ކުޑަ ގިރި ޓެސްޓްކުރުމުގެ ގޮތުން ހިންގި ޕްރޮގްރާމްގައި ބައިވެރިވި ބަޔަކު އަތިރިމަތީގައި: މިއީ މާލޭ ރައްޔިތުންނަށް ލިބޭނެ ރަނގަޅު ފުރުސަތެއް (ފޮޓޯ/އެޗުޑީސީ)

ކުޑަގިރި

ކުޑަގިރި: ދެން އޮތީ އިންތިޒާރު ނިމި، ފައި ބީއްސާލުން

ހިތްހަމަޖެހިލައިގެން ޗުއްޓީ ދުވަހެއް ހޭދަކޮށްލެވޭނެ ހިދުމަތްތަކާއި ފަސޭހަތައް އެޗުޑީސީން ވަނީ ހަމަޖައްސާފައި
5 ފެބްރުއަރީ 2023
1

މުހިންމު ނުކުތާތައް

މިހާރު ލަފާކުރެވޭ ގޮތުން މި މަހު 11 ހިސާބުގައި އާންމުންނަށް ހުޅުވާލުން ކައިރި

ފުރުމާއި އެނބުރި އައުން މާލެ އާއި ހުޅުމާލޭގައި ހުރި އެމްޓީސީސީގެ ފެރީ ޓާމިނަލުން

ރިޒަވޭޝަން ހަދަން ޖެހޭނީ ކުޑަގިރިއަށް ހާއްސަކޮށް ތައްޔާރުކުރި އެޕުން

އިރުވައި މޫސުމުގައި އިންޑިއާ ސަރަހައްދުން އަންނަ ދުންގަނޑުން އުފައްދާފައި އޮތް ފުސްކަމުގެ ތެރެއިން ކުޑަ ބަނޑޮސް ފެންނަން އޮތީ ފެހި ކުލައިގެ މަލަމަތީގެ ބަދަލުގައި، އަޅި ކުލައިގެ އަނދިރިގަނޑެއްގެ ގޮތަށެވެ. ދުރު އެހާ ނުސާފުކޮށް އޮތަސް، އިއްޔެއަކީ މޫސުން ރަނގަޅު، އަވި ދޭ ދުވަހެކެވެ. ހުޅުމާލެއިން ނައްޓާލައިގެން، ހުޅަނގަށް ލޯންޗު ދަތުރުކުރަމުން ދިޔަ އިރު، މަންޒިލަކީ ކޮބައިކަން އެނގޭތީ، މާޒީގެ ހަނދާންތަކެއް ވެސް އެނބުރި އެނބުރި ހުއްޓެވެ.

ހިތަށްއެރި އެވެ. މީގެ 10 ވަރަކަށް އަހަރު ކުރި ނަމަ، ކުޑަ ބަނޑޮހުގައި މިއަދު، ހޮނިހިރުދުވަހު، އެތައް ސަތޭކަ ދިވެހިން ޗުއްޓީ ހޭދަކުރާނެ އެވެ. ދިވެހިންގެ ގޮތަށް، ފަޅުރަށަކަށް ދަތުރު ގޮސްގެންނެވެ. ދިވެހިންގެ ދަތުރެވެ.

މާލޭގެ އެތައް ހާސް ބަޔަކު، 1980ގެ އަހަރުތަކުން ފެށިގެން 2012އާ ހަމައަށް ބަންދު ދުވަސްތައް ހޭދަކުރީ ކުޑަ ބަނޑޮހުގެ ފެހިކަމާއި ހުދު ދޮންވެލިގަނޑާއި މޫދުގަ އެވެ. އަމިއްލައަށް ކައްކައިގެންނެވެ. ގޮސް އުޅުނީ ގިނަ ފަހަރަށް އަމިއްލައަށް ދޯނިފަހަރު ކުއްޔަށް ހިފައިގެންނެވެ.

އިއްޔެ އަހަރެމެންގެ މިސްރާބު ހުރީ، މިހާރު ރިސޯޓަކަށް ބަދަލުކުރުމުން އާންމު ދިވެހިންގެ އަތުން ބީވި ކުޑަ ބަނޑޮހުގެ ބަދަލުގައި، މި ސަރުކާރުން ދިވެހިންނަށް ތައްޔާރުކުރި 'ކުޑަ ގިރި'އާ ދިމާއަށެވެ. މާލޭގެ ހުޅަނގު ފަރާތުން، ތިލަފުށީގެ ވެސް ބިތްދޮށުގައި އޮތް ބޮޑު ފަޅެއްގައި، ހިއްކައިގެން ތަރައްގީކުރި، ކުޑަ ބަނޑޮސް ވަރުގެ ނުވަތަ އެއަށް ވުރެ ތަންކޮޅެއް ބޮޑު ކުޑަގިރިއަށް ދެވުނީ ގާތްގަނޑަކަށް 15 މިނިޓް ތެރޭގަ އެވެ.

ކުޑަ ގިރީގައި ހުރި ވޯޓާ ސްލައިޑެއްގައި ކުޑަކުދިންތަކެއް މަޖާކުރަނީ: ގިނަ ހިދުމަތްތަކެއް ވަނީ ހަމަޖައްސާފައި (ފޮޓޯ/އެޗުޑީސީ)

ރުއްގަސް އިންދައިފި އެވެ. ކުރިއަށް އަދިވެސް އޮތީ އިންދުމެވެ. ފެހިކަން އަންނަމުން އެބަ ދެ އެވެ. ލޮލުގައި އަޅައިގަންނަ ފަދަ ކުލަތަކުން ސިފަ ގެނެސްފައި ހުރި ކުދިކުދި އިމާރާތްތަކެވެ. 

ރަށް ވަށައިގެން ތިލަ މޫދާއި ފުން ވިލެވެ. ހިއްކާފައި އޮތް ހުދު ވެލިގަނޑުން ރާއްޖޭގެ ގުދުރަތީ ރަށްތަކުގެ ރީތިކަމެވެ.

"ދަތުރު އަންނަން ހަމަ ހެޔޮވަރު ރަށެއް،" އަހަރެމެން، 'ދައުރު'ގެ ނޫސްވެރިންނާ ބައްދަލުކުރެއްވި، އެޗުޑީސީގެ ޑިރެކްޓަ މާކެޓިން އެންޑް ޕީއާރު، ނިއުޝާދު ޝަރީފް ކައިރީގައި ބުނެވުނެވެ.

"މިއީ ދިވެހިން ދަތުރު އަންނަން އެހެން ލެވެލްއަކަށް ގެންދެވޭނެ ތަނެއް،" އޭގެ ޖަވާބުގައި އޭނާ ވިދާޅުވި އެވެ.

ދަތުރު ދާނެ ރަށެއް ކައިރީގައި ނެތުމުގެ އުނިކަން މާލޭ ރައްޔިތުންނަށް ބޮޑެވެ. އެކަން ހައްލުކޮށްދިނުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުދިގެން މި އަންނަނީ، އެމަނިކުފާނުގެ ފަސް އަހަރުގެ ރިޔާސީ ދައުރުގެ ފަހު އަހަރު އެވެ. މިހާރު އޮތް ގޮތުން ނަމަ މި މަހު 11ގައި ކުޑަގިރި ރަސްމީކޮށް ހުޅުވުން ކައިރި އެވެ.

އާންމުންނަށް އުފަލެއް، ހަމައެހެންމެ ޒިންމާއެއް ވެސް މެ

ކުރިން ދަތުރު ދާ މީހުންނަށް ނުލިބޭނެ އެތައް ފަސޭހައެއް ކުޑަގިރީގައި މިހާރު ވެސް ހުރީ ނިމިފަ އެވެ. ޗުއްޓީ ދުވަސް ދުވަހު ދިވެހިން ކުރަނީ ގްރޫޕް ދަތުރެކެވެ. އާއިލާ އެވެ. އެކުވެރިންނެވެ. އޮފީހުގެ ރައްޓެހިންނެވެ. ކުޑަ ބަނޑޮހުގެ ހަނދާންތަކަށް ދާ ނަމަ ފުރަތަމަ ރަށަށް އަރާ ބަޔަކު، އެންމެ ރަނގަޅު ހިސާބުތައް އެ ދުވަހަށް 'އަމިއްލަކޮށްލަންވީ' އެވެ. ގުދުރަތީ ރަށެއް ކަމުން ހިޔާވާނެ ގަސްތައް ގިނަ އެވެ. އެކަމަކު ދެން ލިބެން ހުރި ހިދުމަތްތައް، އެ ރަށް ސަރުކާރުން ވިއްކާލި އިރު ވެސް، 'އެހާ އެހާއެއް ނޫނެ'ވެ.

އެކަމަކު ކުޑަގިރި ހުޅުވަނީ ޒަމާނީ އިންތިޒާމްތަކާ އެކުގަ އެވެ. ރަށަށް އެރޭނީ އެކަމަށް ހާއްސަ އެޕް މެދުވެރިކޮށް ރިޒަވޭޝަން ހަދައިގެންނެވެ. އެ އެޕްގައި، ރަށުން ބޭނުންވާ ހިދުމަތްތައް އިހުތިޔާރުކޮށްލެވޭނެ އެވެ.

ދަތުރު ދާ މީހުންނަށް ތިބެވޭނެ 17 އަށި ވަނީ ހަދައިފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ބޮޑު ހަތަރު އަށީގައި ގާތްގަނޑަކަށް 60-70 ވަރަކަށް މީހުންނަށް އިށީނދެލައިގެން ކައިހެދޭނެ އެވެ. އެތަންތަނުގައި އަމިއްލައަށް ކައްކާލެވެ އެވެ. ގޭސް އުނދުން ހުރީ ބަހައްޓައިފަ އެވެ.

ކުޑަގިރީގެ ތުނޑީގައި ދެ ދޫނި މަޑުކޮށްލައިގެން: އެޗުޑީސީގެ އުއްމީދަކީ އާންމުން ހިތްހަމަޖައްސައިދިނުން 

ފެންވެރުމާއި ފާހަނާކުރުމުގެ އިންތިޒާމް ހުރީ ދެ ޖިންސަށް ވަކިންނެވެ. ކުޑަކުދިން ނެޕީ ބަދަލުކުރުން ފަދަ، ގާތުން ދިނުން ފަދަ ކަންކަމަށް ވެސް ހާއްސަ ބައެއް ވަނީ ހަދައިފަ އެވެ. ދުވަހު ކުއްޔަށް ދޫކުރާ އަށް ކޮޓަރި އެބަ ހުއްޓެވެ. ރެސްޓޯރެންޓެވެ. މިސްކިތެވެ. ކުޑަކުދިންގެ ޕާކެވެ. ފިހާރަ އެވެ. ވޯޓާ ސްޕޯޓްސް އެވެ. ކުޅިވަރު ކުޅޭނެ ހުސް ބިންތަކާއި ކޯޓެވެ. ވޯޓާ ސްލައިޑެވެ.

ކުޑަގިރި ވަށައި ބުރެއް ޖަހާލަން ދިޔަ ވަގުތު، ތުނޑިއެއްގެ ގޮތަށް ހަދާފައި އޮތް ވެލިގަނޑު މަތީ ކިރުދޫނިތަކެއް ތިއްބެވެ.

"މިހާރު ދޫނިތަކަށް ވެސް ތަން ފެނުނީތާ،" އަހަންނަށް ބުނެވުނެވެ.

"ވެލާ ވެސް އެބަ އަރާ،" ރައްދުގައި ނިއުޝާދު ވިދާޅުވީ ދޫންޏަކަށް ވުރެ ވެސް ތަދު ދިރުމެއްގެ ވާހަކަ އެވެ.

އޭގެ ހެކި، ވޯޓާ ސްޕޯޓްސްއާ ހަވާލުވެ ތިބި މީހުންނަށް މިހާރު ވަނީ ފެނިފަ އެވެ. ބިސްތަކުން އުފަންވި ވެލާތައް ތުނޑީގައި ފެތުރިގަތީ އެވެ. އެކަމަކު އެ ހުރިހާ އެއްޗެއް މިހާރު ވީ މޫދަށް ދޫކޮށްލައިފަ އެވެ.

ދަތުރު ދާ މީހުންނަށް ހަމަޖެހިލައިގެން ތިބެވޭ ގޮތަށް ހަދާފައި ހުރި އައްޓެއް: ޖުމްލަ 17 އަށި ހިމެނޭ

އެމްޓީސީސީން 8.5 ހެކްޓަރުގެ ކުޑަގިރި ހިއްކާފައި އޮތީ ރަށުގެ އިރުމަތީ ފަރާތު ފަރަށް ގެއްލުން ނުލިބޭ ގޮތަށް ބަލައިގެންނެވެ. އެހެންކަމުން އެ ފަރުގައި ހިމެނޭ ގުދުރަތީ ރީތިކަން ފުރިހަމަކަމަށް، ކަނޑުގެ ދިރުންތަކާ ބެހޭ ތަޖުރިބާކާރުން އެތަނަށް ފީނައިގެން ދިން މައުލޫމާތުތަކަށް ބިނާކުރައްވައި، ނިއުޝާދު ވިދާޅުވި އެވެ. 

"އަސްލު ވަރަށް ރީތި ފަރު. ދިރުންތައް ރަނގަޅު،" އޭނާ ވިދާޅުވި އެވެ.

މި ދިރުންތަކާއި ރަށުގައި ހަދާފައި ހުރި ތަންތަނަށް ގެއްލުންނުދީ ގިނަ ދުވަހަށް ދެމެހެއްޓުމުގެ ޒިންމާ ކުރިއަށް އޮތީ އެވެ. އެއީ ކުޑަގިރިއަށް ދަތުރު ދާ މީހުން ވެސް އުފުލަން ޖެހޭ ޒިންމާއެކެވެ. ކުޑަ ބަނޑޮހުގެ ގޯސް ތަޖުރިބާއަށް ބަލާ ނަމަ، އެ ރަށުގައި އެންމެންނަށް ފަސޭހައަކަށް ހެދި ތަންތަން އަބަދުމެ ހުންނަނީ ހަލާކުކޮށްފަ އެވެ. 

ކުޑަގިރި ހުޅުވާލަނީ، ނިއުޝާދު ވިދާޅުވި ގޮތުގައި، ހަރުދަނާ އުސޫލުތަކެއް ހަމަޖައްސައި، ގެޒެޓް ވެސް ކޮށްގެންނެވެ. އެ ރަށަށް ދަތުރު ދާ މީހުން އެއަށް އަމަލްކުރަން ޖެހޭނެ އެވެ.

އިރު އޮއްސޭ ވަގުތުގައި ކުޑަ ގިރީގެ މޫދުގައި މަޖާކުރަނީ: މާލޭގެ ހުޅަނގުން އޮތް ފަޅެއްގައި ތަރައްގީކުރި ރަށް ރަނގަޅު (ފޮޓޯ/އެޗުޑީސީ)

"މިސާލަކަށް މި ރަށުގައި ދުންފަތުގެ އިސްތިއުމާލް ކުރަން ވަކި ތަނެއް ހަދާފައި ހުންނާނެ. އެތަނަށް ގޮސް އެކަން ކުރަން ޖެހޭނީ. އެހެން ތަނެއްގައި ދުންފަތުގެ އިސްތިއުމާލްކުރާ ނަމަ ފިޔަވަޅު އަޅާނެ،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ޒުވާބުކުރުމާއި ހުތުރު ބަހުން މުއާމަލާތްކުރުމާއި ފޮށުމާއި ހަމަނުޖެހުން ހިންގުން ފަދަ ކަންކަން ކުރާ ނަމަވެސް، ރަށުން ވަގުތުން ބޭލުމުގެ ފުރުސަތު އޮންނާނެ އެވެ. ގާނޫނާ ހިލާފު ކަންކަމަށް ވަގުތުން ފިޔަވަޅު އެޅޭ ގޮތަށް ފުލުހުން ވެސް ކުޑަގިރީގައި ބައިތިއްބަން ވަނީ ހަމަޖައްސައިފަ އެވެ.

"ފުލުހުން ރެންޑަމްކޮށް ދަބަސް ވެސް ބަލާނެ،" ނިއުޝާދު ވިދާޅުވި އެވެ.

އެކި އުމުރުގެ، އެކި މިޒާޖުގެ އެތައް ސަތޭކަ ބަޔަކު، އެއް ފަހަރާ ޗުއްޓީ ހޭދަކުރަން ރަށަށް އަރާއިރު، އެ އެންމެންގެ ހިމާޔަތަށް އެޗުޑީސީން ވިސްނަން ޖެހޭނެ ކަމާ މެދު ޝައްކެއް ނެތެވެ.

ރައީސް ސޯލިހުގެ އިރުޝާދާ އެއްގޮތަށް ނައިބު ރައީސް ފައިސަލް

ކުޑަގިރި ތަރައްގީކުރުމުގެ މަސައްކަތް ވިލަރެސްކުރުމުގެ އެންމެ އިސް ޒިންމާއާ ހަވާލުވެވަޑައިގަތީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ރައީސް ސޯލިހުގެ އިރުޝާދާ އެއްގޮތަށް، ސަރުކާރުގެ އިޖުތިމާއީ ކަންކަމުގައި ނައިބު ރައީސް ކުޅުއްވާ ރޯލު ބޮޑެވެ. ފައިސަލްއަކީ ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރެކެވެ. އެހެންކަމުން ޗުއްޓީއެއް ހޭދަކުރަން ރަށަކަށް އަރާ މީހުންގެ ހިތްހަމަޖެހުމަށް ކަންކަން ކުރަންވާނެ ގޮތާއި އެ އިންތިޒާމްތައް، އެމަނިކުފާނަށް އެނގިވަޑައިގަންނަވަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ނައިބު ރައީސް ފައިސަލް ނަސީމް، ކުޑަ ގިރި ބައްލަވާލައްވަން ކުރެެއްވި ދަތުރުޅެއްގެ ތެރެއިން: މި މަޝްރޫއުގައި ސަރުކާރުން އިސް ބޭފުޅަކަށް ހުންނެވީ ނައިބު ރައީސް ފައިސަލް (ފޮޓޯ/އެޗުޑީސީ)

އެ ތަޖުރިބާތަކާއި ރައީސް ސޯލިހު ބޭނުންފުޅުވާ ކަންކަން ހިމަނައިގެން، ފައިސަލް ވަނީ މުހިންމު ވަގުތުތަކެއް، ކުޑަ ގިރީގައި ހޭދަކުރައްވައިފަ އެވެ.

"ވަރަށް ގިނައިން މި ރަށަށް ވަޑައިގެން، ހުރިހާ ކަމެއް ވަރަށް ގާތުން ބައްލަވާނެ ނައިބު ރައީސް. ވަރަށް ގިނަ ކަންކަމަށް ހިޔާލު ދެއްވައި، ހައްދަވާނެ،" ނިއުޝާދު ވިދާޅުވި އެވެ.

ވީލްޗެއާގައި އުޅޭ ކުދިންނާއި މީހުންނަށް ފަސޭހައަށް ރަށުގެ އެއްކޮޅުން އަނެއްކޮޅަށް ވަނީ، ވީލްޗެއާ ދުއްވޭނެ ގޮތް ހަދައިފަ އެވެ. މަޑު ފަސްގަނޑަށް ނާރައި ވީލްޗެއާގައި ގޮސް މޫދާ ހަމައަށް ވެސް ދެވެ އެވެ.

ނައިބު ރައީސް ފައިސަލް އާއި އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެ ރަށުގެ ތަންތަން ބައްލަވާލައްވަނީ: ކުޑަ ގިރި މެނޭޖްކުރަނީ އެޗުޑީސީން (ފޮޓޯ/އެޗުޑީސީ)

"ނައިބު ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވި އެކަހަލަ ފަސޭހަތަކަށް،" ނިއުޝާދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ އެމަނިކުފާނު ވަރަށް ބޮޑު ސަމާލުކަމެއް ދެއްވިހެން މި މަޝްރޫއަށް."

ފުރުމާއި ލެފުން އެމްޓީސީސީ ފެރީ ޓާމިނަލުން، ރަށަށް އެރުން ހިލޭ

ކުޑަގިރީގައި ހިދުމަތްތައް ތަރައްގީކުރަން ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީ އަދި ފެނަކައިން، އެ ކުންފުނިތަކުގެ ދާއިރާގެ ކަންކަމުގައި ބައިވެރިވި އެވެ. ކުނި މެނޭޖްކުރުމުގެ ޒިންމާ ވެމްކޯއިން އަދާކުރާނެ އެވެ.

މިހާރު ކުޑަގިރި އޮތީ އެޗުޑީސީއާ ހަވާލުކޮށްފަ އެވެ. އެ ކުންފުނީގެ ވިސްނުން ހުރީ، ބަންދު ދުވަސްތަކުގައި ދިވެހިންނަށް ރަށް ހުޅުވާލައިފައި، އެހެން ދުވަސް ދުވަހު ޓޫރިސްޓުންނާއި ތަފާތު އިވެންޓްތަކަށް ރަށް ދޫކުރާ ގޮތަށެވެ. އެ ލިބޭ އާމްދަނީން ރަށް މެނޭޖްކުރެވޭނެކަމުގެ އުއްމީދު އެޗުޑީސީއަށް އެބަ އޮތެވެ.

ކުޑަ ގިރި ހުޅުވާ އިރު މިހާރު ވެސް ވަނީ ހަތަރު ކޮޓަރި ނިންމާފައި. އިތުރު ހަތަރު ކޮޓަރީގެ މަސައްކަތް އަންނަނީ ކުރަމުން (ފޮޓޯ/އެޗުޑީސީ)

މިހާރު ނިންމާފައި ވަނީ މާލެ އާއި ހުޅުމާލެއިން ކުޑަ ގިރިއަށް ފުރުމާއި އެނބުރި ދިއުމަށް އެ ދެ ތަނުގައި އެމްޓީސީސީން ހަދާފައި ހުރި ފެރީ ޓާމިނަލް ހާއްސަކުރާށެވެ. ނިއުޝާދުގެ ބަހުން ނަމަ އޭރުން "ތޮށިގަނޑު މަތީގައި އެއްޗެހިތައް ބަހައްޓައިގެން ތިބޭކަށް ނުޖެހޭނެ" އެވެ.

ކުޑަގިރިއަށް ހާއްސަ އެޕުން ރިޒަވޭންޝަން ހެދުމުން ލިބޭ ކިޔޫއާރު ކޯޑު، ދެ ޓާމިނަލަށް ގޮސް ސްކޭންކޮށްލުމުން، ކުޑަގިރީގައި ހުންނަ ރިސެޕްޝަނަށް އެނގޭނެ އެވެ.

"މި ރަށަށް އަރާކަށް ވަކި އަގެއް ނުނަގާނެ،" ނިއުޝާދު ވިދާޅުވި އެވެ.

ކުޑަގިރީގައި މޫދުގެ ކުޅިވަރުތަކެއް ކުރިއަށް ދަނީ: މިއީ ދަތުރު ދާ މީހުންނަށް ގިނަ ހިދުމަތްތަކެއް ލިބޭ ގޮތަށް ހަދާފައިވާ ރަށެއް (ފޮޓޯ/އެޗުޑީސީ)

އެކަމަކު ދުވާލަކު ރަށަށް އެރޭނީ ވަކި އަދަދަކަށެވެ. އޭގެ ސަބަބަކީ ރަށުގައި ހުރި ހިދުމަތްތަކަށް އޮބިނޯންނަ ވަރަށް މީހުން އަރާ ނަމަ، ދެން ކުރިމަތިވާނެ އުނދަގޫތަކެވެ. އަދި ވަކި ގޮތެއް ނުބަލައި މީހުން އަރައިފިއްޔާ އެއްވެސް ބަޔަކަށް ހަމަޖެހިލައިގެން އުޅެވޭނެ ގޮތެއް ނޯންނާނެ އެވެ. އެހެންކަމުން ބައެއް މީހުންނަށް ދަތުރު ނިމޭނީ ފޫހިގަނޑަކުންނެވެ.

އެގޮތް ވާކަށް އެޗުޑީސީއަކުން ނޭދެ އެވެ. 

"އަޅުގަނޑުމެން ބޭނުންވަނީ މި ރަށަށް އައިސް ހަމަ ވަރަށް ހިތްހަމަޖެހިލައިގެން އުޅެލުން. އުފާކޮށްލާފައި އެނބުރި ދިއުން،" އެޗުޑީސީގެ މެނޭޖްމަންޓުން ކުރަމުން އަންނަ އުއްމީދުގެ ވާހަކައިން ނިއުޝާދު ވިދާޅުވި އެވެ.

ދެން މާ ގިނަ ދުވަހެއް ނެތެވެ. މާލޭ ރައްޔިތުންނަށް ދަތުރު ދިއުމުގެ އިހުސާސްތައް އަލުން ކުރެވޭނެ ރަށެއް، އެންމެ ފަހުން މި އޮތީ ތައްޔާރުކޮށްފަ އެވެ. ނިމި ހުޅުވަން ވެފަ އެވެ. 

ކޮމެންޓް (1)

ޙަހަހަ

5 ފެބްރުއަރީ 2023
ސޯލިހޫ ހާދަ ސްލޯއޭ. ތަންކޮޅެއް އަތްމަތި އަވަސް ކޮއްލަބަލަ
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް