އައްޑޫ ހުޅުދޫގައި ހުންނަ އެފްކޮންސްގެ ސްޓާފް އެކޮމޮޑޭޝަން: މިއީ ވަށައިގެން ޓިނު ޖަހާފައި ހުރި، ހޫނުގަދަ ތަނެއް. (ދައުރު ފޮޓޯ)

އައްޑޫގައި އެފްކޮންސްގެ މުވައްޒަފުން ހަޅުތާލުކުރީ ކީއްވެ؟

އައްޑޫ މަގު ހެދުމުގެ މަސައްކަތުގައި އެފްކޮންސް އާއި މަޝްރޫއުގެ ސަބް ކޮންޓްރެކްޓަރުގެ މުވައްޒަފުން އުޅޭތާ ހައެއްކަ މަސް ވީއިރު، އެ މީހުންގެ އަސާސީ ކަންކަން ހުރީ ވަރަށް ގޯސްކޮށް
17 ފެބްރުއަރީ 2023
1

އެ މީހުން ބުނާ ގޮތުގައި އެ ހާލުގައި އުޅޭތާ ހަ މަސްވީ އެވެ — ދުވާލަކު ކާން ދެނީ އެންމެ ވަގުތެއްގަ އެވެ. އިންޝުއަރެންސް ނުދިނުމުގެ އިތުރުން، ޑޮކްޓަރަށް ދައްކައިދިނަސް ބޭހެއް ނުލިބެ އެވެ. ބައެއް މީހުން ދިރިއުޅެނީ ޓިނުން ހަދާފައި ހުރި 'ގުދަންތަކެއް'ގަ އެވެ. ގައުމަށް އެނބުރި ދާން ބަލައިލިއިރު ވިސާ ޖަހާފައެއް ނެތެވެ. މިއީ އައްޑޫގެ މަގުހެދުމުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން، މިދިޔަ ހޮނިހިރު ދުވަހު މަސައްކަތް ހުއްޓާލައި ފެށި ހަޅުތާލުގައި ކުރި ބައެއް ޝަކުވާތަކެވެ.

އައްޑޫގެ މަގު ހެދުމުގެ މަސައްކަތާ މެދު އާންމުންގެ ޝަކުވާތައް ވެސް ގިނަ އެވެ. ބައެއް މަގުތަކުގެ ނިމިފައި ހުރީ އެއް ބަ އެވެ. ވެލި މަގުތަކުގައި ހަމައެކަނި ކާނު ބަހައްޓާފައި ވެސް އެބަހުއްޓެވެ. ދުއްވަން ވެސް، ހިނގަން ވެސް ރައްކާތެރިއެއް ނޫނެވެ. އެއް މަގުގައި ތާރު އަޅައިފިއްޔާ ޖެހިގެން އޮތް މަގުގައި އަޅާފައި އޮތީ އެޅިގަލެވެ. އެއްފަހަރާ ގިނަ މަގުތަކެއް ކޮނެ، އުޅަނދުފަހަރަށް ނުވަދެވޭ ގޮތަށް ބައެއް މަގުތައް ހުރީ ބަންދުކޮށްފަ އެވެ. މަސައްކަތުގެ ސްޕީޑު ވަރަށް ވެސް ލަހެވެ. ކުރަން މި އުޅެނީ ކޮން ކަމެއް ކަމާ މެދު އައްޑޫގެ ރައްޔިތުން ސުވާލު އުފައްދައި ޝަކުވާ ކުރަނީ، ފެންނަ މިކަހަލަ މަންޒަރުތަކާ ހެދި އެެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ކޮނެފައި އޮތް މަގެއް. (ފޮޓޯ/އައްޑޫ ލައިވް)

މި މައްސަލަ ބޮޑުވެގެން ގޮސް އެންމެ ފަހުން މިކަން ކޮޅެއްގައި ޖައްސަން މިދިޔަ ހޮނިހިރު ދުވަހު ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ އައްޑުއަށް ވަޑައިގެންފަ އެވެ. އެއީ އެފްކޮންސް މުވައްޒަފުންގެ ހަޅުތާލު ވެސް ފެށި ދުވަހެވެ. ހަމަ އެ ދުވަހާ ހަޅުތާލު ދިމާވުމަކީ އިއްތިފާގެއް ކަމެއް ނުވަތަ މިނިސްޓަރު ވަޑައިގަތުމާ ގުޅުވައިގެން ހަޅުތާލު ފެށީ ކަމެއް ނޭނގެ އެވެ. ނަމަވެސް އޭގެ ކުރިން އެ މުވައްޒަފުންގެ ފަރާތުން ތިލަނުވާ އެތަކެއް ޝަކުވާތަކާއި ކަންބޮޑުވުންތައް ބަންޑުންކޮށްލި އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ މީހުން ދެއްކީ ބޮޑެތި މައްސަލަތަކެއްގެ ވާހަކަ އެވެ.

މަސައްކަތް އަވަސްކުރަން ވަޑައިގަތް އަސްލަމް، އެ މައްސަލަތައް ވީހާ ވެސް އަވަހަކަށް ހައްލުކުރުމަށް ފަހު މަސައްކަތް ފަށަން އެފްކޮންސްއަށް ބާރުއެޅުއްވި ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ. އަދި މައްސަލަތައް ހައްލުކޮށްދޭނެ ކަމަށް ކުންފުނީގެ ވެރިން ބުނުމުން، ހަތަރު ދުވަސް ވަންދެން މުވައްޒަފުން ކުރި ހަޅުތާލު އިއްޔެ ނިންމާލައި، މަސައްކަތަށް އަނެއްކާވެސް ވަނީ ނުކުމެފަ އެވެ. ނަމަވެސް ބައެއް ކަންތައްތައް ހުރީ އެންމެ ދުވަހަކުން ހައްލު ކުރެވޭ ގޮތަކަށެއް ނޫނެވެ.

އިހުތިޖާޖުގެ ފެށުން: ދަރިއެއްގެ މޫނު ބަލައިލަން ގައުމަށް ނުދެވުން

އެފްކޮންސްގެ މުވައްޒަފުން އައްޑޫގައި ތަހައްމަލުކުރަން ޖެހުނު އެތައް ކަންތައްތަކެއް ހަޅުތާލާ އެކު ނިއުޅުވައިލި އެވެ. ނަމަވެސް، އެނގިފައިވާ ގޮތުގައި، މިއީ މުވައްޒަފެއްގެ ވިސާގެ މައްސަލައަކުން ފެށުނު ކަމެކެވެ. މުވައްޒަފުން އެކަތިގަނޑަކަށްވެ ހަޅުތާލަށް ނުކުތީ، އެކެއްގެ ހައްގުގަ އެވެ.

'ދައުރު' އިން ބެލިބެލުމުން އެނގުނު ގޮތުގައި އެފްކޮންސްގެ ލޭބަރާއެއް، އޭނާގެ ދަރިއަކު ކުއްލިއަކަށް މަރުވެގެން ގައުމަށް އެނބުރި ދާން ކުރި މަސައްކަތް ނާކާމިޔާބުވީ ވިސާ ހަމަޖައްސާފައި ނެތުމުންނެވެ. އަދި އެ ކުންފުނީގެ ވަކި ފަންތިއަކުން ފެށިގެން ދަށުގެ އެއްވެސް މުވައްޒަފަކަށް ވިސާ ހަމަޖައްސާފައި ނެތްކަން ވެސް އެ ހިސާބުން އެ މީހުންނަށް އެނގުނެވެ. 

