އެސްއެމްއީ ޑިޖިޓަލްއަށް ހަތް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ބިދޭސީންނަށް ރޯދަވީއްލުން ފޯރުކޮށްދެނީ (ފޮޓޯ/އެސްއެމްއީ ޑިޖިޓަލް)
އެސްއެމްއީ ޑިޖިޓަލް އިން ބިދޭސީ މަސައްކަތްތެރިންނަށް ރޯދަވީއްލުން ފޯރުކޮށްދިނުން
އެެސްއެމްއީ ޑިޖިޓަލް އަށް ހަތް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން، މިޝަން ފޯ މައިގްރަންޓް ވޯކާސްއާ ގުޅިގެން، ބިދޭސީ މަސައްކަތްތެރިންނަށް ހުޅުމާލޭގައި ރޯދަވީއްލުން ފޯރުކޮށްދީފި އެވެ.
ރާއްޖޭގެ އިގްތިސާދަށާއި މުޖުތަމައުގައި މުހިއްމު ހިދުމަތްތަކެއް ކުރާ ބިދޭސީން ރޯދަވީއްލުމަށް ކާނާ ޕެކް ފޯރުކޮށްދިނުމުގައި އެ ކުންފުނީގެ ސީއީއޯ އަދި ސީނިއާ މެނޭޖްމަންޓާއި ބައެއް މުވައްޒަފުން ބައިވެރިވި އެވެ.
އެސްއެމްއީ ޑިޖިޓަލް އަކީ ރާއްޖޭގެ ކުދި ވިޔަފާރިތައް ތަރައްގީކޮށް ކުރިއެރުވުމަށް ހާއްސަކޮށްގެން، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ނަމުގައި 2019 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނިން 4،000 އަށް ވުރެ ގިނަ ކުދި ވިޔަފާރިއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
އަންހެނުން ބާރުވެރިކުރުވުމާއި އެ މީހުންގެ ހިއްސާ އޮންނަ ކުދި ވިޔަފާރިތައް ކުރިއެރުވުމުގެ އިތުރުން ތަފާތު އެކި ދާއިރާތަކަށް ނިސްބަތްވާ އަދި ވިޔަފާރީގެ އެކި މަރުހަލާގައިވާ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން އެސްއެމްއީ ޑިޖިޓަލްއިން އަންނަނީ ފޯރުކޮށްދެމުންނެވެ.
އެސްއެމްއީ ޑިޖިޓަލްއިން ބުނެފައިވަނީ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ސަބަބުން މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިވެ، އެއްބައިވަންތަކަމާ އެކު މުޖުތަމައުއަށް ހިދުމަތް ކުރުމުގެ ރޫހު އާލާވެގެންގޮސްފައިވާ ކަމަށެވެ.
ބިދޭސީންގެ އިތުރުން، އެސްއެމްއީ ޑިޖިޓަލް އިން ވަނީ މަމްސް އެއިޑްއާ ގުޅިގެން، މުޖުތަމައުގައި އެންމެ ދަތި ހާލުގައި އުޅޭ އާއިލާތަކަށް އަސާސީ ކާބޯތަކެތި މި ރޯދަ މަހު ފޯރުކޮށްދީފަ އެވެ.