އެމްޓީސީސީ: 150-200 މިލިއަން ޑޮލަރު ރާއްޖެއިން ބޭރުވިޔަ ނުދިނުމުގެ ހުރަހަކަށް
މުހިންމު ނުކުތާތައް
ދަރަނި ބޮޑުކޮށްގެން މަޝްރޫއުތައް ހިންގަން އިގުތިސާދީ ތަޖުރިބާކާރުން ދެކޮޅު
ސަރުކާރާއި އެމްޓީސީސީން ދެކެނީ އެހެން ނަޒަރަކުން، އެއީ ތަރައްގީއަށް މުހިންމު މަސައްކަތްތަކެއް ކަމަށް
އެމްޓީސީސީގެ ގާބިލްކަން މިދިއަ ދެ އަހަރު ބޮޑުކުރެވުނު މިންވަރާ މެދު އާޒިމް ހުންނެވީ ހިތްހަމަޖެހިވަޑައިގެން
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އޭނާއާ ހަވާލުކުރެއްވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި އިރުޝާދުގެ މަތިން އާދަމް އާޒިމް ހަނދާނެއް ނުނެތެވެ؛ ރާއްޖޭގެ ތަރައްގީއަށް އެމްޓީސީސީއަށް ވަރަށް ބޮޑު ދައުރެއް އަދާކުރެވިދާނެ ކަމެވެ. އެމްޓީސީސީ ފުޅާކުރަން ގެންނަ ޕްލޭންތަކަށް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމެވެ.
އެއީ ޖެނުއަރީ 2021 އެވެ. މިއަދު ރައީސް ސޯލިހުގެ އަމިއްލަ ބަސްކޮޅުން ނަމަ 'އެމްޓީސީސީގެ ކެޕޭސިޓީ 20 މަޝްރޫއުން 120 މަޝްރޫއުއަށް' ފުޅާކޮށްފި އެވެ.
އާޒިމް ވިދާޅުވަނީ އެމްޓީސީސީން މިހާރު އެއްފަހަރާ ގާތްގަނޑަކަށް 150 މަޝްރޫއު، ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިއުމުގެ ގާބިލްކަން ހުރި ކަމަށެވެ. އޭގެ ތެރޭގައި ކުރިން ނަމަ، ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ބޭރުވާ ކަހަލަ އެތައް މަޝްރޫއުއެއް ވެސް ހިމެނެ އެވެ.
'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އާޒިމް ވިދާޅުވި ގޮތުގައި ރައީސް ސޯލިހު އެ ދުވަހު ދެއްވި އިރުޝާދާ އެކު، އެމްޓީސީސީ ފުޅާކުރަން މުޅި ކުންފުނި ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކުރިން ބޭރުގެ ކުންފުނިތަކުން ކުރަމުން އައި މަސައްކަތްތަކާ އެމްޓީސީސީން ހަވާލުވެ، އެ ގާބިލްކަން ހޯދި އެވެ.
އެކަމަކު ސިޔާސީ ބައެއް ބޭފުޅުންގެ ވާހަކަ ހުރި ގޮތުން އެމްޓީސީސީގެ ސަބަބުން ދިވެހި ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެ އެވެ. ސަރުކާރުގެ ހުރިހާ މަޝްރޫއުއެއް އެމްޓީސީސީއާ ހަވާލުކުރުމުން ދިވެހި ކުންފުނިތަކަށް މަސައްކަތެއް ނޯވެ އެވެ.
އެކަމަކު އާޒިމް އެ ވާހަކައާ އެއްބަހެއް ނޫނެވެ. އޭނާ ވިދާޅުވީ އެމްޓީސީސީން ކުރަނީ އާންމުކޮށް ދިވެހި ކުންފުނިތަކުން ކުރާ ކަހަލަ މަސައްކަތްތަކެއް ނޫން ކަމަށެވެ.
"އެމްޓީސީސީއާ ހަވާލުކުރީ ރާއްޖޭގެ ކުންފުނިތަކުން ކުރަމުން ދިޔަ މަސައްކަތްތަކެއް ނޫން ޖުމްލަ ގޮތެއްގައި،" އާޒިމް ވިދާޅުވި އެވެ.
"މިއީ ބޭރުގެ ކުންފުނިތަކުން ކުރަމުން ދިޔަ މަސައްކަތްތަކެއް."
އޭގެ ނަތީޖާއަކީ، އާޒިމް ވިދާޅުވި ގޮތުގައި، ކުރިން ރާއްޖެއިން ބޭރުވި 150-200 ވަރަކަށް މިލިއަން ޑޮލަރު (2.3-3 ބިލިއަން ރުފިޔާ) ރާއްޖޭގައި ހިފެހެއްޓުމެވެ.
"އެމްޓީސީސީއަށް އިތުބާރު އުފައްދައި، ވަރުގަދަކޮށްގެން މި ކަންތައްތައް ހިނގަމުން ދިޔައިމާ ދިވެހިރާއްޖެއަށް މި ސިޔާސަތުގެ ދަށުން އަޅުގަނޑު ގަބޫލުކުރަނީ 150 މިލިއަނާއި 200 މިލިއަން ޑޮލަރު ގައުމުން ބޭރަށް ދާނެ ފައިސާ މި ހުރީ ހިފެހެއްޓިފައި. އެމްޓީސީސީ ފުޅާކުރީމާ،" އާޒިމް ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ ބަނދަރު ހެދުމާއި ބިން ހިއްކުމާއި އެއާޕޯޓްތައް އެޅުން ފަދަ މަޝްރޫއުތަކާ މެދު އިގުތިސާދީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ދެކެނީ އެހެން ގޮތަކަށެވެ؛ ދައުލަތުގެ ދަރަނި ބޮޑުކޮށްގެން ގިނަ މަޝްރޫއުތައް ހިންގުމުގެ ބޭނުމެއް މި ދަނޑިވަޅަކު ނެތެވެ. އެއިން މާލީ ބަދަލެއް އިގުތިސާދުގެ ތެރެއަށް ނުވަންނާނެ ފަދަ މަސައްކަތްތައް، ދައުލަތުގެ ދަރަނި ބޮޑު ދުވަސްވަރެއްގައި ކުރަނީ، ހަމައެކަނި ސިޔާސީ ފައިދާއަށް ކަމަށް ވެސް، އެ ތަޖުރިބާކާރުން ބުނެ އެވެ.
އެކަމަކު އެމްޓީސީސީ އޮތީ ސަރުކާރުން ހަވާލުކުރާ މަޝްރޫއުތަކައިގެން ކުރިއަށް ދާ ގޮތަށެވެ. އާޒިމް ވިދާޅުވި ގޮތުގައި އެމްޓީސީސީ ފުޅާކުރުމަކީ، ރައީސް ސޯލިހު ވެސް ގަބޫލުފުޅުކުރެއްވި ގޮތުގައި، ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ކަމެކެވެ. ދުބާއީ ކަހަލަ ދުނިޔޭގެ ފެންވަރުގެ ސިޓީތައް އުމުރާނީ ތަރައްގީގެ ސިފަ ދައްކާލީ، ސަރުކާރުގެ ބައެއް ކުންފުނިތަކުން ހިންގި މަޝްރޫއުތަކާ ގުޅިގެންކަން، މިސާލެއްގެ ގޮތުން، އާޒިމް ދެއްކެވި އެވެ.
މިއަދު އެމްޓީސީސީގެ މިލްކިއްޔާތުގެ އަގު ހުރީ، އާޒިމް ވިދާޅުވި ގޮތުގައި 4 ބިލިއަން ރުފިޔާގަ އެވެ. މީގެ ދެ އަހަރު ކުރިން އެއީ ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާގެ މުދާ ހުރި ކުންފުންޏެކެވެ.
"މިދިއަ ހަތަރު އަހަރުގެ ތެރޭގައި އެމްޓީސީސީ ފުޅާކޮށްފިން، ދެ ގުނަ ބޮޑުކޮށްފިން،" އާޒިމް ވިދާޅުވި އެވެ.
އެމްޓީސީސީއަކީ ރިޔާސީ ކެމްޕޭނަށް ވެސް ރައީސް ސޯލިހަށް އޮތް އަގުހުރި މުދަލެކެވެ. މިއަދު ކޮންމެ ދުވަހަކު އެތައް މަޝްރޫއުއެއްގައި އެމްޓީސީސީ އާއި ސަރުކާރާ ދެމެދު ސޮއިކުރެ އެވެ. މިހާތަނަށް ހަވާލުކުރި ބައެއް މަޝްރޫއުތައް ހުރީ ނުފެށި އެވެ. ނުވަތަ އެކި ސަބަބުތަކާ ހުރެ މަޑުޖެހިފަ އެވެ.
ނަމަވެސް އާޒިމް ވިދާޅުވި ގޮތުގައި އެމްޓީސީސީގެ 40 އަހަރުގެ ހަޔާތުގައި އެންމެ ގިނައިން މަޝްރޫއުތައް ނިންމި ދައުރެއް ވެސް މި ނޫނީ ނެތެވެ. އޭގެ މިސާލު ދެއްކެވީ ހަމައެކަނި ބަނދަރުތަކުންނެވެ.
"ކުރިން 20 ބަނދަރު އެއްފަހަރާ ހަދަމުން ދާނީ. މިއަދު އެއްފަހަރާ 50 ބަނދަރު ހަދަމުން އެބަ ދަން،" އާޒިމް ވިދާޅުވި އެވެ.
"ކޮވިޑާ އެއްކޮށް ހަތަރު އަހަރުގެ ތެރޭގައި ނިންމައިފިން 54 ބަނދަރު."
އެމްޓީސީސީ އެވަރަށް ފުޅާނުކުރި ނަމަ، އާޒިމް ގަބޫލުކުރައްވަނީ، އޭގެ ގިނަ ބަނދަރުތައް ހަދާނީ ބޭރުގެ ކޮންމެވެސް ކުންފުންޏަކުން ކަމެވެ. ނަމަވެސް މިއަދު ސަރުކާރަށް ބޭރުގެ ކުންފުނިތަކާ ދިމާއަށް އެނބުރޭކަށް ނުޖެހެ އެވެ. އެއީ ގައުމީ ކުންފުންޏަކަށް އޮތް ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް، އާޒިމް ހިތުގެ އަޑިން ގަބޫލުކުރައްވަ އެވެ.
ދައުލަތުގެ ދަރަނި 110 ބިލިއަން ރުފިޔާއަށް އަރަ އެވެ. ސަރުކާރުގެ ސިޔާސަތާ ދެކޮޅު އިގުތިސާދީ ތަޖުރިބާކާރުން ތިބީ އިނގިލީގައި ދަތް އަޅައިގެންނެވެ. އެކަމަކު ބަޖެޓް ދަރަނިކޮށްގެން ނަމަވެސް ސަރުކާރުން ގަބޫލުކުރާ މަޝްރޫއުތައް އެ ދަނީ ހިންގަމުންނެވެ. ރަށްރަށަށް އުމުރާނީ ބަދަލުތަކެއް، އެކި ސިފަސިފައިގައި އެބަ ގެނެ އެވެ. އޭގެ ފަހަތުގައި އެންމެ ބޮޑު ޒިންމާއެއް ނަގައިގެން އޮތީ އެމްޓީސީސީ އެވެ. އާޒިމް ގަބޫލުކުރައްވަނީ އެއީ ގައުމީ ތަރައްގީގެ ބޮޑެތި މަސައްކަތްތަކެއްގެ ގޮތުގަ އެވެ.