އިޝްތިހާރު

ކަނޑުއަޑީގެ ފަރުބަދަ ހިމެނޭ 'ސަތޯ ރަހާ'ގެ ސިފަތައް ފެންނަ ހީޓްމެޕެއް. އެތައް ދިރުންތަކެއް މިތަނުގައި ހިމެނޭ (ފޮޓޯ/ނެކްޓަން)

ސައިންސް

ހުވަދޫ ކަނޑުއަޑީގެ ފަރުބަދަ 'ސަތޯ ރަހާ'ގެ ބޮޑުމިނުން ހައިރާންކަން

މި ފަރުބަދައިގެ އުސްމިނުގައި 1،200 މީޓަރު ހުރި ކަމަށް ހޯދުންތަކުން ދައްކާ
30 ސެޕްޓެމްބަރު 2022
7

ދިވެހި މަސްވެރިންނާއި ހުވަދު އަތޮޅުގެ ދުވަސްވީ މީހުންގެ މެދުގައި މަގުބޫލު ވާހަކައެއް އޮވެ އެވެ؛ މީގެ 60-70 ވަރަކަށް އަހަރު ކުރިން ރާއްޖޭގެ މަސްވެރިކަމުގެ ދިރާސާތަކެއް ހަދަން އައި، ޖަޕާނުގެ ސަތޯ ނަމަކަށް ކިޔާ މީހަކު ހުވަދޫ ކަނޑުގެ ތިލައަކަށް ފީނި އެވެ. އެކަމަކު، ކަނޑުގެ އަޑީގައި އުޅުނު އާދަޔާހިލާފު ބޮޑެތި ކަކުނިތަކެއް އޭނާއަށް ހަމަލާދީ ކާލީ އެވެ.

ކަކުނިތަކެއް އޭނާ ކާލި ކަމަށް ބުނާ ވާހަކައަކީ ހަގީގަތަކަށް ނުވި ނަމަވެސް މިއަދާ ހަމައަށް އެ ތިލަ ނުވަތަ، ހުވަދޫ މީހުން ކިޔާ އުޅޭ ގޮތަށް، ރަހާ މަޝްހޫރުވެފައި އޮންނަނީ 'ސަތޯ ރަހާ'ގެ ގޮތުގަ އެވެ. މިއީ ދިވެހި ގިނަ މަސްވެރިން ގަބޫލު ކުރާ ގޮތުގައި ކަނޑުމަހުގެ މަސްވެރިކަމުގައި އެންމެ ގިނައިން މަސް ބޭނޭ އެއް ތަނެވެ. މިހާރު ވެސް ގއ. އަތޮޅުގެ ރަށްތަކުން ކޮންމެ ދުވަހަކުހެން މި ރަހާއަށް މަސްބާނަން ދެ އެވެ.

މިތަނުގައި މިހާ ގިނައިން މަސް އުޅޭ ސަބަބެއް ކަމަށް ދިވެހި މަސްވެރިން ދެކެނީ، އަދި ވަރަށް ކުރިން ކޮށްފައިވާ ދިރާސާތަކުން ދައްކަނީ، ކަނޑު އަޑީގައިވާ ފަރުބަދައެކެވެ. ހުވަދު އަތޮޅާއި ލ. އަތޮޅާ ދެމެދު، ހުވަދޫ ކަނޑުގައި، އީކުއޭޓަރުން ތަންކޮޅެއް އުތުރުގައި އޮންނަ މި ތިލައަކީ ކަނޑު އަޑީގެ ބޮޑު ފަރުބަދައެއްގެ ކުންނު ކަމަށާއި މިޔަރާއި ކަޅުބިލަމަހުން އެތަން ފުރިފައިވަނީ އޭގެ ސަބަބުން ކަމަށް އޮތީ ބެލެވިފަ އެވެ.

