'ވަން އައިލެންޑް، ވަން ރިސޯޓް' އުސޫލު ދޫކޮށްލަންވީތަ؟ ނުވަތަ އެގޮތުގައި ދެމިތިބެންވީތަ؟
މުހިންމު ނުކުތާތައް
ބައެއް މެނޭޖަރުން ބުނާ ގޮތުގައި މިއީ އާ ގޮތްތައް ތައާރަފުކުރަން ވީ ވަގުތު
ގިނަ މެނޭޖަރުންނަށް ފެންނަނީ ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް ރާއްޖެއަށް މުހިންމު ކަމަށް
ރަށްރަށް ދުރުގައި އޮތަސް އެއީ ކުއްލި އެހީއެއް ދޭން ބަލާއިރު ދުރު ތަންތަނެއް ނޫން
ދިވެހި ޓޫރިޒަމްގެ ރަން 50 އަހަރު ފާހަގަކުރަމުން އަންނައިރު، ރާއްޖެ އަކީ މުޅި ދުނިޔޭގެ ވެސް ޓޫރިޒަމްގެ ބެންޗްމާކުގެ ގޮތުގައި ބަލާ ގައުމެވެ. ރާއްޖޭގެ ޓޫރިޒަމް މިއަދު މި ދެކޭ ހަރުފަތަށް އައުމުގެ އެއް އަސްލަކީ މިތަނަށް ހާއްސަ 'ވަން އައިލެންޑް ވަން ރިސޯޓް' ކޮންސެޕްޓެވެ. މާނައަކީ މުޅި ހޮޓެލް ނުވަތަ ރިސޯޓު، ވަކި ރަށެއްގައި އޮތުމެވެ.
ރާއްޖޭގައި ޓޫރިޒަމް ފުޅާވެގެން އައި އިރު، މިއީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ގޮތާ ވެސް އެންމެ ގުޅޭ ކޮންސެޕްޓެވެ.
ހިތްހަމަޖައްސާލަން ރާއްޖެއަށް އަންނަ ޓޫރިސްޓުން ބޭނުންވަނީ 'ޕްރައިވެސީ' އެވެ. ވަކިވަކި ކުދިކުދި ރަށްތަކެއް ގޮތަށް ރާއްޖެ އުފެދިފައި އޮތުމުން ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓަކީ އެކަމަށް ބާރުދޭ ސިފައެކެވެ. ރާއްޖޭގެ ރިސޯޓަކުން ލިބޭ މިނިވަންކަމާ ގާތްކުރާ ވަރަށް ވެސް ދުނިޔޭގެ ގިނަ ޓޫރިސްޓު މަންޒިލްތަކުން އެކަން ތަޖުރިބާއެއް ނުކުރެވޭނެ އެވެ. ދުނިޔޭގެ އެހެން ބީޗް ޑެސްޓިނޭޝަންތަކުން ވެސް އެ ޕްރައިވެސީއެއް ނުލިބެ އެވެ.
ރާއްޖޭގެ ރިސޯޓެއްގައި، ހާއްސަކޮށް ބީޗް ވިލާއެއްގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުންނަށް، އެ މީހުންގެ ޗުއްޓީ ފެށިގެން ނިމުމާ ހަމައަށް، ކޮޓަރީގެ ކުރިމަތީގައި އޮންނަ ބީޗަކީ ހަމައެކަނި އެމީހުންގެ ތަނެކެވެ. އެހެން ގައުމުތަކުގެ ބީޗުގައި އެއްޗެހި ވިއްކާ މީހުން ވެސް އުޅެފާނެ އެވެ. ތަނާ ނުކަތާ ވަރަށް މީހުން ވެސް އެއްވެދާނެ އެވެ.
އެކަމަކު މި ފަހަކަށް އައިސް ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓާ ރާއްޖެ ވަނީ ދުރަށް ދާން ފަށައިފަ އެވެ. ކްރޮސްރޯޑްސް، ފަރި އައިލެންޑްސް، ރިއު އެޓޯލް އާއި ރިއު މޯލްޑިވްސް އަދި ކޮއްދިއްޕަރު ފަޅުގައި ހިންގާ ގްރޭންޑް ޕާކް ކޮއްދިއްޕަރާއި ހިލްޓަން އަމީންގިރި އަކީ އޭގެ މިސާލުތަކެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން 100 އަށް ވުރެ ގިނަ ޖެނެރަލް މެނޭޖަރުންނާ އެކު ބޭއްވި 'ޖީއެމް ފޯރަމް'ގައި ވެސް އެ މައުލޫއަށް ވަނީ ވާހަކަ ދައްކައިފަ އެވެ. އެ ފޯރަމުގައި ރާއްޖޭގެ ޓޫރިޒަމްގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޔުނިވާސަލް ރިސޯޓްސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗެއާމަން ޗަމްޕާ ހުސައިން އަފީފްގެ އިލްތިމާސްއަކީ އަދި ދެއްވި ނަސޭހަތަކީ ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓާ ދުރަށް ނުދިއުމަށެވެ.
އިތުރަށް ކިޔާލަން -
ނަމަވެސް އެ ނަސޭހަތާ މެދު 'ދައުރު'އާ ވާހަކަދެއްކެވި ރިސޯޓުތަކުގެ ބައެއް މެނޭޖަރުންގެ ހިޔާލު ހުރީ ދެ ގޮތަކަށެވެ.
'މިއީ ބަދަލެއް ގެންނަންވީ ވަގުތު'
ޑައިމަންޑްސް އަތުރުގާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ފްރެޑްރިކް ޕެރިން ވިދާޅުވި ގޮތުގައިި ރާއްޖޭގައި ޓޫރިޒަމް ހިންގާ ކޮންސެޕްޓު ބަދަލުކުރަންވީ ވަގުތު ޖެހިއްޖެ އެވެ. އޭގެ ސަބަބުތައް ވެސް އޭނާ ކިޔައިދެއްވި އެވެ.
"ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓަކީ މެނޭޖުކުރަން އުނދަގޫ، ހަރަދު ބޮޑު ގޮތެއް،" ފްރެޑްރިކް ވިދާޅުވި އެވެ.
"މިހާރުވެސް އެހެން ކޮންސެޕްޓުތަކުގައި ރިސޯޓު ހުޅުވާތަން އެބަ ފެނޭ. މިސާލަކަށް ޕަޓީނާ އާއި ކްރޮސްރޯޑްސް އެ ހިންގަނީ ތަފާތު ކޮންސެޕްޓެއްގައި. [ތަފާތުވިޔަސް] އެ ތަންތަން ފެންނަނީ ވަރަށް ކާމިިޔާބުކޮށް."
ފްރެޑްރިކްގެ ވާހަކައިގައި ރާއްޖޭގެ ޓޫރިޒަމް ކުރިއަރައިގެން އައި ގޮތް، އޭނާގެ ތަޖުރިބާގެ އަލީގައި ވެސް ހިއްސާކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މުއްދަތުގައި ރާއްޖޭގެ ޓޫރިޒަމް ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އޭނާ އަޅާބެއްލެވީ 2004 ގައި އޭނާ ރާއްޖެ ވަޑައިގެންނެވިއިރު ކަންތައްތައް ހުރި ގޮތާއި މިހާރު ހުރި ގޮތެވެ.
"އޭރު [2004 ގައި] އެއާޕޯޓު ވެސް އޮންނަނީ [މިހާރާ އަޅާބަލާއިރު] ވަރަށް ފަޅުކޮށް. މިހާރު ބައިވަރު ޓޫރިސްޓުން އައިސް، ވަރަށް ބާރުބޮޑުކޮށް މި އޮންނަނީ،" ފްރެޑްރިކް ވިދާޅުވި އެވެ.
"މިހާރު [މާކެޓު] ޑައިވާސިޓީ އެބަ އޮތް. ރަޝިއާ އާއި ޗައިނާ މާކެޓު އެއީ އޭރު ނެތް، މުޅިން އާ މާކެޓުތަކެއް."
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ފަހުންނާއި އެ ނޫން ވެސް ބައެއް ސަބަބުތަކާ ހުރެ ރާއްޖެއަށް މުހިންމު ބައެއް މާކެޓުތައް މި ދުވަސްވަރު އޮތީ ހީނަރުވެފަ އެވެ. ނަމަވެސް، ފްރެޑްރިކް ލަފާކުރެއްވީ ކައިރި މުސްތަގްބަލެއްގައި އެ މާކެޓުތައް ވެސް އަލުން ހިނގައިގަންނާނެ ކަމަށެވެ.
"އާ މާކެޓުތައް ވެސް އެބަހުރި. އުންމީދަކީ ވަރަށް އަވަހަށް ޗައިނާ އާއި އެ ނޫން ވެސް އޭޝިއާގެ މާކެޓުތައް އޮންލައިންވުން،" އޭނާ ވިދާޅުވި އެވެ.
'ރާއްޖެއަށް ހާއްސަވާ ވަން އައިލެންޑް ވަން ރިސޯޓު ދަމަހައްޓަން ޖެހޭ'
ފިނޮޅު ބާ އެޓޯލް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު މާކް ރީޑާގެ ވިސްނުން ހުރީ ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓް ދެމެހެއްޓުމުގެ މައްޗަށެވެ.
"މިއީ ރާއްޖެއަށް ހާއްސަ ކޮންސެޕްޓެއް. ރާއްޖޭގެ ތަފާތުކަން ދަމަހައްޓަން ވެސް މި ކޮންސެޕްޓު ދެމިއޮންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
"މިއީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ފެންނަ ކަމެއް ނޫން. ދުނިޔޭގެ އެހެން އެއްވެސް ތަނަކަށް [މިހާ ގިނަ އަދަދެއްގެ ރަށްތަކާ އެކު] މި ކޮންސެޕްޓު ހަގީގަތުގައި ނުވެސް ގެނެވޭނެ."
މާކް ވިދާޅުވީ ރާއްޖޭގެ ރަށްތައް ވަކިވަކިން އޮތް ކަމުގައިވީ ނަމަވެސް، އެއީ 100 މޭލުގެ ދުރުމިނެއް ނޫން ކަމަށެވެ.
"ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެއް ރަށުން އަނެއް ރަށަށް ވެސް އެހީތެރިކަން ފޯރުކޮށްދެވޭ ދުރުމިނުގައި ރަށްތައް އުފެދިފައި މިހިރީ. އަސްލު ވަކިން އޮތަސް، ހަމަ ގާތްގަނޑަކަށް އެކުއެކީގައި [ރަށްތައް] މި ހުރީ،" އޭނާ ވިދާޅުވި އެވެ.
މާކް ރާއްޖޭގައި މަސައްކަތް ކުރައްވަން ފެއްޓެވީ 2006ގެ ފަހުކޮޅުގަ އެވެ. އޭގެ ކުރިން ރާއްޖޭގެ ޓޫރިޒަމް އޮތް ގޮތް ކިޔައިދެއްވަން ދަތިވި ނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި އަލަށް ރާއްޖެ ވަޑައިގެންނެވި ހިސާބުން ވެސް މި ތަނުގެ ކަންކަން ހުރި ގޮތުން ހައިރާންވެވަޑައިގަތެވެ.
"ތިމާވެށި ހިމާޔަތްކުރަން ރިސޯޓުތަކުން ކުރާ މަސައްކަތްތަކާއި ސަރުކާރުން އެ ކަންތައްތައް ތަންފީޒުކުރާ ގޮތުން އަހަންނަށް ލިބުނީ ހައިރާންކަމެއް. މިހާރުވެސް އެކަން ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހޭ،" މާކް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި އަނެއް ކަމަކީ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ރާއްޖެ މިއަދާ ހަމައަށް ވެސް ދެމިއޮތުމެވެ. ނަމަވެސް އޭނާ ވިދާޅުވީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް، ނުވަތަ ގެސްޓްހައުސް ޓޫރިޒަމް ފުޅާވުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ.
"ކޮންމެ ވިޔަފާރިއެއް ވެސް ލަގްޒަރީ ނޫން [އެއަށް ވުރެ ދަށް ސްޓޭންޑާޑްތަކުގެ] ކަންކަން ބޭނުންވޭ. ހުރިހާ މާކެޓުތަކަށް ކޭޓާ ކުރެވެން ވާނެ،" އޭނާ ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުގައި މާކް ދެއްކެވީ މިހާރު ޓޫރިޒަމްގައި ވަރަށް ބޮޑަށް ހިމަނަމުން އަންނަ ވެލްނަސްގެ ކަންކަމެވެ.
"ލޯކަލް ޓޫރިޒަމް ނުވަތަ ލޯކަލް ރަށްތަކަކީ އޭގެ ޒާތުގައި ވެސް ވެލްނަސްއެއް. މިސާލަކަށް ޔޫރަޕުން މިކަހަލަ ރަށަކަށް އަންނަ މީހަކު ހޭދަކުރާ ދެ ހަފުތާގެ ތެރޭގައި އަލްކޮހޯލްއެއް ނުހުންނާނެ، ތާޒާ ސީފުޑް ލިބޭނެ އަދި ފަތާލަން ލިބޭނެ،" ލޯކަލް ޓޫރިޒަމް ހިންގާ ރަށްތަކާ ބެހޭ ގޮތުން މާކް ވިދާޅުވި އެވެ.
'މި ކޮންސެޕްޓު ދޫކޮށްލައިފި ނަމަ ރާއްޖޭގެ ތަފާތުކަން ގެއްލޭނެ'
މާލެ އަތޮޅުގައި ހިންގާ ކުޑަ ވިލިނގިލި ރިސޯޓުގެ ޖެނެރަލް މެނޭޖަރު މޯގަން މާޓިނެލޯގެ ވިސްނުން ވެސް ހުރީ މާކްގެ ވިސްނުމާ ދާދި އެއްގޮތަކަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް ޓޫރިސްޓުން އަންނަ މައިގަނޑު ސަބަބަކީ ވެސް މި ތަނުގައި މި އޮތް ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓެވެ.
"ރާއްޖެ 'ޔުނީކް' ވާ ސަބަބަކީ މިއީ. މިހާ ގިނަ ޓޫރިސްޓުން ރާއްޖެއަށް އަންނަ ހިތްވާ އަދި ރާއްޖޭގައި ޓޫރިޒަމް ފުޅާވެގެންދިޔަ ސަބަބަކީ ވެސް މިއީ،" އޭނާ ވިދާޅުވި އެވެ.
އެ ސަބަބުތަކާ ހުރެ، މޯގަން ވިދާޅުވީ ރާއްޖެއަށް ހާއްސަ މި ކޮންސެޕްޓް އޮތް ގޮތަށް ބާއްވަން ޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ، އޭނާ ވިދާޅުވީ، ރާއްޖޭގެ ތަފާތުކަން ގެއްލި، ދުނިޔޭގެ އެހެން މަންޒިލްތަކާ އެއްގޮތް ތަނަކަށް ރާއްޖެ ވެދާނެ ކަމަށެވެ.
ރާއްޖޭގައި ހޭދަކުރެއްވި 10 އަހަރުގެ ތެރޭގައި މޯގަންއަށް ވެސް ފާހަގަކުރެއްވުނު ކަމަކީ ހަމައެކަނި ހަނީމޫން ޑެސްޓިނޭޝަނެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވެ، އާއިލާތަކަށް ވެސް ޗުއްޓީ ހޭދަކޮށްލެވޭނެ ގޮތްތައް ރާއްޖޭގައި ފަހިވުމެވެ.
"ލަގްޒަރީ މާކެޓަށް ވެސް އެކަންޏެއް ނޫން މިހާރު ކޭޓާކުރަނީ. ގެސްޓްހައުސްތަކާއި މިޑްލް ކްލާސް ހޮޓެލްތައް ވެސް މިހާރު އެބަހުރި. އެއީ ކުރިއެރުމެއް،" އޭނާ ވިދާޅުވި އެވެ.
މޯގަން ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށެވެ. ރާއްޖޭގެ ތަފާތުކަމުގެ އިތުރަށް އޭނާ ވިދާޅުވީ 'އިން ދަ މިޑްލް އޮފް ނޯ ވެއާ' ނުވަތަ ރާއްޖެ އެކަހެރިކޮށް އޮތް ނަމަވެސް، ފަސޭހައިން ރާއްޖެއަށް އާދެވޭނެ ގޮތްތައް ހުރުމަކީ ޕްލަސް ޕޮއިންޓެއް ކަމަށެވެ.
ނިމިދިޔަ ޖީއެމް ފޯރަމްގައި އެމްޔޫ މަނިކާއި ޗަމްޕާ އަފީފްގެ ވާހަކައަކީ ވެސް އެއީ އެވެ. ފަޅު ހިއްކައިގެން ކައިރިކައިރީގައި ރިސޯޓު ތަރައްގީކުރުމުން ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓާ ދުރަށް ދާ ވާހަކަ އެވެ. އެ ބޭފުޅުންގެ ތަޖުރިބާގެ އަލީގައި ދެއްވި ނަސޭހަތަކީ، މާޒީން ލިބުނު ފިލާވަޅުތައް ހަނދާނުގައި ބެހެއްޓުމެވެ. ނުވަތަ ޓޫރިޒަމްގައި ރާއްޖެ މި ދެކޭ ރަން ދުވަސްތަކާ ހަމައަށް އައި ގޮތްތައް ދޫކޮށްނުލުމެވެ.
ކޮމެންޓް (3)
އިބްރާ
މުހައްމަދު
ޠުިކހގގ