ޗައިނާ ސަރުކާރުގެ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ (ސިޑްކާ) އާއެކު ރާއްޖެއިން ހަތަރު އެއްބަސްވުމެއްގައި ސޮއިކުރުމަށް 2 އޭޕްރީލް 2023 ގައި ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތު. ފޮޓޯ/ފޮރިން މިނިސްޓްރީ

ކުއްލިއަކަށް މަޝްރޫއުތަކެއް ޗައިނާ ކުންފުނިތަކަށް: އިންޑިއާއަށް ނުވީތަ؟

ޗައިނާ ކުންފުނިތަކާ ދިމާލަށް ފަހު ވަގުތު ސަރުކާރުން އެނބުރެން ފެށީ ކަމަށް ބެލެވިދާނެ ބަދަލެއް ފެންނަން ވަނީ ފަށާފައި
4 އޭޕްރީލު 2023
1

ސަރުކާރުން ވައުދުވެ ނުފުއްދި ދިގުލައިގެން ގޮސްފައި އޮތް، އައްޑޫގެ ޓޫރިޒަމްގެ އެންމެ ބޮޑު މަޝްރޫއު، ހަންކެޑެ ތަރައްގީ ކުރަން މިދިޔަ ހަފްތާ ތެރޭ، ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ސޮއިކުރީ ޗައިނާގެ ކުންފުންޏަކާ އެކު އެވެ. އަދި އެ މަޝްރޫއުއަށް ހަރަދުކުރަން ޗައިނާގެ ބޭންކަކުން 142 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ވެސް ނެގިކަން އެ ދުވަހު އިއުލާންކުރި އެވެ. 

މި ސޮއިކުުރުން ހާއްސަވަނީ މި ސަރުކާރު އައި ފަހުން ޗައިނާގެ ކުންފުންޏަކާ މިކަހަލަ ބޮޑު މަޝްރޫއުއެއް ހަވާލުކުރި މިއީ ފުރަތަމަ ފަހަރު ކަމަށް ވާތީ އެވެ. މިހާ ހިސާބަށް ވެސް ސަރުކާރުގެ ސިޔާސަތު އޮތީ ބޮޑެތި ހުރިހާ މަޝްރޫއުތަކެއް އިންޑިއާގެ ކުންފުނިތަކާ ހަވާލުކުރުމަށެވެ. ލޯނުން ނެގުން ވެސް އިންޑިއާގެ ބޭންކުތަކުންނެވެ. ސަރުކާރުން ދައްކާ ސަބަބަކީ އިންޑިއާގެ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރަން ޖެހެނީ، އެ މަޝްރޫއުތައް ހިންގަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ ކްރެޑިޓް ފެސިލިޓީއަކުން ކަމަށް ވާތީ ކަމެވެ. އެގްޒިމް ބޭންކަކުން ލޯނު ދޭ ނަމަ، އެ ބޭންކު ނިސްބަތްވާ ގައުމެއްގެ ކުންފުންޏަަކަށް މަޝްރޫއު ހިންގަން ދިނުމަކީ ޝަރުތެކެވެ.

އެކަމަކު، ސަރުކާރުން ދަމަހައްޓަމުން އައި އެ ސިޔާސަތު މިހާރު ބަދަލުވެއްޖެ ކަމަށް ގަބޫލުކުރެވޭނޭ ކަންތައްތަކެއް ފެންނަން ފަށައިފި އެވެ.

ހަންކެޑެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ/ފަންޑް މެނޭޖުމެންޓް

މިދިޔަ އަހަރު އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރި، ހަތަރު ރަށެއްގައި ހޮސްޕިޓަލް އެޅުމުގެ މަޝްރޫއުގެ އެއްބަސްވުން ކެންސަލްކޮށް ޗައިނާ ސަރުކާރުގެ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ (ސިޑްކާ) އާ އެކު އެ ހޮސްޕިޓަލްތައް ހަދަން ސަރުކާރުން މިދިއަ އާދީއްތަ ދުވަހު ސޮއިކުރީ އެވެ. އިންޑިއާގެ ކުންފުންޏާ އެކު ހެދި އެ އެއްބަސްވުން ނިމުމަކަށް ގެނެސް، ޗައިނާއަށް މަޝްރޫއު ދޭން ނިންމީ ކީއްވެގެން ކަމެއް ސަރުކާރުން ހާމަކުރާކަށް ބޭނުމެއް ނުވެ އެވެ. 

ޗައިނާ ސަރުކާރުގެ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ (ސިޑްކާ) އާއެކު ރާއްޖެއިން ހަތަރު އެއްބަސްވުމެއްގައި ސޮއިކުރުމަށް 2 އޭޕްރީލް 2023 ގައި ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތު. ފޮޓޯ/ފޮރިން މިނިސްޓްރީ

ވެރިކަމުގެ މި ދައުރު ނިމުމާ ގާތްވެފައިވާއިރު، ސަރުކާރު އޮތީ ސިޔާސަތު ކުއްލިއަކަށް މި ބަދަލުވި ސަބަބަކާ މެދު ގިނަ ވާހަކަތަކެއް ދައްކާ ގޮތަކަށް ނޫނެވެ. އަދި އެގޮތަށް ސިޔާސަތު ބަދަލުވެއްޖެކަން ފެނުނަސް، އެއީ ކަމުގެ ހަގީގަތް ކަމަށް ބުނާކަށް ވެސް ސަރުކާރުން ބޭނުމެއް ނުވެ އެވެ.

"އެކަމުގައި ވަކި ހާއްސަ ސަބަބެއް ނެތް. އެއީ ހަމަ އިއްތިފާގު، މި ދުވަސްވަރު ޗައިނާ ކުންފުނިތަކަށް މަޝްރޫއުތައް އެވޯޑް ކުރުން. މަޝްރޫއުތައް ހަވާލުކުރާއިރު ވަކި ގައުމެއްގެ ކުންފުންޏެއްތޯ ސަރުކާރުން ނުބަލާ،" ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވި އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި ޗައިނާއާ އެކު ހޮސްޕިޓަލްތައް ހެދުމުގެ އެއްބަސްވުމަކަށް ދެވުމުން މިހާރު ނުފެށި ގިނަ ދުވަސް ވެފައިވާ އެ މަޝްރޫއު ދެން ހިނގައިގަންނާނެ އެވެ. އަދި އެ މަޝްރޫއު ހަލުވިވާނޭ ކަމުގެ އުންމީދު ވެސް މިނިސްޓަރު އާކުރެއްވި އެވެ. 

އަތޮޅުތަކުގެ ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ ވައުދު ސަރުކާރަށް ނުފުއްދި ދިގުލައިގެން ވަނީ ގޮސްފަ އެވެ. އެ މައްސަލާގައި މަޖިލީހުގެ މެންބަރުންގެ ފަރާތުން ފާޑުކިޔުމާއި ޕްރެޝަރު ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބޮޑެވެ. 

"މިއީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ހޯދައިދިނުމަށް މި ސަރުކާރުން ކުރާ މަސައްކަތުގައި ކުރިއަށް އެޅުނު ފިޔަވަޅެއް،" ޝާހިދު ވިދާޅުވި އެވެ.

ހަތަރު ރަށެއްގައި ހޮސްޕިޓަލް އެޅުމުގެ މަޝްރޫއު ހަވާލުކުރި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ވައިސް-ޗެއާމަން މާލޭގައި 2 އޭޕްރީލް 2023 ވަނަ ދުވަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވަނީ. ފޮޓޯ/ފޮރިން މިނިސްޓްރީ

އިތުރު މަޝްރޫއުތަކެއް ހިންގަން ވެސް އާދީއްތަ ދުވަހު އެމްއޯޔޫއެއްގައި ޗައިނާއާ އެކު ރާއްޖެއިން ސޮއިކުރި އެވެ. އެއީ ދަނޑުވެރިކަމާއި މޫސުމަށް އަންނަ ބަދަލުތަކާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް 2023-2025 އަށް ހިންގަން ހެދި އެމްއޯޔޫއެއް ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފައިވެ އެވެ.

ސަރުކާރުން ދަމަހައްޓަމުން އައި އިންޑިއާގެ ކުންފުނިތަކަށް މަޝްރޫއުތައް ދިނުމުގެ ސިޔާސަތުގެ ދަށުން، މި ސަރުކާރުގެ ވައުދުތަކާ ގުޅިފައި ހުރި ބޮޑެތި ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ކުންފުނިތަކާ އެވެ. ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖާއި ބޯހިޔާވަހިކަމުގެ މަޝްރޫއާއި އައްޑޫގެ މަގުތައް ހެދުމާއި ގަން އެއާޕޯޓާއި ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމާއި ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް އަދި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ގާއިމްކުރުން ވެސް އޮތީ އިންޑިއާ ކުންފުނިތަކާ ހަވާލުކޮށްފަ އެވެ.

އެކަމަކު، އެ ކުންފުނިތަކުން މަޝްރޫއުތައް ހިންގާ ފެންވަރާއި ދުވެއްޔާ މެދު އާންމުންގެ މެދުގައި ވަރަށް ބޮޑެތި ކަންބޮޑުވުންތައް އޮވެ އެވެ. 

ގްރޭޓާ މާލޭ ބްރިޖްގެ މަތީގައި އަތުރާ ޝީޓްތައް އެޅުމަށް މިދިޔަ ފެބްރުއަރީ މަހު ގުޅިފަޅު ތައްޔާރުކޮށްފައި (ދައުރު ފޮޓޯ/އަހުމަދު ނާއިފް)

ބްރިޖްގެ މަސައްކަތް ކުރާ އެފްކޮންސްއިން އެ މަސައްކަތް ކުރާ ފެންވަރާއި ދުވެއްޔާ މެދު މީގެ ކުރިން އެތައް ސުވާލުތަކެއް ފެންމަތިވެފައިވެ އެވެ. އެ މަސައްކަތުގައި ގެންގުޅޭ މުވައްޒަފުންނާ މެދު އެފްކޮންސްއިން އަމަލުކުރާ ގޮތުން އެ މީހުން މުޒާހަރާ ކޮށްފައި ވެސް ވެ އެވެ. އައްޑޫ މަގުތައް ހަދާ ފެންވަރާ މެދު ވެސް އެ ސިޓީގެ މީހުންގެ ޝަކުވާ ގިނަ އެވެ. އެ މަޝްރޫއު ލަސްވެ، އެންމެ ފަހުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަޑައިގެން ހުންނަވަނީ އައްޑޫގަ އެވެ. އަދި މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް އަޅާ އިންޑިއާގެ ޖޭއެމްސީ ކުންފުނިން މުވައްޒަފުންނާ މެދު އަމަލު ކުރާ ގޮތުން އެ މީހުން ވެސް ވަނީ މަސައްކަތް ހުއްޓާލައި މިދިޔަ ހަފްތާގައި މުޒާހަރާކޮށްފަ އެވެ. 

ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން އަޅާ ފްލެޓެއް (ފޮޓޯ/ރައީސް އޮފީސް)

އިންޑިއާގެ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުގައި މި ހުރިހާ ކުންޏެއް ޖެހެން ފެށުމުން އަދި މީގެ ކުރިން ވެސް އިންޑިއާގެ ކުންފުނިތަކަށް ރާއްޖޭގެ މަޝްރޫއުތައް ރަނގަޅަށް ހިންގައި ނިންމާލެވިފައި ނުވާތީ، އެ ކުންފުނިތަކަށް ކާމިޔާބުކަމާ އެކު މަޝްރޫއުތައް ނިންމިދާނޭތޯ ވަނީ ސުވާލުތައް ގިނަވެފަ އެވެ. އަދި ދައުރު ނިމުމާ ގާތްވާއިރު ރައީސް ސޯލިހުގެ ބޮޑެތި ވައުދުތައް ހުރީ އިންޑިއާގެ ކުންފުނިތަކުގެ ތެރޭ ތާށިވެފަ އެވެ. އެ މަޝްރޫއުތައް ބާރަށް ހިނގައި ނިމޭ ތަނެއް ނުފެނެ އެވެ.

ޗައިނާ ކުންފުނިތަކާ ދިމާލަށް އެންމެ ފަހު ވަގުތު ސަރުކާރުން މި އެނބުރުނީ އެހެން ގޮތެއް ހޯދަން ކަމަށް ވުން ވަރަށް ކައިރި އެވެ. 

ކޮމެންޓް (1)

ަމިއުވާނު

4 އޭޕްރީލު 2023
މިއުވާން ބުނެފިނަމަ ވާނީ ހަމަ ތެދަށް؛ އާޙިރްތެއް އޮތްކަމަކަށް މިއުމެން ނޫޅޭވިޔާ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް