މިއަދުގެ މަޖިލީހުގެ ޖަލްސާގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)
މަގު ހެދުމުގެ މައްސަލަތަކާ ހެދި އަސްލަމް ވަގުތީ ގޮތުން އައްޑުއަށް ބަދަލުވަނީ
އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުގައި ދިމާވަމުންދާ މައްސަލަތައް ހައްލުކުރުމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެ ވަގުތީ ގޮތުން އައްޑުއަށް ބަދަލުވެވަޑައިގަތުމަށް ނިންމަވައިފި އެވެ.
ވީ ކިހިނެއް؟ - މިއަދުގެ މަޖިލީހުގެ ޖަލްސާގައި، އައްޑޫގެ މަގު ހެދުމުގެ މަޝްރޫއާ ގުޅޭ ގޮތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ އެ މަޝްރޫއާ ގުޅިގެން އައްޑޫގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން:
-
މަގުތައް އެއްފަހަރާ ކޮނެފައި އޮތުމުން އައްޑޫގެ ރައްޔިތުންގެ ކަންބޮޑުުވުން އެބަހުރި
"... އެއް ފަހަރާ މަގެއް ކޮނެފައި އޮތީމަ ރައްޔިތުންނަށް ދިމާވާ ދަތިތަކާއި މައްސަލަތަކާ ހެދި އެބައުޅޭ އައްޑޫގެ މަގު ހެދުމުގައި އިޝޫޒްތަކެއް،" މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ސީދާ ގޮސް އައްޑޫގައި ބޭސްވުމަށް މި ހޮނިހިރު ދުވަހު އައްޑުއަށް މޫވް ކުރާނަން."
ނަމަވެސް، އޭނާ އެނބުރި މާލެ ވަޑައިގަންނަވާނެ އިރެއް ވިދާޅެއް ނުވެ އެވެ.
އެނގުން މުހިއްމު - އިންޑިއާގެ 1.1 ބިލިއަން ރުފިޔާގެ ލޯނުގެ ދަށުން، އެ ގައުމުގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މާޗުގަ އެވެ.
ދެ އަހަރުގެ ތެރޭގައި ނިންމަން ޖެހޭ މި މަޝްރޫއުގެ ދަށުން:
-
103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމު ގާއިމުކުރާނެ
-
އައްޑޫގެ ހުރިހާ އަވަށްތަކެއް ހިމެނޭ ގޮތަށް 40 ކިލޯމީޓަރުގައި ތާރު އަޅާނެ
-
އިތުރު 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ލޭޔާ އަޅާނެ
-
މިހާރު ތާރު އަޅާފައިވާ މަގުތަކުގެ ތެރެއިން 3.4 ކިލޯމީޓަރުގެ މަގުގެ ރީސާފޭސިން މަސައްކަތް ކުރާނެ