ތުލުސްދު އާއި ކުޑަ ވިލިނގިއްޔާ ދެމެދު އޮންނަ ކަނޑުއޮޅިން ޑިންގީއެއް ދުއްވާފައި އައިސް ތުލުސްދޫ އިރުއުތުރު ނެރުން ވަންނަނީ. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ކ. ތުލުސްދޫ

ކައްޕިއެއް ނޫން، މެކޭނިކެއް؛ ޑިންގީ ދުއްވީ އިންޖީނުގެ މަރާމާތަށް ފަހު ޓެސްޓަކަށް

އޭނާ އެ ދުވަހު އެ ޑިންގީ ދުއްވީ އޭގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އިންޖީނު މަރާމާތުކުރުމަށް ފަހު، ޓެސްޓްކުރުމުގެ ގޮތުން ކަމަށް މި ރަށުގެ ގިނަ މީހުން ބުނޭ
3 ފެބްރުއަރީ 2023

ކ. ތުލުސްދޫ - މިދިޔަ އާދިއްތަ ދުވަހު މި ރަށު އިރުއުތުރު ފަރާތު ކަނޑުއޮޅީގައި ސްނޯކަލް ކުރަން އުޅުނު ޓޫރިސްޓެއްގެ ގައިގައި ދުއްވާފައި ދިޔަ ޑިންގީއަކުން ޖެހި، އެ މީހާ މަރުވި ހާދިސާއާ ގުޅިގެން އެ ޑިންގީ ދުއްވަން ހުރި މީހާ ހައްޔަރުކޮށް އޭނާ ވަނީ އެ މައްސަލައިގެ ތަހުގީގަށް 10 ދުވަހަށް ގޭބަންދުކޮށްފަ އެވެ. މި ރަށަށް ނިސްބަތްވާ އެ މީހާ ގޭ ބަންދުކުރި މައިގަނޑު ސަބަބެއްގެ ގޮތުގައި ފުލުހުން ބުނެފައިވަނީ އެ މީހާ އަކީ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހަކަށް ވާތީ އެވެ.

އެ މައްސަލައިގެ ތަހުގީގު ފަށައި މީހަކު ގޭބަންދުކޮށްފައި ވާތީ މި ރަށުގެ ގިނަ މީހުން އެ ހާދިސާއާ ގުޅޭ ގޮތުން އާންމުކޮށް ވާހަކަ ދައްކަން ބޭނުމެއް ނުވެ އެވެ. 

ދުއްވާފައި އައީ ވެސް ވަރަށް މަޑުމަޑުން. މާ ބާރަކަށް ވެސް ނޫން. އިންޖީނު މަރާމާތުކޮށްފައި ޓެސްޓަށް ދުއްވީ.

ވޯޓާސްޕޯޓްސް ސެންޓަރުގެ މީހެއް

ނަމަވެސް، ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި މި ރަށުގެ އެންމެން ވެސް ބުނީ، ޑިންގީ ދުއްވި މީހާ އަކީ އޭގެ ކައްޕި ނޫން ކަމަށެވެ. ނަމަވެސް، އޭނާ އަކީ އިންޖީނު ފަދަ ތަކެތި މަރާމާތުކުރާ މެކޭނިކެއް ކަމަށް އެ މީހުން ބުންޏެވެ. 

ކުއްޔަށް ނަގައިގެން އެކްސްކާޝަންތަކުގައި ބޭނުންކުރާ އެ ޑިންގީ، އުމުރުން 50 އަހަރުގެ އެ މީހާ އެ ދުވަހު ދުއްވީ އޭގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އިންޖީނު މަރާމާތުކުރުމަށް ފަހު، ޓެސްޓްކުރުމުގެ ގޮތުން ކަމަށް މި ރަށު މީހުން ބުންޏެވެ. 

"ދުއްވާފައި އައީ ވެސް ވަރަށް މަޑުމަޑުން. މާ ބާރަކަށް ވެސް ނޫން. އިންޖީނު މަރާމާތުކޮށްފައި ޓެސްޓަށް ދުއްވީ،" އެ ވޯޓާސްޕޯޓްސް ސެންޓަރުން، ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި މީހަކު ބުންޏެވެ.

"އޭނާ އަކީ އިންޖީނު އެއްޗެހި މަރާމާތުކުރާ މެކޭނިކެއް. އެއްޗެއް ދުއްވިޔަސް އޭނާ ދުއްވާނީ އެހެން ޓެސްޓަށް."

ތުލުސްދު އާއި ކުޑަ ވިލިނގިއްޔާ ދެމެދު އޮންނަ ކަނޑުއޮޅީގައި ފަތުރުވެރިޔަކު ފީނާ މަންޒަރު. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ކަނޑުއޮޅީގެ ތެރެއިން ފެނުނު ކޯމަސްތަކަކާ އެކު ފޮޓޯ ނަގަން އޮތް ޕޮލެންޑްގެ 52 އަހަރުގެ ޓޫރިސްޓް މީހާ މަރުވީ ޑިންގީން ޖެހި ލިބުނު ޒަހަމްތަކުގައި މާ ގިނައިރުތަކެއް ނުވެ އެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި، އެ އެކްސިޑެންޓްގައި އޭނާގެ އެތް އަތް ވަގުތުން ބުރިވި އެވެ. އެ އަތް ފެނިފައެއް ވެސް ނުވެ އެވެ. އަދި ބަނޑު ވެސް ފަޅައިގެން ގޮސް، ގޮހޮރުގެ ބައެއް އޮތީ ބޭރަށް ނުކުމެފަ އެވެ.

ތުލުސްދޫ މަތިން ނަގާފައިވާ ފޮޓޯއެއްގައި ހާދިސާ ހިނގި ގޮތް ދައްކައިދީފައި. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

މަންޒަރު ދުށް މީހުން ބުނި ގޮތުގައި، ޑިންގީގައި ޖެހުނުކަން ދުއްވަން ހުރި މީހާއަށް އެނގުމާ އެކު، އޭނާ ވަގުތުން ޑިންގީ މަޑުކޮށް، ޓޫރިސްޓް މީހާއަށް އެހީވި އެވެ. އެގޮތުން، މޫދަށް ވަލެއް އެއްލައި އެއްގަމުގައި ތިބި އިތުރު މީހުންނަށް ޓޫރިސްޓު މީހާއަށް އެހީވާން އަންނަން އޭނާ ގޮވި އެވެ. އެކަމަކު ޑިންގީން އެއްލި ވަލުގައި ހިފައިގެން އޮއްވައި ޓޫރިސްޓް މީހާ މަރުވީ އެވެ. އެހީވާން އައި މީހުން އޭނާ ނެގީ އެ ސަރަހައްދުގެ އަޑިންނެވެ.

"ވަގުތުން ކަހަލަ ގޮތަކަށް އޭނާ މަރުވެއްޖެ. އަސްލު އެހީވާނެ ފުރުސަތެއް ވެސް ނުލިބުނު،" މަންޒަރު ދުށް މީހަކު ކިޔައިދިނެވެ.

ޓޫރިސްޓު މީހާއަށް ލިބިފައި ހުރި ޒަހަމްތަކަށް ބަލައި މި ރަށު ވޯޓާސްޕޯޓްސް ސެންޓަރެއްގައި ހަރަކާތްތެރިވާ މީހަކު ލަފާކުރި ގޮތުގައި، ޓޫރިސްޓް މީހާ ޖެހިފައި ވަނީ ޑިންގީގެ އިންޖީނުގެ ބުރަފަތީގަ އެވެ. ބުރަފަތީގައި ޓޫރިސްޓް މީހާ ޖެހުނީ މޫދު އަޑީގައި އޮތުމަށް ފަހު، މައްޗަށް އެރި ވަގުތު ކަމަށް ގިނަ މީހުން ބުންޏެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި، ހާދިސާ ހިނގަން މެދުވެރިވީ މަރުވި ޓޫރިސްޓް މީހާއާ އެކު މޫދުގައި އުޅުނު އަނެއް ދެ މީހުން ފެނިގެން ޑިންގީ އަނބުރާލި ތަނާ އެވެ. މަރުވި ޓޫރިސްޓު މީހާ އޮތީ އަޑީގައި ކަމަށް ވުމުން ދުއްވަން ހުރި މީހާއަށް އޭނާއެއް ނުފެންނާނެ އެވެ.

"އަޑީގައި އޮތީމާ ޓޫރިސްޓް މީހާ ނުފެނުނީ. އެރި ވަގުތު ބުރަފަތީގައި އެ ހުރީ ހަމަ ޖެހިފައި. އެހެންވެ އެހާ ޒަހަމްތައް ބޮޑީ. އެހެން ތަނެއްގައި ޖެހުނު ނަމަ ސަލާމަތްވީސް،" މަންޒަރު ދުށް އެކަކު ބުންޏެވެ.

ތުލުސްދު އާއި ކުޑަވިލިނގިއްޔާ ދެމެދު އޮންނަ ކަނޑުއޮޅި. (ފޮޓޯ/ޓްރެވެލިއާ މޯލްޑިވްސް)

ޓޫރިސްޓް މީހާ ގައިގާ ޖެހުނު ޑިންގީގައި އަޅާފައި ހުރީ ކުރީގެ ބުރަފަތި ހުންނަ، ޓޫ ސްޓްރޯކް އައުޓްބޯޑް އިންޖީނެކެވެ. އެހެންވެ، އެއްޗެއްގައި ޖެހުނަސް އިންޖީނުގެ ބުރަފަތި ނުހުއްޓި ހިނގަ ހިނގާ ހުރެ އެވެ. ޓޫރިސްޓް މީހާގެ ގައިގެ އެ ތަން މި ތަން ޒަހަމްވީ އެހެންވެގެން ކަމަށް މައުލޫމާތު އެނގޭ މި ރަށުގެ މީހުން ބުންޏެވެ. 

"މިހާރު ހުންނަ ފޯ ސްޓްރޯކް ބުރަފަތި އެއްޗިހީގައި ހަމަ ހުއްޓޭނެ ވަގުތުން ބުރަފަތީގައި ފުޅިއެއް ޖެހުނަސް. އެކަމަކު ޓޫ ސްޓްރޯކް އެއްޗެހީގެ ބުރަފަތި ނުހުއްޓޭނެ. ޖެހޭ އެއްޗެއް ކަފާލާފައި ދާނީ،" މި ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

ޓޫރިސްޓް މީހާ ސްނޯކަލް ކުރީ މަނާ ސަރަހައްދެއްގަ އެވެ. އަދި އޭނާ އެކަން ކުރީ އެތައް ފަހަރެއްގެ މަތިން އެ ތަނުގައި ސްނޯކަލް ނުކުރަން އަންގައި ނަސޭހަތް ދީފައި ވެސް އޮއްވަ އެވެ.

ވަގުތުން ކަހަލަ ގޮތަކަށް އޭނާ މަރުވެއްޖެ. އަސްލު އެހީވާނެ ފުރުސަތެއް ވެސް ނުލިބުނު.

މަންޒަރު ދުށް މީހެއް

އެ ޓޫރިސްޓް މީހާ ހުރި ގެސްޓްހައުސް އިން ވެސް ބުނި ގޮތުގައި، ޓޫރިސްޓުން މޫދަށް އެރުމުގެ ކުރިން ސަމާލުވާންވީ ކަންކަން އެ މީހުންނަށް ކިޔައިދެ އެވެ. އެގޮތުން، މި ރަށާއި ކައިރީގައި އޮންނަ ކުޑަވިލިނގިލި ރިސޯޓާ ދެމެދުގައި އޮންނަ ކަނޑުއޮޅި އަކީ އޮއެ ގަދަ، ގިނަ އަދަދެއްގެ ދޯނިފަހަރު ދަތުރުކުރާ ތަނަކަށް ވާތީ އެ ކަނޑުއޮޅީގައި ސުނޯކަލް ނުކުރުމަށް އެ ޓޫރިސްޓަށް ވެސް އިރުޝާދު ދީފައިވާ ކަމަށް އޭނާ ހުރި ގެސްޓްހައުސް އިން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ތުލުސްދޫން ގެނެސްދޭ ކަވަރޭޖުގެ އިތުރު ރިޕޯޓުތައް:

އިތުރު އާޓިކަލް

އިތުރު އާޓިކަލް