އިއްޔެ ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: މީގެ ތެރެއިން ފަސް ބޭފުޅަކަށް ސުވާލުތައް އަމާޒުކުރި. ފޮޓޯ/ޕީޕީއެމް

ޕީޕީއެމްގެ ޕޯޑިއަމްގައި ނޫނެކޭ ބުންޏަސް އެތެރޭގައި އޮތީ ރިޔާސީ ޓިކެޓްގެ އެދުން

ޔާމީންގެ ކެންޑިޑޭޓް ކަމާ މެދު މިހާރު އޮތް ޝައްކު ފިލައިގެން ނުދާ ނަމަ އެހެން ކެންޑިޑޭޓަކު ނެރެން ސެނެޓްގެ ބައެއް މެމްބަރުން އަންނަނީ ވިސްނަމުން

ނޫސްވެރިޔާ ސުވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބަދަލުގައި ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން އެބަ ހުރިތޯ އެވެ. ސުވާލު އަމާޒުކުރީ އޭރު ޓީވީ ކެމެރާގެ ކުރިމަތީގައި ސަފަތަކަށް އެތުރިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅަކަށެވެ؛ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫނެވެ. މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ. 

މުއިއްޒާއި ގައްސާން އަދި އާދަމް ޝަރީފްގެ ޖަވާބު ކުރެވެ. ޝިޔާމް އުޅުއްވީ މާ ދިގުކޮށް، މާ 'މޮޅު' ޖަވާބެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވެސް ގުޅުވައިގެން، ދެއްވާށެވެ. ރިޔާސީ އިންތިހާބަށް ނުކުންނެވުމުގެ ޝައުގުވެރިކަން ޝިޔާމްގެ ނެތްތޯ ކަށަވަރުކުރަން، ނޫސްވެރިޔާ ތަކުރާރުކޮށް ސުވާލުކުރުމުން، އެންމެ ފަހުން، އެ ޝައުގުވެރިކަން ނެތް ކަމަށާއި "އަޅުގަނޑުގެ ސިޔާސީ ހަޔާތް ނިންމާލާނީ އެމަނިކުފާނާ އެކީގައި، އެމަނިކުފާނުގެ ފަހަތްޕުޅުގައި،" ހުރެގެން ކަމަށް ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު: ޔާމީނަށް އިންތިހާބަށް ކުރިމަތިލެއްވުމުގެ މަގު ސާފު ނުވެއްޖެ ނަމަ، މުއިއްޒު ނެރެން ޕީޕީއެމްގެ އެތެރޭގައި އަންނަނީ ބަޔަކު މަސައްކަތްކުރަމުން (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ސައީދުގެ ވާހަކާގައި ޔާމީން މޮޅުކުރަމުން ގޮސް، ޕާޓީގެ އެއްވެސް މީހެއްގެ ކިބާގައި ޔާމީން ފަދަ ވިސްނުމެއް ނެތް ކަމަށް ވިދާޅުވަމުން ނިންމާލެއްވީ، ޔާމީން ބޭނުންފުޅުވާހާ ދުވަހެއް ވަންދެން ވެސް ވެރިކަމުގައި ބަހައްޓަން ޖެހޭ ކަމަށް އިއުލާންކުރައްވަމުންނެވެ. 

އެތެރޭގެ މައުލޫމާތު ހުރި ޕީޕީއެމްގެ ބައެއް މަސްދަރުތަކުން 'ދައުރު'އަށް ބުނީ އޭގެ ތެރެއިން ބައެއް ބޭފުޅުން ހެއްދެވީ ދޮގު ކަމަށެވެ. އަނެއް ބައި ބޭފުޅުން ވަނީ ކުރިން އޮތް ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ޝައުގު ދޫކޮށްލައްވާފައި ކަމަށް، އެ މަސްދަރުތަކުން ބުންޏެވެ. އޭގެ ތެރޭގައި ގައްސާނާއި އާދަމް ޝަރީފް އަދި ސައީދު ހިމެނެ އެވެ. ޔާމީނަށް ކުރިމަތިނުލެއްވޭ ގޮތް ވެއްޖެ ނަމަ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ޝައުގުވެރިކަން މިހާރު އޮތީ ޝިޔާމް އާއި މުއިއްޒުގެ ފަރާތުގައި ކަމަށް މައުލޫމާތު ހުރި ބައެއް މީހުން ބުންޏެވެ.

ޕީޕީއެމް އޮފީހުގައި އިއްޔެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ އެއް މަގުސަދަކީ ލޭބަ ޑޭއާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓަކަށް ރައްދު ދިނުމެވެ. ރިޝްވަތު ހިއްޕެވުމާއި މަނީ ލޯންޑަރިންގެ ކުށް ކްރިމިނަލް ކޯޓުން ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީނަށް، ޖަލުގައި، އެތައް 'އަނިޔާއެއް' ދެނީ އިމްރާން ކަމަށް، ތުހުމަތުކުރި އެވެ.

ޕީޕީއެމްގެ ކެންޑިޑޭޓެއް ނުދައްކަފާނެކަމުގެ ބިރު

ޔާމީނަށް އިއްވާފައި އޮތް ހުކުމް ހައި ކޯޓުން ބާތިލްނުކޮށްފި ނަމަ އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރައްވަން ގާނޫނީ ހުރަހެއް ދިމާވުން އެކަށީގެންވެ އެވެ. އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖިނާއީ ހުކުމެއް އަތުވެއްޖެ ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ މައާފުދިންތާ ތިން އަހަރު ނުވާ ނަމަ، ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓެއްގެ ޝަރުތެއް އުނިވެ އެވެ.

ގާނޫނުއަސާސީގައި އެގޮތަށް އޮތީ އެ ހުކުމެއް އެންމެ މަތީ ކޯޓުން ދެމެހެއްޓުން ޝަރުތަކަށްވާ ގޮތަކަށް ނޫނެވެ. މީގެ ކުރިން އެފަދަ ހުކުމެއްގައި ހުންނެވި ބޭފުޅަކު ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައެއް ނުވެ އެވެ. އެހެންކަމުން ޕީޕީއެމުން މަސައްކަތްކުރަނީ ކްރިމިނަލް ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިގެން ނޫން ގޮތަކަށް އެ ޝަރުތު، ޔާމީންގެ ކިބައިން ނުގެއްލޭކަން ދައްކާށެވެ.

އެކަމަކު ޔާމީނަށް ގާނޫނީ އެހެން މައްސަލައެއް ވެސް ދިމާ އެބަވެ އެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ސާބިތުވި ޓެރަރިޒަމްގެ ކުށާ އެކު، ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއްގައި ނުހުންނެވޭ ގޮތް ހެދުމުގެ ނިޔަތުގައި، 'ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު'އަށް ގެނައި އިސްލާހެވެ.

ޕީޕީއެމްގެ މެމްބަރުން ޖަލްސާއެއްގައި: އިންތިހާބަށް ޔާމީނަށް ކުރިމަތިނުލެއްވިއްޖެ ނަމަ އެހެން ކެންޑިޑޭޓަކު ނުނެރެން ޕާޓީގެ ލީޑަޝިޕްގެ ވިސްނުން ގެންގުޅޭ ކަމަށް ވޭ (ދައުރު ފޮޓޯ/ހުސައިން ސުނައިން

އެ އިސްލާހުގައި ވާ ގޮތުން ގައިދީއަކަށް، ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވުން ފިޔަވައި، އިތުރު ކަމެއްގައި ބައިވެރިއެއް ނުވެވޭނެ އެވެ. އެ ގާނޫނުގެ 63 ވަނަ މާއްދާގައި ބުނަނީ "ސިޔާސީ ޕާޓީ އާއި ޖަމްއިއްޔާތަކަށް އަންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެންނެއް ނުވެ އެވެ،" މިހެންނެވެ.

މި ގާނޫނަށް ބަލާއިރު، ޕީޕީއެމް/ޕީއެންސީގެ ރިޔާސި ޓިކެޓް ޔާމީނަށް އަރުވާފައި ވިޔަސް، ޔާމީނަކީ މެމްބަރުކަން ފިޔަވައި، ޕާޓީގައި މިހާރު ގާނޫނީ ހައިސިއްޔަތެއް ހުރި ބޭފުޅެއް ނޫނެވެ. އެހެންކަމުން އެމަނިކުފާނު ބަންދުގައި ހުންނެވިހާ ދުވަހަކު، މި ގާނޫނުގެ ހުރަސް ވެސް، އެބަ އޮތެވެ. އެކަމަކު ޕީޕީއެމްގެ ލީޑަޝިޕުން ގާނޫނީ މި ހުރަހުގެ ވާހަކަ އެއްގޮތަކަށް ވެސް ނުދައްކަ އެވެ. އެހެންވެ އެކަމާ ވެސް ޕާޓީގެ ބައެއް ބޭފުޅުން ހިތްހަމަޖެހިވަޑައެއް ނުގަންނަވަ އެވެ.

"މިހާރު ރައީސް ޔާމީނަކީ ޕާޓީގެ އެއްވެސް ހައިސިއްޔަތެއް އޮތް ބޭފުޅެއް ނޫން،" ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތުގައި ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓެއް ނެރެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

އަބަދު ޔާމީން މިނިވަންވާނޭ، ކުރިމަތިލެއްވޭނޭ، ޗޮއިސްއަކީ ޔާމީނޭ ބުންޏަކަސް އަޅުގަނޑުމެން އަޑެއް ނާހާނަން. އަޅުގަނޑުމެން މި ގެންދަނީ ވަގުތު ޖެހުނީމާ ކުރަން ހުރި ކަންކަން ކުރަން ތައްޔާރުވަމުން

ޕީޕީއެމްގެ ސެނެޓްގެ މެމްބަރެއް

މިހާރު ބާއްވާ ޕްރެސް ކޮންފަރެންސްތަކުގައި ލީޑަޝިޕުން ދައްކާ ވާހަކައަށް ބަލާއިރު، އެތެރޭގެ އިސް ބައެއް ބޭފުޅުންގެ ބިރަކީ، ޔާމީނަށް ކުރިމަތިނުލެއްވޭ ގޮތެއް ވިޔަސް އެހެން ކެންޑިޑޭޓަކު ނުނެރެ، ޖުމްހޫރީ ޕާޓީގެ ފަހަތަށް އެރުމުގެ ފުރުސަތު ހުޅުވެމުން ދިއުމެވެ. ޕީޕީއެމް ކަހަލަ ރާއްޖޭގައި ވެރިކަން ކުރި އަދި މިހާރު ވެސް ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީއަށް ވާތީ، ލީޑަޝިޕްގެ ބޭފުޅުންގެ ސިކުނޑިއަށް އެފަދަ ވިސްނުމެއް ފުރަތަމަ އައިސްގެން ވެސް ނުވާނެ ކަމަށް، 'ދައުރު'އާ ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވި އެވެ.

"ޕީޕީއެމުން ކެންޑިޑޭޓެއް ނުނެރޭ ވިސްނުން ބަލައެއް ނުގަންނާނަން، އެގޮތަށް އެކަން ވިޔަކަ ވެސް ނުދޭނަން،" މިހާރު ޕާޓީގެ އެތެރޭގައި އޮތް ހިޔާލު ތަފާތުވުންތައް އެނގިވަޑައިގެން ހުންނެވި ބޭފުޅަކު ވިދާޅުވި އެވެ.

"ޕާޓީއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް މިހާރު ވެސް ދަނީ ލިބެމުން. ޕާޓީއެއްގެ ގޮތަކަށް ނޫން ހިންގަނީ ވެސް، ހިނގަނީކީ ވެސް."

އާރަށުގެ މައްސަލާގައި ހުކުމް އިއްވުމުގެ މަޖިލިހަށް ވަަޑައިގަތުމުގެ ކުރިން ސަޕޯޓަރުންނަށް ޔާމީން އިޝާރަތްކުރައްވަނީ: ޕީޕީއެމްގެ އާންމު މެމްބަރެއްގެ ހައިސިއްޔަތު ނޫން އެހެން ހައިސިއްޔަތެއް އެމަނިކުފާނުގެ މިހާރުގެ ނެތް

މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ ޕީޕީއެމް ސެނެޓްގެ ބައްދަލުވުންތައް ނުބާއްވާ މައްސަލަ އެވެ. ޔާމީން ޖަލަށް ލީ ފަހުން ޕީޕީއެމް-ޕީއެންސީގެ ގުޅިފައިވާ ސެނެޓް ބައްދަލުވުމެއް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ރިޔާސަތުގައި ބޭއްވި އެވެ.

