
26 ޖެނުއަރީ 2019ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެ ހޮސްޕިޓަލުގެ ނަރުހުންނާ ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)
'އެކަށީގެންވާ މުސާރައެއް މި ލިބެނީ އަދި ކިރިޔާ'
"މިއީ ހަމަ އަސްލު ވެސް އަހަރުމެންނަށް ދެން ލިބޭނެ މުސާރަތަ؟،" މުސާރައާ ގުޅޭ ގޮތުން ސުވާލުކޮށްލުމުން، ރަށެއްގައި މަސައްކަތް ކުރާ ނަރުހަކު އެހި އެވެ.
އޭނާއަށް ހުރީ ގަބޫލު ނުކުރެވިފަ އެވެ. ކުރިން ބަންދު ދުވަސްތަކާ އެކު، އެންމެ ގިނައިން ލިބޭ މަސް މަހު ވެސް، މުސާރަ 21،000ރ.އަށް ވުރެ ބޮޑެއް ނޫނެވެ. ކިރިޔާ ދެކޮޅު ޖެހޭ ވަރުގެ އާމްދަނީއެއް ލިބެނީ، އެ ނަރުހުން ގަބޫލު ކުރާ ގޮތުގައި، ބޮޑު އީދު ބަންދާއި ރޯދަމަސް ފަދަ ދުވަސްތަކުގަ އެވެ.
"ނަރުހުންގެ މަސައްކަތާއި ލިބޭ މުސާރަ މީގެ ކުރިން ނުބައްދަލު. އެކަމަކު މިހާރު ހިތްހަމަޖެހިއްޖެ،" ނަރުހުން ހިމެނޭ ގޮތަށް، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ސަރުކާރުން ނިންމުމާ އެކު، ނަރުހަކު އޭނާގެ ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި ލިޔުނެވެ.

މިއީ މުސާރައާ ގުޅޭ ގޮތުން ވާހަކަ ދައްކާލި ގިނަ ނަރުހުންގެ ހިޔާލެވެ. މިދިޔަ ދުވަސްތަކުގައި ނަރުހުންނަށް ލިބޭ އާމްދަނީ މާ ބޮޑު ކަމަކަށް އެ މީހުން ގަބޫލެއް ނުކުރެ އެވެ. އެއަށް ވުރެ އެ މީހުން ކުރަން ޖެހޭ މަސައްކަތްތައް ގިނަ އެވެ. ބުރަވެފައި މަސައްކަތުގެ ރިސްކު ވެސް ބޮޑެވެ. ނަމަވެސް، ގިނަ ނަރުހުންގެ މުސާރައަށް 10،000ރ.އަށް ވުރެ ބޮޑު އަދަދެއް އިތުރުވި އިރު، އަލަށް ކަނޑައެޅި މުސާރައާ މެދު އެ މީހުން ތިބީ ހިތްހަމަޖެހިފަ އެވެ.
"އެކަށީގެންވާ މުސާރައެއް މި ލިބެނީ އަދި ކިރިޔާ،" ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހަކު ބުންޏެވެ.
ނަރުހުންގެ މުސާރައަށް ގެނައި ބަދަލު:
-
ސީނިއާ ރެޖިސްޓާޑް ނަރުހަކަށް - އިތުރު ގަޑީގެ އެލަވެންސް ނުލާ 29،271ރ. ލިބޭނެ؛ ކުރިން އިތުރު ގަޑީގެ އެލަވެންސް ލައިގެން ލިބުނީ 20،459ރ.
-
ސްޕެޝަލިސްޓު ނަރުހަކަށް - އިތުރު ގަޑީގެ އެލަވެންސް ނުލާ 41،976ރ. ލިބޭނެ
އޭނާ ބުނި ގޮތުގައި، އަލަށް ކަނޑައެޅި މުސާރައަކީ މާ ބޮޑު އަދަދެއް ކަމަށް ބައެއް މީހުންނަށް ހީވި ނަމަވެސް، ނަރުހުންގެ މަސައްކަތާއި ޒިންމާ އެއަށް ވުރެ ބޮޑެވެ. ހާއްސަކޮށް، މީގެ ފަސް އަހަރު ކުރިން ސަރުކާރުން ނަރުހުގެ މުސާރަ ބޮޑުކުރި ގޮތާ ގުޅޭ ގޮތުން އެ މީހުން ޝަކުވާތައް ގިނަ އެވެ.
އޭރު ސަރުކާރުން ނަރުހުންގެ މުސާރަ ބޮޑުކުރީ %15 އަށެވެ. އެގޮތުން:
-
އެ ބަދަލު ގެނައީ އެ މީހުންނަށް އެންމެ ކުރިއްސުރެ ދޭ ދެ އެލަވަންސް ކަމަށްވާ ރިސްކް އެލަވަންސާއި ޝިފްޓް އެލަވަންސް ކަނޑާލުމަށް ފަހު
-
އެ އެލަވަންސާ އެކު، އެހެން ބައެއް އެލަވަންސްތައް ކަނޑާލުމަށް ފަހު އަސާސީ މުސާރަ ބޮޑުކުރި
-
އެހެންވެ، އެއިން މާ ބޮޑު ފަރަގެއް އައި ކަމަކަށް އެ މީހުން ގަބޫލެއް ނުކުރޭ

ހާއްސަކޮށް، ބަލިމީހުން ގޮވައިގެން ކަނޑުދަތުރުތައް ކުރުމާއި ކޮންމެ ދުވަހަކު ވެސް ބަލި ޖައްސާ މާހައުލެއްގައި އުޅެން ޖެހުމުން ލިބެން ޖެހޭ ރިސްކު އެލަވަންސް ކަނޑާލުމަކީ އޭރު ނަރުހުން ވަރަށް ކަންބޮޑުވި ކަމެކެވެ.
ކުރިން އައިޖީއެމްއެޗުގައި މަސައްކަތް ކުރި ނަރުހަކު ބުނި ގޮތުގައި، އޭރު މަސައްކަތް ބުރަވެގެން ގޮސް ރޮވެ އެވެ. އެންމެ ހިތްދަތިވަނީ، އޭނާ ބުނި ގޮތުގައި، އެހާ ބުރަކޮށް މަސައްކަތް ކުރާއިރު ވެސް މަސް ނިމޭއިރު އަތަށް 20،000ރ. ވަރު ވެސް ނާރާތީ އެވެ. ކުރާ މަސައްކަތަކާ އަޅާބަލާއިރު، ލިބޭ މުސާރައިން އެއްގޮތަކަށް ވެސް ނުފުދޭ ކަމަށް އޭނާ ބުންޏެވެ.
"އެކަމަކު މިހާރު ހިތްހަމަޖެހިއްޖެ،" އައިޖީއެމްއެޗުން ކެނޑިގެން މިހާރު އޭނާގެ އަމިއްލަ ރަށުގެ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ އެ ނަރުސް ބުންޏެވެ.
"މިއީ ކުރިމަގުގައި ނަރުސްކަން ކިޔަވަން ބޭނުންވާ ކުދިންނަށް ވެސް ލިބޭ ހިތްވަރަކަށްވެ އަދި މިހާރު ދޭ ސިއްހީ ހިދުމަތުގެ ފެންވަރު ވެސް ރަނގަޅުވާނެ ކަމެއް."
-
އިތުރަށް ކިޔާލަން - ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތަކަށް 8،000-12،000ރ.ގެ ކުރިއެރުމެއް
ކޮމެންޓް (1)
ޅޮލް