ކަނޑުއަޑީގެ ފަރުބަދަ ހިމެނޭ 'ސަތޯ ރަހާ'ގެ ސިފަތައް ފެންނަ ހީޓްމެޕެއް. އެތައް ދިރުންތަކެއް މިތަނުގައި ހިމެނޭ (ފޮޓޯ/ނެކްޓަން)

ބައެއް މަސްވެރިން ބުނާގޮތުން، މޫސުން ރީތި، ކަނޑުމަތި އޮމާން ދުވަސްވަރެއްގައި ފަރުބަދައިގެ ކޮޅު ފެނެ އެވެ. އެއީ ގާތްގަނޑަކަށް 15-20 މީޓަރު އަޑިންނެވެ. އެކަމަކު މިއީ އަދި މުޅިން ހަގީގަތެއް ނޫން ކަމާއި އެ ފަރުބަދަ ނުވަތަ 'ސީމައުންޓް'އަކީ ކުރިން ހީކުރެވިފައިވާ ވަރަށް ވުރެ މާބޮޑު އެއްޗެއްކަން، ރާއްޖޭގެ ކަނޑުގެ އަޑީބައި ބަލައި ދިރާސާކުރަމުން އަންނަ ޓީމުން އެއްކުރި މައުލޫމާތުތަކަކުން، މިހާރު ވަނީ ކަށަވަރުވެފަ އެވެ.

އިނގިރޭސިވިލާތުގެ ނެކްޓަން އިން ސަރުކާރާ އެކު ކުރަމުން އަންނަ ބޮޑު ދިރާސާގައި އާއްމު ގޮތެއްގައި ގިނަ މައުލޫމާތު އެއްކުރަނީ، ކަނޑުގެ އެކި ފުންމިނަށް ސަބްމެރިންއެއްގައި ފީނައިގެންނެވެ. އެކަމަކު ދެކުނުގެ މޫސުން މި ވަގުތު ވަރަށް ބޮޑަށް ގޯސްވެފައި އޮތުމުން އެ ސަރަހައްދަށް އެ ގޮތަށް ފީނޭ ގޮތެއް ނުވި އެވެ. އެހެންވެ، އެ މައުލޫމާތު އެއްކުރީ، 'މަލްޓި ބީމް މެޕިން' ޓެކްނޮލޮޖީގެ އެހީގައި، މެދުނުކެނޑި 12 ގަޑިއިރު ކުރި މަސައްކަތުންނެވެ.

އެގޮތަށް މެޕްކޮށްގެން، ފަރުބަދައިގެ ބޮޑުމިނާއި ސިފަ ވަނީ ދެނެގަނެވިފަ އެވެ. ނަތީޖާ ފެނުނީ، ގިނަ ބަޔަކަށް ހައިރާންކުރަނިވި އެއްޗެއްގެ ގޮތުގަ އެވެ.

ނެކްޓަން އިން އެއްކުރި މައުލޫމާތަށް ބަލާއިރު، އެ ފަރުބަދައިގެ ކޮޅު ނުވަތަ ކުންނު ވަނީ، ކަނޑުގެ ސަތަހައިން 300 މީޓަރު އަޑީގަ އެވެ. އަދި އެ ފަރުބަދަ އުފުލިފައިވަނީ ކަނޑުގެ، 1،500 މީޓަރު އަޑިންނެވެ. އެހެންކަމުން މި ފަރުބަދައިގެ އުސްމިނަކީ 1،200 މީޓަރު (3،900 ފޫޓު) އެވެ. އޭގެ ވަށަމިނުގައި 28 ކިލޯމީޓަރު ހުރެ އެވެ.

މި ހިސާބުތަކުން ދައްކާ ގޮތުން މިއީ ނިސްބަތުން ބިޔަ ފަރުބަދައެކެވެ.

"މިއީ ރާއްޖޭގައި މިހާ އުސްކޮށް ހެދިފައި ހުރި މިފަދަ ހަމައެކަނި ސީމައުންޓް. އަޅުގަނޑުމެންނަށް މީގެ ހަގީގީ ބޮޑުމިން ދެނެގަނެވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" ދިރާސާގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވި މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރުއައި)ގެ ސައިންޓިސްޓު ޑރ. އަހުމަދު ރިޔާޒު ޖައުހަރީ ވިދާޅުވި އެވެ.

ކަނޑުމަހުގެ މަސްވެރިކަން އެންމެ ރަނގަޅަށް ކުރެވޭ 'ސަތޯ ރަހާ'ގައި ދޯނިތަކެއް މަސް ބާނަނީ (ފޮޓޯ/ޑރ. އަހުމަދު ރިޔާޒު ޖައުހަރީ)

'ދައުރު'އަށް އޭނާ ވިދާޅުވި ގޮތުގައި މަސްވެރިންގެ މެދުގައި މި ރަހާގެ އަޑި ފެންނަ ފުންމިނާ މެދު ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެ އެވެ. ބައެއް މީހުންނަށް 50 މީޓަރު އަޑިން ނުވަތަ 30 މީޓަރު އަޑިން ކޮޅު ފެންނަ ކަމަށް ބުނާއިރު، މި ދިރާސާއިން އޭގެ ހަގީގަތް ދެނެގަނެވުމަކީ ލިބުނު ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.

ޑރ. ޖައުހަރީ ވިދާޅުވި ގޮތުގައި އެ ރަހާގެ މައުލޫމާތު އެހާ މުހިއްމުވި އެއް ކަމަކީ، އެތަނަށް ކަނޑުމަސް އެހާ ގަޔާވާ ސަބަބު ހޯދުމެވެ. އެހާ ގިނަ މަސް އެތަނުގައި ވިހާ އާލާވާ ސަބަބު ހެއްކާ އެކު ކަށަވަރުކުރުމެވެ.

ކަނޑުއަޑީގައި ހުންނަ މިފަދަ ފަރުބަދަތަކުގެ ސަބަބުން އެ ސަރަހައްދުތަކުގެ އޮއެ ދަތުރު ކުރާ މިސްރާބަށް ބަދަލު އައިސް، އެއީ ކަނޑުގެ ދިރުންތަކަށް ބޭނުންވާ ކާނާގެ މަރުކަޒަކަށް ވެގެންދެ އެވެ. އެ ސަރަހައްދުގައި އާދަޔާހިލާފަށް ޕްލެންކްޓަން އިތުރުވެ، ކާނާގެ ވިއުގަ ކަނޑުގެ އެންމެ މަތީ ސަތަހައާ ހަމައަށް ފޯރަ އެވެ. އެހެންވެ، ފަރުބަދަތައް ހުންނަ މިފަދަ ސަރަހައްދުގައި ގިނަ ބާވަތުގެ މަސްމަހާމެހި އުޅެ އެވެ.

ސަތޯ ރަހާއިން ވެސް ފެންނަނީ ހަމަ މި މަންޒަރެވެ.

ގިނައިން މަސްވެރިކަން ކުރާ ގދ. ފަރެސްމާތޮޑާގެ މަސްވެރިއެއް ކަމަށްވާ އާދަމް ރާޝިދު ބުނިގޮތުގައި ދެކުނުގެ މަސްވެރިންގެ އެންމެ މުހިއްމު މަންޒިލަކީ އެއީ އެވެ. ކަނޑުމަހުގެ އިތުރުން ރާގޮނޑި ވެސް ގިނަ އަދަދަކަށް އެތަނުން ބޭނެ އެވެ. ހުވަދު އަތޮޅުގެ މަސްވެރިން ދުވާލަކު އެއްފަހަރު މަސް ބާނަންދާ އެ ސަރަހައްދުގެ ހާއްސަކަން ވެސް ރާޝިދު ކިޔައިދިނެވެ.

"އެތަނުން އަބަދުވެސް މަސް ބޭނޭނެ،" އޭނާ ބުންޏެވެ.

"އެކަމަކު ކިތަންމެ މަސް ގިނަޔަސް، ބޮޑެތި އަދަދުތަކަކުން އެތަނަކުން މަހެއް ނުބޭނޭނެ."

ހުވަދޫ ކަނޑުގައި އޮންނަ 'ސަތޯ ރަހާ'ގައި ނެކްޓަންގެ މައި އުޅަނދު މަޑުކޮށްލައިގެން (ފޮޓޯ/ޑރ. އަހުމަދު ރިޔާޒު ޖައުހަރީ)

މަސްވެރިން ދެން އެތަން ފާހަގަ ކުރާ އަނެއް ސަބަބަކީ އާދަޔާހިލާފަށް މިޔަރު ގިނަވުމެވެ. ދޯންޏެއް އެ ތިލައިގައި މަޑުކޮށްލުމާ އެކު، އެތަނަށް 10-12 މިޔަރު އަންނާނެ ކަމަށާއި ދޮށީގައި ގަނެފައިވާ މަސް ނުނަގައި އިރުކޮޅެއް ވިޔަސް މިޔަރު އައިސް، އެ މަސް ކާލާނެ ކަމަށް ރާޝިދު ބުންޏެވެ.

މޫސުން ގޯސްވުމުގެ ސަބަބުން، ކަނޑު އަޑީގެ ދިރާސާގެ މުހިއްމު މަސައްކަތަކަށް ވަނީ ހުރަސް އެޅިފަ އެވެ. އެކަމަކު ސަބްމެރިންގައި ފީނައިގެން ހަގީގަތް ނުހޯދުނު ކަމުގައި ވިޔަސް، ހީޓް މެޕްގެ ޒަރީއާއިން އެ ރަހާ ސިފަކޮށް، މިންކުރެވުމަކީ އެތަނުގައި ތަފާތު މަސްވެރިކަން ކުރާ މީހުންނަށް ބޭނުންތެރިވާނެ ކަމެއް ކަމަށް ޖައުހަރީ ދެކެވަޑައިގެންނެވި އެވެ.

އަދި އަލަށް މި ލިބުނު މައުލޫމާތުގެ ސަބަބުން، ރާއްޖޭގެ ކަނޑުގެ ދިރުންތަކާ ގުޅުން ހުރި ގިނަ ސުވާލުތަކެއްގެ ޖަވާބު ލިބޭނެ ކަމަށް ނެކްޓަން އިން އުއްމީދު ކުރެ އެވެ.  އަދި މިއީ 'ސަތޯ ރަހާ' ފަދަ މުހިއްމު ސަރަހައްދުތަކަށް ސިޔާސަތުތައް ކަނޑައެޅުމަށް މުހިއްމު ފިޔަވަޅެއް ކަމަށް ވަނީ ބެލެވިފަ އެވެ.

އިޝްތިހާރު

ކޮމެންޓް (7)

ނެވިގޭޝަން

4 އޮކްޓޯބަރު 2022
އީކުއޭޓަރ އޮންނަނީ ހުވަދޫ ކަނޑަކު ނޫން. އީކުއޭޓަރ އޮންނަނީ ހުވަދޫ އަތޮޅާއި ފުވައްމުލަކާއި ދެމެދު. ސަތޯރަހާ އޮންނަނީ 1°16'34"N 73°17'12"E ގަ. ވީމާ އެއީ "އީކުއޭޓަރގެ ތަންކޮޅެއް އުތުރުގައި" އެއް ނޫން.
1 0

ހަކީމު އަގްދާސް

30 ސެޕްޓެމްބަރު 2022
އެންމެ ތިލަ ހިސާބުގައި 300 މީޓަރޭތޯ. ކަނޑައެޅިގެން ހޮޅި ވާހަކަ. ތިޔަށް ވުރެ މާ ގިނަ ދުވަހު މާ ރަނގަޅަށް ދިރާސާކޮށްގެން ހަދާފައިވާ ޑިޖިޓަލް މެޕާއި އެއްކުރެވިފައިވާ ޑާޓާތައް މިހާރުވެސް އޮންލައިންނުން ގަންނަން ލިބޭ އެޕްލިކޭޝަން ތެރޭގައި ހިމެނޭ. އޭގެ ތެރޭ އެންމެ އިތުބާރުކުރެވޭ އެންމެ ރަނގަޅު އެއް އެޕަކީ ނެވިއޮނިކުސް ބޯޓީން އެޕް. އެ އަޅުއްވައިގެން ބައްލަވާ 30 މީޓަރުގެ ތިލަ ބޮޑު ސަރަހައްދެއް އޮވޭ. ހުވަދޫ މަސްވެރިން ވެސް އެބުނަނީ މަޑު ދުވަސްދުވަހު ބައެއް ދިމަދިމާލުން ހޭއަޅާކަމަށް. ކަނޑުގެ އެހެން ސަރަހައްދުތަކާ ތަފާތުކޮށް ތިލައެއްކަން އެނގޭ ވަރުވެޔޭ. އެހެންވީމާ ކޮންމެވެސް ސަބަބަކާ ހެދި ނުބައިކޮށް އެބެލެނީ. 300 މީޓަރެއް ނޫން. 30 މީޓަރ.
5 3

ޝުޖާ

30 ސެޕްޓެމްބަރު 2022
@ހަކީމު އަގްދާސް 30 ނޫނީ 50މީޓަރު ކަމަަށް ގަބޫލު ކުރެވެނީ އަޅުގަނޑަށް ވެސް. އެއީ އަޅުގަނޑު ވެސް މަސް ވެރިކަމުގަ ވަރަށް ގިނައިން ގޮސް އުޅުނު ތަނެއް.
5 0

ހުވަދޫމީހާ

30 ސެޕްޓެމްބަރު 2022
ޢައިމިނަތު ޝިފްލީނަށް ވެދުން ސަލާމަށްފަހު ދަންނަވަމެވެ. ލ.އަތޮޅާއި ހުވަދުއަތޮޅާ ދެމެދު އޮންނަ ކަނޑަކީ ހުވަދޫ ކަނޑެވެ. ލ.އަތޮޅުގެ އުތުރުން އޮންނަނީ ހައްދޫ ކަނޑެވެ. އެހެންކަމުން "ހުވަދޫ ކަނޑާއި ލ. އަތޮޅު ކަނޑާ ދޭތެރޭ، އީކުއޭޓަރުން ތަންކޮޅެއް އުތުރުގައި އޮންނަ މި ތިލައަކީ...." ގައި މިބުނާ ލ.އަތޮޅު ކަނޑަކީ ކޮބައިކަން ސާފުކޮށްދެއްވުން އެދެމެވެ. އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
13 3

ލާމު މީހާ

30 ސެޕްޓެމްބަރު 2022
@ހުވަދޫމީހާ ލާމުއަތޮޅުން ދެކުނަށް ނިކުމެވޭނީ ލ.ގާދޫ ކަނޑަށެވެ.
3 6

ހުވަދޫ މީހާ

30 ސެޕްޓެމްބަރު 2022
@ލާމު މީހާ ގާދޫ ކަނޑަކީ ގާދޫއާއި އޮޅުވެލި (ސިކްސްތް ސެންސް ރިސޯޓް) އާ ދެމެދު އޮންނަ ކަނޑުއޮޅި. އެއީ ހުވަދޫ ކަނޑެއް ނޫން. ހުވަދޫ ކަނޑަށް ނިކުމެވޭ ކަނޑުއޮޅިއެއް އެއީ.
5 3

ޢިންނު މުހައްމަދު

30 ސެޕްޓެމްބަރު 2022
ތިތަން ދާދި އަވަހަކަށް ސަރުކާރުން ހިމާޔަތް ކޮށްފަ ބޭރު ބަޔަކަށް ކުއްޔަށް ދޭނެކަމަށް ވަރަށް ބެލެވޭ
14 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް