އެއްބަސްވެ ދެބަސްވަމާ: ސިއްރުވެރި ކެމްޕެއިން ފަންޑަކާއި ވޯޓު ގަތުން؛ ހުއްޓުވަން ޖެހިފައި
އިންތިހާބުތަކުގެ ކެމްޕެއިނަށް ޕާޓީތަކުގެ ލީޑަރުން ރަށްރަށަށް ދަތުރުކުރައްވަނީ ޗާޓަރު ފްލައިޓްތަކާއި ޔޮޓްތަކާއި ލޯންޗުފަހަރު ވެސް ކުއްޔަށް ހިފައިގެނެވެ. އިންތިހާބީ މޫސުން ފުރާލާ އޮންނާނީ ކެއުމާއި ސައިފޮދު ދިނުމާއި ބާބަކިއުގެ އިތުރުން ކޮފީ އިވެންޓުތަކުންނެވެ. ރަށްރަށުގައި ވަރުގަދަކޮށް ހަރަކާތްތެރިވެ އުޅޭ ގްރޫޕުތަކަށް ކުޅިވަރު ސަމާނާއި އޮފީސް ސާމާނު ވެސް ވަރުވަރުން ހަދިޔާކުރެ އެވެ. އަގުބޮޑު އިނާމުތަކާއެކު ކުޅިވަރު މުބާރާތްތަކާއި ވީޑިއޯ ގޭމުގެ ހަރަކާތްތަކެވެ. ވައުދުތަކުގެ ބެނާގެ ބަދަލުގައި މިހާރު ފޯރި ހުންނަނީ ވެސް ބޮޑު ހަަރަދުގައި އެންމެ ކުލަގަދަކޮށް ބޮޑެތި ޕޯސްޓަރުތައް ޕްރިންޓްކޮށްގެން ބެހެއްޓުމަށެވެ. އިންތިހާބު ނަގަނީ އެންމެ ބޮޑުކޮށް ހަރަދުކޮށްގެން، އެންމެ ބޮޑު ޕޯސްޓަރު ބަހައްޓާ މީހާއޭ ވެސް ހީވާ ކަަހަލަ އެވެ.
މި އަދި ނިމުނީއެއް ނޫނެވެ. ކެމްޕެއިނުގައި ކުރާ އެންމެ ބޮޑު އެއް ހަރަދަކީ ވޯޓު ގަތުމެވެ.
ވޯޓު ގަންނަން ކުރާ ހަރަދުގެ މާ ބޮޑު ހިސާބުކިތާބެއް ފެންނަން ނެތަސް، އެމެރިކާގެ އިންޓަނޭޝަނަލް ފައުންޑޭޝަން ފޮ އިލެކްޓޯރަލް ސިސްޓަމުން 2014ގައި ހެދި ދިރާސާއަކުން މި ދައްކަނީ ވޯޓެއް ގަންނަން ހުށަހަޅާ އާންމު އަގު އުޅެނީ 5،000ރ. އާއި 10،000ރ. އާ ދެމެދުގަ އެވެ. އާއިލާގެ ނިސްބަތުން ގިނައިން ވޯޓު ހޯދޭ މީހުންނަށް ގިނަ އަދަދަކުންނެވެ.
ދެން އޮތީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންގެ ބޭނުން ފަހު ވަގުތުގައި ހިފުމެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން 2018ގެ ރިޔާސީ އިންތިހާބުގެ ކުރިއަށް ހެދި ދިރާސާގައި ވެސް ފާހަގަކޮށްފައި އޮންނަނީ، ފަހު ވަގުތަށް ވޯޓު ނުލާ ތިބި މީހުންގެ ތެރެއިން މަސްތުވާތަކެއްޗަށް ދެވި ހިފާފައި ތިބި މީހުންނަށް އެ ތަކެތި ދީގެން ވޯޓު ލާން ނެރެފައިވާ ކަމެވެ.
ވެސްޓް މިންސްޓާ ފައުންޑޭޝަން ފޮ ޑިމޮކްރެސީއިން ކޮސްޓް އޮފް ޕޮލިޓިކްސްގެ ނަމުގައި މިދިޔަ އަހަރު ހެދި ދިރާސާއެއްގައި ވަނީ ރާއްޖޭގެ 2024ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ވާދަކުރި ބައެއް ކެންޑިޑޭޓުންގެ ފަރާތުން ލިބުނު މައުލޫމާތުތަކެއްގެ ގޮތުގައި ފާހަގަކޮށް، ކެމްޕެއިން ހަރަދުގެ 80% އަކީ ވޯޓު ގަތުން ކަމެވެ. އޭގެ ތެރޭގައި ފައިސާ ނޫނަސް ބޭނުން ޖެހިފައިވާ ކޮންމެ ވެސް ކަމެއް ފުއްދުން ވެސް ހިމެނެ އެވެ. އަދި އެ ފައިސާ ގިނަ ފަހަރު ހަމަޖައްސަނީ ވިޔަފާރިވެރިން އަތުން ލޯނު ނަގައިގެެނެވެ.
އެކަމަކު ވޯޓު ގަތުމުގެ ކެމްޕެއިން ހަރަކާތަށް މިހާ ފައިސާ ހޯދާ ގޮތެއް ހަގީގަތުގައި ވެސް ނޭނގެ އެވެ. ލޯނު ދެނީ ކޮންމެ ވިޔަފާރިވެރިއެއް ކަމެއް ނޭނގެ އެވެ. ކޮންމެއަކަސް އިންތިހާބަކަށްފަހު އިންތިހާބެއްގައި މި ފެންނަނީ ފައިސާގެ ނުފޫޒު ބޮޑުވަމުންދާ ތަނެވެ. ކެމްޕެއިން ހަރަދުގެ ހިސާބުތައް ސާފެއް ނޫނެވެ. ހާމަކަމެއް ނެތެވެ. ކެމްޕެއިނަށް ހަރަދުކުރުން ހަރުކަށިކުރުމަށް ހަރުދަނާ ނިޒާމެއް ވެސް މި ތާކު ނެތެވެ.
ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓަކަށް ހަފުތާއްހާ ދުވަސް ބާކީ އޮތް އިރު، 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓް ވެސް ހާއްސަކުރީ އިންތިހާބުތަކުގައި މި އޮންނަ ފައިސާގެ ނުފޫޒާއި ކެމްޕެއިން ފަންޑިންގެ ހާމަކަން ނެތުމުގެ މައުލޫއަށެވެ. މައުލޫގައި ވާހަކަ ދައްކަވަން ވޮޑްކާސްޓްގައި ބައިވެރިވެވަޑައިގަތީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓާ ހަސަން މުހައްމަދެވެ.
ކައުންސިލް އިންތިހާބަށް މާލީ ބަޔާން ލާޒިމު ނުކުރޭ
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުން ކޮންމެ ކެންޑިޑޭޓަކަށް ހަރަދު ކުރެވޭނީ އޭނާ ކުރިމަތިލާ ދާއިރާގެ އާބާދީގެ ބޮލަކަށް 2000ރ.ގެ މަގުންނެވެ. އަދި އެ އިމުގެ ތެރެއިން ހަރަދުކުރިކަމުގެ ރިޕޯޓެއް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅަން ޖެހެ އެވެ.
ނަމަވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައި މި ރިޕޯޓާއި މާލީ ބަޔާން ހުށަހެޅުމަށް އިންތިހާބުތަކާ ބެހޭ ގާނޫނުން ލާޒިމުކޮށްފައިވާ ކަންކަން އިސްތިސްނާކޮށްފައިވެ އެވެ.
ހަސަން ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ކޮންމެ ކެންޑިޑޭޓަކަށް ރަސްމީ ބޭންކް އެކައުންޓަކާއި އެކައުންޓް މެނޭޖުކުރުމަށް ރަސްމީ އެޖެންޓެއް ކަނޑައަޅަން ޖެހޭ އުސޫލު ކައުންސިލް އިންތިހާބުގައި ކުރިމަތިލާ ކެންޑިޑޭޓުންގެ މައްޗަށް ވެސް ހިނގަން ޖެހޭ ކަމަށެވެ.
އޭނާ އެ ގޮތަށް ގަބޫލުކުރައްވާ އެއް ސަބަބަކީ މަދުވެގެން ބޮލަކަށް2000ރ. ހަރަދުކުރަން ޖެހޭ އުސޫލު މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މައްޗަށް ވެސް ހިނގާނެތީ އެވެ. ކަމެއް ކުރުމަށް ގާނޫނަކުން ލާޒިމުކުރާނަމަ އެ ކަންކުރާ ކަން ޔަގީންކޮށް، ނުކުރާނަމަ ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކޮށްފައި އޮންނަން ޖެހޭނެ ކަން ހަސަން ފާހަގަކުރެއްވި އެވެ.
އަނެއް ސަބަބަކީ ރައީސް އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެކޭ އެއްފަދައިން ލޯކަލް ކައުންސިލްތަކުގެ ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަކީ ވެސް އިންތިހާބީ މަސްއޫލިއްޔަތުތަކެއް މަތިކޮށްފައިވާ ބަޔަކަށް ވާތީ ކަމަށް ހަސަން ވިދާޅުވި އެވެ. އެއީ ވެސް ރައްޔިތުންތަކަކަށް ޖަވާބުދާރީވާން ޖެހޭ 'ޕަބްލިކް އޮފިޝަލުން'ތަކެކެވެ.
"އެކަމަކު ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުން އިންތިހާބު ނިންމާފައި މާލީ ބަޔާން ހުށަހަޅާކަށް ނުޖެހޭ އިލެކްޝަންސް ކޮމިޝަނަކަށް. މި އިންތިހާބުގައި އެއްވެސް ކަހަލަ އެކައުންޓިނެއް ނުފެންނާނެ،" ހަސަން ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބުގައި ވެސް ކެންޑިޑޭޓުން ބޮޑުތަނުން ކެމްޕެއިނަށް ހަރަދުކުރާ ތަން އެބަ ފެނެ އެވެ. ބޮޑު ހަރަދުކޮށްގެން ކެމްޕެއިން ޕޯސްޓަރުތައް ބަހައްޓާފައި އެބަ ހުއްޓެވެ. އެކި ކަހަލަ ޖާފަތުގެ އިވެންޓްތައް ގިނަ އެވެ. ވޯޓު ގަތުމަށް ހަދިޔާ ދިނުމާއި އެކި ކަހަލަ އެހީތަކަށް އެބަ ހަރަދުކުރެ އެވެ. ކެންޑިޑޭޓަކު އެނގޭ ވަރު ބަލަން އާންމުންނަށް ހުޅުވާލައިގެން އޮންލައިން މުބާރާތެއް ހިންގައި މޮޅުވާ މީހަކު އުމްރާ ދަތުރު ދިނުން ފަދަ އަގުހުރި އިނާމުތަކެއް ވެސް އެބަ ހުށަހަޅަ އެވެ. މި ކެމްޕެއިން ހަރަދުތަކުގެ ރިޕޯޓް ހުށަހަޅަން ޖެހެ އެވެ.
ދައުލަތުގެ ވަސީލަތްތަކުން ހިންގާ ހަރަދު
ވޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން 'ދައުރު'ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) އާއި ހަސަން މުހައްމަދު ވެސް ފާހަގަކުރެއްވީ ކެމްޕެއިނަށް ދައުލަތުގެ ވަސީލްތަތަކުން ކުރާ ހަރަދު ވެސް އެތައް ގުނައަކުން ބޮޑު ކަމެވެ.
އެއް ކަމަކީ ސަރުކާރުގެ މިނިސްޓްރީތަކުގައި ސިޔާސީ ވަޒީފާ ގިނަކުރުމެވެ. ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތައް ޕާޓީގެ އިސްވެރިންގެ މަސްލަހަތު ހުރި ކުންފުނިތަކަށް ދީގެން ނޫނީ ސަރުކާރު ކުންފުނިތަކަށް ދީގެން އެ ކަމުގެ ތެރެއިން ވެސް ވަޒީފާ ބެހުމެވެ. ވޯޓު ގަތުމަށް ޓަކައި އޭރެއްގެ އޮންނަ ސަރުކާރު ހިންގާ ޕާޓީއަކުން ކުރާ އެންމެ ބޮޑު ކަމަކީ ވެސް މި ގޮތަށް ވަޒީފާ ދިނުމެވެ.
އައިޖީއެމްއެޗަށް ހިދުމަތް ހޯދަންދާ މީހުންނަށް މަރުހަބާ ކިޔަން އެތައް މުވައްޒަފަކު ނެގިއިރު ކޮންމެ ދުވަހަކުހެން ސަރުކާރު ކުންފުނިތަކަށް މީހުން ދަނީ ވަޒީފާތަކަށް ނަގަމުންނެވެ. ވަރަށް ފަހުން މާލޭގެ ކައުންސިލް ގޮނޑިތަކަށް ކުރިމަތިލި ކެންޑިޑޭޓުންނާއެކު ރައީސް މުހައްމަދު މުއިއްޒު ސިނަމާލެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރައްވައި، ތަނުގެ މަރާމާތަށް ކަމަށް ވިދާޅުވެ ކޮންމެ މީހަކަށް އެއް ލައްކަ ރުފިޔާ ދިނުމަށް ނިންމެވި އެވެ.
ހަސަން ވިދާޅުވީ މި ހުރި ކަންކަމަކީ ކެމްޕެއިން ހަރަދުގެ ހިސާބުކިތާބެއްގެ ތެރެއަށް ގެންނަން ވެސް އުނދަގޫވާނެ ހަރަދުތަކެވެ. ކެމްޕެއިން ހަރަދުގެ ގޮތުގައި ނުވެސް ގުނެވޭނެ ހަރަދެކެވެ. އެހެން ވިޔަސް އެއީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ހިފައިގެން ކެމްޕެއިނަށް ކުރާ ހަރަދެކެވެ. އެ ކަންކަން ވެސް ހުއްޓުވޭނެ ގޮތްތަކެއް ކަނޑައަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ ލޯކަލް ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރު އެތައް ކަމެއް ކުރުން މަނާކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހުކޮށްފަ އެވެ. ހަސަން ވިދާޅުވީ އެފަދަ އުސޫލެއް އެންމެ ބޮޑަށް އަމާޒުކުރަން ޖެހޭނީ ސަރުކާރަށް ކަމަށެވެ. ޒަރޫރީ ކަންކަމަށް ހުންނަ މަޝްރޫއުތައް ފެށުން ނޫން ދެން ހުރި ކަންކަމަކީ އިންތިހާބަކަށް ވަކި މުއްދަތެއް ކުރިން ފެށިގެން އިންތިހާބު ނިމެންދެން މަނާކުރެވިދާނެ ކަންކަން ކަމަށް ހަސަން ވިދާޅުވި އެވެ.
"ބައެއް ކަހަލަ ޒަރޫރީ ކަންކަމަށް ހިންގާ ޕްރޮޖެކްޓްތައް ލިސްޓު ކުރެވިދާނެ. އެ ކަންކަން ނޫނީ ދެން އެއްވެސް ޒާތެއްގެ ޕްރޮޖެކްޓެއް ހިންގުން މަނާކުރެވިދާނެ އިންތިހާބު އޮންނަ މުއްދަތުތަކަށް. ވަޒީފާގެ ކަންކަން ވެސް މަޑުޖައްސައިލެވޭ ގޮތަށް،" ހަސަން ވިދާޅުވި އެވެ.
ސަލާން ޖައްސާ ސަގާފަތެއްގެ ބޭނުން ހިފުން
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކޮންމެ އިންތިހާބަކަށް ހަދާ ދިރާސާތަކުން ފެންނަ އެއް ހަގީގަތަކީ އެންމެ ނިކަމެތި ހާލުގައި ތިބޭ މީހުންގެ ފައިދާ ނެގުމަށް ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުން މަސައްކަތްކުރާ ކަމެވެ. އަދި އެފަދަ މީހުންގެ ނާޒުކު ހާލަތުގެ ބޭނުން ސިޔާސީ ތާއީދު ހޯދުމަށާއި ވޯޓު ގަތުމަށް ބޭނުންކުރާ ކަން ދިރާސާތަކުގައި ބުނެފައި އެބަހުއްޓެވެ.
އެ ދިރާސާތަކަށް ހަވާލާދެއްވައި ހަސަން ވިދާޅުވީ ހަގީގަތުގައި މުޅި ނިޒާމު ބައްޓަން ކުރަމުން މި ގެންދަނީ ސަލާން ޖަހަން ޖެހޭ ސަގާފަތެއް އަށަގަނުވައިގެން ކަމެއް ކޮށްދޭ މަތިން ވޯޓު ދެވޭ ސިޔާސީ ސަގާފަތަކަށެވެ. 'ޓްރާންސެކްޝަނަލް ޕޮލިޓިކަލް ކަލްޗާ'އަކަށެވެ.
ދައުލަތުން ލިބެން ޖެހޭ ގިނަ ހިދުމަތްތައް ވެސް އޮންނަނީ މަޖިލީހުގެ މެންބަރު ކައިރިން ސަލާން ޖަހައިގެން ހަމަޖެހޭ ގޮތަކަށެވެ. ދައުލަތުގެ ވަޒީފާއެއް ވެސް ލިބެން އަންނަނީ މި ކަހަލަ އިންތިޒާމެއްގެ ތެރެއިންނެވެ. އިންތިހާބަކާ ދިމާކޮށް ހާލުގައި ތިބޭ މީހުންނަށް ކޮންމެ ވެސް ވަރެއްގެ އެހީ ދިއްކޮށްގެން ވޯޓު ހޯދުމަށް އުޅޭ ކަން ހަސަން ފާހަގަކުރެއްވި އެވެ.
"މީގައި ދެކޮޅު ވެސް އޮވޭ މިހާރު. ރައްޔިތުން ވެސް އުންމީދުކުރޭ މަޖިލިސް މެންބަރު އެހީތަކެއް ވާނެ ކަމަށް. ދެން އޭގައިވާ ގޮތަކީ ވެސް މި ޓާގެޓް ކުރަނީ ވެސް އެންމެ ނިކަމެތި ހާލުގައި ތިބޭ މީހުން. އެ މީހުންނަށް ވެސް އެނގޭ އިންތިހާބަކާ ދިމާކޮށް ކެންޑިޑޭޓެއް ކައިރީ ބުނެގެން އެ ކަންކަން ހަމަޖެހިދާނެކަން،" ހަސަން ވިދާޅުވި އެވެ.
ގާނޫނުގެ އަތް ކެމްޕެއިން ފަންޑުތަކަށް ފޯރަން ޖެހޭ
މީގައި ވެގެން އުޅޭ ކަމަކީ ކެމްޕެއިން ފަންޑުކުރުމާއި ހަރަދުކުރުމަށް ވަރުގަދަ ގާނޫނީ އޮނިގަނޑެއް ނެތުމެވެ. ސިޔާސީ ހަރަކާތް ހިންގުމަށާއި ކެމްޕެއިންތަކަށް ފައިސާ ފޯރުކޮށްދިނުމާއި އިންތިހާބުތަކުގައި މި އޮންނަ ފައިސާގެ ނުފޫޒު ބެލޭނެ ހަރުދަނާ އޮނިގަނޑެއް ގާނޫނުތަކުގައި ކަނޑައެޅިފައި ނެތުމެވެ.
ގާނޫނުތަކުގެ އަތް މި ފޯރަނީ ވެސް އިންތިހާބުތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ރަސްމީ އެޖެންޓްގެ ނަމުގައި ހުޅުވާ ކެމްޕެއިންގެ ރަސްމީ ބޭންކް އެކައުންޓަށް އެކަންޏެވެ. އެކަމަކު ސިޔާސީ ލީޑަރުންނަށް ސިޔާސީ މަސައްކަތްކުރުމަށް އެކި ފަރާތްތަކުން 'ހެޔޮއެދިގެން' މިލިއަން ޑޮލަރުން ފައިސާ ދީފައި އެބަހުރިކަން އެނގެ އެވެ. ބައެއް ލީޑަރުން އަމިއްލަފުޅަށް ވެސް ޕޯޑިއަމްތަކުގައި އެ ވާހަކަ ދައްކާފައިވެ އެވެ.
މި ކަމަށް ބޭނުންވަނީ ކެމްޕެއިން ފައިނޭންސަށް ހާއްސަ ގާނޫނެއް ކަން ހަސަން ވެސް ފާހަގަކުރެއްވި އެވެ. އެ ގާނޫނުން ކެންޑިޑޭޓުންގެ މާލީ ބަޔާނާއި، އިންތިހާބީ މަގާމުތަކުގައި ތިބޭ މީހުންގެ މާލީ ބަޔާން އަދި ޕާޓީތަކުގެ ލީޑަރުންގެ ގޮތުގައި ތިއްބަވާއިރު އެ ބޭފުޅުންގެ މާލީ ބަޔާން ވެސް އާންމުކޮށްގެނެވެ. އަދި މާލީ ބަޔާން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކޮށް، އޮޑިޓް އޮފީހުން މާލީ ބަޔާންތަކުގެ އޮޑިޓް ތައްޔާރުކުރަން ފެށުމުންނެވެ.
މާލީ މުއާމަލާތްތައް ޓްރެކް ކުރުމަށް މިހާރު އޮތް ނިޒާމު ވެސް ހަރުދަނާ ކުރަން ޖެހޭނެ އެވެ. އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް ހަރުދަނާކޮށް، ކެމްޕެއިން ފައިނޭންސްގެ ކަންކަން ބަލަހައްޓާނެ ވަރުގަދަ މުއައްސަސާއެއް އޮންނަން ޖެހޭނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ. ކެމްޕެއިނަށް ނަގުދު ފައިސާ ބަހަމުންދާނަމަ އެ ކަން ހުއްޓުވޭނެ ބާރަކާ އެކުގަ އެވެ.
ކެމްޕެއިން ފަންޑަށް ފައިސާ ހަދިޔާކުރާ ފަރާތްތަކުން ވެސް އެ ކަން ހާމަކުރުމަށް މަޖުބޫރުކޮށް، ހަދިޔާކުރެވޭނެ ދަށް އަދަދެއް ކަނޑައެޅުމަކީ ވެސް ކުރަން ޖެހޭ ކަމެކެވެ.
ގާނޫނުގެ އަތް ކެމްޕެއިން ފަންޑުތަކަށް ނުފޯރަ އެވެ. ކެމްޕެއިން ފަންޑުތަކަށް ގާނޫނުގެ އަތް ފޯރާނެ ނިޒާމެއް ގާއިމުކޮށްގެން ނޫނީ އިންތިހާބުތަކުގައި މި ހިނގާ މުޑުދާރު ފައިސާގެ ނުފޫޒު ހުއްޓުވޭނެ ގޮތެއް ނެތެވެ.
ކޮމެންޓް (4)
ހުންގާނު
މޭޑޭ
އެކްސްޕެޓް
ކުރިކީލަ