ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޕީއެންސީ-ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު، އަނބިކަނބަލުން ސާޖިދާ މުހައްމަދު އާއި ރަނިން މޭޓް ހުސެއިން މުހައްމަދު ލަތީފު

މަޑުން ހުންނެވި މުއިއްޒު އެ ކާމިޔާބުކުރެއްވީ ރިޔާސީ އިންތިހާބު

އިދިކޮޅު ޕީއެންސީ-ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމާ ހަމައަށް ވެސް އޭނާގެ އުއްމީދު އޮތީ ހާމަނުކުރައްވާ. އެކަމަކު އަޑިން ގެންދެވީ މިއަދު އެ ހޯއްދެވި ނަތީޖާއަށް މަސައްކަތްކުރައްވަމުން
30 ސެޕްޓެމްބަރު 2023
2

"އަސްލަށް ބުނަންޏާ މުއިއްޒު ހަމަ ގަދަ. ގަދަވީމާ މާލޭގެ މޭޔަރުކަން ލިބުނީ،" މީގެ އަހަރެއްހާ ދުވަސް ކުރިން އަޅުގަނޑު ލިއުނު ރިޕޯޓަކަށް ވާހަކަދެއްކެވި، ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

އެ ގަދަކަން މިރޭ ޑރ. މުހައްމަދު މުއިއްޒު އެ ދެއްކެވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ރިޔާސީ އިންތިހާބުގައި ހޯއްދެވި ކާމިޔާބީންނެވެ. މިއީ، ތައުލީމީ ހަޔާތުގައި މުޅިން ކިޔެވުމަށް ހުސްކުރެއްވި، އަދި ސިޔާސީ ދާއިރާގައި، ޕާޓީގެ ތެރެއިން، މާ ބާރުގަދަ ނޫން ގޮތަކަށް ފެނުނު ބޭފުޅެއްގެ ވަރަށް އާދަޔާ ހިލާފު ކުރިއެރުމެކެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިއަށް ބަލާއިރު ވެސް މުއިއްޒު ހުންނެވީ، އޭނާގެ އުއްމީދާ މެދު އެހެން މީހުން ދައްކަމުން ދިޔަ ވާހަކަތަކުގެ ނިވަލުގަ އެވެ. ރިޔާސީ އިންތިހާބަށް ނުކުންނަވާނެ ކަމަކަށް އޭނާ ވިދާޅެއްނުވެ އެވެ. އެކަމަކު 3 އޮގަސްޓްގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަށް ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ވޯޓު، ހަމަ އެ ދުވަހު އެ ޕާޓީގެ މެމްބަރަކަށް ވެވަޑައިގެންނެވި މުއިއްޒު ކާމިޔާބުކުރެއްވި އެވެ.

ދެން މި ފެނުނީ ދުވަހަކަށް ވުރެ ދުވަހެއްގައި އޭނާގެ ސިޔާސީ ބާރު ގަދަވަމުން، އާންމުންގެ ތެރޭގައި މަގުބޫލުކަން ހޯއްދަވަމުން ގެންދެވި ތަނެވެ.

ޕީޕީއެމްގެ ސަޕޯޓަރުން މުއިއްޒުގެ ކެމްޕޭން އެއްވުމެއްގައި: އޭނާގެ އުއްމީދުގެ ވާހަކަ، މީގެ ދެ މަހެއްހާ ދުވަހާ ހަމައަށް ވެސް އޮތީ ސިއްރުކޮށްފައި (ދައުރު ފޮޓޯ/ހުސެން ސުނޭން)

ކެމްޕޭނަށް ލިބިވަޑައިގަތީ ގާތްގަނޑަކަށް މަހެއްހާ ދުވަސް ކަމަށް ވިޔަސް، ފުރަތަމަ ބުރުގެ ބޮޑު ކާމިޔާބީއާ އެކު، ދެވަނަ ބުރުގައި ރައީސް ސޯލިހު ބަލިކުރެވޭނެކަމުގެ އުއްމީދު ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުންނަށް ގެނެސްދެއްވި އެވެ.

ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ޓިކެޓް ޔާމީނަށް އަރުވާފައި އޮތަސް، 11 އަހަރުގެ ޖަލު ހުކުމާ އެކު އެމަނިކުފާނަށް ވާދަކުރެއްވޭނެ ފުރުސަތު ކުޑަކަން އެނގެ އެވެ. ނަމަވެސް ރިޔާސި އިންތިހާބަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު ހަމަވާން ދެ ދުވަހަށް ވެފައި އޮއްވާ، ސުޕްރީމް ކޯޓުން ޔާމީންގެ ޝަރުތު ހަމަނުވާކަން އިއުލާން ކުރަން ދެން ވެސް، ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންގެ ހިތް މުއިއްޒަަށް ހެވެއް ނޫނެވެ. އެއިން އެއްވެސް 'އަޅާނުލުމަކަށް' އޭނާގެ ހިތްބަރުކުރެއްވި ތަނެއް ވެސް ނުފެނެ އެވެ. ފެނުނީ އެންމެންނާ އެކު މަސައްކަތްކުރައްވައިގެން އިންތިހާބުގައި ކާމިޔާބީއާ ހަމައަށް ދާން އުޅުއްވި ތަނެވެ.

ވަށަފަރުގެ ސިޔާސީ/އިލްމީ އާއިލާއެއްގެ ބޭފުޅެއް

މުއިއްޒުގެ ބައްޕަ އަލްމަރުހޫމް ހުސެއިން އަބްދުއްރަހުމާނަކީ، މުޅި ހއ. އިން ވެސް އުފެދުނު ދީނީ އިލްމުވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މުއިއްޒުގެ ބޮޑުބޭބެ އަދި ބައްޕާފުޅުގެ އެއްބަނޑުއެއްބަފާ ބޭބެ އަލްމަރުހޫމް އާދަމް އަބްދުއްރަހުމާން (އާދަމްކަލޭފާނު) އަކީ ހއ. އިން ފެނުނު ސިޔާސީ ލީޑަރެކެވެ.

"އެވަރަށް ގާނޫނު ދަންނަ މީހެއް މި ރާއްޖޭގައި ނުހުންނާނެ،" އާދަމްކަލޭފާނުގެ ކޮއްކޮ އަދި ހުސެންގެ ބޭބެ، ހަސަން އަބްދުއްރަހުމާން ވިދާޅުވި އެވެ.

ޑރ. މުހައްމަދު މުއިއްޒުގެ ބައްޕާފުޅު، އަލްމަރުހޫމް ހުސެއިން އަބްދުއްރަހުމާން

ވަށަފަރުގައި ދިރިއުޅުއްވާ ހަސަން، 'ދައުރު'އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސިޔާސީ ގޮތުން އާދަމްކަލޭފާނު ކަހަލަ ޝަހުސިއްޔަތެއް އާއިލާއިން އުފެދުމަކީ ފަހުރެއް ކަމަށް ވާއިރު، ހުސެން ފަދަ އިލްމުވެރިޔަކު އެ އާއިލާއަށް ނިސްބަތްވެވަޑައިގަތުމަކީ ވެސް ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.

އެންމެ ފަހުން މިހާރު މި ފެންނަނީ އެ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކު ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ވަޑައިގަންނަވާ ތަނެވެ.

ޑރ. މުހައްމަދު މުއިއްޒުގެ ބޮޑުބޭބެ، ހަސަން އަބްދުއްރަހުމާން 'ދައުރު'އާ ވާހަކަ ދައްކަވަނީ. (ދައުރުފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

މުއިއްޒުގެ މަންމާފުޅަކީ މާލޭގެ ބޭފުޅެކެވެ. ނަމަވެސް މުއިއްޒު އުފަންވެވަޑައިގެންނެވިތާ މާ ގިނަ ދުވަހެއް ނުވެ، ބައްޕަ އާއި މަންމަ ވަރިވި އެވެ. މުއިއްޒު ވަނީ އުމުރުގެ ކުރީކޮޅު، ބައްޕަ ފަރާތު މާމަގެ ބެލުމުގެ ދަށުން ވަށަފަރުގައި ވެސް، އަހަރުތަކެއް ހޭދަކުރައްވައިފަ އެވެ. އޭގެ ފަހުން މާލެ ވަޑައިގެން، މަންމަގެ އަރިހުގައި ޕްރައިމަރީ ގްރޭޑްތަކުގެ ކިޔެވުން ފުރިހަމަކުރެއްވި އެވެ. ދެން ބަދަލުވެވަޑައިގަތީ، ބައްޕަގެ އަރިއަހަށް، ބައްޕަގެ އަމިއްލަ ގެކޮޅު މ. ދިމްޔާތަށެވެ.

ޕްރައިމަރީ އާއި ސެކަންޑަރީ އަދި އޭ ލެވެލްގައި ވެސް މުއިއްޒަކީ ރާއްޖެ ދުށް އެންމެ މޮޅު ދަރިވަރުންގެ ތެރެއިން ބޭފުޅެކެވެ. ރައީސްގެ ސްކޮލަޝިޕްގައި އިނގިރޭސި ވިލާތުގައި ފުރަތަމަ ޑިގްރީ ހެއްދެވި އެވެ. އޭގެ ފަހުން، ސިވިލް އިންޖިނިއަރިންގެ ރޮނގުން، މާސްޓާސް އާއި ޕީއެޗު.ޑީ ވެސް ނެންގެވީ އިނގިރޭސި ވިލާތުގަ އެވެ.

އެކަމަކު އޭނާއަކީ، ހއ.ގެ އަތޮޅުވެރިކަމާއި ރައްޔިތުންގެ މަޖިލިހުގައި ހއ. ގޮނޑި، އެތައް ދައުރަކު ފުރުއްވި، އޭރުގެ އެންމެ ގަދަރުވެރި އެއް މެމްބަރު، އާދަމްކަލޭފާނުގެ ސިޔާސީ ހަޔާތްޕުޅު ގޮތަށް، އެ ދާއިރާއިން ކުރިއަރާފާނެ ބޭފުޅަކަށް ވެދާނެ ކަމަށް ހީކުރާނީ މަދު ބައެކެވެ.

ސިނަމާލެ ބްރިޖް ހެދިއިރު އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒު (ކ2)، އޭރުގެ ރައީސް އަބްދުﷲ ޔާމީންއާ އެކު މަސައްކަތް ބައްލަވާލައްވަނީ (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހަމަޖެއްސުމަކީ، ސިޔާސީ ރޮނގުން އޭނާގެ ފުރަތަމަ ވަޒީފާ އެވެ. ދެން ހަމަ އެ މިނިސްޓަރުކަމުގައި، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރުގައި ވެސް ހުންނެވި އެވެ. އޭނާގެ ފުރަތަމަ އިންތިހާބަކީ، 2021ގެ ކައުންސިލް އިންތިހާބެވެ. މާލޭގެ މޭޔަރުކަން، އެމްޑީޕީގެ އަތުން ޕީޕީއެމްގެ ކެންޑިޑޭޓަކަށް އަތުލެވިދާނެކަމާ މެދު އޮތީ ޝައްކެވެ. ނަމަވެސް އޭނާ އެ އިންތިހާބު ކާމިޔާބުކުރައްވައި، މާލޭގެ މޭޔަރަކަށް ވެވަޑައިގަތެވެ.

މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމްއަށް ލިބުމަކީ، އެ ޕާޓީގެ ސިޔާސީ ހަރަކާތަށް އައި ވަރަށް ބޮޑު ދިރުމެކެވެ. މުއިއްޒަށް އެއީ އޭނާގެ ސިޔާސީ ހަޔާތްޕުޅު، އެއަށް ވުރެ މައްޗަށް ގެންދަން ލިބިވަޑައިގެންނެވި ފުރުސަތެވެ. އޭނާ މަސައްކަތްކުރެއްވީ އެ މަގުން ކަމަށް، ޕީޕީއެމްގެ ބައެއް ބޭފުޅުން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއް އަތުވެއްޖެ ނަމަ ޕީޕީއެމްގެ ތެރެއިން ޕްރައިމަރީއެއް ބޭއްވިޔަސް، ނުވަތަ ސެނެޓުން ވޯޓެއް ނެގިޔަސް، އެ ވޯޓެއް ކާމިޔާބުކުރެއްވޭ ވަރަށް، މުއިއްޒު އައީ ކަންކަން ކޮންޓްރޯލްކުރައްވަމުންނެވެ. ތަފާތަކީ އޭނާގެ އެ އުއްމީދު އަމިއްލަފުޅަށް، އާންމުންގެ ކުރިމަތީގައި ހާމަނުކުރެއްވުމެވެ.

"މުއިއްޒު ވަރަށް ކެތްތެރިކޮށް މި ފުރުސަތު ހޯއްދެވީ،" މިއަދުގެ އިންތިހާބުން ކާމިޔާބު ހޯއްދެވުމާ އެކު، އޭނާގެ އަރިސް ބޭފުޅަކު، މިވަގުތު އަދި ނަން ޖަހަން ބޭނުންނުވާ ކަމަށް އިޝާރަތްކުރައްވަމުން، ވިދާޅުވި އެވެ.

"މުއިއްޒަށް އެނގޭ މިކަން ކުރަން. ކުރިއަށް ދާނެ ގޮތް."

ނަތީޖާއަކީ، މި ރިޕޯޓް ލިއުމާ ހަމައަށް، ވޯޓުގެ %53 ހޯއްދެވުމެވެ. އޭނާއަށް 126،000 މީހުން ވޯޓު ދިން އިރު، ރައީސް ސޯލިހަށް މިހާތަނަށް ލިބިވަޑައިގަތީ 108،000 ވޯޓު ނުވަތަ %46 އެވެ.

މިއީ ސިޔާސީ ދާއިރާގައި އެހާ މަޑުން ހުންނެވި، އަދި އެހާ ބޮޑު ވާހަކަތަކެއް ނުދައްކަވައި މަގު ކޮއްޓެވި ބޭފުޅަކަށް ބަލާ އިރު، އާދަޔާ ހިލާފު ކާމިޔާބީއެކެވެ.

ކޮމެންޓް (2)

ދިރާސާ

4 އޮކްޓޯބަރު 2023
މުއިއްޒުއަށް ޔާމީންގެ ސަޕޯރޓް އޮތް ކަމަކަށް މާބޮޑަކަށް ނުބެލެވޭ. ޔާމިން ގެއަށް ބަދަލު ކުރެވުނު މަންޒަރުތަކުން ޔާމިނު މާބޮޑަށް މުއިއްޒު ވެގަނެގެން އުޅުނު މަންޒަރެއް ނުފެނޭ.. އޭގެ އިތުރުން އުފާފާޅު ކުރަން ސޯސަލް ސެންޓަރުގައި ބޭއްވި ހަފްލާއަށް ޔާމިންގެ އާއިލާ ބޭފުޅަކުވެސް ވަޑައިގެންފައި ނުވޭ.. އޭގެ އިތުރުން ބަޔެއް ޕީޕީއެމަށް ނިސްބަތްވާ ބަޔެއް މަޖިލިސް މެންބަރުން ހާޒިރު ނުވޭ. ޕީޕީއެމް/ ޕީ.އެން.ސީ އެތެރޭގެ ކޯޅުން ވަރަށް ބޮޑުކަމަށް ބެލެވޭ..މުއިއްޒުއަށް ވެރިކަން ކުރަން ފަސޭހައެއް ނުވާނެ
0 0

ސަލީމް

2 އޮކްޓޯބަރު 2023
މުއީޒް ރައީސް ކަމަށް ހިތު ނިޔަތް ގަނެގެން ޕްލޭންތައް ހަދައިގެން ކުރިއަށް ގެންދާތާ ދުވަސްތަކެއްވެއްޖެއެވެ. މުއިޒަށް އެކިގޮތްގޮތުން ހުރަސްތައް ކުރިމަތިވިއެވެ. އެހެންނަމަވެސް އެހުރިހާ ކަމަކާ ކެތްތެރިކަމާއެކު ކުރިމަތި ލައްވައިގެން ތިޔަ ހޯއްދެވި ކާމިޔާބާ އެއްގޮތަށް ގައުމާއިގެން ކުރިއަށް ދިއުން އެދެމެވެ.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް