ކެންސަރުން އަރައިގަނެ ރައްޒާން (ކ2) ފުރަތަމަ ޑައިވް ކުރުމުގެ ތެރެއިން ފޮޓޯއަށް ހުއްޓިގެން
ކެތްތެރިކަމާއި ހިތްވަރުން ކެންސަރުގެ މައްޗަށް ކުރި ހޯދައި، އާ ހަޔާތެއް
މިދިޔަ އަހަރުގެ ކުރީކޮޅާ ހަމައަށް މުހައްމަދު ރައްޒާންގެ ކޮންމެ ދުވަހަކީ ވެސް، އޭނާގެ ބަހުން ނަމަ، އުޖާލާ އަދި އުފާވެރި ދުވަހެކެވެ. ހެނދުނު ހޭލައިގެން ފަތަން ނޫނީ ކަސްރަތު ކުރަން ދެ އެވެ. އޭގެ ފަހުން އޮފީހަށް ނުކުމެ އެވެ. ހަފުތާއަކު މަދުވެގެން އެއް ފަހަރު ނަމަވެސް ޑައިވް ކުރަން ދެ އެވެ. ރަހުމަތްތެރިންނާ އެކު ވަގުތު ހޭދަކޮށް، މަޖާކުރުމަށް ވަގުތު ހޯދަ އެވެ. އާއިލާގެ މެމްބަރުންނަށް ޒިޔާރަތް ކުރެ އެވެ.
އެކަމަކު މި ހުރިހާ ކަމެއް ބަދަލުވީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު އިންފެކްޝަނެއްގެ ސަބަބުން ބަލިވެ، އެއަށް ބޭސްކުރަމުން ދިޔައިރު، މާބޮޑަށް މީހާ ވަރުބަލިވާން ފެށީ އެވެ. ޑޮކްޓަރަށް ދެއްކި އިރު އެނގުނީ ލޭގައި ހުދު ސެލް ހުންނަ މިންވަރު މަދުވެފައިވާ ކަމެވެ. އެކަމަކު ދެން ހެދި ޓެސްޓުތަކުން ވެސް އޭގެ ސަބަބެއް ނޭނގުނެވެ. އެންމެ ފަހުން އޭގެ އަސްލު ދެނެގަނެވުނީ އިންޑިއާއަށް ގޮސް ހެދި ބޯންމެރޯ ބަޔޮޕްސީ އިންނެވެ.
އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ހެދި އެ ޓެސްޓުގެ ނަތީޖާ ލިބުނު ދުވަސް އަދިވެސް ރައްޒާން ހަނދާން އެބަހުއްޓެވެ. ކޮއްކޮއާ އެކު ނަތީޖާ ބަލައި ދިޔުމުން، ޑޮކްޓަރު ދިނީ އެ މީހުން ކުޑަކޮށް ވެސް ހީނުކުރާ ހަބަރެކެވެ. އޭނާގެ ބަލީގެ އަސްލަކީ ލޭގެ ކެންސަރެއް ކަމުގައިވާ 'އެކިއުޓް ޕްރޮމައިލެސެޓިކް ލިއުކީމިއާ' އެވެ. ވަރުބަލިވުން ފިޔަވައި އެހެން އަލާމާތެއް ފެންނަން ނެތުމުން އެކަންވީ ރައްޒާންގެ އިތުރުން ޑޮކްޓަރުން ވެސް ހައިރާންވި ކަމަކަށެވެ.
ބަލިވެ އުޅޭތާ ތިން މަސް ފަހުން ހެދި ޓެސްޓުތަކުން، ކެންސަރު ޖެހުނުކަން އެނގުމާ އެކު، 30 އަހަރުގެ ރައްޒާންގެ ހުރިހާ ކަމެއް ވަގުތުކޮޅަކަށް ހުއްޓުނެވެ. އެކަންވީ އޭނާއަށް ލިބުނު ބޮޑު ޝޮކަކަށެވެ. ނަމަވެސް ރައްޒާން ވަރަށް އަވަހަށް އޭނާގެ ހާލަތު ގަބޫލުކޮށްފި އެވެ. ހުރިހާ ކަމެއް ބަދަލުވެ، ބަލި އެނދުގައި އޮށޯންނަން ޖެހުނު ކަމުގައި ވިޔަސް އެކަމަށް އޭނާ ވަގުތުން ތައްޔާރުވި އެވެ.
ރައްޒާން ކިޔައިދިން ގޮތުގައި ފަރުވާގެ ކުރީކޮޅު ވަރަށް ވޭންދެނިވި އެވެ. އެއްޗެއް ނުކެވޭތީ ހަށިގަނޑު ބަލިކަށިވި އެވެ. އަބަދު ބޮލުގައި ރިހުނު ކަމުގައި ވިޔަސް ތަދު ކެނޑުވުމަށް ދޭ ބޭހަށް އެލާޖިކް ވުމުން، އެ ވޭނަށް ކެތްކުރުން ނޫން ގޮތެއް ނެތެވެ. ކީމޯތެރަޕީ އާއި ބޭހުން ރިހުން ބޮޑުވި އެވެ. އެކަމަކު އެ ވޭނުގެ ތެރެއިން ރައްޒާން އަޒުމު ކަނޑައެޅީ ކެންސަރާ ކުރިމަތިލުމަށެވެ.
އޭނާގެ ކުރިމަތީގައި އޮތް ހަމައެކަނި ގޮތަކީ ކެންސަރާ ހަނގުރާމަކޮށް އެ ބަލިކުރުން ކަމުގައި ހެދި އެވެ.
އިންޑިއާގައި ދޮޅު މަސް ވާންދެން ފަރުވާ ކުރުމަށް ފަހު ރައްޒާން ރާއްޖެ އައީ، އެ ފަރުވާ އަމިއްލަ ގައުމުން ހޯދުމަށެވެ. މާލެ އައުމާ އެކު އަނެއްކާވެސް އޭނާ އާއްމު ދިރިއުޅުމާ ކުރިމަތިލި އެވެ. އެކަމަކު މި ފަހަރު ކެންސަރާ އެކުގަ އެވެ.
ރައްޒާން ކިޔައިދިން ގޮތުގައި ހަފުތާއަކު ފަސް ދުވަހު އޭނާ ކީމޯތެރަޕީ ނަގަން ޖެހެ އެވެ. ހުޅުމާލޭ ހޮސްޕިޓަލުން އެ ފަރުވާ ހޯދާއިރު ދުވާލަކު ތިން-ހަތަރު ގަޑިއިރު އެކަމަށް ހޭދަވެ އެވެ. ހޮނިހިރު ދުވަހު އީސީޖީ އާއި ލޭގެ ޓެސްޓު ފަދަ ޓެސްޓުތައް ހަދަން ޖެހެ އެވެ. އެންމެ ކުރާހިތްވާ ޑައިވިން އާއި ކަސްރަތު ފަދަ ކަންކަމަށް އެ ވަގުތު އަލްވަދާއު ކިޔަން ޖެހުނެވެ. އެކަމަކު އެއީ، ބައްޔާ އެކު އޭނާ ކުރިމަތިލާން ޖެހޭނެ ހާލަތެއްކަން މާ ކުރިން ރައްޒާން ގަބޫލުކޮށްފި އެވެ. ކުރިން ވަރަށް މިނިވަންކޮށް އުޅުނު ނަމަވެސް، ބަލިވުމާ އެކު އެހެން މީހުންނަށް ބަރޯސާ ވާން ޖެހޭނެކަން އޭނާއަށް އެނގެ އެވެ.
"ބަލިވުމުން، އެ ބަލި ގަބޫލުކުރުމަކީ ވަރަށް މުހިއްމު ކަމެއް. ބަލިވެއްޖެ ކަމާއި ފަރުވާ ހޯދަން ޖެހޭނެކަން ގަބޫލުކުރުމަކީ މިކަމުން އަރައިގަތުމުގެ ފުރަތަމަ ފިޔަވަޅު،" އޭނާ ބުންޏެވެ.
އެ ހުރިހާ ކަމަކާ ވެސް ރައްޒާން ކުރިމަތިލީ، ކެންސަރުން އަރައިގަންނާނެ ކަމުގެ އަޒުމުގަ އެވެ.
ބައެއް ކަންކަން ނުކުރެވުނު ނަމަވެސް އޭނާ ދެން ވެސް އުޅުނީ އާދައިގެ މީހެއް ހެންނެވެ. ހެނދުނު ހޭލައިގެން ކޮންމެ ދުވަހަކު ވެސް އޮފީހަށް ދެ އެވެ. އާއިލާގެ ގޭގެއަށް ޒިޔާރަތް ކުރެ އެވެ. އޭނާއަކީ މާ ބަލި މީހެއް ކަމަކަށް އެ މީހުންނަކަށް ނުދައްކަ އެވެ.
"އޮފީހުގެ ބައެއް މީހުންނަށް ވެސް، ބައެއް ރަހުމަތްތެރިންނަށް ވެސް ނޭނގޭނެ ކެންސަރަށް ފަރުވާ ހޯދާ ކަމެއް. ކޮންމެ ދުވަހަކު މެންދުރު ގަޑީ ގެއްލޭތީ އެހެން އަހާލާނެ،" ބަލީގެ ހާލަތު ގިނަ ބަޔަކަށް ނޭންގި ނަމަވެސް އެކަން ސިއްރު ނުކުރާކަން ފާހަގަކުރަމުން ރައްޒާން ބުންޏެވެ.
"ކީމޯ ދޭން ޖެހޭތީ އަބަދުވެސް އަތަށް އިންނާނެ ޕީއައިސީސީއެއް ގުޅާފައި. ކެނިއުލާއެއްގެ ގޮތަށް. އެ ފެނިގެން ސުވާލު ކުރީމައި ބުނެދެން."
މިދިޔަ 10 މަސް ދުވަހު ރައްޒާން އުޅުނީ އެހެންނެވެ. ކުރިން ވަރަށް މިނިވަންކޮށް އުޅުނު ނަމަވެސް ކުއްލިއަކަށް ހުރިހާ ކަމެއް ބަދަލުވުމުން އެކަން އޭނާއަށް އިހުސާސްވި އެވެ. އެކަމަކު އެ ވަގުތުތަކުގައި ވެސް އޭނާ ދުށީ، މިއީ ކެންސަރަށް ވުރެ އޭނާ ވަރުގަދަވާނެކަން ދައްކުވައިދޭން ލިބުނު ފުރުސަތެއްގެ ގޮތުގަ އެވެ.
ރައްޒާން ބޭނުންވީ، ކެންސަރާ އެކު ވެސް ދިރިއުޅެވޭނެކަން ދައްކައިދޭށެވެ. ހަށިގަނޑުގެ ގުނަވަންތަކަށް ކެންސަރުގެ އަސަރު ފޯރުވަމުން ދިޔަޔަސް، އޭގެ އަސަރު ހިތާއި ސިކުނޑިއާ ހަމައަށް ފޯރައި، އޭނާގެ ރޫހު ބަލިކަށިވިޔަ ނުދިނުމަށެވެ.
"އަޅުގަނޑު ދައްކައިދޭން ބޭނުންވީ ކެންސަރަށް ކޮންމެ މީހަކު ބަލިކަށިކޮށް ނުލެވޭނެކަން. ހިތްވަރާއި ކެތްތެރިކަމާ އެކު ކުރިމަތިލައިގެން، ބަލީގެ އަސަރު، ހިތާއި ސިކުނޑިއަށް ބާރު ފޯރުވިޔަ ނުދެވޭނެކަން،" ރައްޒާން ކިޔައިދިނެވެ.
ކެންސަރާ ދެކޮޅަށް އޭނާ ކުރި އެ ހަނގުރާމައިގައި އެންމެ މުހިއްމު އެއް ބައިވެރިއަކީ، ކެންސަ ސަޕޯޓް ގުރޫޕެވެ. އެއީ، ކެންސަރުގެ ބަލި މީހުން އެއްތަންވެ، އެ މީހުންގެ އިހުސާސްތައް ހިއްސާ ކުރާ މައިދާނެކެވެ. ރައްޒާން ބުނިގޮތުގައި ބަލިވުމާ އެކު، ކަންކަން މަތިން ފޫހިވި ނަމަވެސް އެ މީހުންނާ ބައްދަލުވުމާ އެކު އާ ހިތްވަރެއް ލިބެ އެވެ. ކެންސަރުގެ ބަލިމީހުންނަށް ނޫނީ، އެ ވޭނާއި ތުރާ އެނގޭނެ އެހެން ބައެއް ނޫޅޭނެ އެވެ. އެހެންވެ، އެ މީހުންގެ ހިތްވަރު ފެނުމުން، އެއީ ބައްޔާ ކުރިމަތިލާން ލިބޭ ބާރެއް ކަމަށް އޭނާ ބުންޏެވެ.
ކެންސަރުގެ ވޭނުގައި 10 މަސް ދުވަސް ހޭދަކުރުމަށް ފަހު، މިދިޔަ ހަފުތާގައި ރައްޒާން ވަނީ ބަލީގެ ހާލަތު ބެލުމަށް އިންޑިއާއަށް ގޮސް ޓެސްޓުތައް ހަދާފަ އެވެ. ހުރިހާ ނަތީޖާއަކުން ވެސް ދެއްކީ ކެންސަރުގެ އަސަރު އޭނާގެ ހަށިގަނޑުން ނެތް ކަމަށެވެ. ރައްޒާން އެންމެ ފުރަތަމަ ވެސް ގަބޫލުކުރި ގޮތަށް، ކެންސަރުގެ މައްޗަށް، މާތް ﷲގެ ވާގިފުޅާ އެކު އޭނާ ކުރި ހޯދީ އެވެ. އެއީ ހިތްވަރާއި ކެތްތެރިކަމާ އެކު ނޫނީ ކުރިމަތި ނުލެވޭނެ ހަނގުރާމައެއް ކަމަށް އޭނާ ދެކެ އެވެ.
ކެންސަރު ބަލިން އަރައިގަނެވުމާ އެކު އޭނާ ފުރަތަމަ ވެސް ބޭނުންވީ މޫދު އަޑީގައި ފީނާލާށެވެ. އޭނާ އެންމެ ކުރާހިތުން ކުރި ޑައިވިންއަށް އަލުން ދާށެވެ. ރައްޒާން ވަނީ ޑައިވިންއަށް ގޮސް، މޫދު އަޑީގައި އޮވެ، އޭނާއަށް ލިބުނު ކާމިޔާބީ ފާހަގަކޮށްފަ އެވެ.
މޫދު އަޑީގައި އޭނާ ދައްކާލީ ﷲއަށް ހަމްދުކޮށް، ކެންސަރުގެ މައްޗަށް ދިރިއުޅުން ކާމިޔާބުވެއްޖެ ކަމަށް ލިޔެފައިވާ ބޯޑެކެވެ. އެއީ ހިތްވަރާއި ކެތްތެރިކަމާއި ދުއާއިން އޭނާއަށް ލިބުނު ކާމިޔާބީއެކެވެ.
ކޮމެންޓް (2)
ހައި ބައި ފްރެންޑް
އޮއްޕޮ