މިދިޔަ އަހަރުގެ އޭ ލެވެލް އިން އެއް ވަނަ ހޯދި ދަރިވަރު މަލްޝާ: އޭނާ ކާމިޔާބު ހާސިލް ކުރީ ގަދަ ހިތްވަރުން
ދުއާ އާއި ކެތްތެރިކަމާއި ހިތްވަރުން ހޯދި ކާމިޔާބި
އެންމެ ކުޑައިރުއްސުރެ އުމުރުން 16 އަހަރާ ހަމައަށް، ކޮންމެ ގްރޭޑަކުން ރަން ވަނަތަކާއި ދަރަޖަތައް ހޯދަމުން އައި މަލްސާ މުޖުތަބާ، އުފަން ރަށް ދޫކޮށް މާލެ ބަދަލުވި އިރު، އޮތީ އެންމެ އުއްމީދެކެވެ؛ އޭ ލެވެލް އިން އެއް ވަނަ ހޯދައި، ރައީސް ދެއްވާ ސްކޮލަޝިޕް ކަށަވަރުކުރުމެވެ.
ނ. ވެލިދޫގައި ހުންނަ ނ. އަތޮޅު ތައުލީމީ މަރުކަޒުން ކިޔަވައިގެން އޯ ލެވެލް އިން ރާއްޖެއިން ތިން ވަނަ ހޯދުމަށް ފަހު، 2020 ވަނަ އަހަރު އޭ ލެވެލްއަށް ކިޔެވުމަށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ބަދަލުވީ، މަތީ ސާނަވީގައި އާދަޔާހިލާފު ނަތީޖާއެއް ހޯދުމުގެ އުއްމީދުގަ އެވެ.
އެކަމަކު އެކަމަށް ހުރި ގޮންޖެހުންތަކާއި ހުރަސްތައް އޭނާއަށް އެނގުނީ، މިނިވަންކަމާއި އުފަލާއި ލޯތްބާ އެކު އެހާތަނަށް ދިރިއުޅެމުން އައި ފަސްގަނޑު ދޫކޮށް، މުޅިން އާ ތަނަކަށް ބަދަލުވުމުންނެވެ.
ފެށުނީއްސުރެ އެކުގައި އުޅެމުން ދިޔަ އާއިލާއާ ވަކިވާން ޖެހުމަކީ، މަލްޝާގެ ފުރަތަމަ މާޔޫސްކަމެވެ. އޭނާއަށް މާލެ ބަދަލުވެވުނީ، ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު މުޅި ދުނިޔެ ބައްދާލި ވަގުތުގައި ކަމުން، މާލެ އައިސް ގޭގައި ބަންދުވީ އެވެ؛ އާއްމުކޮށް އަވި ލިބޭ ތަނެއްގައި، ފެހިކަމެއް ފެންނަން ހުންނަ ތަނެއްގައި ކިޔަވަން އާދަވެފައިވާ މަލްޝާއަށް އަނެއްކާވެސް އަނެއް ފޫހިކަމެވެ. ސްކޫލުގެ ކިޔެވުން އޮންލައިންކޮށް ފެށިއިރު، މާ ބޮޑު އެއްޗެއް އޭނާއަކަށް ފަހުމެއް ވެސް ނުވެ އެވެ.
ސްކޫލުގެ ފުރަތަމަ ސެމިސްޓާގެ ކިޔެވުން ނިމުނު އިރު، މަލްޝާގެ ހުރިހާ ފަރާތަކުން ބައްދާލާފައި އޮތީ މާޔޫސްކަމާއި ނާއުއްމީދެވެ. ފުރަތަމަ ސެމިސްޓާގެ ނަތީޖާ ވެސް އޭނާއަށް ގަބޫލުކުރެވޭހާ ދަށެވެ. އޭރު މަލްޝާއަށް ގަބޫލުކުރެވުނީ އޭ ލެވެލް ވަރަށް އުނދަގޫ ކަމާއި މާ މޮޅު ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ. ބޭނުންވީ، މަންމަ ކައިރިއަށް، ކޮއްކޮ ކައިރިއަށް ރަށަށް ދާށެވެ. ނަމާދުކޮށް، ދުއާ ކުރެވޭ ވަރަށް ވުރެ އޭނާގެ އީމާންތެރިކަން ވެސް ހުރީ ދަށުގަ އެވެ.
ނަފްސާނީ ގޮތުން ވެސް ވަރުގަދަ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައިވާކަން މަލްޝާއަށް ގަބޫލުކުރެވުނެވެ. އެހެންވެ، އެކަަމަށް ކުރިމަތިލުމަށް ނިންމުމަކީ، އެ ޒުވާނާ ދުށް ގޮތުގައި އޭނާއަށް އޭރު ނެގުނު އެންމެ ރަނގަޅު ފިޔަވަޅެވެ. ސްކޫލުގެ ކައުންސިލަރާ ވާހަކަ ދަައްކައިގެން، މަލްޝާ އޭނާގެ ހާލަތާ މެދު މަޝްވަރާ ކުރަން ފެށި އެވެ. ރަށުގައި ތިބި އާއިލާ މަތިން ހަނދާންވާކަމާއި ކިޔަވަން އުނދަގޫވާ ވާހަކަ އެވެ. އާ މާހައުލަށް ނުހޭނި، މާޔޫސް ވަމުންދާ ކަމެވެ.
ނަފްސާނީ ގޮތުން މީހާގެ ސިކުނޑިއަށް ލުޔެއް ހޯދުމަށް، އޭނާ ދެން މަސައްކަތް ކުރަމުން ދިޔައީ ކައުންސިލަރުގެ މަޝްވަރާއާ އެކުގަ އެވެ.
އެކަމަކު މަލްޝާ ދެކޭގޮތުގައި، އޭނާގެ އީމާންތެރިކަން ވަރުގަދަވެ، މޮޅު ނަތީޖާއެއް ހޯދުމަށް އަލުން މަސައްކަތް ފެށުމަށް ހިތްވަރު ލިބުނީ 2021 އަހަރު ދިމާވި ރަހުމަތްތެރިއެއްގެ ސަބަބުންނެވެ. އެ ރަހުމަތްތެރިޔާ އޭނާއަށް ނަސޭހަތްތެރިވީ، ހުއްޓާ ނުލައި، ﷲއަށް ދުއާކުރުމަށެވެ. ރަހުމަތްތެރިޔާގެ ވާހަކައިން މަލްޝާއަށް އެނގުނީ ކޮންމެ ކަމަކީ ވެސް ﷲގެ ހަޒްރަތުގައި ކުޑަ ކަމެއް ކަމާއި ރަނގަޅު ނަތީޖާއަކަށް އެދި ދުއާކޮށްފި ނަމަ، އެއީ ނުވާނެ ކަމެއް ނޫންކަމެވެ.
ދެ ވަނަ ސެމިސްޓާގައި މަލްޝާ މަސައްކަތް ފެށީ އެ ހިތްވަރާއި އަޒުމުގަ އެވެ. އޭރު އޭނާގެ މޮޓޯއަކަށް ހަދާފައި އިނީ 'ފުރަތަމަ ޖަމަލު ބަންނާށެވެ. އެއަށް ފަހު ﷲއަށް އިތުބާރު ކުރާށޭ' އެވެ.
ރަހުމަތްތެރިޔާގެ އިރުޝާދުގެ މަތިން މަލްޝާގެ ގޯލްތައް ކަނޑައެޅީ، އަނެއްކާ ވެސް އެންމެ މަތިންނެވެ. އޭ ލެވެލްގެ އެއް ވަނަ އަށެވެ. ރައީސް ދެއްވާ ސްކޮލަޝިޕަށެވެ. ކިޔެވުމާ އެކު، އެ ނަތީޖާއަށް ވާސިލްވުމަށް އޭނާ ކެނޑިނޭޅި ދުއާތައް ވެސް ކުރަން ފެށި އެވެ.
"އޭރު އަޅުގަނޑުގެ ހިތަށް ވިސްނައިދިނީ، ނުވާނެ ކަމަށް ނުވިސްނާށޭ. ގޯލްތައް ސެޓްކޮށްފައި އެކަންކަން ކާމިޔާބު ކުރުމަށް ހިތްވަރާ އެކު މަސައްކަތް ކުރާށޭ،" މަލްޝާ ކިޔައިދިނެވެ.
އޭ ލެވެލްގެ ނަތީޖާ އައީ އޭނާ އުއްމީދު ކުރި ގޮތަށެވެ. އޯ ލެވެލްގައި އޭނާއަށް ލިބުނީ ތިން ވަނަ ނަމަވެސް، އޭ ލެވެލްއިން ހުރިހާ މާއްދާއަކުން އޭ ފާސް ހޯދައިގެން އެއް ވަނަ ހޯދި އެވެ. އަދި ރާއްޖެއާ ދުނިޔޭގެ ފެންވަރުގެ ވަނަތައް ހޯދައި ރައީސްގެ ސްކޮލަޝިޕް މަލްޝާ ޔަގީން ކުރި އެވެ.
ކިޔެވުމުގައި ގެންގުޅުނު އުކުޅާއި މަލްޝާގެ ނަސޭހަތް
ކްލާހުގައި ފިލާވަޅު ނަގައިދޭ އިރު، މަލްޝާގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައި ހުންނާނީ އެކަމަށެވެ. އޭނާއަށް އެންމެ މުހިއްމު ވަގުތަކީ ފިލާވަޅު ނަގައިދޭ ގަޑި އެވެ. އެކަމަކު ކިޔަވައިދޭ އެއްޗެއް ދޭހަވި ނަމަވެސް އެހާ ހަމައިން މަލްޝާ އެޔެއް ދުލެއް ނުކޮށްލަ އެވެ.
ގެއަށް ގޮސް، ފިލާވަޅާ ގުޅޭ އިތުރު ކަންކަން އިންޓަނެޓުން އޭނާ ހޯދަ އެވެ. އަދި އެ އެއްޗެހި ލިޔެގެން، އަމިއްލައަށް ނޯޓްސް ހަދަ އެވެ. ސުވާލެއް އުފެދިއްޖެ ނަމަ، ޓީޗަރު ކައިރިން އޭގެ ޖަވާބު ހޯދައިގެން ނޫނީ އޭނާއަށް ހަމަޖެހުމެއް ނުލިބެ އެވެ.
އިމްތިހާނަށް އޭނާ ތައްޔާރުވަނީ އޭރު އެ ނެގި ނޯޓުތައް ކިޔާ ފަރިތަކޮށްގެންނެވެ.
"އަޅުގަނޑު ފިލާވަޅުތައް ދަސްކުރަނީ ބާރަށް ކިޔައިގެން. އެހެން މީހަކަށް އެ ކިޔައިދޭ ގޮތަށް. އެގޮތަށް ކިޔެވީމައި ވެސް ހަނދާނުގައި ބަހައްޓަން ފަސޭހަވޭ،" އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށް، އިނގިރޭސިވިލާތަށް ދާން ތައްޔާރުވަމުން އަންނަ މަލްޝާ ކިޔައިދިނެވެ.
ދެން އޭނާ ދިން ނަސޭހަތަކީ ކަމެއް ހާސިލް ކުރުމަށް މަސައްކަތް ކުރާއިރު، އެކަން ކާމިޔާބުވުމަށް އެދި ދުއާ ވެސް ކުރުމެވެ. ކުރާ ކޮންމެ ކަމެއްގައި ވެސް ދުއާކުރުން ހިމެނުމެވެ.
"އަޅުގަނޑުމެންނަށް ހީވަނީ ވަރަށް ބޮޑެތި ކަންކަމަށޭ ދުއާ ކުރަން ޖެހެނީ. މި ހުންނަ ކުދިކުދި ކަންކަމަށް ދުއާކުރުން ވޯތެއް ނޫނޭ،" މިހާރު ކޮންސަލްޓިން ފާމެއްގައި މަސައްކަތް ކުރަމުން އަންނަ މަލްޝާ ކިޔައިދިނެވެ.
"އެކަމަކު ދުއާކުރުން އެބަ ހިމަނަން ޖެހޭ ލައިފްސްޓްއިލްގެ ތެރޭގައި ވެސް."
އެކަމުގައި މަލްޝާ ގެންގުޅޭ ގޮތް ވެސް ކިޔައިދިނެވެ. އޭނާގެ ފިކުރުތަކާއި އިހުސާސްތައް ނޯޓުކޮށްފައި ބެހެއްޓުމަށް ފަހު، ހާއްސަކޮށް ފަތިސް ވަގުތު ކަހަލަ މަޑުމައިތިރި ގަޑިއެއްގައި އެކަންކަން ﷲއަށް ދަންނަވަނީ އެވެ. އާ ދުވަހަކަށް އިރުއަރާއިރު، މަލްޝާ ކިޔައިދިން ގޮތުގައި އެ ހާސްކަމާއި ފިކުރުތައް ފިލައިގެން ދެ އެވެ.
މިއީ މިދިޔަ އަހަރުގެ އޭ ލެވެލްގައި އެންމެ މޮޅު ނަތީޖާ ހޯދި އެއް ދަރިވަރުގެ ތަޖުރިބާ އެވެ. އޭނާގެ ހުރިހާ ކާމިޔާބީއެއް ވެސް ގުޅިފައިވަނީ ކުރި ހިތްވަރާއި ދުއާތަކާ އެވެ.
ކޮމެންޓް (1)
ހަސަން