ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުގައި އެމަނިކުފާނުގެ ދިފާއުގައި ވާހަކަ ދައްކަވަނީ: ރިޔާސީ އިންތިހާބަށް ކުރިމަތިލުން ބިނާވެފައި އޮތީ ޔާމީނަށް ވެދާނެ ގޮތަކަށް

ރިޔާސީ އިންތިހާބަށް ކުރިމަތިލުން ވެސް ސްކޫލް ހުޅުވޭ ދުވަހުގެ ކިޔޫއެކޭ އެއްގޮތަށް

ފޯމު ނުލައި ގިނަ ކެންޑިޑޭޓުން މަޑުކުރަން ޖެހުނު ސަބަބަކީ ޕީޕީއެމްއަށް ވާނެ ގޮތަކުން ލިބިދާނެ ފައިދާއެއް އޮތްތޯ ބަލަން
6 އޯގަސްޓު 2023

މިދިއަ ހަތަރު ފަސް ދުވަހު ސްކޫލް އެއްޗެހި ގަންނަން ބައެއް ފިހާރަތައް އޮތީ ފުރިފަ އެވެ. ދިރާސީ އާ އަަހަރުގެ ކިޔެވުން މިއަދު ފެށި އިރު، ފަހު ވަގުތު ސްކޫލްގެ އެއްޗެހި ހޯދަން އެއްފަހަރާ ގިނަ ބަޔަކު ނުކުމެ، ތައްޔާރުވީ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު މާދަމާ ހަމަވާނެ އެވެ. އިލެކްޝަންސް ކޮމިޝަންގެ މައި ސެންޓަރު ދޮށުގައި ކިޔޫ ހަދާވަރަށް ވުރެ އެ ފޯމް ހުށައަޅާ މީހުންގެ އަދަދު މާ މަދެވެ. އެކަމަކު ދެ ހަފުތާއަށް ދިން މުއްދަތު ހަމަވާން އެންމެ ދުވަހަކަށް ވީ އިރު ވެސް، ފޯމު ލީ އެންމެ ކެންޑިޑޭޓެކެވެ؛ ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ފޯމު ލުމާ އެކު އުފެދުނު ގާނޫނީ މައްސަލަ މިހާރު އެ އޮތީ ސުޕްރީމް ކޯޓުގަ އެވެ.

ކޮންމެ ކަމެއްގައި ވެސް ދިވެހިން ފަހު ވަގުތު ތެޅިގަތުމަކީ އާދައެއްކަން އެންމެން ވެސް ގަބޫލުކުރެ އެވެ. ޔުނީފޯމާއި ސްކޫލް އެއްޗެހި ގަންނަން ފަހު ވަގުތު ތެޅިގަތުމުގައި ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ. މިސާލަކަށް ގިނަ މީހުންގެ މުސާރަ ލިބުނު ވަގުތެވެ. ބޮޑު ޗުއްޓީއަށް ވާތީ ފުރަތަމަ ޗުއްޓީގެ އުފާ ހޯދައި، އާއިލީ އާ ގުޅުމަކުން ބަދަހިވެލަން ވަގުތު ހޭދަކުރީ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޖަލްސާއެއް: ފޯމު ލުން މަޑުކުރަން ޖެހުނު އެއް ސަބަބަކީ ގާސިމް އިބްރާހިމް ހައްދަވާ ގޮތެއް ބެއްލެވުން (ފޮޓޯ/ ކެމްޕެއިން ޓީމް)

އެކަމަކު ރިޔާސި އިންތިހާބަށް ފޯމު ލާން ޖެހޭ ވަގުތު ކުޑަތަންވެގެން އަންނަ އިރު، އިންތިހާބުގެ ހުވަފެނުގައި ތިއްބެވި ގިނަ ބޭފުޅުން 'ކަހާތަން ހިރުވާ ވެސް ނުލައި' ތިއްބަވަން މި ޖެހުނީ ކީއްވެގެން ހެއްޔެވެ؟ މިއީ ހަމަ ބޮޑު ސުވާލެކެވެ. އަދި އެހާމެ ބޮޑު ކަންތައްގަނޑަކާ ވެސް ގުޅިފައި އޮތް ސުވާލެއް ވެސް މެ އެވެ.

އަސްލު ޖަވާބަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީންއަށް ވާ ގޮތެއް ބަލަން، އެންމެ ފަހު ވަގުތާ ހަމައަށް ވެސް ތިއްބަވަން، ބައެއް ކެންޑިޑޭޓުން މަޑުކޮށްލެއްވީ އެވެ. މިސާލަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަގަމާ ހިނގާށެވެ.

'ދައުރު'އާ ވާހަކަ ދެއްކެވި އެއް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ޖޭޕީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ފަހު ވަގުތު ހިޔާލު ބަދަލުކުރައްވައި ރައީސް ސޯލިހުގެ ކޯލިޝަނަށް އަނބުރާ ވަޑައިގަންނަވާނެ ކަމުގެ އުއްމީދެއް އޮތެވެ.

ސިޔާސީ ބައެއް ބޭފުޅުންނާ އެކު ގާސިމް އިބްރާހިމް މަޝްވަރާއެއްގައި: ގާސިމް ވެސް މަޑުކުރެއްވީ ޕީޕީއެމްއަށް ވާ ގޮތެއް ބައްލަވަން (ދައުރު ފޮޓޯ/ ހުސެން ސުނައިން)

"އެހެންވެގެން ނޫންތޯ ގާސިމްގެ ފަޅެއް ވިއްކިޔަ ނުދިނީ ވެސް. އިބޫ [ރައީސް ސޯލިހު] ހީކުރީ ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ނެރޭ ހިސާބުން ގާސިމް ދާނޭ، ގާސިމް ލިބޭނޭ،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު ގާސިމް ހުރީ ނޫންތޯ ގޮތްދޫނުކޮށް. މިހާރު އެންމެ ފަހުން އެ ނުކުންނަވަނީ ނޫންތޯ ސީދާ އިންތިހާބަށް."

ގާސިމްގެ އެއް އުއްމީދަކީ، ޖޭޕީ އާއި ޕީޕީއެމްގެ އިސް ބައެއް މީހުން ބުނާ ގޮތުގައި، ޕީޕީއެމްގެ އެހީތެރިކަމެއް ލިބުން ނުވަތަ ޕީޕީއެމުން ވަރުގަދަ ބަޔަކު ޖޭޕީއާ ގުޅުމެވެ. އެކަން ދެ ގޮތަކަށް ނެގެން އެބަ އޮތެވެ. ފުރަތަމަ ގޮތަކީ، 'ދައުރު'އާ ވާހަކަ ދެއްކި ބައެއް މީހުންގެ ނަޒަރުގައި، ޔާމީނަށް ކުރިމަތިނުލެވޭ ހާލަތުގައި ޕީޕީއެމް ކޯލިޝަން ޖޭޕީއާ ގުޅުމެވެ. ރަނިން މޭޓަކަށް ޕީޕީއެމްގެ ބޭފުޅެއް ހަމަޖައްސައި، ސަރުކާރުގެ ބޮޑު ހިއްސާއަކަށް އެއްބަސްވުމެވެ.

"ގާސިމަށް ވެރިކަމަށް އަތުވެއްޖެއްޔާ ޔާމީން މިނިވަންކުރުން އެއީ އެ ޕްލޭންގައި އޮވެދާނެ ގޮތެއް. އޭރުން ޔާމީނަށް ޕީޕީއެމް ނުގެއްލޭނެ. ޕީޕީއެމްގެ އެތައް ބަޔަކަށް ވަޒީފާގެ ޔަގީންކަން ވެސް އޮންނާނެ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

އެކަމަކު ޔާމީންގެ ވިސްނުންފުޅު ހުރި ގޮތް އެންމެންނަށް މިހާރު މިވަނީ ފެނިފަ އެވެ. އެމަނިކުފާނަށް ކުރިމަތިނުލެއްވޭ ހާލަތުގައި ޕީޕީއެމުން ކެންޑިޑޭޓެއް ނެރުމާއި އެ ފުރުސަތު ނެތް ނަމަ ޕީއެންސީގެ ކެންޑިޑޭޓަކަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެ ހުރީ ނެރެފަ އެވެ. އެހެންކަމުން ޕީޕީއެމްގެ ކޯލިޝަންގެ ތެރެއިން ގާސިމަށް މިވަގުތު ހޯއްދެވޭނެ މާ ބޮޑު އެއްޗެއް ނެތް ކަމަށް، ބެލިދާނެ އެވެ.

ގިނަ ބޭފުޅުންގެ ފޯމު ލުން ލަސްކުރަން ޖެހޭ މައިގަނޑު ސަބަބު ޕީޕީއެމްއާ ގުޅިފައި އޮތީ ރަނިންމޭޓެއްގެ ނަން ފޯމުގައި ޖަހަން ވެސް އޮތުމާ އެކު އެވެ. ޕީޕީއެމްއަށް ވާ ގޮތަކުން ރައީސް ސޯލިހާއި ގާސިމްގެ ރަނިންމޭޓްކަން ދެއްވާނެ ބޭފުޅުން ވެސް ތަފާތުވުން ކައިރި އެވެ.

އެކަމަކު މިހާރު މި އޮތީ، ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތުގައި ވެސް ޕީޕީއެމަށް ވާނެ ގޮތް ގާތްގަނޑަކަށް އެނގިފަ އެވެ. އެހެންކަމުން ދެން އިތުރަށް މަޑުކުރެވޭކަށް ނެތެވެ. މިއަދާއި މާދަމާ އޮންނާނީ ފަހަރަކު ފޯމެއް އީސީއަށް ހުށައެޅުމެވެ. ފަހަރަކު ފޮޓޯ ސެޝަންއެއް ކުރިއަށް ދިއުމެވެ. ފަހަރަކު ނިއުސް ކޮންފަރެންސަކަށް ތައްޔާރުވުމެވެ.

"ރައީސް އާއި ގާސިމް އެކަންޏެއް ނޫން ލަސްވުން މި ދިމާވީ ޕީޕީއެމްއާ ހެދި. [މުހައްމަދު] ނާޒިމް ވެސް ހަމަ ފަހު ވަގުތަށް މަޑުކުރީ ރަނިންމޭޓަކު ނުހޯދާ މިހާރު އޮތް ގޮތަށް ވުރެ ރަނގަޅު ގޮތެއް ފެނޭތޯ،" މި ރިޕޯޓަށް ވާހަކަ ދެއްކެވި އެހެން ބޭފުޅަކު ވިދާޅުވި އެވެ.

ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް (ކ) އާއި ދަ ޑިމޮކްރެޓްސްގެ ބާނީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު: ދަ ޑިމޮކްރެޓްސް ޖޭޕީގެ ފަހަތަށް އަރާ ވާހަކައެއް ވެސް މިހާރު އެބަ ދެކެވޭ (ފޮޓޯ/ޖޭޕީ)

ރިޔާސީ އިންތިހާބަށް ނުކުންނަވާ ކެންޑިޑޭޓެއްގެ އަރިސް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ވަރަށް ބޮޑެތި ބަދަލުތައް ކުއްލި ކުއްލިއަށް އެބަ އަންނަ ކަމަށެވެ. މިސާލަކަށް އެމްޑީޕީގެ ތެރެއިން އުފެދުނު ދަ ޑިމޮކްރެޓްސް އެވެ.

"އަންނި [ކުރީގެ ރައީސް ނަޝީދު]އަކީ ހެނދުނު ހުންނަ ގޮތަށް ހަވީރު ހުންނަ މީހެއް ނޫން. ހަވީރު ހުންނަ ގޮތަށް ރޭގަނޑަކު ނުހުންނާނެ،" އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމްއާ ވާހަކަ ދެއްކި، ޖޭޕީއާ ވާހަކަ ދެއްކި. އޭގެ ފަހުން އަމިއްލައަށް ނުކުންނަން އުޅުނީ. މިހާރު އަނެއްކާ ޖޭޕީއާ ދިމާލަށް މިސްރާބު އެހުރީ."

ސްކޫލް ޔުނީފޯމް ފަހަތުން ފަހު ވަގުތު ދާން ޖެހޭ ގޮތަށް މިފަހަރުގެ ރިޔާސި އިންތިހާބަށް ކުރިމަތިލުން ވެސް މި އޮތީ ފަހު ވަގުތަށް ބުރެކި ޖެހިފަ އެވެ. އެ ބުރެކިން ސަލާމަތްވެ، ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކޮށް، ފޯމު ލުމުގެ ހުރިހާ ކަމެއް މިއަދާއި މާދަމާ އެ ނިންމާލަނީ، ޕީޕީއެމަށް ވާ ގޮތަކުން ލިބޭނެ ކަމަށް އުއްމީދުކުރި އެއްވެސް އެއްޗެއް، 7 އޮގަސްޓްގެ ކުރިން ނުލިބި އެވެ. ފަހުން ވާނެ ގޮތް ބުނަން އަދި ދައްޗެވެ.

ޔާމީން ނެތަސް ޕީޕީއެމް ކޯލިޝަނުން ވަކި ކެންޑިޑޭޓެއް ނެރޭނެކަން މިހާރު ޔަގީނެވެ. އެހެންކަމުން އެހެން އެއްވެސް ކެންޑިޑޭޓަކަށް ދެން މަޑުކުރެއްވޭކަށް ނެތެވެ. ދެން އޮތީ 9 ސެޕްޓެމްބަރު އިންތިހާބުގެ ފުރަތަމަ ބުރަށް ނުކުމެ ކޮންމެ ބޭފުޅަކު ވެސް 'ވަކަރަށް ޖަހާލުމެ'ވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް