10 ސެޕްޓެމްބަރު 2025: ގައުމީ ފުޓުބޯޅަ ޓީމް ސައުތް އޭޝިއަން ކަޕް މޮޅުވުމައް ފަހު އަނބުރާ ރާއްޖެ އައުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ފުޓްބޯޅައަށް އުފާވެރި ދުވަހެއް، ރަތް ކުލައިގެ މަންޒަރެއް

11 ސެޕްޓެމްބަރު 2025
ސްރީ ލަންކާގައި އޮތް ސައުތު އޭޝިއަން ސުޕަ ކަޕް ހޯދައިގެން ގައުމީ ޓީމު އައުމުން އިއްޔެ ވަނީ ގަލޮޅު ދަނޑުގައި މަރުހަބާ ކިޔަން ރަސްމިއްޔާތެއް ބާއްވާފައި. މިއީ ދިވެހި ފުޓްބޯޅައިގެ އާ ފެށުމަށް ލިބުނު އުއްމީދެއް

އިއްޔެ އަނެއްކާވެސް ގަލޮޅު ދަނޑުގައި ގައުމީ ރަތް ކުލައިގެ އުފާވެރިކަމެއް އޮތެވެ. ސްރީ ލަންކާގައި ރާއްޖެ އާއި ސްރީ ލަންކާގެ ގައުމީ ޓީމާ ދެމެދު ކުޅުނު ބައިނަލްއަގުވާމީ ދެ މެޗުގެ ކާމިޔާބީއާ އެކު 'ސައުތު އޭޝިއަަން ސުޕަ ކަޕް' ހޯދުމުގެ އުފަލެވެ.

ރާއްޖެ އާއި ލަންކާގެ މި ދެ މެޗަކީ ބައިނަލްއަގުވާމީ އެކުވެރިކަމުގެ ރަސްމީ ދެ މެޗެވެ. ސްރީ ލަންކާގެ ފުޓްބޯޅަ އިދާރާއިން 'ސައުތު އޭޝިއަން ސުޕަ ކަޕް' ރޭވީ އިތުރު ޓީމަކާ އެކު އެ މެޗުތައް ބާއްވާށެވެ. ނަމަވެސް ތިން ވަނަ ޓީމެއް ހަމަނުޖެހުމުން ބަދަލުކުރީ ދެ ގައުމުގެ ރަސްމީ ވާދައަކަށެވެ.

ފުރަތަމަ މެޗުން ރާއްޖެ 3-0 އިން މޮޅުވި އެވެ ދެ ވަނަ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެހެންކަމުން ސުޕަ ކަޕް ރާއްޖެއަށް ލިބުނީ 4-1ގެ ކާމިޔާބީގަ އެވެ.

މިއީ އިއްޔެ އެ ބޭއްވި ފެންވަރުގައި ފާހަގަކުރެވޭ ވަރުގެ ކަމަކަށް ނުވިޔަސް ދިވެހި ފުޓްބޯޅަ ވެއްޓިފައި އޮތް ހިސާބުން އާ ދަތުރެއްގެ ފެށުން އުފާވެރިކަމަކަށް ބަދަލުކޮށްލަން ބަލާ ނަމަ އެފަދަ އެއްވުމެއް ގޯހެއް ނޫނެވެ.

ގައުމީ ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ވ) އާއި ފޯވަޑް އަލީ ފާސިރު (ސެންޓޭ) ސައުތު އޭޝިއަން ސުޕަ ކަޕް ހިފައިގެން ޓީމާ އެކު ގަލޮޅު ދަނޑަށް ވަންނަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެފްއޭއެމްގެ ހިންގުން ހުއްޓި، އިންތިހާބު ނުބޭއްވި ދެ އަހަރެއްހާ ދުވަސް ދިއުމަށް ފަހު މިދިއަ 26 ޖުލައިގައި ފީފާ އައި އޭއެފްސީގެ ބެލުމުގެ ދަށުން އޮތް އިންތިހާބާ އެކު ގައުމީ ފުޓްބޯޅަ އިދާރާ އަދި ހިނގައިގަތީ އެވެ. މިއީ އާ ރައީސް ކުރީގެ ގައުމީ ޓީމުގެ ފޯވަޑް އަހުމަދު ތޯރިގު (ޓޮމް) އާއި އާ އެގްޒެކްޓިވް ކޮމިޓީއާ އެފްއޭއެމް ހަވާލުވި ފަހުން އެކުލަވާލި ފުރަތަމަ ގައުމީ ޓީމެވެ. ލަންކާގައި އެ ކުޅުނީ އެ ޓީމުގެ ފުރަތަމަ ދެ މެޗެވެ.

އާ ގައުމީ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އިއްޔެގެ ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އާ ގައުމީ ޓީމު އެކުލަވާލުމުގެ މަސައްކަތް މުހައްމަދު ޝިޔާޒް، މަޝްހޫރު ނަމުން ނަމަ މޯހަން، ފެށީ ނޮވެމްބަރު މަހު މާލޭގައި އޮންނަ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ދެ މެޗަށް އަމާޒުކޮށްފަ އެވެ. ޝިޔާޒަކީ ދިވެހި ފުޓްބޯޅައިގެ ތަޖުރިބާކާރެކެވެ. ކުރިން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުން ދިގު މުއްދަތެއް ހޭދަކޮށް، ބޮޑެތި ކާމިޔާބީތައް ވެސް ހޯދި އެވެ. އެންމެ ހަފުތާއެއްހާ ދުވަހުގެ ތަމްރީންތަކަށް ފަހު ލަންކާއަށް ފުރިިއިރު އޭނާ ބުނީ އެ ދެ މެޗު މުހިންމުވަނީ ފުޓްބޯޅައަށް އާ ދިރުމެއް ގެނެސްދިނުމުގެ ފުރުސަތަކަށް ވާތީ ކަމަށެވެ.

ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުންގެ އާއިލާތައް ވެސް އިއްޔެގެ ރަސްމިއްޔާތުގައި ބައިވެރިވެ ހަނދާންތައް ރައްކާކުރި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ގައުމީ ޓީމު މި ފަހުން ކުޅުނު މެޗުތަކަށް ތައްޔާރުވީ ގައުމުގައި ވާދަވެރި މުބާރާތެއް ނެތި އެވެ. ރަސްމީ އެއްވެސް މުބާރާތެއް ނުބާއްވާތާ ގާތްގަނޑަކަށް ދެ އަހަރު ވަނީ އެވެ.  އެހެންކަމުން އެފްއޭއެމްގެ އާ މަނޭޖްމަންޓަށް އޮތީ އަލުން ފުޓްބޯޅައިގެ ހަރަކާތްތައް ސުމަކުން ފަށާށެވެ.

އެފްއޭއެމްގެ އާ ރައީސް އަދި ކުރީގެ ގައުމީ ފޯވަޑް އަހުމަދު ތޯރިގު (ޓޮމް) އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އާ ދިވެހި ލީގު މި މަހު ފަށަން އޮތީ ހަމަޖައްސައިފަ އެވެ. ޝިޔާޒް ކުރިން ބުނި ގޮތުގައި ނޮވެމްބަރުގެ ރަސްމީ ދެ މެޗަށް ގައުމީ ޓީމު ތައްޔާރުކުރާ އިރު ދިވެހި ލީގުގައި ކުޅުންތެރިންނަށް އެކަށީގެންވާ މެޗުތަކެއް އޮންނާނީ ލިބިފަ އެވެ. އޭރުން މިހާރަށް ވުރެ ފިޓްނަސް ވެސް ރަނގަޅުވާނެކަމުގެ ޔަގީންކަން އޭނާއަށް އެބަ އޮތެވެ.

ގައުމީ ޓީމަށް މިހާތަނަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އިލާން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ލަންކާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގެ 88 ވަނަ މިނިޓް ދިވެހި ފުޓްބޯޅައިގެ ތާރީހަށް ވަންނާނެ އެވެ. އެއީ އުމުރުން އެންމެ 16 އަހަރުގެ މުހައްމަދު އިލާން އިމްރާން ދަނޑަށް ނުކުތް ވަގުތެވެ. އުފެދެމުން އަންނަ ފޯވަޑަށް ބޯޅާގައި ފައިން ޖައްސާލުމުގެ ކުރިން،. ބޮލުން ޖަހަން އުޅުމުގެ ތެރޭގައި ކުރެވުނު ފައުލަކަށް ލިބުނީ ރީނދޫ ކާޑެކެވެ. އެކަމަކު އޭގެ ކުޑައިރުކޮޅެއް ފަހުން ލިބުނު ބޯޅަ ހިފައިގެން ލަންކާގެ ޕެނެލްޓީ އޭރިޔާގެ ކުރިމައްޗަށް އަރައި، ހުސްކޮށްލާފައި ދިން ޕާހުން އަލީ ފާސިރު ޖެހީ ލަނޑެކެވެ. މިއީ ގައުމީ ޓީމުގައި ލަނޑެއް ޖަހަން ޕާހެއް ދިން އެންމެ ހަގު ކުޅުންތެރިޔާ ވެސް މެ އެވެ.

އިލާންއަކީ އުމުރު ފުރައިގެ ގައުމީ ޓީމުތަކާއި ސްކޫލްތަކުގެ މުބާރާތުގައި މިހާރު ވެސް ތަރިއެކެވެ. ބައެއް ކޯޗުން ބުނާ ގޮތުގައި ސީނިއަ ގައުމީ ޓީމުގައި މިހާރު ނެތް 'ނަންބަރު 9' ނުވަތަ ސެންޓަ ފޯވަޑްގެ ހުސްކަން ފިލުވައިދިނުމުގެ ހުނަރު އިލާންގެ ކިބައިން ފެނެ އެވެ. 

ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާކިޔަން އާއިލާތައް ގަލޮޅު ދަނޑުގައި: މިއީ ފުޓްބޯޅައިގެ އާ ފެށުމަށް މުހިންމު ވަގުތުކޮޅެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ގައުމީ ޓީމަށް މަރުހަބާ ކިޔަން، މިހާރު އަރަމުން އަންނަ ޒުވާން ކުޅުންތެރިން ވެސް ދަނޑަށް ހާޒިރުވި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
އެފްއޭއެމްގެ ނައިބު ރައީސް އަދި ކުރީގެ ގައުމީ ގޯލްކީޕަރު އިމްރާން މުހައްމަދު (ކ) އާއި 2008ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގެ މެނޭޖަރު މުހައްމަދު ހާނިމް (މ) އަދި ފުޓްބޯޅަ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ)(ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އިތުރު އާޓިކަލް

އިތުރު އާޓިކަލް