އއ. ބޮޑުފޮޅުދޫގައި ރައީސް އިބްރާހިމް ސޯލިހް ވާހަކަދައްކަވަނީ. (ފޮޓޯ/ އެމްޑީޕީ)
އެމްޓީސީސީގެ ކެޕޭސިޓީ 20 މަޝްރޫއުން 120އަށް އިތުރުކޮށްފިން: ރައީސް
މީގެ ކުރިން އެއްވެސް ސަރުކާރަކަށް ނުހިންގޭ ވަރަށް މި ސަރުކާރުން މަޝްރޫއުތައް ހިންގުމަށްޓަކައި އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކޮށް، އެއް ފަހަރާ 120 މަޝްރޫއު ހިންގޭ ވަރަށް އެ ކުންފުނި ތަރައްގީކޮށްފައިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އެހެން ވިދާޅުވީ، އެ މަނިކުފާނުގެ 'އުފާވެރި އަމާން ރާއްޖެ' ކެމްޕޭން ދަތުރުފުޅުގައި މިއަދު އއ. ބޮޑުފޮޅުދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑުމެން ވެރިކަމަށް އައި އިރުގައި އެމްޓީސީސީގައި އެއްފަހަރާ ހިންގެނީ 20 ޕްރޮޖެކްޓު. މިއަދު 120 ޕްރޮޖެކްޓު ހިންގޭ ވަރުގެ ވަސީލަތްތައް އެމްޓީސީސީއަށް އަޅުގަނޑުމެން ހޯދައިދީފިން،" ރައީސް ވިދާޅުވި އެވެ.
"މިއީ ޕްލޭނެއްކޮށްގެން، ވިސްނުންތެރިކަމާ އެކީގައި، ރޭވުންތެރިކަމާ އެކުގައި ކަންކުރަން ފެށީމައި ފެންނަ މަންޒަރު."
އެފަދަ މަންޒަރުތައް ފެނި ވާދަވެރިން ކަންބޮޑުވާ ކަމަށާއި، އެ ބޭފުޅުން ދެން މިފަދަ ރަށަކަށް އައިސް ވާނެ ވައުދެއް، ކިޔާނެ އެއްޗެއް ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިއޮށް ހުރިހާ ދުވަހަކު ވެރިކަމުގައި ތިބެފައި، އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ މީގެ ކުރީގެ އެކި ދައުރުތަކުގައި، އެކިއެކި މަގާމުތަކުގައި ޑިޒިޝަން ނަގާ ފެންވަރުގައި ތިއްބެވި ބޭފުޅުން. އެހެން ނަމަވެސް، މިއަދަކު ރައްޔިތުން އެކަމެއް ގަބޫލެއް ނުކުރާނެ،" މި ސަރުކާރާއި މީގެ ކުރީގެ ސަރުކާރުތައް ވެސް ރައްޔިތުން ޓެސްޓުކޮށްފިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
އެމްޑީޕީން އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެކު ހަދާފައިވާ ކޯލިޝަނަކީ 80،000 ގާތްކުރާ އަދަދަކަށް މެމްބަރުން ތިބި ބޮޑު ކޯލިޝަނެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ވާދަވެރިންނަށް އެ އަދަދާ ކައިރި ވެސް ނުކުރެވޭނެ ކަމަށެވެ.
"މިހާރު ވެސް މި ތިބީ، އެތައް އެތައް ސްޓެޕެއް ކުރީގައި. ކައިރި ވެސް ނުކޮށްލެވޭނެ ދެން ތިބި ޕާޓީތަކަށް، ކެމްޕޭނެއްގައި ވެސް، ކައިރިއަށް ވެސް ނާދެވޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ އެހެން ޕާޓީތަކުގެ ބޭފުޅުންނަށް ވެސް، ވިސްނާވަޑައިގަންނަވާށޭ މިކަމާ ދޭތެރޭ. ވޯޓު ބޭކާރު ގޮތުގައި އެއްލާ ނުލައްވާށޭ. ވަރަށް ސާފުކޮށް ފެންނަން އޮންނަ މަންޒަރެއް. ނުކުމެވަޑައިގެން، ހުރިހާ ބޭފުޅުން، ހުރިހާ ބޭފުޅުން އަޅުގަނޑުމެންނަށް ވޯޓު ދެއްވާ."
ބޮޑުފޮޅުދުއަށް ވެސް ވައުދުތަކެއް
ރައީސް ސޯލިހު ގެންދަވަނީ ވަޑައިގަންނަވާ ކޮންމެ ރަށަކުން ވެސް، ރައްޔިތުން އެދޭ ކަންކަން އައްސަވައި އެކަންކަން ކޮށްދެއްވުމަށް ވައުދުވެވަޑައިގަންނަވަމުންނެވެ. އެ ގޮތުން، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، 500އެއްހާ މީހުންގެ އާބާދީއެއް އޮންނަ ބޮޑުފޮޅުދުއަށް، ދެވަނަ ދައުރެއްގައި ކޮށްދެއްވާނެ ކަންކަމަކީ:
-
ބަނދަރު ބޮޑުކޮށް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން
-
ރޯހައުސް އެޅުން
-
ފެންބޮޑުވާ މަގުތަކުގައި ތާރު އަޅައިދިނުން
-
ކައުންސިލް އިދާރާ އާއި ކޯޓާއި ފުލުހުންގެ ހިދުމަތް ދިނުމަށް އޮފީސް ކޮމްޕްލެކްސްއެއް އެޅުން
-
ހޭންޑް ބޯލް ކޯޓަކާއި ފުޓްސަލް ދަނޑެއް އެޅުން
-
ސްކޫލު އެއް ތަނަކަށް ބަދަލުކުރުމަށް 12 ކްލާސްރޫމް އެޅުން
-
ކައިރީގައި އޮތް ދިއްގާފަޅު ހިއްކައި ޕިކްނިކް އައިލެންޑެއް ހެދުން
މީގެ އިތުރުން، ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އެ ރަށުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.