ޕްރައިމަރީއަކާ ނުލައި ޔާމީނަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާ ގޮތަށް ޕީޕީއެމްގެ އަސާސީ ގަވާއިދު އިސްލާހުކުރިޔަސް، އޭގައި ބުނެފައި އޮންނަ ޕާޓީ ހިންގާ ގަވާއިދު އެކުލަވާލިކަމެއް އެނގޭކަށް ނެތެވެ. ސެނެޓްގެ ބައްދަލުވުންތައް ބާއްވާނެ ގޮތް ކަނޑައަޅަން ޖެހެނީ ހިންގާ ގަވާއިދުގަ އެވެ. 

"ދައުލަތުން ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާއެއް ލިބޭ ޕާޓީއެއް މިގޮތަށްތޯ ހިންގަން ވާނީ؟" އެއް ބޭފުޅަކު ވިދާޅުވި އެވެ.

"މިހެން ވާތީ އަޅުގަނޑުމެންނަށް މި ބެލެވެނީ ޔާމީން ނެތިއްޔާ މި ޕާޓީ ރަނގަޅަށް ހިންގާނެ ފުރުސަތެއް ވެސް ނުދެއްވާނޭ. ކެންޑިޑޭޓަކު ވެސް ނުނެރެފާނޭ."

މުއިއްޒުއަށް ބަޔަކު މަސައްކަތް ކުރާނެ

'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ޝައުުގުވެރިކަން ނެތް ކަމަށް އިއްޔެ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފަސް ބޭފުޅަކު ވިދާޅުވިޔަސް، ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި، ޕީޕީއެމުން ކެންޑިޑޭޓެއް ނެރެން މަސއްކަތްކުރަން އެތައް ބަޔަކު ތިބީ ތައްޔާރުވެގެންނެވެ. އަދި އެކަމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް، އެއް ބޭފުޅަކު ވިދާޅުވި އެވެ. އެންމެ ގާތީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، މި މަސް ނިމޭ އިރު، ޔާމީންގެ ރިޔާސީ ޓިކެޓާ މެދު ގޮތެއް ނުނިމެއްޖެ ނަމަ، އެ މަސައްކަތް ފެށުމާ އެވެ.

"ޕާޓީގެ ތެރޭގައި އެކި މީހުން އެބަ ވާހަކަ ދައްކާ ގާނޫނީ ގޮތުން ޔާމީނަށް މިހާރު އެއްވެސް ހައިސިއްޔަތެއް ނެތްކަން. ޖަލު ހުކުމް އައިމާ، ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭނެ ގޮތަށް ހެދީ އަޅުގަނޑުމެން ނޫންތޯ، އެއަށް ކީއްވެގެންތޯއޭ ޕީޕީއެމުން އަމަލްނުކުރަންވީ،" އެއް ބޭފުޅަކު ވިދާޅުވި އެވެ.

 ޕީޕީއެމްގެ ސަޕޯޓަރުން މަގުމަތީގައި: ޕާޓީގެ ލީޑަޝިޕުން އާންމު މެމްބަރުންނަށް އޮޅުވާލަމުން ގެންދާކަމަށް، ސެނެޓްގެ ބައެއް މެމްބަރުން ތުހުމަތުކުރޭ (ފޮޓޯ/ޕީޕީއެމް)

މިހާރު ކަންކަން ހުރި ގޮތުން އެންމެ ބޮޑަށް ލަފާކުރެވެނީ މުއިއްޒު ނެރެން ޕާޓީގެ ތެރެއިން ބަޔަކު މަސައްކަތްކުރުން ކަމަށް، 'ދައުރު'އާ ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވި އެވެ. ހިޔާލު އެނބުރޭ ގޮތުގެ ކުޑަ ތަފުސީލެއް ވެސް އެއް ބޭފުޅަކު ދެއްވި އެވެ.

"މުއިއްޒު ނެރެން އަޅުގަނޑުމެން ފާޅުގައި މަސައްކަތް ހަމަ ކުރާނަން، އެ ދަނޑިވަޅު އައިމާ. ރިޔާސީ އިންތިހާބަށް އެންމެ ފަހު ވަގުތު އަންނަންދެން ބަލާކަށް ނުތިބޭނެ. މިސާލަކަށް މުއިއްޒުގެ ނަން އިލެކްޝަންސަށް ހުށައަޅާފައި އޮއްވާ ޔާމީނަށް ކުރިމަތިލެވޭ ގޮތް ވިއްޔާ، ދެން މުއިއްޒުގެ ނަން އަނބުރާ ގެނެވިދާނެތާ،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ އެތެރޭގައި އެއްވެސް ބަޔަކު މި ގޮތަށް ވިސްނުން ގެންގުޅޭ ނަމަ އެއިން ދައްކައިދެނީ، ޕްރެސް ކޮންފަރެންސްގައި ފެނުނު މަންޒަރަށް ވުރެ، ޕާޓީގެ ފިކުރު ތަފާތުވެފައި އޮތް ކަމެވެ. ޔާމީނަށް ކުރިމަތިލެއްވުމުގައި ހުރި ހުރަސްތައް ގިރާކުރުމުގެ ކޮޅުމަތި ނުފެންނަ ނަމަ، ޕާޓީން އެހެން ކެންޑިޑޭޓަކު ނެރުމުގެ އަމާޒަށް ސެނެޓްގެ ވެސް ގިނަ މެމްބަރުންތަކެއްގެ ހިޔާލު މިސްރާބު ޖަހާފައިވާ ކަމަށް، ބައެއް ބޭފުޅުން ވިދާޅުވި އެވެ.

"ލީޑަޝިޕުން އެ މަސައްކަތްކުރަނީ އެކަން ސިއްރުކުރަން. އަބަދު ޔާމީން މިނިވަންވާނޭ، ކުރިމަތިލެއްވޭނޭ، ޗޮއިސްއަކީ ޔާމީނޭ ބުންޏަކަސް އަޅުގަނޑުމެން އަޑެއް ނާހާނަން. އަޅުގަނޑުމެން މި ގެންދަނީ ވަގުތު ޖެހުނީމާ ކުރަން ހުރި ކަންކަން ކުރަން ތައްޔާރުވަމުން،" ސެނެޓުގައި ވެސް ހިމެނޭ ބޭފުޅަކު ވިދާޅުވި އެވެ.

"ފުރަތަމަ ބުރުގައި ޕީޕީއެމް ވާދަނުކޮށެއް ނުވާނެ. އެހެންވިއްޔާ މިއީ ސިޔާސީ ޕާޓީއެއް ނޫނެއްނު. މިއީ އެންމެ މީހެއްގެ ޕާޓީއެއްނު."

ވާ ގޮތެއް ބަލަން ތިބެމާ ހިނގާށެވެ.

ކޮމެންޓް (3)

ސައީދު

6 މޭ 2023
އެމްޑީޕީ ދެ ފަޅިކޮށްގެން އުޅޭ ވާހަކައެއް މޫސައަށް ލިޔެވޭކަށެއް ނެތްތަ؟ ރިޔާސީ ޓިކެޓު ބޭނުންކަމަށް ޝައްކު ކުރެވޭ މީހާ ހަތް ހުވާކޮށްފައި މި ބުނަނީ ބޭނުމެއް ނޫނޭ ޓިކެޓު. އެކަމަކު އެތެރޭގެ ޚަބަރު އެނގޭ މީހަކާއި ނަން ނުޖަހާ މީހަކު އެއީ ދޮގެކޭ ބުންޏޭ ކިޔައިގެން މޫސަ އެބަލިޔޭ. މިއީ ކޮންކަހަލަ ނޫސްވެރިކަމެއް؟ އަމިއްލަ ނޫހެއްގައި ދެ އިރު ދެ ދަޅަަށް ޔާމީނޭ ކިޔައިގެން ލިޔުން ނޫން ކަމެއް، މައްސަލައެއް މި ގައުމުގައި ނެތީތަ؟
1 1

ސަލީމާ

3 މޭ 2023
އެބައޮތްތަ ތިބުނާ ޓިކެޓަކަށް ދައުރު ނޫހުގެ މީހަކަށް ކުރިމަތި ލެވޭ ކަހަލަ ފުރުސަތެއް؟ އެހެންޏާ ފަހެ، މިހާރު އެކައްޗެއް ކިޔާ ކިޔާ ފޫހިވެއްޖެ
5 5

ޖައިސާމް

3 މޭ 2023
@ސަލީމާ ދައުރުގެ އެނާލަސިސް މިމައްސަލާގަ ވަރަށް ރަނގަޅު. އަދި އެހާމެ މުހިންމު. ޕީޕީއެމްއަކީ ދިވެހި ރައްޔިތުންގެ ފައިސާއިން ހިންގާ ޕާޓީއެއް. ޔާމިނުގެ ހަރު މުދަލެއް ނޫން. އެހެންވީމަ މިވާހަކަ ދެކެވެން ވާނެ.
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް