އާސެނަލްގެ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމް ވަށައިގެން އޮތް މަގުތައް އިއްޔެ މީހުންތަކުން ފުރިފައި
އާސެނަލްއަށްޓަކައި ލަންޑަންގެ މަގުތަކަށް 1.5 މިލިއަން މީހުން
އިއްޔެ ރޭ ދުނިޔޭގެ ކްލަބް ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް، ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ފްރާންސްގެ ޕީއެސްޖީ އަތުން ޕެނެލްޓީ ޖަހައިގެން އާސެނަލް ބަލިވި އެވެ. އެއީ ކްލަބްގެ 139 އަހަރުގެ ތާރީހުގައި އެ ތަށި ފުރަތަމަ ފަހަރަށް ހޯދަން ކުރަމުން އަންނަ އުއްމީދަށް އެޅުނު ހުރަހެކެވެ. ބޮޑު ހިތާމައެކެވެ. ނަމަވެސް އިއްޔެ ލަންޑަންގެ މަގުތައް، ރަތް ކުލަ އާއި ފޮތިތަކާއި ހެދުންތަކުން ފުރާލީ، އެ ބަލީގެ މަތިން ހަނދާން ނައްތާލައި، އޭގެ ހަފުތާއެއްހާ ދުވަސް ކުރިން ހޯދި ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން ފާހަގަކުރާށެވެ.
މިއީ ނޯތު ލަންޑަންގައި 1886 ވަނަ އަހަރު އުފެއްދި ކްލަބަށް ޕްރިމިއަ ލީގު ނުލިބި 22 އަހަރު ވީ ފަހުން އުފުލައިލި އޭގެ ފުރަތަމަ ތައްޓެވެ. އެހެންކަމުން ކްލަބް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންނަށް މިއީ އެ މީހުންގެ ހަޔާތުގެ ވެސް ބޮޑު ކާމިޔާބީއެކެވެ.
މި ކާމިޔާބު ހޯދައިދިނުމުގެ މައިގަނޑު އާރުކާޓީއަކީ ކޯޗު އަދި ކްލަބްގެ ކުރީގެ ކުޅުންތެރިޔާ މިކޭލް އާޓެޓާ އެވެ. އާސެނަލްގެ ކޯޗުކަމުގައި ހޭދަކުރި ހަތް އަހަރު ތެރޭ ލީގު ކާމިޔާބުކޮށް އަދި ޗެމްޕިއަަންސް ލީގުގެ ފައިނަލަށް ގެންގޮސްދިނުމަކީ، އާސެނަލްގެ ތާރީހުގައި އެއް އަހަރު ތެރޭގައި އޭގެ ކުރިން ދުށް އުސްމިންތަކެއް ނޫންމެ އެވެ.
އާސެނަލްއަކީ، ތައްޓާ ދުރު ނަމަވެސް، ސަޕޯޓަރުން ވަރަށް ގިނަ ކްލަބެކެވެ. އެންމެ އަގުބޮޑު ޓިކެޓް ނިސްބަތްވަނީ އާސެނަލްގެ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމަށެވެ. އެންމެ އަގުބޮޑު ސީޒަން ޓިކެޓް ވެސް ވިއްކަނީ އާސެނަލްއިންނެވެ. އެހެންކަމުން ސަޕޯޓަރުންގެ ލޯބި ބޮޑު އާސެނަލްއަށް، އެހާ ދިގު މުއްދަތަކަށް ފަހު، ލީގު ކާމިޔާބުކުރުމަކީ އާދައިގެ އުފަލެއް ނޫނެވެ.
ލަންޑަންގެ ފުލުހުން ބުނާ ގޮތުގައި އިއްޔެގެ ރެލީގައި 1.5 މިލިއަން މީހުން ބައިވެރިވި އެވެ. މިއީ މިހާތަނަށް އިންގްލެންޑްގައި އޮތް އެންމެ ގިނަ މީހުން އެއްވި ރެލީކަމަށް ވެސް. ފުލުހުން ބުންޏެވެ.