އެއްބަސްވެ ދެބަސްވަމާ: ދަރިން ހޯދަން ބިރުގަތުމާއި އެއިން ގައުމަށް ކުރާ އަސަރު
ދިރިއުޅުމުގެ ހަރަދުތައް ވަރަށް ބޮޑެވެ. ދިރިއުޅެވޭ ވަރު ތަނަކަށް ފެންނަނީ ވެސް ތޮއްޖެހިފައިވާ ވެރިރަށެވެ. ވެރިރަށުން ދިރިއުޅެން ތަންތަން ލިބެނީ ބޮޑު ކުއްޔަށެވެ. ވެރިރަށް މާލޭގައި ނޫޅޭ މީހުން ވެސް ދޭތެރެއަކުން މި ތަނަށް އައުން ނޫން ގޮތެއް ނެތެވެ. ނަތީޖާއަކީ މަސައްކަތަށް ދެވޭ ވަގުތު ގިނަވެގެން ގޮސް، ދިރިއުޅުމަށް ވަގުތު ނުދެވުމެވެ.
މި ތަކުލީފުތަކާއެކު މި ފެންނަނީ އާއިލާ ބޮޑުކުރުމާ އަހަރުމެން ޖެހިލުންވާ ތަނެވެ. ދަރިން ހޯދަން ފަސްކުރާ ތަނެވެ. ކައިވެންޏަކާ ހަމައަށް ދަނީ އެތައް އަހަރަކުންނެވެ. ގިނަ ފަހަރު އެންމެ ދަރިއަކުން ފުއްދާލަން ޖެހޭ ގޮތަށް ދިރިއުޅުން ޕްލޭން ކުރެ އެވެ. ނަތީޖާއަކަށްވާނީ މުސްތަގުބަލުގައި ޒުވާން އާބާދީއަށްވުރެ މުސްކުޅި އާބާދީ ބޮޑުވުމެވެ. މި ހިސާބުން މި ދެކެވެނީ ހަމައެކަނި އަދަދުތަކުގެ ވާހަކައެއް ނޫނެވެ. އިގުތިސޯދާއި ގައުމުގެ މުސްތަގުބަލާއި މަސައްކަތްތެރިކަމުގެ އިތުރުން މުޖުތަމައު ބައްޓަން ކުރަންވީ ގޮތުގެ ވާހަކަ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2052ވަނަ އަހަރު ރާއްޖޭގައި ކޮންމެ ހަތަރު މީހުންގެ ތެރެއިން އެކަކަކީ އުމުރުން 65 އަހަރުން މަތީގެ މީހެކެވެ. ދޮށީ އުމުރުގެ މީހެކެވެ.
'ދައުރު'ން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގައި މިއަދު ގެނެސްދޭ އެޕިސޯޑްގެ މައުލޫއަކީ ވެސް އާބާދީއަށް އަންނަން މި އުޅޭ ބަދަލުގެ ވާހަކަ އެވެ. މާދަމާއަކީ ދުނިޔޭގެ އާބާދީ ދުވަހެވެ. އެ ދުވަހަށް ހާއްސަކޮށް މި ފަހަރު މި ގެނެސްދޭ އެޕިސޯޑްގެ މެހެމާނަކީ އދ. ގެ އާބާދީއާ ގުޅޭ ޖަމިއްޔާ، ޔުނައިޓެޑް ނެޝަންސް ފަންޑް ފޮ ޕޮޕިއުލޭޝަން އެކްޓިވިޓީސް (ޔޫއެންއެފްޕީއޭ)ގެ ރާއްޖޭގެ އޮފީހުގެ ވެރިޔާ ޝާދިޔާ އިބްރާހީމެވެ.
ދޭތެރެ ދުރުކުރުމުގެ ޕްރޮގްރާމުން ކުރި އަސަރު
މިއީ ރާއްޖޭގައި ވިހެއުމުގެ ސަގާފަތެއް އޮއްވައި، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި ހިންގި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ ބޭނުމަކީ އެއް ދަރި ވިހެއުމަށްފަހު އަނެއް ދަރި ވިހެއުމާ ދެމެދު ނަގާ މުއްދަތު ދިގު ކުރުމެވެ. ދޭތެރެ ދުރުކުރުން ކިޔަނީ އެހެންވެގެނެވެ.
އޭގެ ސަބަބުން ވެސް މާ ގިނައިން ވިހެއުމުގެ އާދައަކުން ދިވެހިން ތިބީ ދުރުވެފަ އެވެ. ދަރިން މަދުކުރުމަށް ހޭނިފައޭ ބުނެވިދާނެ އެވެ. އޭގެ ކުރިން ގާތްގަނޑަކަށް ހަތް ދަރިން ހޯދަމުން ދިޔަ ދިޔުން ބަދަލުވީ ދޭއް ނުވަތަ ތިން ދަރިންނަށެވެ.
އޭރު ވެސް ޔޫއެންއެފްޕީއޭގައި މަސައްކަތްކުރެއްވި ޝާދިޔާ ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމަކީ އެ ވަގުތަށް ކުރަން ޖެހުނު ކަމެކެވެ. އޭރު އަންހެނުން ވިހާ ވަރު ގިނަވަމުން ދިޔުމުގެ ސަބަބުން، ވިހެއުމާއެކު މަރުވާ އަންހެނުން ވެސް ދިޔައީ ގިނަވަމުންނެވެ.
"އެއް ދަރިއަކު ހޯދާފައި އޭނާ [މަންމަ] ގަދަވާހާ ދުވަސްކޮށްފައޭ އަނެއް ދަރިއަކު ހޯދަން ވާނީ. އެ އުސޫލުން އޭރުގެ ހާލަތަށް މީހުން ހޭލުންތެރިކޮށް، ސިޔާސަތުތައް ބައްޓަން ކުރެވިގެން އައީ،" ޝާދިޔާ ވިދާޅުވި އެވެ.
ޝާދިޔާ ގަބޫލުކުރައްވާ ގޮތުގައި ދަރިން ހޯދުމަށް ގެންގުޅޭ ވިސްނުންތަކަށް އަސަރުކޮށްފައިވަނީ ކޮންމެހެން ހަމައެކަނި އޭރު ހިންގި ޕްރޮގްރާމްގެ ސަބަބުންނެއް ނޫނެވެ. ތަރައްގީއާއި ޓެކްނޮލޮޖީއަށް އައި ކުރިއެރުންތަކުގެ ސަބަބުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެެނެވުނު ބަދަލުތަކާއި، ދިރިއުޅުމުގެ ހަރަދަށް އައި ބަދަލުތަކަކީ އެ ވިސްނުމަށް އައި ކަންކަމެވެ.
މަސައްކަތާއި ދިރިއުޅުމުގެ ހަމަހަމަކަން ހޯދަން ޖެހޭ
އާބާދީ އިތުރުކުރުމުގެ ވާހަކަ ދެކެވޭއިރު ހަގީގަތުގައި ވެސް އެ ކަމަށް ކުރިމަވެފައިވާ ހުރަހަކީ ދިރިއުޅުމުގެ ހަރަދެވެ. މީގެ ޒަމާންތަކެއް ކުރިން އޮތް ހާލަތާއި މިއަދުގެ ހާލަތު ވެސް ތަފާތެވެ. އޭރު ވުޖޫދުގައި ވެސް ނެތް އެތައް ކަމަކީ މިއަދު ދިރިއުޅުމަށް އަސާސީ ކަންކަމެވެ. ކަރަންޓާއި، ގޭހާއި، އިންޓަނެޓާ މިހެން ގޮސް ޒަރޫރީ އެތައް ބޭނުމެއް ދިރިއުޅުމަށް ޓަކައި އުފެދިއްޖެ އެވެ.
ދެން އޮތް ކަމަކީ ގޭބިސީއެއްގެ މި ހުރިހާ ކަމެއްގެ ހަރަދު ފޫބެއްދޭނެ ވަރުގެ އާމްދަނީއެއް އެންމެ ފަރުދަކަށް ނުހޯދެ އެވެ. ދިރިއުޅޭ ތަނުގެ ކުއްޔާއި، އަސާސީ ހިދުމަތްތަކުގެ ބިލުތައް ދައްކާފައި ކައިބޮއި އުޅެވޭ ވަރު ވަނީ ދެމަފިރިން ވެސް ގިނަ ފަހަރު މަސައްކަތްކޮށްގެނެވެ. ދެމަފިރިން ގިނަ ވަގުތު ވެސް މަސައްކަތްކޮށްގެނެވެ.
ދަރިއަކު ހޯދަން އެފޯޑެއް ނުކުރެވޭނެއޭ. މަސައްކަތްކޮށްފައި ދަރިން ބަލާނެ ވަގުތެއް ނުލިބެއޭ. އެންމެ ކުއްޖަކު ފިޔަވާ ބެލޭނެ ގޮތެއް ނެތޭ. ލިބޭ ގޭގައި ހުންނަނީ ފުއްވަރެއްގެ ތަންކޮޅެކޭ. މައިންބަފައިންނާއެކު އެ ތަނުގައި ދެން އިތުރަށް ބަޔަކު ހޯދައިގެން ތިބެވޭކަށް ނެތޭ
ޝާދިޔާ ޔޫއެންއެފްޕީއޭގައި މަސައްކަތްކުރައްވަން ފެއްޓެވީ މީގެ 28 އަހަރު ކުރިން 1997ވަނަ އަހަރުގަ އެވެ. އޭރު ވެސް އެންމެ ބޮޑަށް ވަކާލާތު ކުރެވުނު ކަމަކީ އެންމެނަށް ވެސް އަގު ދެއްކޭނެވަރުގެ، ކޮންމެ މީހަކަށް ވެސް ޖާގަ ލިބޭނެ ވަރަށް ޑޭކެއާ ހިދުމަތް ފުޅާކުރުމެވެ.
ޑޭކެއޭ ހިދުމަތް ފުޅާކުރުން ފަދަ ސިޔާސަތުތަކާ ގުޅޭ ގޮތުން ޝާދިޔާ ވާހަކަ ދައްކަވަން ފެއްޓެވީ، ދަރިން ހޯދުމަށް ބާރުއެޅެން އޮތް ގޮތަކީ ދިރިއުޅުމުގެ ތަކުލީފުތައް ކުޑަކޮށް ދިރިއުޅެން ވަގުތު ދެވޭ ވަރު އިތުރުކޮށްގެން ވާތީ އެވެ.
"ދަރިން ހޯދޭނީ އަންހެނުންނަށް. އަންހެނުންނަށް އެ ކަން ކުރާނެ ވަގުތު ލިބޭނެ، އާއިލާއެއް ބަލަން ފަހިވާނެ ގޮތަށް ފުރަތަމަ ސިޔާސަތުތައް ބައްޓަން ވާން ޖެހޭނެ،" ޝާދިޔާ ވިދާޅުވި އެވެ.
އޭނާ ދެން ފާހަގަކުރެއްވީ މަސައްކަތަށް ދެވޭ ވަގުތާއި ދިރިއުޅުމުގެ އެހެން ކަންކަމަށް ދެވޭ ވަގުތު ހަމަހަމަކުރުމުގެ ވާހަކަ އެވެ. ވޯކް ލައިފް ބެލެންސްގެ ވާހަކަ އެވެ. އެ ގޮތަށް މީހާއަށް ދިރިއުޅެވޭ ގޮތަށް ސިޔާސަތުތައް ބައްޓަން ކޮށްގެން ނޫނީ ދަރިން ހޯދުމުގެ ވިސްނުމެއް ނުގެނެވޭނެ އެވެ.
ދަރިން ނުހޯދާ ތިބި ތިބުމަކީ އަމިއްލަ އިހުތިޔާރަކަށްވުރެ އިގުތިސޯދީ ހަގީގަތްތަކުގެ ސަބަބުން ދިރިއުޅުމަށް މި ވަގުތު ޖަހައިގެން ތިބި ހިސާބެކޭ ބުނެވިދާނެ އެވެ.
"ނިޒާމީ މައްސަލައެއް މި އުޅެނީ. އިގުތިސޯދީ ހަރަކާތްތަކުގައި އަންހެން މީހާއަށް ބައިވެރިވެގެން އާމްދަނީ ރަނގަޅަށް ހޯދޭނެ ފުރުސަތު ދީފައި، ދަރިފުޅާއެކު މަންމައާއި ބައްޕައަށް ވެސް ގިނަ ވަގުތު އުޅެވޭނެ ގޮތަކަށް ސިޔާސަތުތައް ގެންނަން ޖެހޭ،" ޝާދިޔާ ވިދާޅުވި އެވެ.
މުސްކުޅި އާބާދީގެ ބޭނުން ވެސް ހިފޭނެ
ޝާދިޔާ ފާހަގަކުރެއްވި ގޮތުގައި މުސްކުޅި އާބާދީއަކަށް ރާއްޖެ ބަދަލުވެގެންދާ ތަން ފެންނައިރު، އެ ބަދަލު އިތުރަށް ބަދަލުކުރުން ވެސް ވާނީ އުނދަގޫ ކަމަކަށެވެ. އެހެންކަމުން އާބާދީގެ ހަގީގަތްތަކަށް ބަލައިގެން ވެސް ސިޔާސަތުތައް ބައްޓަންކުރަން އެބަޖެހެ އެވެ.
އެ ގޮތުން މުސްކުޅި އާބާދީ ވެސް ކުރެވިދާނެ މަސައްކަތްތަކެއް ހޯދޭނެ ކަމަށް ސާދިޔާ ގަބޫލުކުރެއްވި އެވެ. އެއް މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ ވެސް ޑޭކެއާ ސެންޓަރުގެ ވާހަކަ އެވެ.
"ވޯކް ލައިފް ބެލެންސް ޒުވާނުންނަށް ހޯދައިދޭން ޑޭކެއާ ސެންޓަރުތައް އިތުރުކުރާއިރު އެ ތަނަށް ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ބޭނުންވާނެ. އުމުރުން ދޮށީ މީހުންނަށް ވެސް ކުޑަކުއްޖެއް ބަލާލަން ކުރަންޖެހޭ އަސާސީ ކަންކަން ކޮށްލެވޭނެ،" ޝާދިޔާ ވިދާޅުވި އެވެ.
އޭގެ އިތުރުން ދެން ފާހަގަކުރެއްވީ އާބާދީ ކުޑަ ބައެއް ރަށްރަށެވެ. މިފަދަ ބައެއް ރަށްރަށަކީ ކުޑަކުދިންގެ އާބާދީއާއި ޒުވާން އާބާދީއަށްވުރެ މުސްކުޅި އާބާދީ މިހާރު ވެސް މާ ގިނަކޮށް އޮތް ރަށްރަށް ކަން ޝާދިޔާ ފާހަގަކުރެއްވި އެވެ.
"ފުޑް ސެކިއުރިޓީއަކީ ވަރަށް މުހިންމު ސެކްޓާއެއް. އެ ކަމަށް އެއްވެސް ކަމެއް ނުކުރެވޭ. ރާއްޖޭގައި އުފެއްދޭ ބާވަތްތައް ހައްދަން މި މީހުން ތަމްރީނުކޮށްފައި އެއިން އާމްދަނީ ލިބޭނެ ގޮތްތައް ހަމަޖައްސައިދެވޭނެ،" ޝާދިޔާ ވިދާޅުވި އެވެ.
މަގުތަކުގައި ދޮށީ އުމުރުގެ މީހުން ހިނގާބިނގާވެ އުޅުމަށާއި އެއްވެ އުޅެވޭނެ ގޮތަކަށް މަގުތައް ޑިޒައިންކުރުމާއި، އެފަދަ މައިޒާންތައް އިތުރުކުރުމާއި އެ މީހުންނަށް އަޅައިލެވޭނެ ގޮތަކަށް އިގުތިސޯދު ބައްޓަންކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ޒުވާނުން އުމުރުން ދުވަސްވާއިރަށް ބަލިވާކަށް ނުޖެހޭ. އެނދުމަތިވާކަށް ނުޖެހޭ. މަސައްކަތްކުރުން ހުއްޓާލަކަށް ނުޖެހޭ. އެހެން ބާކީވާން ޖެހުމުގެ އިހުސާސްކުރެވުމަކީ ވެސް ބަލިވެ، މަސައްކަތާ ދުރަށް ޖެހި، ދުޅަހެޔޮނުވާން ދިމާވާ ކަމެއް،" ޝާދިޔާ ވިދާޅުވި އެވެ.
ރާއްޖޭގެ އާބާދީ އަދިވެސް ވަރަށް ކުޑަ އެވެ. ދަރިން ހޯދުމުގެ ވިސްނުމާ ޒުވާނުން ދުރަށް ޖެހުމުން ގޮސް، މުސްކުޅި އާބާދީއަކަށް އާބާދީ ބަދަލުވާނެ ކަމަށް އަންދާޒާކުރެވިފައި މި އޮތީ އެންމެ ވިއްސަކަށް އަހަރެވެ. އެހެންކަމުން މިހާރުން ފެށިގެން މީހުން ބިނާކުރުމާއި، ދުޅަހެޔޮކުރުމާއި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތަކަށް މާހައުލު ފަހިކުރަން ޖެހެ އެވެ.
"މީހުން ބިނާކުރުމަކީ އަޅުގަނޑުމެން މިހެން ފިހާރައަކަށް ގޮސް އެއްޗެއް ގަންނަން ލިބޭ ގޮތަށް ލިބެން ހުންނަ އެއްޗެއް ނޫން،" ޝާދިޔާ ވިދާޅުވި އެވެ.
ކޮމެންޓް