އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ކޯލިޝަނުން ވާދަކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ރިޔާސީ ޓިކެޓު ހަވާލުކުރަނީ
ޔާމީންގެ މި އުންމީދު ގުޅިފައިވަނީ ސުޕްރީމް ކޯޓާ
މުހިންމު ނުކުތާތައް
ރިޔާސީ އިންތިހާބަށް އަންނަ ހަފުތާގައި ހުޅުވާލާނެ، ފޯމު ލާން 14 ދުވަސް ލިބޭނެ
މި މުއްދަތުގައި ޔާމީންގެ 11 އަހަރުގެ ޖަލު ހުކުމާ މެދު ހައި ކޯޓުން ގޮތެއް ނިންމޭނެ ކަމަކަށް މިހާރު ނުބެލެވޭ
ކެންޑިޑަސީ އީސީން ބަލައި ނުގަތްފި ނަމަ ސުޕްރީމް ކޯޓުން އެކަމާ މެދު 48 ގަޑިއިރު ތެރޭ ގޮތެއް ނިންމާނެ
ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލާއިރު އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ކުރިމަތީގައި އޮތީ ބޮޑު ހުރަހެކެވެ: ޕީޕީއެމްގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑަސީ، އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރާނެތޯ ނުވަތަ ނޫންތޯ އެވެ.
ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޔާމީން، މިދިއަ އަހަރުގެ ޑިސެމްބަރުން ފެށިގެން އަދިވެސް އެ ހުންނެވީ ޖަލުގަ އެވެ.
ރިޔާސީ އިންތިހާބަށް ނަން ހުށަހެޅުމުގެ ވަގުތު މިއޮތީ އައިސް ޖެހިފަ އެވެ. ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި އީސީން، 14 ދުވަހަށް، އެ ފުރުސަތު ހުޅުވާލާނެ އެވެ.
މި އިންތިހާބަށް އެންމެ ފުރަތަމަ ކެންޑިޑޭޓަކު ދެއްކީ ޕީޕީއެމް/ޕީއެންސީއިންނެވެ. އެ ކޯލިޝަނުން ބުނާ ގޮތުން އެއީ ދިވެހި އެތައް ހާސް ބައެއްގެ އުއްމީދެވެ.
އިސްތިއުނާފް ލަސްވުމުގައި ހައި ކޯޓަށް ފާޑުކިއުން
ވ. އާރަށު މައްސަލާގައި ރިޝްވަތާއި މަނީ ލޯޑަރިންގެ ކުށަށް، ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާ އެކު ކެންޑިޑަސީގެ އެއް ޝަރުތެއް ވަނީ އުނިވެފަ އެވެ. ނަމަވެސް އެއީ ގާނޫނީ ގޮތުން އުނިވި ޝަރުތެއްތޯ ކަނޑައަޅަން ސުޕްރީމް ކޯޓަށް ވަޑައިގަތުމުގެ ފުރުސަތު ޔާމީނަށް ލިބިވަޑައިގަނެ އެވެ.
މިހާރު ހަައި ކޯޓުގައި އޮތް އިސްތިއުނާފްގައި ކްރިމިނަލް ކޯޓުގެ އެ ހުކުމް ބާތިލްނުކޮށްފި ނަމަ ޔާމީނަށް ހަމައެކަނި އޮތް ފުރުސަތަކީ ސުޕްރީމް ކޯޓެވެ.
ހައި ކޯޓުގައި އޮތް ޔާމީންގެ އިސްތިއުނާފްގެ މައްސަލަ މިހާރު ވެސް އޮތީ ހުއްޓިފަ އެވެ. ތިން ފަނޑިޔާރުން ހިމެނޭ ބެންޗުގެ ބައެއް ފަނޑިޔާރުން ޗުއްޓީގައި ތިއްބެވުމުން އެ މައްސަލަ ކުރިއަށް ނުގެންދެވޭތީ ޕީޕީއެމްގެ ކޯލިޝަނުން ތުހުމަތުކުރަނީ ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވަނީ ކަމަށެވެ.
މިހާރު މި އޮތީ ރިޔާސީ އިންތިހާބަށް ކުރިމަތިލާން އޮތް ފުރުސަތުގައި ހައި ކޯޓުން ޔާމީންގެ މައްސަލައާ މެދު ގޮތެއް ނިންމިދާނެ ކަމާ މެދު ބޮޑު ސުވާލެއް އުފެދިފަ އެވެ. ޝަރުއީ ދާއިރާގެ ބައެއް ބޭފުޅުން ގަބޫލުކުރައްވަނީ އިސްތިއުނާފްގެ މައްސަލަ، އޭގެ ކުރިން، ނުނިމޭނެ ކަމަށެވެ.
ޕީޕީއެމް ކޯލިޝަނުން ދައްކާ ވާހަކައަށް ބަލާއިރު އީސީން ފުރުސަތު ހުޅުވާލުމާ އެކު ޔާމީންގެ ފޯމު ލާނެ އެވެ. އެހެންވެއްޖެ ނަމަ އެ ކެންޑިޑަސީ ފޯމާ މެދު އީސީން ނިންމާ ގޮތެއް އެދުވަހު އެނގޭނެ އެވެ. ޔާމީންގެ ފޯމު ބަލައި ނުގެންފި ނަމަ، ގާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް، އެ ކެންޑިޑޭޓަކަށް ސުޕްރީމް ކޯޓަށް ދިއުމުގެ ހައްގު ލިބެ އެވެ.
"ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލާ މީހެއްގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަވާކަމާ މެދު، އެއްވެސް ހިލާފެއް އުފެދިއްޖެ ނަމަ، އެ ކަމެއް ވަކި ގޮތަކަށް ނިންމުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. މިފަދަ ނިންމުމެއް ސުޕްރީމް ކޯޓުން ނިންމާންވާނީ އެ ކޯޓުގައި ހިމެނޭ ހުރިހައި ފަނޑިޔާރުން ތިބެގެންނެވެ. އަދި އެ ގޮތުން އެ ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ،" ގާނޫނުއަސާސީގެ 113 ވަނަ މާއްދާގައި ވެ އެވެ.
މި ނިންމުން ސުޕްރީމް ކޯޓުން 48 ގަޑިއިރު ތެރޭ ނިންމަން ޖެހޭނެ އެވެ. ޔާމީންގެ އަތްޕުޅުގައި އޮތް ޓިކެޓު ދެމެހެއްޓުމާއި، އެ ޓިކެޓު އެމަނިކުފާނުގެ އަތްޕުޅުން ގެއްލިގެން ދިއުން ބިނާވާނީ އެ ނިންމުމުގެ މައްޗަށެވެ.
"ޔާމީންގެ ކެންޑިޑަސީ ފޯމު އަންނަ އާދިއްތަ ދުވަހު ހުށަހަޅައިފިއްޔާ، އަދި ކެންޑިޑަސީގެ ނިންމުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާ ހާލަތަށް ހިނގައްޖެ ނަމަ އެންމެ ލަސްވެގެން މި މަހުގެ 26ގެ ކުރިން ކެންޑިޑަސީއާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާނެ ކަމަށް ބެލެވެނީ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި، ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.
އޭނާ ވަނީ ހައި ކޯޓުގެ އަމަލްތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެ ވަކީލު ގަބޫލުކުރައްވަނީ ޔާމީންގެ ރިޔާސީ ކެންޑިޑަސީއަކީ 'އާންމު މަސްލަހަތު މަތީ މިންވަރަކަށް އޮތް މައްސަލައެއް' ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ކެންޑިޑޭޓްކަމުގެ ހައްގަށް އުނިކަން އަތުވެދާނެ މައްސަލައެއްކަން އެނގި ތިބެ، ހައި ކޯޓުން މައްސަލަ ލަސްކުރުމަކީ 'ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް' ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީންގެ މައްސަލަ ބަލައިގަންނަން ހައި ކޯޓުން ތިން މަސް ދުވަސް ނެނގި އެވެ. އޭގެ ފަހުން މައްސަލަ ފަށަން ވެސް ދުވަސްތަކެއް ނެގި އެވެ. އަޑުއެހުންތައް ފެށުމަށް ފަހު ހައި ކޯޓުގެ ފަނޑިޔާރުން ކަންކޮށްފައިވަނީ 'މައްސަލަ އަވަހަށް ނިމުމުގެ ނިޔަތެއް ނެތް' ކަމަށް ދުށުމުގެ ފުރުސަތު ލިބޭ ގޮތަކަށް ކަމަށް، 'ދައުރު'އާ ވާހަކަ ދެއްކެވި ވަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކެންޑިޑަސީ ދިފާއުކުރަން މިހާރު ޔާމީނަށް އޮތީ 'ކުޑަކުޑަ އުންމީދެއް' ކަމަށެވެ. ނަމަވެސް އެ އުންމީދު، ސުޕްރީމް ކޯޓުގައި ނާކާމިޔާބު ވެއްޖަ ނަމަ އެހެން ކެންޑިޑޭޓެއް ދެއްކުމުގެ އެކަށީގެންވާ ވަގުތު ޕީޕީއެމް/ޕީއެންސީއަށް އަދިވެސް އެބަ އޮތް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
ޕީޕީއެމް ކޯލިޝަން އޮތީ ޔާމީންގެ ފަހަތްޕުޅުގައި
"ތިޔަ ހަވާލުކުރެއްވި ވަރުގަދަ އަމާނާތް، ވަރުގަދަ މަސްއޫލިއްޔަތު، މިއީ އެންމެ އުފުލަން ބޭނުންވާ މަސްއޫލިއްޔަތު ކަމުގައި ނުވި ނަމަވެސް، މި މަސްއޫލިއްޔަތު އުފުލަން މިއަދު ހަމަ މަޖުބޫރުވެއްޖެ" މިދިއަ އަހަރުގެ އޮގަސްޓް މަހު އޮތް ބޮޑު ޖަލްސާގައި ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަތުމަށް ފަހު ޔާމީން ފުރަތަމަ ވެސް ވިދާޅުވީ މިހެންނެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންތިހާބަށް ކުރިމަތިލެއްވުމަކީ އާއިލާއިން ވެސް އެންމެ ރުހޭ ކަމެއް ނޫނެވެ. އަދި އެ މަސްއޫލިއްޔަތު އުފުއްލަވަން އެމަނިކުފާނު ވެސް ބޭނުންފުޅެއް ނުވެ އެވެ. ނަމަވެސް 'ގައުމުގެ ހާލަތު' އޮތް ގޮތުން އެއީ ދޫކޮށްލެއްވޭނެ ޒިންމާއެއް ނޫން ކަމަށާއި އެ ޒިންމާއާ ހަވާލުވުން މަޖުބޫރު ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަކަށް މިއަދު ހަމަ ހަގީގަތުގައި ވެސް، އަދިވެސް އަޅުގަނޑުގެ އާއިލާއަކުން މި ކަމަކަށް ފުރިހަމައަކަށް ތާއީދެއް ނުކުރޭ. އެހެންނަމަވެސް މި މަސްއޫލިއްޔަތު އުފުލަން މިއަދު ހަމަ މަޖުބޫރުވެއްޖެ" ޔާމީން ވިދާޅުވި އެވެ.
ޔަމީން ވިދާޅުވި ގޮތުގައި ގައުމުގެ މަސްލަހަތާއި، ގައުމިއްޔަތު އަދި އިސްލާމުދީނުގެ ހިމާޔަތާއި ގައުމުގެ މިިނިވަންކަމުގެ ދިފާއުގައި ނުކުމެ، ބަސްބުނެވޭނެ އެއްވެސް ލީޑަރެއް، އެމަނިކުފާނު ނޫނީ ނެތެވެ.
ޓިކެޓާ ހަވާލުވެވަޑައިގެންނެވި އިރު ވެސް ޝަރީއަތުގައި ހުރި މައްސަލަތައް އެމަނިކުފާނަށް އެނގިވަޑައިގަނެ އެވެ. އެކަން ސިފަކުރެވީ 'ކަޅުފޮއި މޫސުމުގެ ރޭތަކެއް'ގެ ގޮތުގަ އެވެ.
"ހަމަ މޫސުމަކަށް ފަހު މޫސުމެއް. 2023ގައި ކަޅުފޮއި މޫސުން ނިމުމަކަށް އެބަ އަންނަން ޖެހޭ. ކިތަންމެ އަނދިރި މަގަކުން ގޮސްފައި ނަމަވެސް އަލިކަމާ ހަމަޔަށް އަޅުގަނޑުމެން އެެބަ އަންނަން ޖެހޭ،" ޔާމީން ވިދާޅުވި އެވެ.
އާރަށުގެ މައްސަލާގައި ހުކުމް ކުރުމާ ގާތްވެފައިވަނިކޮށް، ޔާމީންގެ ގެކޮޅު، ހ. ދޫވެހީގައި ޕީޕީއެމް ލީޑަޝިޕްގެ ބޭފުޅުންނާ ބައްދަލުކުރައްވާ، 'ޖަލަށް ލެއްވިޔަސް އެންމެން ޓިކެޓާ ހިފައިނުގަނެ،' އެމަނިކުފާނު މިނިވަންކުރަން ކުރެވެން ހުރި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ. ޔާމީންގެ ބަހުން ނަމަ 'ދިރުމެއް ވަންޏާ އުންމީދެއް ވާނެ' އެވެ.
މިއަދާ ހަމަޔަށް ވެސް، ޔާމީންގެ ފަހަތްޕުޅުން، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރަމުން އެ އަންނަނީ އެ މަސައްކަތެވެ. އެ ކޯލިޝަންގެ ބައެއް ބޭފުޅުން ވިދާޅުވާހެން 'އޭ ޓު ޒެޑަށް' ވެސް އޮތީ ޔާމީންގެ ނަންފުޅެވެ.
ޔާމީން ނޫން އެހެން ކެންޑިޑޭޓެއްގެ ވާހަކަދައްކަން އެ ޕާޓީން ބޭނުން ނުވަނީ ވެސް ޔާމީނަށްޓަކަ އެވެ. އެ އުންމީދު ހާސިލުވުމާއި، ނުވުން ދެން ބިނާވާނީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ނިންމާ އެންމެ ފަހުގެ ނިންމުމެއްގެ މައްޗަށެވެ.
ކޮމެންޓް (1)
އަހްމަދު