ގައުމީ ޓީމުގެ ފުޓްބޯޅަ މެޗެއް ބައްލަވަން ރައީސް ސޯލިހާއި ކުރީގެ ރައީސް ނަޝީދު ގަލޮޑު ދަނޑުގައި: ދެ ބޭފުޅުން މިވަގުތު ނުކުންނަވާފައި ތިބީ ސިޔާސީ ވަރުގަދަ ވާދަވެރިކަމަކަށް (ފޮޓޯ/ ރައީސް އޮފީސް)
ސިޔާސީ ވާދަތަ؟ ލެޔެއް، 'ބެސްޓް ފްރެންޑެއް' ނޯންނާނެ
އެއްބަފާ ކޮއްކޯފުޅުގެ ވެރިކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށް ލާނެ ކަމަށް ހީކުރާނީ ކާކު ހެއްޔެވެ؟
އެކަމަކު 1 ފެބްރުއަރީ 2018ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެކު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި މައުމޫން ހިމެނިވަޑައިގަތެވެ. އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ. ފޯނު ނުދެއްވި މައްސަލާގައި އެއް އަހަރާއި ހަތް މަހަށް ޖަލަށް ހުކުމްކުރި އެވެ.
މައްސަލައަކީ ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް ނުކުންނެވުމެވެ. ޔާމީން ވެރިކަމަށް ގެންނެވުމުގެ އެއް މަދަދުވެރިޔަކީ މައުމޫނެވެ. އެކަމަކު ފަހުން ޔާމީންގެ ބައެއް އަމަލްފުޅުތަކާ ހިތްހަމަޖެހިވަޑައިނުގެން އޭރުގެ އިދިކޮޅާ ގުޅިވަޑައިގެން އަމަލީ ގޮތުން ޔާމީނާ ދެކޮޅަށް ތެދުވެވަޑައިގަތެވެ.
މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ވެސް ހައްޔަރުކޮށް ޖަލަށް ލި އެވެ. އެ ބޭފުޅުން މިނިވަންވެވަޑައިގަތީ 2018ގެ އިންތިހާބު ކާމިޔާބުކުރައްވައި، ރައީސްކަމަށް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމުންނެވެ.
ސިޔާސީ ވާދަވެރިކަމުގައި ލޭގެ ގުޅުމަކަށް ނުބަލާނެކަން މި ސަފުހާއިން އެނގެ އެވެ.
މިހާރު މި އޮތީ 'ބެސްޓް ފްރެންޑުން'ގެ ވާދަވެރިކަމަކަށް ރާއްޖެ ހުއްޓިފަ އެވެ. މި މަހު 28 ގައި އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ، ސިޔާސީ ގޮތުން ވެސް އަދި އޭގެ ކުރިން ދެ އާއިލާގެ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ ގޮތުން ވެސް، އެހާމެ އެކުވެރި ދެ ބޭފުޅުންނެވެ. 'ބެސްޓް ފްރެންޑުން'ނެވެ. ނަމަވެސް ސިޔާސީ ކަންކަމުގައި ލޭގެ ގުޅުމަށް ނުބެލޭ އިރު، ރަހުމަތްތެރިކަމުގެ ގުޅުމަށް އިސްކަން ދޭނެ ގޮތެއް ނެތެވެ.
މި ދެ ބޭފުޅުން މި ވާދަވެރިކަމަށް ވެއްޓިދާނެކަމަށް ކުރިން ހީކުރާނީ ކާކު ހެއްޔެވެ؟ އެކަމަކު ވެރިކަމަށް ވަޑައިގެންނެވެން އޮތީ ފުރަތަމަ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރައްވައިގެން ކަމަށް ވާތީ، ދެ ބޭފުޅުން އެ ތިއްބެވީ 'މަރު އެތިފަހަރަކަށް' ނުކުންނަވަ އެވެ.
'ދައުރު'ގެ ޕޮޑްކާސްޓް 'އެޑިޓާސް ޓޯކް'ގައި އަޅުގަނޑާއި ދައުރުގެ މެނޭޖިން އެޑިޓަރު ހިރިގާ އަހުމަދު ޒާހިރު ވާހަކަ ދެއްކީ މި މައުލޫއަށެވެ. ސިޔާސީ ކަންކަމުގައި ލޭގެ ގުޅުމެއް، ރަހުމަތްތެރިކަމެއް ނޯންނާނެ ވާހަކަ އެވެ. އެއީ މިއަދު ދުނިޔެ ދައްކާ ހަގީގަތެއް ނޫން މެ އެވެ. އިންސާނީ ތާރީހުގައި ވެސް ފެނިފައި ހުރި ހިތި ހަގީގަތްތަކެކެވެ.
ޑިމޮކްރަސީގެ ނަމޫނާއެއް
ހިރިގާ ޒާހިރުގެ ވާހަކާގައި ފާހަގަކުރި އެއް ކަމަކީ އެމްޑީޕީ ޕްރައިމަރީގެ މުހިންމުކަމެވެ. އެ ދައްކާ ނަމޫނާ އެވެ. ވެރިކަމުގައި ހުންނެވި ބޭފުޅަކު ޕާޓީގެ ޕްރައިމަރީއެއްގައި މީގެ ކުރިން ވާދައެއްނުކުރައްވަ އެވެ. އަދި ނަޝީދަށް 2013 އާއި 2018 ގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ވެސް، ވާދައެއް ނެތި އެވެ.
"ރައީސް ސޯލިހު [ވިދާޅުވެފައި އެބަ ހުރި] ތިމަންމެން ނަޝީދަށް ދެ ވަނަ ފުރުސަތު [ދިނީމޭ]، އެހެންވީމާ ތިމަންނައަށް ވެސް ލިބެން ޖެހޭނޭ އެ ފުރުސަތު [ޕްރައިމަރީއަކާ ނުލައި]،" ޒާހިރު ބުންޏެވެ.
އެކަމަކު ރައީސް ސޯލިހަށް އެގޮތަށް ފުރުސަތު ދެއްވާ ވަރަށް ވުރެ ވެރިކަމަށް ވަޑައިގަތުމުގެ އެދުންފުޅު ނަޝީދުގެ ބޮޑެވެ. އެމަނިކުފާނުގެ ފުރަތަމަ އަމާޒަކީ މި ދައުރުގެ މެދުތެރެއިން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމެވެ. އެގޮތަކަށް ރައީސް ސޯލިހު ކަންތަކެއް ނުކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވެފައި އޮތީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ވުރެ ގައުމަށް ކޮށްދެއްވަން ހުރި ކަންކަން މާ ގިނަ ކަމަށެވެ.
ނަޝީދަށް އޮތީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވަން ނުކުންނެވުމެވެ. ސިޔާސީ މި އެދުމުގައި ރަހުމަތްތެރިކަމެއް ނޯންނާނެ އެވެ. އެހެންކަމުން އެ ރަހުމަތްތެރިކަން މިހާރު ވަނީ ވިއްސިވިހާލިވެފަ އެވެ.
ހިރިގާ ގަބޫލުކުރަނީ ރައީސް ސޯލިހަކީ ގޮތްދޫކުރައްވާ ބޭފުޅެއް ކަމަށެވެ. އެމްޑީޕީގެ ގައުމީ މަޖިލިހުގެ ކޮންޓްރޯލް އޮތް ނަމަވެސް ޕްރައިމަރީގައި ވާދަކުރައްވަން އެމަނިކުފާނު ނިންމެވީ އެހެންވެ ކަމަށް އޭނާ ބުންޏެވެ.
މިއީ ރާއްޖެއަށް ނަމޫނާއެކެވެ. ވެރިކަން ދިފާއުކުރައްވަން 2018ގައި ޔާމީން ނުކުންނެވީ، ޕްރައިމަރީއަކަށް ވަޑައިނުގެން ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދަވައިގެންނެވެ. އެހެންކަމުން މިއީ ވެރިކަމުގައި ހުންނެވި ބޭފުޅަކު މިހާ ވާދަވެރި ޕްރައިމަރީއަކަށް ނުކުންނަވާ ފުރަތަމަ ފަހަރެވެ.
"ދެ ބޭފުޅުން [ރައީސް ސޯލިހާއި ނަޝީދު] ކުރިމަތިލެއްވުމަކީ ވަރަށް ސިގްނިފިކެންޓް ކަމެއް. އެމްޑީޕީ ދެ ފަޅިވެގެން ދާނެ ވެސް މެ. ޕްރައިމަރީއަށް ފަހު އެކުގައި ނުތިބުމުގެ ފުރުސަތު ބޮޑުވާނެ. [އެކަމަކު] ޑިމޮކްރަސީގައި މިއީ ރަނގަޅު ތަޖުރިބާއެއް،" ހިރިގާ ޒާހިރު ބުންޏެވެ.
ޕްރައިމަރީގެ ފޯރި އެހާ ގަދަ އެވެ. ދެ ބޭފުޅުން ގެންދަވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ފާޑު ވެސް ވިދާޅުވަމުންނެވެ. ރިޔާސީ އިންތިހާބުގައި ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ޓިކެޓް ހޯއްދަވަން ނުކުރައްވާނެ ކަމެއް ނެތެވެ. ނަމަވެސް ޒާތީ ގޮތުން ޖައްސާލުމަކީ، ހިރިގާ ޒާހިރު ދެކޭ ގޮތުގައި މައްސަލައެކެވެ.
ދައްކަވާ ވާހަކަތައް "ގަބޫލުނުކުރެވޭ ލެވެލަށް އެބަ ދޭ. ޕޮލިސީއަށް ފާޑުކިޔަން ވާނެ. [އެކަމަކު] އަނެއް މީހާގެ ޒާތަށް އަރާ ހިސާބުން އެ ގޯސްވަނީ،" އޭނާ ބުންޏެވެ.
އެމްޑީޕީއަށް ބޮޑު ގެއްލުމެއް
މިހާރު ފެންނަ މަންޒަރުތަކަށް ބަލާ ނަމަ، އެމްޑީޕީއަށް ގެއްލުން ބޮޑު ދުވަސްތަކެއް އައުން އެކަށީގެންވެ އެވެ. ޕްރައިމަރީން ބަލިވެވަޑައިގެންފި ނަމަ ރައީސް ސޯލިހުގެ ފަހަތްޕުޅުގައި ނުހުންނަވާނެ ކަމަށް، ފާޅުގައި ނަޝީދު ވިދާޅުވެ އެވެ. އެކަމަކު ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ކޮންމެ ނަތީޖާއެއް ނުކުތަސް އެމަނިކުފާނު ހުންނަވާނީ އެމްޑީޕީގައި ކަމަށެވެ.
ނަޝީދަށް އިންތިހާބު ގެއްލޭ ހާލަތެއްގައި އެމްޑީޕީގެ ތެރެއިން ކޮންމެވެސް ބަޔަކު އެމަނިކުފާނުގެ ފަހަތްޕުޅުން ދާނެ އެވެ. އަދަދު ލަފާކުރަން އަދި އުނދަގުލެވެ. އެކަން ބޮޑަށް އެނގޭނީ އިންތިހާބުގައި ވޯޓު ބެހޭ ގޮތަކުންނެވެ. ނަމަވެސް ރައީސް ސޯލިހު ދޫކުރައްވައި ނަޝީދު ވަޑައިގެންފި ނަމަ ރިޔާސީ އިންތިހާބުގައި އިތުރު ހުރަސްތަކެއް ކުރިމަތިވުން ކައިރި އެވެ.
ހިރިގާ ޒާހިރު ބުނާ ގޮތުން އެމްޑީޕީގެ ތެރޭގައި ހަމަނުޖެހުން އުފެދުނަސް ފަހުން އެންމެން އެކުވެ، އެކަތިގަނޑަކަށްވެ އެވެ. ނަމަވެސް ނަޝީދު މިހާރު ހުންނެވި ގޮތަށް ބަލާ ނަމަ އެމަނިކުފާނަށް އިންތިހާބު ގެއްލޭ ހާލަތެއްގައި ރައީސް ސޯލިހާ ދެކޮޅަށް ނުކުންނެވުން/މަސައްކަތްކުރެއްވުން ވާނީ، ހިރިގާ ޒާހިރުގެ ބަހުން ނަމަ "އެމްޑީޕީއަށް ހީނުކުރާވަރުގެ ބޮޑެތި ގެއްލުމަކަ"ށެވެ.
އެއީ އަދި ފަހުގެ ކަމެކެވެ. މިހާރު މި އޮތީ 'ބެސްޓް ފްރެންޑުން'ގެ ގަދަ ހިފުން ގޮސް ނިމޭނެ ގޮތެއް ބަލަން ތިބުމުގެ ވަގުތެވެ.
"ސިޔާސީ ކަންކަމުގައި އެއްބަނޑު އެއްބަފާ ކަމެއް ނޯންނާނެ، ރަހުމަތްތެރިއެއް ނޯންނާނެ،" މިއީ ނިންމާލަމުން އަޅުގަނޑުމެންނަށް ތަކުރާރުކުރެވުނު ވާހަކަ އެވެ.
ކޮމެންޓް (2)
ތުނިޔަ މާލި
ތުނިޔަ