ދިރިއުޅެން ދީފައި ހުރީ ޓިނު 'ގުދަންތަކެއް'

އައްޑޫގައި އެފްކޮންސްގެ މުވައްޒަފުންނަށް މައްސަލަ އެންމެ ބޮޑުވި އެއް ރަށަކީ ހުޅުދޫ އެވެ. ހުޅުދޫގައި މަސައްކަތްކުރާ އެފްކޮންސްގެ މީހުންގެ އެކޮމޮޑޭޝަން ހުންނަނީ އެ ރަށުގެ ކުރީގެ ފުޓުބޯޅަ ދަނޑު ހުރި ބިމުގަ އެވެ. ހަނަފަސް އެ ބިމުގައި އެ މީހުން ދިރިއުޅެން ދީފައި ހުންނަނީ ޓިނުގެ ގުދަންތަކެއް ފަދަ ތަންތަނެވެ.

އައްޑޫ ހުޅުދޫގައި ހުންނަ އެފްކޮންސްގެ ސްޓާފް އެކޮމޮޑޭޝަން ބޭރުން ފެންނަ ގޮތް. (ދައުރު ފޮޓޯ)

'ދައުރު' އިން ހޯދިހޯދުންތަކުން ދައްކާ ގޮތުގައި:

  • އެތަންތަން ސީލިންކޮށްފައި ހުންނަނީ ޓިނުން، އަރިމަތީގައި ޖަހާފައި ހުންނަނީ އޮމާން ޓިނު

  • ބައެއް ގުދަންތަކުގައި 20 މީހުން ދިރިއުޅޭ؛ ބައެއް ތަންތަނުގައި ހުންނަނީ ހަތަރު ސީލިން ފަންކާ

  • ވެންޓިލޭޝަނަށް ކޮންމެވެސް ވަރަކަށް ކުޑަދޮރުތަކެއް ހުރޭ؛ އެ ދޮރުތައް ހުޅުވިޔަސް ނުހުޅުވިޔަސް، މެންދުރު ގަޑީގައި ގުދަންތަކުގެ އެތެރެ އޮންނަނީ ވަރަށް ހޫނުގަދަކޮށް

  • އަރިމަތިން ޖަހާފައި ހުންނަ އޮމާން ޓިނާއި ފުރާޅުގައި ހުރި ޓިނު ހުންނަނީ ފައްތަރު ނުކޮށް؛ ކޮންމެވެސް ވަރެއްގެ ހުސް ޖާގައެއް ހުރޭ

އައްޑޫ ހުޅުދޫގައި ހުންނަ އެފްކޮންސްގެ ސްޓާފް އެކޮމޮޑޭޝަންގެ އެތެރެ. (ދައުރު ފޮޓޯ)

އެފްކޮންސްގެ މުވައްޒަފުން ހަޅުތާލު ކުރިއިރު ސޯޝަލް މީޑިއާގައި އާންމުވި ބައެއް ވީޑިއޯތަކުގައި އެ ތަނާ މެދު އެ މީހުން ޝަކުވާކޮށްފައި ހުއްޓެވެ. އޭގެ ތެރޭގައި އެފްކޮންސްއިން ސަބް ކޮންޓްރެކްޓަށް މަސައްކަތް ހަވާލުކުރި މޯހަން މޫތާގެ މުވައްޒަފުން ވެސް ހިމެނެ އެވެ.

"ނިދާ ތަން ރަނގަޅެއް ނޫން، ހަމައެކަނި ޓިނުން ހަދާފައި ހުރި ތަނެއް މިއީ. ވަރަށް ހޫނުގަދަ،" އޭގެ ތެރެއިން ވީޑިއޯއެއްގައި އެކަކު ބުނެ އެވެ.

އެ މީހުން ބުނާ ގޮތުގައި މަސައްކަތް ކުރަން އައްޑުއަށް ދިޔަތާ މިހާރު ހަ މަސް ވެއްޖެ އެވެ. ދިރިއުޅޭ ތަން ހުރި ގޮތުން އެ މުއްދަތުގެ ތެރޭގައި ގައިގެ ހަންގަނޑު ހަލާކުވުން ފަދަ މައްސަލަތައް ކުރިމަތިވުމާއި ސާފު ފެން ނުލިބޭތީ އެލާޖީގެ މައްސަލަ ވެސް ވަނީ ކުރިމަތިވެފަ އެވެ.

އެކަންކަމަށް ބޭސް ނުލިބޭ ކަމަށް އެމީހުން ބުނެ އެވެ. އަދި އެ މީހުންނަށް ދިމާވެފައި ހުރި މައްސަލަތައް، ވީޑިއޯގައި ދައްކަ އެވެ.

'ހަޅުތާލު ނުކުރަން ބިރުދެއްކި'

އެފްކޮންސް މުވައްޒަފުންގެ ހަޅުތާލާ ބެހޭ ވީޑިއޯތަކުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއްގައި، ބައެއް މުވައްޒަފުން ތިބީ ހުޅުދޫ-މީދޫ ޕޮލިސް ސްޓޭޝަނުގަ އެވެ. އެ ވީޑިއޯގައި ހިންދީ ބަހުން އެ މީހުން ބުނި ގޮތުގައި، ހަޅުތާލު ނުކުރުމަށް އަންގައި، ކޮންފި ނަމަ އެ މީހުންނަށް ހަމަލާދޭނެކަމުގެ ބިރުދެއްކި އެވެ. ފުލުސް އޮފީހަށް ގޮސް ތިބީ އެކަން ރިޕޯޓު ކުރުމަށާއި ކޮންމެވެސް މިންވަރެއްގެ ރައްކާތެރިކަމެއް ލިބޭތޯ ކަމަށް އެ މީހުން ބުނެ އެވެ.

"އެ މީހުން [ވެރިން] ބުނީ މަސައްކަތް ކުރާ މީހުންނަށޭ ކާން ވެސް ލިބޭނީ. މަސައްކަތް ނުކުރާ މީހުންނަށް ކާން ވެސް ނުދޭނަމޭ،" އެ ވީޑިއޯގައި މީހަކު ބުނެ އެވެ.

"ބޭސް ނުލިބިގެން އިންޑިއާއަށް ފޮނުވައިދޭން އެދުނީމަ ބުނީ ވިސާ ކަންކަން ހަމަޖައްސަން ދުވަސް ނަގާނޭ."

އިހުތިޖާޖު ކުރާ މީހުންނަށް ކާން ނުލިބޭނެކަމުގެ އިންޒާރު ދިންއިރު، އޭރު ވެސް އެމީހުންނަށް ކާން ލިބެނީ ދުވާލަކު އެއްފަހަރު ކަމަށް، ބައެއް ވީޑިއޯތަކުގައި ބުނެފައި ހުއްޓެވެ.

އެމީހުންގެ ތެރޭގައި ވެޖިޓޭރިއަން މީހުން ވެސް ތިބިއިރު، ކާން ދިނުމުގައި އެކަމަށް އެއްވެސް ވަރަކަށް ނުބަލާ ކަމަށް ވެސް ވެ އެވެ.

ބައެއް މައްސަލަތަކަށް ހައްލު

ހަތަރު ދުވަހުގެ ހަޅުތާލަކަށް ފަހު އެފްކޮންސްގެ ހުޅުދޫ ސައިޓުގެ މުވައްޒަފުން އިއްޔެ ވަނީ މަސައްކަތް ފަށާފަ އެވެ. 'ދައުރު' އިން ހޯދިހޯދުުންތަކުން ދައްކާ ގޮތުގައި ހަޅުތާލު ހުއްޓާލީ އެ މީހުންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދޭނެ ކަމަށް ބުދަ ދުވަހު އެޗުއާރުން ބުނުމުންނެވެ.

"އެޗުއާރުން ބުނީ ވިސާ ހަމަޖައްސައިދޭނަމޭ. ޕްރޮސެސްކުރަން ވަގުތު ނަގާނޭ، ގާތްގަނޑަކަށް މަހެއް ނޫނީ ދެ މަސް ދުވަސް އެމީހުންނަށް ދޭށޭ ވެސް ބުނި،" އެފްކޮންސްގެ މުވައްޒަފަކު ބުންޏެވެ.

އެހެން މުވައްޒަފަކު ވެސް ބުނީ އެއް މަސް ދުވަހުގެ ތެރޭގައި އެ މީހުންގެ ހުރިހާ ޝަކުވާތަކަށް ހައްލު ހޯދައިދޭނެ ކަމަށް އެޗުއާރުން އެމީހުންގެ ގާތުގައި ބުނި ކަމަށެވެ.

"ނުދީ ހުރި މުސާރަ ވެސް ދީފި. މިހާރު އަހަރެމެން ބޭނުންވާ ގޮތަށް ކާން ވެސް ލިބޭ،" އޭނާ ބުންޏެވެ.

"ފެނުގެ މައްސަލަ ހަފްތާއެއްގެ ތެރޭގައި ރަނގަޅުކޮށްދޭނަމޭ ބުނީ. މިހާރު ދެން ހަމައެކަނި މައްސަލަ އަކީ މި އުޅޭތަން. މާ ހޫނުގަދައީ."

އެ މީހުން ބުނާ ގޮތުގައި ރޭގަނޑު ހޫނު ނުވިޔަސް، ދުވާލު ގަޑީގައި ކެތްނުވާވަރަށް އެ ތަން ހޫނުގަދަ އެވެ. އެ މައްސަލަ ވެސް ވަރަށް އަވަހަށް ރަނގަޅުކޮށްދީ 'ސެޓިން' ހަދާނެ ކަމުގެ ޔަގީންކަން އެޗުއާރުން އެމީހުންނަށް ދިން ކަމަށް ބުންޏެވެ.

އެފްކޮންސްގެ މުވައްޒަފުންތަކެއް އައްޑޫ މަގު ހެދުމުގެ މަސައްކަތުގައި. (ފޮޓޯ/އައްޑޫ ލައިވް)

އެފްކޮންސްގެ މުވައްޒަފުންގެ ހަޅުތާލުގެ މި ވީޑިއޯތައް ހުރި ނަމަވެސް، އައްޑޫ ސިޓީ ކައުންސިލްގެ މީދޫ ކައުންސިލަރު އައިމިނަތު ސާލިހާ އިއްޔެ 'ދައުރު' އަށް ވިދާޅުވީ އެއްވެސް އިރެއްގައި މަސައްކަތް ހުއްޓިފައިނުވާ ކަމަށެވެ.

"މަސައްކަތް ހަމަ ބަރާބަރަށް ކުރިއަށް އެބަދޭ. އެއީ އެ މީހުން އެ މީހުންނާ ޖެހުނު މައްސަލައެއް، އެކަމަކު އެއްވެސް އިރެއްގައި މަސައްކަތް ހުއްޓިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

މިއީ ވަކި ބަޔަކު އަޑީގައި ތިބެ އެފްކޮންސްގެ މުވައްޒަފުން ލައްވާ ކުރުވި ކަމެއް ކަމަށް ވެސް އެއް ބަޔަކު ތުހުމަތު ކުރެ އެވެ. މި މައްސަލައިގައި 'އިންޑިއާ އައުޓް' ވެސް ގޮވަ އެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫއުއަށް ފާޑުކިޔުން ބޮޑެވެ. ފެންނަ މަންޒަރުތަކުން ފާޑުކިޔުން ހައްގެވެ. އެ މަޝްރޫއުއާ މެދު ސަރުކާރުގެ ކަންބޮޑުވުން ވެސް އެބައޮތެވެ. އެ މަސައްކަތްކުރަން ތިބި މުވައްޒަފުން ކުރި ހަޅުތާލުން މި ފެންމަތިވީ އިތުރު މައްސަލައެކެވެ. 

ކޮމެންޓް (1)

ނޫސްހހ

17 ފެބްރުއަރީ 2023
ބަލަ ކޮން ވިސާއެއްހޭ؟ އަޖައިބު ބުނެބަލަ ތި ވިސާއެއް؟ އިންޑިއާ މީހުން އިންޑިއާއަށް ދާން ވިސާ ބޭނުންވޭތަ
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް