އެއްބަސްވެ ދެބަސްވަމާ: ގައިދީންނާ މެދު ދެކެނީ ޖަނަވާރުންނަށް ވުރެ ދަށު ދަރަޖާގައި

ކްރިމިނަލް ކޯޓުން ނެރުނު އަނގަ ބަންދުކުރުމުގެ އަމުރާ ހިލާފުވި ކަމަށް ބުނެ، ހަބަރެއް ލިޔުނު ނޫސްވެރިޔަކާއި ސުވާލެއް ކުރި ނޫސްވެރިޔަކު ގެންގޮސްލީ ބޮޑެތި ކުށްވެރިން ތިބި ޖަލު ޔުނިޓަކަށް؛ އެ ނޫސްވެރިންނަށް ކައިރިން ފެނިގެން ދިޔައީ ޖަލު އަނިޔާ ދެމުންދާ ޒަމާނީ ވައްޓަފާޅިއާއި ގައިދީންނަށް ވެވޭ އިހުމާލު

އަސާސީ ހައްގުތަކާއި މިނިވަންކަން ގާނޫނުއަސާސީގައި ލިޔެގެން ތިބި ކަމެވެ. ވެރިކަމުގެ ނިޒާމު، ޑިމޮކްރެޓިކް އޮނިގަނޑަކަށް އޮތީ އެ ދެލިގަނޑުގައި އެކަންޏެވެ. ފެހި ގާނޫނުއަސާސީގެ ފަހުގައި ވެސް ހުދުމުހުތާރު ވެރިކަމާއި އެ ވެރިކަމުން ރައްޔިތުންނަށް އިހުމާލުވެގެން ތިބޭ ސަގާފަތް ބަދަލެއް ނުވެ އެވެ. އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމާއި، ނޫސްވެރިކަމުގެ މަސައްކަތަށް ހުރަސްނާޅާ ވެރިކަމެއް، ފެހި ގާނޫނުއަސާސީގެ ފަހުގައި ވެސް ނުދެެކެމެވެ. ހައްގުތައް ހަނިކުރަމުުން ގޮސް، އެންމެ ފަހުން ނޫސްވެރިކަމުގެ މަސައްކަތެއް ކޮށްގެން، ނޫސްވެރިންތަކެއް ޖަލަށް ވެސް ލީ އެވެ. މި ގާނޫނުއަސާސީ ހޯދުމުގެ ކުރިއަށް، އިހު ތިބި ހާލަތަށް ރުޖޫއަވެ ނިމުނީ އެވެ.

'އަދަދު' ނޫހުން ޑޮކިއުމެންޓަރީއެއް ގެނެސްދީގެން ހިނގި ކަންތަކުގެ ދިގު ތަފްސީލެއް މި ލިޔުމުގައި ނުހިމަނާނަމެވެ. އެކަމަކު، ވަކި މައްސަލައެއްގެ ވާހަކަ ސީދާ ގޮތުންނާއި، ނުސީދާ ގޮތުން ވެސް ދެއްކުން މަނާކޮށް ކޯޓުން ނެރުނު އަނގަ ބަންދުކުރުމުގެ އަމުރަކާ އެތައް ބަޔަކު ހިލާފުވި ނަމަވެސް ޖަލުގެ ތޭރިތަކުގެ ތެރެއަށް ގެންގޮސްލަނީ ވެސް 'އަދަދު'ގެ ދެ ނޫސްވެރިން، މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނާސިރު އެކަންޏެވެ. ބިރު ދެއްކުމުގެ ނިޔަތުގައި ކަމަށް ވެދާނެ އެވެ. ގެންގޮސްލަނީ އެންމެ ނުރައްކާތެރި ކުށްކުށުގައި، ޖަލުގައި އެންމެ ގިނަ ދުވަސްވީ ގައިދީން ތިބި ޔުނިޓަށެވެ.

އެހެން ނަމަވެސް ބިރު ދެއްކުމުގެ ނިޔަތުގައި ސަރުކާރުން ކުރަން އުޅުނު ކަންތައް ބަދަލުވީ ސަރުކާރަށް އެޅުނު ޅައެއްޗަކަށެވެ. ނޫސްވެރިންތަކެއް، ގައިދީންތަކެއްގެ ތެރެއަށް ލީމައި އެ ދެ މީހުން އެ ތަނުގައި ވެސް ކުރީ ނޫސްވެރިކަމުގެ މަސައްކަތެވެ. ހަމަ ލޮލުން ފެނުނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ދެވޭ އަނިޔާ އެވެ. ގައިދީންގެ ހައްގުތަކަށް ޖަލުތަކުގައި ވެވޭ އިހުމާލުތައް، އަމިއްލަ އަތުން ހިފައި ކުރެވުނު ތަޖުރިބާތައް ނޯޓުކުރީ އެވެ. ގައިދީންގެ އިންސާނީ ދަރަޖަ ދަށްކޮށް، އެ ތަނުގެ ތެރޭގައި ހިނގާ އެތައް ގޯހެއް ތިލަކުރަމުން އެބަ ގެންދެ އެވެ. 

'ދައުރު'ން ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު ގެނެސްދޭ 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގައި، މި ހުކުރު ދުވަހުގެ އެޕިސޯޑްގެ މެހެމާނުންނަކީ ވެސް ޝަހުޒާނާއި ލީވާނެވެ. ޝަހުޒާނާއި ލީވާން ތަޖުރިބާކުރި ޖަލު އަނިޔާތަކާއި ގައިދީންނާ މެދު އަމަލުކުރެވޭ ގޮތަކީ، މި ވޮޑްކާސްޓްގެ 25ވަނަ އެޕިސޯޑްގެ މައުލޫއެވެ.

'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގެ 25ވަނަ އެޕިސޯޑްގައި 'ދައުރު'ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު އާއި ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހުމަދު ނާއިފް (ދައުރު ފޮޓޯ/ އަލީ ނިޝާން)

އަނިޔާގެ އާ ވައްޓަފާޅި؛ ނަފްސާނީ ގޮތުން ބަލިކަށިކޮށްލުން

ޝަހުޒާނާއި ލީވާން ގެންގޮސްލަނީ މިދިޔަ ސަރުކާރުގައި ހަދާފައިވާ ޔުނިޓަކަށެވެ. އެއީ ހަރުކަށި ފިކުރާއި، ނުރައްކާތެރި ކުށްތަކުގެ ތުހުމަތުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީން، އެހެން ގައިދީންނާ އެކަހެރިކޮށް ބޭއްތިބުމަށް ކަމަށް ބުނެ ހެދި ތަނެކެވެ.

ދެ ނޫސްވެރިން ވެސް ސިފަކޮށްދެއްވި ގޮތުގައި އެ ތަނުގައި ހުންނަނީ ދެ ވިންގެކެވެ. ދެ ވިންގު ވަކިކޮށްފައި ހުންނަނީ 15 ފޫޓުގެ އުސް ފާރެކެވެ. ވިންގް އެކެއްގައި 8 ގޮޅި ހުރެ އެވެ. ޝަހުޒާނާއި ލީވާން ތިބީ ވިންގް ދޭއްގެ ގޮޅިއެއްގަ އެވެ. އެ ތާނގައި 10 ގޮޅި ހުރެ އެވެ.

ކޮންމެ ގޮޅިއެއްގައި އެކަކު ނުވަތަ ދެ މީހަކު ތިބި ނަމަވެސް، އެއް ގޮޅީގައި ތިބެގެން ދައްކާ ވާހަކަ އަނެއް ގޮޅިއަށް އިވެ އެވެ. އެތައް އަހަރެއް ވަންދެން ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނާ ވެސް ވާހަކަ ދައްކަން މި ނޫސްވެރިންނަށް ފުރުސަތު ލިބުނެވެ.

ޝަހުޒާން ކިޔައިދެއްވި ގޮތުން ނަމަ، އޭނާ ވާހަކަ ދެއްކެވި އެއް ގައިދީއަކީ ޖަލުގައި މަރާލި އީވާން ނަސީމާ އެކު އެއް ގޮޅިއެއްގައި އޮތް ގައިދީއެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުން ފެށިގެން މިހާތަނަށް ޖަލުގައި އޭނާ ކުރި ތަޖުރިބާތައް އޭނާ ޝަހުޒާނަށް ކިޔައިދިނެވެ.

މާފުށި ޖަލު މަތިން (ފޮޓޯ/ މެސިމަމް)

އޭރުގައި އަނިޔާކުރާ ގޮތަކީ:

  • ބިޑި އަޅުވައިގެން ނެރެ، ގަދަ އަވީގައި ބެހެއްޓުން

  • ގަދަ އަވީގައި އިދިކޮށް ދަމާ ކޫއްތާފައި ގެންދިއުން

  • ރުށްރުކުގައި ބަނދެފައި ގިނައިރު ބޭއްތިބުން

  • ޓިނު ޖިފުޓިގަނޑަކަށް ލާފައި ބެއިންދުން

މިހާރު މި ޒާތުގެ ކަންކަން މާޒީވެ ދިޔަ ނަމަވެސް ޖަލުގެ އަނިޔާ ދެމިއޮތް ކަމަށް ޝަހުޒާން ވިދާޅުވި އެވެ. ގައިދީން ހިތްހަމަނުޖެހިގެން ހަޅުތާލެއް ކުރިއަސް، މާ ގިނައިން ޝަކުވާކުރަން ފެށުމުން ވެސް ކުރާ ކަމަކީ ބާރުގަދަ ނަފްސާނީ ބޭސްތައް ދިނުމެވެ. އެ ބޭސްތައް ދީގެން ނަފްސާނީ ގޮތުން ގިނަ ގައިދީން ތިބެނީ ވަރަށް ބޮޑަށް ބަލިކަށިވެފަ އެވެ.

"މާލޭ ވަރަށް ގިނަ މީހުން އުޅޭ ނަފްސާނީ ފަރުވާއަށް ބޭނުުންވާ ބޭސް ނުލިބިގެން. އެކަމަކު މާފުށީގައި [ޖަލުގައި] ވަރަށް ތިޔާގި އެއްޗެެއް އެއީ. ހަމަ ކޮންމެ ގޮޅިއަކަށް ހަތަރު ބޭސް، ފަސް ބޭސް ގުޅެ ލިބޭނެ ކޮންމެ ދުވަހަކަށް،" ޝަހުޒާން ވިދާޅުވި އެވެ.

އެ ގޮތަށް ގޮޅިތަކަށް ބަހާ ގިނަ ބޭސްތަކަކީ ނަފްސާނީ ޑޮކްޓަރަކު އެ ބޭސް ނެގުމަށް ހުއްދަ ދީފައިވާ ލިޔުމެއް ނެތި ބޭނުންކޮށްގެން ވެސް ނުވާނެ ބޭސްތަކެކެވެ. ނަމަވެސް ނަރުހަކު ލައްވައި، އެފަދަ ލިއުމެއް ނެތި ބޭސް ބަހަމުންދާ ކަމަށް ޝަހުޒާން ވިދާޅުވި އެވެ.

"އަޅުގަނޑު ހުންނަ ގޮޅިއަށް ވެސް ގެނައި އެ ބޭސް. އަޅުގަނޑު ބުނިން އަޅުގަނޑު އެދިފައެއް ނޯންނާނެއޭ އެފަދަ ބާރުގަދަ ބޭހެއް ގެނެސްދޭކަށެއް. އެކަމަކު އެ ގެނެސްދޭ މުވައްޒަފު ބުނޭ މި ގޮޅިއަށް ގެންނަން އަންގާފައޭ އޮތީ،" ޝަހުޒާން ވިދާޅުވި އެވެ.

މާފުށީ ޖަލު (ފޮޓޯ/އިވާން)

ޖަލުގެ ތަޅަންގަނޑުގައި ދޫލުމާއި، ގައިގެ ތަންތަނުގައި ރިއްސައިގެން ހަޅޭއްލެވުމާއި، ނިދާ ބޭސް ދީގެން ނިންދެވުމާއި މިހެން ގޮސް ކިތަންމެ ކަމެއް ގައިދީން ކުރަނިކޮށް ޝަހުޒާނަށް ފެނުނެވެ. ޝަހުޒާން ގަބޫލުކުރައްވާ ގޮތުގައި، މި ހުންނަނީ އެ ބާރުގަދަ ނަފްސާނީ ބޭސްތަކާއި، ނިންދަވަން ވެގެން ނިދާ ބޭސްތަކުގެ އަަސަރެވެ.

ނަފްސާނީ ބޭސް މިހާވަރަށް ދިނުމަށްފަހު، ހަގީގަތުގައި ދޭން ޖެހޭ ބޭސްފަރުވާއަށް ވަނީ އިހުމާލެވެ. ލީވާން ކިޔައިދިން ގޮތުގައި ހާއްސަ ޑޮކްޓަރަކަށް ދައްކަން އެދިގެން، އެތައް އަހަރެއްވާއިރު ވެސް ޑޮކްޓަރަށް ނުދެއްކި އެތައް ގައިދީއަކު އެބަ ތިބި ކަމަށެވެ.

"އަޅުގަނޑާ ބައްދަލުވި ގައިދީއެއް. އޭނާ ކަށީގެ ޑޮކްޓަރަކަށް ނުދެއްކިގެން މިހާރު ދެ އަހަރު ވެއްޖެ. އޭނާ އަތުގައި ހުރި، ހިއުމަން ރައިޓްސް ކޮމިޝަންގެ ލިޔުންތައް ވެސް. އެއިން އެނގޭ، އެކްސްކޯޓް ޖަލު އޮފިސަރެއް ނުވެގެން ޑޮކްޓަރަށް ނުދެއްކިދާ ކަން،" ލީވާން ކިޔައިދިނެވެ.

ލީވާނަކީ ހަމުގެ މައްސަލަ ހުންނަވާ މީހަކަށް ވާތީ، ހަމުގެ ޑޮކްޓަރަކަށް ދައްކަން އެދިގެން ހަތަރު ދުވަސް ވެގެން ދިޔައިރު ވެސް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމައެއް ނުޖެހެ އެވެ. އެންމެ ފަހުން ވަކީލު މެދުވެރިކޮށް، މީޑިއާގައި ޕްރެޝަރު އުފެއްދުމުން ހަމަޖެހިގެންދިޔަ އެވެ.

"އެހެން ޕްރެޝަރު އުފެއްދެން ނެތް ކިތައް ގައިދީން ތިބޭނެ. އަދި ނުތެޅިއަކަސް، މިހެން ބޭސްފަރުވާއިން މަހުރޫމުކުރުމަކީ ވެސް އަނިޔާއެއް،" ލީވާން ވިދާޅުވި އެވެ.

ގައިދީންތަކެއް ބޭސްފަރުވާއަށް ކްލިނަކަށް ގެންދަނީ(ފޮޓޯ/ކަރެކްޝަންސް)

ޖަލު ކޮއްތާއި ފެންވަރެއް ނެތް އިންތިޒާމު

ޖަލުގެ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝަހުޒާން ވިދާޅުވީ ކޮންމެ ކުށެއްގެ ތުހުމަތުގައި ބަންދުކުރި ނަމަވެސް ދައުލަތުގެ ބެލުމުގެ ދަށުގައި އެ މީހުން ތިބިހާ ހިނދަކު، އިންސާނަކަށްވީތީ ދިރިއުޅުމުގެ އަސާސީ ކަންކަން ލިބެން ހުންނަން ވާނެ ކަމަށެވެ.

"އޭނާ ސާފުތާހިރު ވެވޭނެ ގޮތެއް އޮންނަން ޖެހޭނެ. އޭނާ ހުންނަ ތަނަކީ ސާފުތާހިރު ތަނަކަށް ވާން ޖެހޭނެ. އޮރިޔާން ނިވާކުރެވޭނެ ގޮތެއް އޮންނަން ޖެހޭނެ. ކައިބޮއި އުޅެވެން ޖެހޭނެ،" ޝަހުޒާން ވިދާޅުވި އެވެ.

ޖަލުގައި އެތައް މަހެއްވަން ދެން ލާނެ އެންމެ އަންނައުނަކާއެކު ތިބި ކިތަންމެ ގައިދީއަކުތިބި ކަމަށް ޝަހުޒާން ވިދާޅުވި އެވެ. އަންނައުނު ބާލައި ކޮންމެ ފަހަރަކު އޮރިޔާން ނިވާކުރަން ޖެހެނީ މުންޑުކޮޅަކުންނެވެ. އެތައް ފަހަރަކު އެންމެ އަންނައުނެއް ދޮވެ، ދޮވެ، އެ އަންނައުނުން ކުޑި ވަސް މުޅި ގޮޅިތެރެއާއި ގޮޅި ކައިރީގައި ހިފާފައި ހުރެ އެވެ.

ގައިން ތާހިރުވާން ސައިބޯންޏެއް ދިން ނަމަވެސް އޭގައި އެއްވެސް ވަހެއް ނުހުންނަ ކަމަށް ޝަހުޒާން ވިދާޅުވި އެވެ. ފެންވެރުމަށްފަހު ފެން ފުހޭނެ ރަނގަޅު ތުވާލިގަނޑެއް ވެސް ނުލިބެ އެވެ. ފޯރުކޮށްދޭ ބުރުހަކީ ވެސް ދެ އިނގިލިން ވަރަށް ފަސޭހަކޮށް ބަޑިކޮށްލެވޭހާ ފެންވަރު ދަށް، ފީ ބުރުހެއް ކަމަށް ޝަހުޒާން ވިދާޅުވި އެވެ.

ޖަލު ގޮޅިތަކުގެ ތެރޭގައި މީދަލާއި، މަނދިރިއާއި، މެއްސާއި، ކުރަތްޕާއި، ހޯނު އެއްޗެސް އެވަރަށް އުޅެ އެވެ. ޝަހުޒާން ސިފަކުރެއްވި އެ ތަކެއްތަކީ ވެސް ގައިދީންނާއެކު އެ ތަނުގައި ދިރިއުޅޭ އެއްޗެއްސެވެ. އެ ސޮރުމެންގެ ގެއަކީ ވެސް އެ ޖަލު ގޮޅި އެވެ. 

"އެ ތަނަށް ގެންގޮސް އެ މީހުންގެ އިންސާނީ ދަރަޖަ މި ވައްޓާލަނީ. އަޅުގަނޑަކަށް ހިއެއް ނުވޭ މި ޒަމާނުގައި ޖަނަވާރުންނާ މެދު ވެސް އިންސާނުން މި ދަރަޖައަށް އަމަލުކުރާނެ ހެނެއް. އެއަށްވުރެ ވެސް ދަށު ދަރަޖައިގައި ގައިދީން ބައިތިއްބަނީ،" ޝަހުޒާން ވިދާޅުވި އެވެ.

12 މޭ 2026 - 'އަދަދު'ގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން (ވ) އާއި ލީވާން އަލީ ނާސިރު ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ތުހުމަތުގައި އެ ކޯޓަށް ހާޒިރުކޮށް ޖަލަށްލާން ހުކުމްކުރި ދުވަހު. (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

އެ ޔުނިޓްގައި އޮތް އެއް ގައިދީއަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ހުކުމް އިއްވާފައިވާ، ހ. ލޮބީ ހުސައިން ހުމާމް އަހުމަދެވެ. އޭނާއާ މެދު ކަންތައް ހުރި ގޮތް ވެސް ޝަހުޒާން ގެންދަވަނީ ކިޔައިދެއްވަމުންނެވެ.

"ކޮންމެ ގޮޅިއެއްގައި ދެ ފަރާތު ދެ އަށި އޮވޭ. އެއް އަށީގައި ހުމާމް އޮންނާނީ. ކާން ގެންނަ އެއްޗެހިން ބާކީވާ ހުރިހާ އެއްޗެއް. ކާއެއްޗެހީގެ ފުޅަވަސް އެ ގޮޅިން ދުވަނީ. އޭނާ ނަފްސާނީ ގޮތުން ބަލިކަށިވެފައި ހުރި ވަރުން އެ ކަންކަން ނަގައިނުގަނެވެނީ،" ޝަހުޒާން ވިދާޅުވި އެވެ.

ޖަލު ގޮޅިއަށް ގެނެސްދޭ ކޮއްތުގެ ވާހަކަ ދައްކަވަމުން ލީވާން ވިދާޅުވީ އެ ތަނަށް ގެނެސްދޭ ކުކުޅު ރިހަ ގެނެސްދެނީ ބާލިދީއެއްގަ އެވެ. އޭގެ ހަވާދާއި ފެން ވަކިވާ ވަރަށް ފެން ގިނަ އެވެ. އެހެންވެ، އޭގައި ލަނީ ވެސް ފެން ރަހައެކެވެ. އަލުވި ރިހަ ހަދާފައި ހުންނަ އަލުވި ފީ ކަމާއި މަސްހުނިން ފުޅަ ފެންނަ ކަން ފާހަގަކުރެއްވި އެވެ.

ގައިދީއަކަށް އެތައް ހާހުން ހަރަދުކުރާއިރު ވެސް މިހާ ފެންވަރު ދަށްކޮށް އިންތިޒާމުތައް މި ހުރީ އެހާ ހަރަދުކުޑަކޮށް އެ ކަން ކުރުމަށް ފަހު، ބާކީ ފައިސާއަށް ކޮންމެ ވެސް ގޮތެއް ހަދާތީ ކަމަށް ލީވާން ގަބޫލުކުރައްވަ އެވެ. "އޭގެ ފަހަތުގައި އަޑި ނޭނގޭ ކަންތައްތަކެއް އުޅޭ،" ކަމަށް ލީވާން ވިދާޅުވި އެވެ.

ޝަހުޒާނާއި ލީވާން ވެސް ގަބޫލުކުރައްވާ ގޮތުގައި ޖަލަށް މީހުން ވަދެ، ނުކުންނައިރު އިސްލާހުވުމުގެ ބަދަލުގައި ކުށްވެރިޔާ އަޕްގްރޭޑްވެގެންދާ މައިގަނޑު ސަބަބަކީ ވެސް ކަރެކްޝަންސްއާއި، ހިއުމަން ރައިޓްސް ކޮމިޝަން ފަދަ މުއައްސަސާތައް ފެއިލްވުމެވެ.

ޝަހުޒާން އިތުރަށް ފާހަގަކުރެއްވީ ބޮޑެތި ހިޔާނާތްތަކުގައި ބައިވެރިވާ ވެރިން، ކުށްވެރިނުވެ، ޖިނާއީ އަދުލުގެ ނިޒާމު ފެއިލްވެފައި އޮތުމުން ވެސް ކުށްވެރިން އިސްލާހުނުވާނެ ކަމެވެ. ފިހާރައަކުން ކުޑަ ވައްކަމެއް ކޮށްގެން އެތައް މަހަށް ޖަލަށްލީއިރު، އޭނާއަށް މި އިވެނީ ބޮޑެތި ވައްކަންތައްކުރާ ވެރިންގެ މައްސަލަތައް ނުބަލާ ވާހަކަ އެވެ. އެ ބޭއިންސާފުގެ އިހުސާސްތަކާއި، ނުރުހުންތެރިކަން ބަދަލުކުރަނީ އޭނާ ވެސް ބޮޑު ކުށްވެރިއަކަށެވެ.

ކޮމެންޓް (6)

އަފުން

7 ޖޫން 2026
ޝަހުޒާންމެން ބައެއް އިންސާނުން ދަރަޖަ ކުރަނީ ވަލު ޖަނަވާރުންނަށްވުރެވެސް ދަށްކޮށް، ނޫސްވެރިކަމުގެ ނަމުގައި މީހުންގެ އަބުރަށް އަރައިގަނެ މުޅަ މަސް ކާހެދުން އެއީ ޝަހުޒާންމެން ދިރިއުޅެން ކުރާ މަސައްކަތް. ﷲ ނަހީ ކުރައްވާފައިވާ މި ފާފަވެރި އަމަލު ކުރާ ޝަހުޒާންމެންކަހަލަ މީހުން ތިޒާތު ވާހަކަދެއްކީމާ އަންނަނީ ނުލަފާ ހިންޔެއް.
9 0

ޖުހާ

7 ޖޫން 2026
މި ރާއްޖޭގެ ޖަލު ގާޑުންނަކީ މޮޔަ ބައެއް. ނޫސްވެރިންނަކީ ކުޅަދާނަ ބައެއް. ސަބަބު: ދެ މީހަކު ޖަލަށް ލީމާ ޖަލު ގާޑުން އެ ދެ މީހުންނަށް މުޅި ޖަލުގެ ހަގީގަތް ދެނެގަންނާނޭ ފުރުސަތު ދީފި. ދެ ނޫސްވެރިން ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި ހޯދި ހޯދުމަކީ މި ދުނިޔޭގެ އެއްވެސް ބަޔަކަށް ކުރެވޭނެ ކަމެއް ނޫން. މި ދެ މީހުން ގެންދަންވީ އެމެރިކާގެ އެފްބީއައި އަށް. އެ މީހުން އުފަލާއެކު ބަލައިގަންނާނެ. މިއޮތީ ވާ ރާއްޖެއެއް.
2 1

ލޮލީލޮލް

6 ޖޫން 2026
ލޮލް. ތި ލީވާނަކީ ފަތް ބޮއެގެން ޖަލަށް ލާން ހުކުމް ކުރި ސޮރެއް. ތެދެއް ހަދާނެތަ އެމްޑީޕީއަށް ސަޕޯޓް ކުރާ މީހަކު
5 1

ސިކުނޑި

6 ޖޫން 2026
އެޗްއާރސީއެމްއިން މިކަން ބަލައި ރިޕޯޓެއް ނެރެންޖެހޭނެ! މީވަރަށް ސީރިއަސް މައްސަލައެއް! ކުރިން ޖަލު ކަންޓްރޯލްކުރީ އަނިއްޔާކޮށް ބިރުދައްކައިގެން! މިހާރު ބޭސްދީގެން ކުރާނަމަ އެއީ އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުމެއް! މަރަން ހުކުމް ކުރިޔަސް ބޭސްދީގެން ނުވާނެ! މަރަންޏާ މަރާލާ! އަނިއްޔާވެރިގެން ނުވާނެ!!
3 4

ރަނޑި

6 ޖޫން 2026
މީ ބޮޑު ސިޔާދީ ދެ ރަނޑިން. ދޮގެއް ހެދެން އޮއްވާ ތެދެއް ދުވަހަކުވެސް ނުހަނދާ. ބޮޑު ދެ ފިތުނަވެރިން
4 3

ކޮމޮޑަސް

5 ޖޫން 2026
އަމިއްލަ ވިޔަފާރިއަކުން ފޯރުކޮށްދޭ ކަމަށް އެބުނި ކޮއްތާއި އަދި ފިހާރައިގެ ހިދުމަތް އެހާ ދަށްކަމަށް ވަނީނަމަ، އޭގަ ފޮރުވިފައި ވަރަށް ބައިވަރު ކަންތައްތަކެއް ހުރުން ޔަގީނެވެ. ކަރެކްޝަނާއި އެ އަމިއްލަ ވިޔަފާރި އާއި ދެމެދު އެ ކުރާ މުއާމަލާތުގައި ކޮރަޕްޝަން ނެތި ނުދާނެ ކަމަށް ހީކޮށްގެން ނުވާނެއެވެ. އަދި އެކަން ވަރިހަމަ ކޮށްލައިގެންވެސް ނުވާނެއެވެ. މި ފަހުން ކަރެކްޝަންސްގެ ވެރިންނާއި ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެސްވެއްޖެއެވެ. ފައިސާއަކީ ދައުލަތުގެ ފައިސާއެވެ. ވެރިންގެ އެއްޗެއްނޫނެވެ. ހިއުމަން ރައިޓްސުން މި މައްސަލަ ބަލަންވާނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެކުއެވެ.
5 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް