީ ފައިނަލަށް ގެންގޮސްދިން ކުޅުންތެރިން ވެސް ހިމެނުނު ވަރުގަދަ ޓީމެވެ. އެކަމަކު ސޮބާހުގެ ބައެއް ރައްޓެހިންނަށް ހަމަ ލޮލުން ފެންނާނެ ލަނޑެއް/ލަނޑުތަކެއް އެ ކުޅުންތެރިންނަކަށް، ރާއްޖޭގެ ކޮޅަކަށް ނުޖެހުނެވެ. މެޗު ނިމުނީ 0-0ގެ ނަތީޖާއިންނެވެ.

"އެއީ ހަނދާނުން ފިލާނެ މެޗެއް ނޫން،" ސޮބާހު ބުންޏެވެ.

17 ނޮވެމްބަރު 2004ގައި ސައުތު ކޮރެޔާގައި ރާއްޖެ އާއި ސައުތު ކޮރެޔާ ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗު. މި މެޗުން 2-0 އިން ރާއްޖެ ބަލިވިޔަސް އެ އަހަރުގެ މާޗު މަހު ރާއްޖޭގައި ކުޅުނު މެޗު 0-0 އިން އެއްވަރުކުރި

ރާއްޖޭގެ ގައުމީ ޓީމުން ދުނިޔޭގެ ފެންވަރުގައި އެވަރުގެ ނަތީޖާއެއް ނެރެވުނު މެޗެއް މިހާތަނަށް ކުޅެފައެއް ނުވެ އެވެ. ސަރަހައްދީ މުބާރާތް ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދިޔަސް، ދުނިޔޭގެ ފުޓްބޯޅައިގެ ހަރުގަނޑުން ބަލާ ނަމަ، ސައުތު ކޮރެޔާގެ އެ ޓީމަށް މޮޅުވިޔަނުދީ ހިފަހައްޓާލުމަކީ، އެންމެ ބޮޑު ކާމިޔާބުކަމަށް ވެސް ބެލިދާނެ އެވެ.

ސޮބާހުގެ އުމުރުން އޭރު 24 އަހަރެވެ. އެ މެޗުގެ ތިން މަސް ކުރިން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ބަންގްލަދޭޝްއާ ދެކޮޅަށް ވެސް އޭރު އޮތީ ކުޅެފަ އެވެ. ޑާކާގައި އޮތް އެ މުބާރާތުގެ ތަށި ނުލިބުމުގެ ބަދުނަސީބު ރާއްޖެއަށް ދިމާވީ ޕެނެލްޓީއާ ހަމައަށް ގޮހެވެ.

ސައުތު ކޮރެޔާގައި ތިބި ދުނިޔޭގެ ފެންވަރުގެ ފޯވަޑުން ހިފަހައްޓަން، ގަލޮޅު ދަނޑުގައި އޭނާ އެ ކުރި ހިތްވަރުގެ ވާހަކަ އޭގެ 19 އަހަރު ފަހުން މިހާރު ދައްކާލާ އިރު ވެސް ގައިން ހީނބިހި ނަގަ އެވެ.

ސޮބާހު އިނީ އަޅުގަނޑާ އެކު 'ދައުރު' ސްޓޫޑިއޯގަ އެވެ. ސައުތު ކޮރެޔާގެ އެ މެޗުގެ ހަނދާންތައް އާކުރުމަކީ، އަޅުގަނޑުގެ ހަމައެކަނި މަގުސަދެއް ނޫނެވެ. ސޮބާހުއާ ބެހޭ ގޮތުން މި ރިޕޯޓް ލިޔުމުގެ ޝައުގުވެރިކަން އުފެދުނީ މިހާރު ކޯޗެއްގެ ގޮތުންނާއި މެޗު ދިރާސާކުރާ ތަޖުރިބާކާރެއްގެ ގޮތުން އޭނާ ދައްކާ ވާހަކަތަކުގައި އޮއްޓަރު ހުރުމުންނެވެ. އެހެން ގިނަ ކޯޗުން ގޮތަށް، ހަގީގަތަށް އެއްޗެއް ބުނަން ނުކެރި، ހަމައެކަނި ތައުރީފްގެ ބަސްތަކުން ވަގުތު ފުރާނުލައި، ކަން އޮތް ގޮތް ސީދަލަށް އާންމުންނާ ހަމައަށް ގެނެސްދޭތީ އެވެ.

މިއީ ވަރަށް ތަފާތު ސިފައެކެވެ. މިއީ ވަރަށް ހާއްސަ ސިފައެއް ވެސް މެ އެވެ.

ކޯޗު ސޮބާހު މުހައްމަދު (27) ވިކްޓަރީއަށް ކުޅުނު ދުވަސްވަރު: އޭނާ މިހާރު ހުރީ ދެވަނަ ޑިވިޒަންގައި އޮތް ވިކްޓަރީގެ ކޯޗަކަށް

ގައުމީ ޓީމު ކުޅޭ މެޗުތަކުގައި ދިވެހި ކޯޗުންނާއި ދިރާސާކުރާ މީހުން އަބަދުމެ ދައްކަނީ ތައުރީފްގެ ވާހަކަތަކެވެ. އިދިކޮޅު ޓީމު ގޯސްކުރުމެވެ. ބައެއް ފަހަރަށް ވާދަވެރިންނާއި އެ ވާދަވެރިން ނިސްބަތްވާ ގައުމަށް މަލާމާތުގެ ބަސް ވެސް ރައްދުކުރެ އެވެ.

އެންމެ ފަހުން އިންޑިއާގެ ބެންގަލޫރުގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމު ބޫޓާންއާ ދެކޮޅަށް ކުޅުނު އިރު، އެތައް ފަހަރެއްގެ މަތިން ސޮބާހު، ޓީވީ ބެލުންތެރިންގެ ކިބައިން މައާފަށް އެދުނެވެ. އެއީ އޭނާ ދައްކާ ވާހަކައިން ގައުމީ ޓީމަށް ފާޑުކިޔަނީކަމާއި ރަނގަޅު ކަމެއް ފާހަގަނުކުރެއޭ މީހުންގެ ހިތަށް އަރާފާނެތީ އެވެ. އެކަމަކު އެ ދުވަހު ރާއްޖެ މޮޅުވިޔަސް ކުޅުނީ ބޫޓާނެވެ. ރާއްޖޭގެ ނަސީބު ރަނގަޅީ އެވެ.

ކެރިގެން ދަނޑު މަތީގައި، މިހާރު ވެސް ކެރިގެން

މިހާތަނަށް ރާއްޖެ ދުށް އެންމެ މޮޅު ދިފާއީ ކުޅުންތެރިންގެ ތެރޭގައި ސޮބާހު، 43، ހިމެނެ އެވެ. އިސްކޮޅުން ދިގުވުމާ އެކު އެޑްވާންޓޭޖް ބޮޑެވެ. ގައުމީ ޓީމަށް 2001ގައި ކުޅެން ފެށީއްސުރެ 10 އަހަރު ވަންދެން އޭނާ އެގޮތުގައި ހިފެހެއްޓި އެވެ. 

ސާފް ޗެމްޕިއަންޝިޕްގެ ތަށި 2008ގައި ރާއްޖެ ފުރަތަމަ ފަހަރަށް އުފުލާލިއިރު ސޮބާހުއަކީ އެންމެ މުހިންމު އެއް ޑިފެންޑަރެވެ. ކޮލަމްބޯގައި ކުޅުނު ފައިނަލް މެޗުގައި އިންޑިއާ ބަލިކޮށް ރާއްޖެ ތަށި ހޯދި ވަގުތުގެ އުފާވެރިކަން އެހާމެ ބޮޑެވެ. މުޅި ރާއްޖެ ކެކިއެރީ އެވެ. ޓީމަށް މަރުހަބާކިޔަން ޖުމްހޫރީ މައިދާނަށް އެއްވި މީހުންގެ އަދަދުން ވެސް، ސޮބާހު ކަހަލަ ކުޅުންތެރިންގެ ހަޔާތުގައި އެ ލިއެލެވުނީ ތާރީހީ ދުވަހެކެވެ.

ސްރީ ލަންކާގެ ކޮލަމްބޯގައި 2008ގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި އިންޑިއާ ބަލިކޮށް ތަށި ހޯދައިގެން އަލީ އުމަރު ދުވާއިރު ސޮބާހު މުހައްމަދު ކައިރީގައި

ގައުމީ ޓީމާއި، ކްލަބް ލެވެލްގައި އެތައް ކާމިޔާބީއެއް ހޯދި ކުޅުންތެރިޔާ މިއަދު ކޯޗެއްގެ ގޮތުގައި ކުރިއަށް ދާއިރު، މާޒީގެ މަތިން ހަނދާންކުރިޔަސް ފައިދާއެއް ނެތެވެ. އޭނާއަށް ފެންނަނީ އޭރު ރާއްޖޭގެ ފުޓްބޯޅަ އޮތް ފެންވަރުގައި ނުހިފެހެއްޓި އަޑިއަށް ދާ ތަނެވެ. ގައުމީ ޓީމުގެ ކުޅުމަށް ފާޑުކިޔެނީ، ކުޅުންތެރިންނަށް ނިސްބަތްކޮށެއް ނޫނެވެ. ކަންކަން ހިންގަން ތިބި މީހުންނަށެވެ. އެފްއޭއެމްއަށެވެ.

ދިވެހި ފުޓްބޯޅަ މިހާރު އޮތީ ހަލާކުވުމުގެ މިސްރާބެއްގަ އެވެ. ވީހާވެސް އަވަހަކަށް ކަންކަން ރަނގަޅު ނުކުރެވިއްޖެ ނަމަ، ސޮބާހު ވެސް ހިއްސާވެގެން ފުޓްބޯޅަ ދަނޑަށް ނެރުނު ކުޑަކުދިންގެ އަސްލު ތަރި މަތި އުޑުން ނުފެނިދާނެކަމުގެ ބިރު ވެސް ބޮޑެވެ. އެ ކުދިންގެ ތެރެއިން ބައެއް ނަންނަން ފާހަގަކުރާ ނަމަ އީތަން އިބްރާހިމް ޒަކީ އެވެ. ޔޫސުފް އަޔާން އާމިރެވެ. މުހައްމަދު އިލާން އިމްރާނެވެ. މިއީ އުމުރުން ހަ އަހަރުގައި، ސޮބާހު އާއި އޭނާ ކަހަލަ ބައެއް ޒުވާން ކޯޗުންގެ އިރުޝާދުގެ ދަށުން ކުޅެން ފެށި އަދި އެތައް އަހަރެއް ވަންދެން ގެންގުޅުނު ކުޅުންތެރިންނެވެ. މިހާރު ކުޅެމުން އެ އަންނަނީ 16 އަހަރުން ދަށުގެ ގައުމީ ޓީމަށެވެ.

"އެ ކުޅުންތެރިންގެ ވެސް ފިއުޗާއެއް ނެތް މިހާރު އެފްއޭއެމްގެ ކަންތައް މިހެން ދަންޏާ،" ސޮބާހު ބުންޏެވެ.

"މިއީ ރާއްޖޭގެ ގޯލްޑަން ޖެނެރޭޝަންއެއް. އެ ފެންވަރުގެ ކުދިން އެ ތިބީ. އެ ކުދިންނަށް ބޭނުންވާނީ އަޅާލުން."

ދިވެހި ޕްރިމިއަ ލީގުގައި ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އީތަން އިބްރާހިމް ޒަކީ އުފާ ފާޅުކުރާއިރު އޭނާގެ ފަހަތުގައި މުހައްމަދު އިލާން އިމްރާން: މިއީ ދިވެހި ފުޓްބޯޅައިގެ ކުރިމަގު (ފޮޓޯ/އެފްއޭއެމް)

އެކަމަކު އެ އަޅާލުން އެފްއޭއެމްގެ މިހާރުގެ މެނޭޖްމަންޓްގެ ނެތެވެ. ސެޕްޓެމްބަރު މަހު ބޫޓާންގައި އޮތް ސާފްގެ 16 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލްގައި އިންޑިއާ އަތުން 8-0 އިން ބަލިވުމަކީ، ސޮބާހު މިހާރު ވެސް ގަބޫލުކުރާ ގޮތުގައި، ރާއްޖޭގެ ފެންވަރެއް ނޫނެވެ.

"އިންޑިއާ ޓީމު ކޭމްޕް ޖެހީ ސްޕެއިންގައި، ޔޫރަޕްގައި ކުޅެ ތައްޔާރު އެވަނީ. އަޅުގަނޑު މިބުނަނީ ކޮންމެހެން ރާއްޖެ ޔޫރަޕަށް ދާށެކޭ ނޫން، އެކަމަކު ޕްރެކްޓިސް މެޗު ކުޅެން ޖެހޭނެ. އެ ތައްޔާރީތައް ނެތި، ނުވާނެ،" ސޮބާހު ބުންޏެވެ.

ސޮބާހު މުހައްމަދު ޓީވީގައި ފުޓްބޯޅަ މެޗެއް ދިރާސާކުރަނީ

ފުޓްބޯޅައަކީ އޭނާގެ ވެސް ލޯތްބެވެ. އެހެންކަމުން ބައެއްގެ ނާގާބިލްކަމުގެ ސަބަބުން އެއަށް ގެއްލުން ލިބޭ ނަމަ، ގިނަ ކޯޗުންހެން 'އަނގަމަތީ ޓޭޕް އަޅައިގެން' މަޑުން ހުރުމަކީ އޭނާގެ އާދައެއް ކަމަކަށެއް އަދި ނުފެނެ އެވެ. އެހެންކަމުން ސޮބާހު ވާހަކަ ދެއްކީ، މިހާރު އެފްއޭއެމް އޮތް ހާލަތަށް ބަލާ ނަމަ، ރަނގަޅު ސަބަބުތަކަކާ އެކުގަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ މެދު ޒާތީ އެއްވެސް މައްސަލައެއް ނެތް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ދިވެހި ފުޓްބޯޅައަށް ރަނގަޅުވާނީ އެހެން ބަޔަކާ އެފްއޭއެމް ހަވާލުކުރުންކަން އޭނާ ގަބޫލުކުރެ އެވެ.

"މިއަދު މި ހާލަތަށް ދިޔައިމާ ބައްސާމު އިސްތިއުފާ ދެއްވާށޭ ނުބުނާ މީހަކު ނެތް. އެ އަޑު މި އިވެނީ،" ސޮބާހު ބުންޏެވެ.

އެފްއޭއެމް މިހާރު އޮތީ، އޭނާގެ ބަހުން ނަމަ، ވަރަށް ނިކަމެތި ހާލަތެއްގަ އެވެ. މިސާލެއްގެ ގޮތުން ދެއްކީ އެފްއޭއެމްގެ އާ އިމާރާތާއި ހުޅުމާލޭގައި އޮތް އެފްއޭއެމްގެ ބިމަށް ވީ ގޮތެވެ. އެތަންތަނުގެ އަސްލު ފައިދާ އެފްއޭއެމްއަށް ލިބޭ ކަމަކަށް ނުވެ އެވެ.

"އެފްއޭއެމްގެ އެސެޓް ތެރޭގައި ހުރި ތަންތަން ވެސް މީހުންނަށް ވިއްކާ، އަމިއްލަ ބާރު ގެއްލޭ ހިސާބަށް ގޮސް މި އޮތީ،" ސޮބާހު ބުންޏެވެ.

"އަޅުގަނޑަށް ހީވަނީ ދެން އަންނަ މީހަކަށް ވެސް މީގެން ސަލާމަތެއް ނެތް ހެން."

ދިވެހި ފުޓްބޯޅައަށް ކިރިޔާ ވެސް ރަނގަޅެއް އޮތީ، އޭނާ ބުނި ގޮތުން ނަމަ، އާ ބަޔަކާ އެފްއޭއެމް ހަވާލުކުރުމެވެ. ބައްސާމްގެ ހިތްޕުޅުގައި ފުޓްބޯޅައަށް އެއްވެސް ލޯތްބެއް އޮތް ނަމަ، އެހެން ބަޔަކު ހިންގަން އެފްއޭއެމް ދޫކޮށްލެއްވުމެވެ. އިސްތިއުފާ ދެއްވުމެވެ.

ސޮބާހު މުހައްމަދު، ސްޕެއިންގެ ބާސެލޯނާގައި، 2017ގައި، ހެދި ކޯޗިން ތަމްރީންތަކެއްގައި ރާއްޖޭގެ ގައުމީ ޓީމުގެ ޖާޒީއެއް، އިންސްޓްރަކްޓަރާ ހަވާލުކުރަނީ

އެކަމަކު ބައްސާމް ހުންނެވީ އޭނާގެ ގޮތުގަ އެވެ. ސަރަހައްދުގައި ރާއްޖޭގެ ފުޓްބޯޅަ ދަށަށް ޖަހާލިޔަސް އެފްއޭއެމްގެ މިހާރުގެ މެނޭޖްމަންޓަށް އެންމެ ރަނގަޅެވެ. ނަމަވެސް ސޮބާހުއަކީ އެކަން ރަނގަޅެއް ނޫނޭ، އެއީ ގައުމީ ބޮޑު މައްސަލައެކޭ، ކަރުނަ އަޅަން ޖެހޭ ފަދަ ކަމެކޭ، ކެރިގެން ބުނެލާ މަދު ކޯޗުންގެ ތެރެއިން އެކެކެވެ. އޭނާގެ ކަންބޮޑުވުމަކީ އީތަން އާއި އިލާން އަދި އަޔާން ފަދަ ކުޅުންތެރިންގެ އެ ހުނަރުން ދިވެހިން އުފާކޮށްދޭނެ ދުވަހެއް ނުފެނި ދިއުމުގެ ފުރުސަތު އޮތުމެވެ. އެއީ 'ގޯލްޑަން ޖެނެރޭޝަނެއް' ކޮޅަށް ނުޖެހި، ނަގާލުމެވެ.

ދަނޑުމަތީގައި ސޮބާހު ދެއްކި ކުޅުމާއި ކުރި ހިތްވަރާއި، އެ އުފާވެރި މާޒީގެ ހަނދާންތަކުން އޭނާއަށް މަޑުން ހުރެވޭކަށް އަސްލު ނެތެވެ. އެހެންކަމުން ކަންކަން ރަނގަޅުކުރުމުގެ ނިޔަތުގައި އެ ވާހަކަ ދެއްކޭނެ އެވެ. 

ސައުތު ކޮރެޔާ އާއި ރާއްޖެ އެއްވަރުވި މެޗުގެ އަށް މަސް ފަހުން ސޮބާހު ހުރީ، ގައުމީ ޓީމާ އެކު ސައުތު ކޮރެޔާގަ އެވެ. މިފަހަރު ރާއްޖޭގެ ޓީމު ނުކުތީ، ސައުތު ކޮރެޔާގެ ހޯމް މެޗަށް، ސޯލް ވޯލްޑް ކަޕް ސްޓޭޑިއަމަށެވެ. ސެމީ ފައިނަލްގައި ޖަރުމަން އަތުން 1-0 އިން ބަލިވެ ވޯލްޑް ކަޕްގެ ފައިނަލަށް ނުގޮސް ސައުތު ކޮރެޔާ ކެޓި މެޗު އޭގެ ދެ އަހަރު ކުރިން ކުޅުނު ސްޓޭޑިއަމެވެ.

ސޮބާހު މުހައްމަދު (3) ރާއްޖޭގެ ގައުމީ ޓީމުގެ މެޗަކަށް އެރުމުގެ ކުރިން ޓީމާ އެކު ގްރޫޕް ފޮޓޯއެއްގައި

އެދުވަހު، 17 ނޮވެމްބަރު 2004، އެ ދަނޑަށް 64،000 މީހުން ވަދެ އޮތީ ފުރާލައިފަ އެވެ. އެކަމަކު މެޗުގެ ކުޅުން ކުރިޔަށް ދިޔައީ ރާއްޖޭގައި ކުޅުނު މެޗާ ދާދި އެއްގޮތަކަށެވެ. 

'ޖެހިގެން ހުންނަ ކުޅުންތެރިޔާއާ ދައްކާ ވާހަކަ ވެސް އަޅުގަނޑަކަށް ނީވޭ. އެހާ ވެސް ސަޕޯޓަރުންގެ އަޑު ގަދަ،" ސޮބާހު ބުންޏެވެ.

މެޗުގެ 66 ވަނަ މިނިޓާ ހަމައަށް ރާއްޖެއިން ހިފެހެއްޓި އެވެ. އޭގެ ފަހުން ދެ ލަނޑު ވަދެ، ގްރޫޕްގެ ފަހު މެޗުން ރާއްޖެ ބަލިވީ 2-0 އިންނެވެ.

އެ މެޗު ވެސް، ސޮބާހުގެ ހަނދާނުން ދުވަހަކު ވެސް ނުފޮހެވޭނެ އެވެ. ޓީމުގެ އެހެން ކުޅުންތެރިންނާ އެކު އެކުރި ހިތްވަރަކީ، މިއަދު އޭނާގެ ކޯޗިންގެ ކެރިއަރުގައި ސާބިތުވެ ހުންނަން ލިބޭ ފިލާވަޅެކެވެ.

ސޮބާހު ފުޓްބޯޅަ ދެކެ ލޯބިވެ އެވެ. ރާއްޖޭގެ ފުޓްބޯޅައަށް ހެޔޮއެދެ އެވެ. ހަގީގަތަށް ވާހަކަ ދެއްކެނީ އެހެންވެ އެވެ.

އޭނާގެ އުއްމީދަކީ އަލުން ގޯލްޑަން ޖެނެރޭޝަނެއް އުފެއްދުމެވެ. އެ ފެންވަރުގެ ކުޅުންތެރިން އެބަ ތިއްބެވެ. އެ ކުޅުންތެރިން މާޔޫސްވާނެ ކަންކަން ދިމާވާ ނަމަ، އެކަކު ނެތަސް ސޮބާހު ހުންނާނީ އެ ވާހަކަ ދެއްކުމުގަ އެވެ. އެ ހިތްވަރުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް