މޯލްޑިވްސް ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (މެސްރޯ)ގެ ޓެލެސްކޯޕުން ދެ ޒުވާނަކު އުޑުމަތި ބަލަނީ (ފޮޓޯ/މެސްރޯ)

ޖައްވު

މޯލްޑިވްސް އެކްސްޕޯގެ ޖައްވީ ބައި: މިއީ މެސްރޯއިން ދޭ ފުރުސަތެއް

30 މޭ 2025
ޖައްވީ ކަންކަމާ ބެހޭ ގޮތުން ދިވެހި ޒުވާނުންތަކެއް ހިންގާ މޯލްޑިވްސް ސްޕޭސް ރިސާޗް އޮގަނައިޒޭޝަނުން ގެންދަނީ ސެންޓްރަލް ޕާކްގައި ކޮންމެ ރެއަކު ޖައްވަށް ނަޒަރު ހިންގަމުން

ޖައްވީ ކަންކަމާ މެދު ވިސްނުމަކީ އިންސާނީ ތަބީއަތެކެވެ. ބައެއް މީހުންގެ ނަޒަރު ހުއްޓެނީ ރޭގަނޑުގެ ރީތި އުޑުމަތީގެ މަންޒަރުތަކަށެވެ. އެއަށް ވުރެ ފުންކޮށް ވިސްނާ މީހުން އެ ޖައްވުގެ އެ ދިއްލުންތަކުން އުފައްދައިދޭ ސުވާލުތަކަށެވެ. އިލްމީ ސިކުނޑިތަކުން ވަދެގަންނަނީ މުޅި ކާއިނާތުގެ އުފެދުމުގެ އަޖައިބުތަކުގެ ތެރެއަށެވެ.

އަދިވެސް ގިނަ މީހުން އުޑާ ދިމާއަށް ބަލާނީ ތަރިތަކާއި ހަނދުގެ ރީތިކަމަށެވެ. އެކަމަކު ކުރިއާ ހިލާފަށް އުޑުގެ ދުރު ހިސާބުތަކުގެ މަންޒަރުތައް ވެސް ފަސޭހަކަމާ އެކު މިއަދު ބަލައިލެވެ އެވެ. މޮބައިލް ފޯނުގައި ހުންނަ އެޕްތަކުން އުޑުގެ އެކި ސަރަހައްދުތަކުގެ ހާއްސަ ސިފަތައް ސިކުންތެއްގެ ތެރޭގައި ދެނެގަނެވެ އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިހާރު ކުރިއަށް ދާ މޯލްޑިވްސް އެކްސްޕޯގެ ތެރޭގައި ދިވެހި ޒުވާނުންގެ ބަޔަކު ގެންދަނީ ޖައްވުގެ ބައެއް ރީތި ދިމަދިމާއަށް ޓެލެސްކޯޕަކުން ބަލައިލެވޭނެ އިންތިޒާމް ހަމަޖައްސައިދެމުންނެވެ. މޯލްޑިވްސް ސްޕޭސް ރިސާޗު އޮގަނައިޒޭޝާން، ކުރުކޮށް ކިޔާ ނަމަ މެސްރޯގެ އެ ޓެލެސްކޯޕުން ޖައްވަށް އެތައް ބަޔަކު މިހާރު ވެސް ބަލައިފި އެވެ. އުޑުމަތި ސާފު ރޭރޭ ސެންޓްރަލް ޕާކްގެ އެކި ދިމަދިމާގައި އެ ޓެލެސްކޯޕް ބަހައްޓަ އެވެ. ބައެއް މީހުންނަށް ޖައްވީ ބައެއް ސިއްރުތަކުގެ މައުލޫމާތު ވެސް މެސްރޯގެ މެމްބަރުން ދެ އެވެ.

މެސްރޯއިން ވަނީ މޯލްޑިވްސް އެކްސްޕޯގައި މި ފަހުން ނެގި ބައެއް ފޮޓޯތައް 'ދައުރު'އާ ހިއްސާކޮށްފަ އެވެ. ތިރީގައި އެވަނީ އެ ފޮޓޯތަކާއި އެއިން ދައްކައިދޭ ބައިތަކުގެ ކުރު މައުލޫމާތުކޮޅެކެވެ.

ވާލްޕޫލް ގެލެކްސީ (އެމް15): (ފޮޓޯ/މެސްރޯ)

މިއީ އަހަރެމެންގެ އިރާއި އަހަރެމެންގެ ޕްލެނެޓްތައް ހިމެނޭ މިލްކީވޭ ގެލެކްސީ، ދިވެހި ބަހުން ބުނާ ނަމަ، މަޑިކިލަނބާ ވެސް ދުރުގައި އޮތް ގެލެކްސީއެކެވެ. ދުނިޔެއާ ގާތްގަނޑަކަށް 23-31 މިލިއަން އަލިއަހަރު ދުރެވެ. (އަލިއަހަރަކީ އަހަރެއްގެ ތެރޭގައި އަލި ދަތުރުކުރާ ނިސްބަތެވެ. އެއީ 9.4 ޓްރިލިއަން ކިލޯމީޓަރެެވެ. އެ ސްޕީޑްގައި ދަތުރުކުރާ ނަމަ ދުނިޔެއިން ހަނދަށް ދާން ނަގާނީ އެންމެ 1.3 ސިކުންތެވެ.)

ވާލްޕޫލްއަކީ އަސްލު ދެ ގެލެކްސީ އެވެ. ދެ ގެލެކްސީ އެކުގައި ދައުރުވުމުގެ ނަތީޖާއަކީ އެ އުފެދޭ ވަރުގަދަ ދަމާ ބާރުގެ ސަބަބުން އާ ތަރިތައް އުފެދެން ވެސް ފުރުސަތު ބޮޑުވުމެވެ. އެހެންކަމުން އެމް15 ގެލެކްސީ ބެލެވެނީ ތަރި އުފައްދާ ކާރުހާނާއެއްގެ ގޮތުގަ އެވެ. ގެލެކްސީގެ ކައިރި ފޮޓޯތަކުން އެފަދަ އެތައް ބައިވަރު ސަރަހައްދުތައް ސައިންސްވެރިން ފާހަގަކޮށްފައިވެ އެވެ.

ސްޕައިކާއަކީ ރޭގަނޑު އުޑުމަތިން ފެންނަ އެންމެ އަލިގަދަ އެއް ތަރި (ފޮޓޯ/މެސްރޯ)

އުޑުމަތި ރީތި ރެއެއްގައި ފެންނާނެ އެންމެ އަލިގަދަ އެއް ތަރިއަކީ ސްޕައިކާ އެވެ. މެސްރޯގެ މި ފޮޓޯގައި އެ ފެންނަނީ ސްޕައިކާ އެވެ. މިއީ މަޑިކިލަނބުގައި ހިމެނޭ ވާގޯ ތަރިބޮނޑީގެ އެއް ތަރި އެވެ. ސްޕައިކާއަށް އަލްފާ ވާޖިނިސް ވެސް ކިޔަ އެވެ. ދުނިޔެއާ 250 އަލިއަހަރު ދުރުގައި ދައުރު ވަމުން އަންނަ މި ތަރިއަކީ އަސްލު ދެ ތަރި އެވެ. ދެ ތަރި ވަރަށް ކައިރިން އެކަތި އަނެކަތީގެ ދަމާބާރުގައި އެނބުރެމުން ދާއިރު އެއީ ތަފާތު ދެ ބައެއްކަން ވެެސް އެނގޭނީ އޭގެ އައްޔަށް އަންނަ ބަދަލުތަކަށް ބަލައިގެންނެވެ.

އާކްޗުރަސް ތަރި: މިއީ ދުނިޔެއާ ނިސްބަތުން ވަރަށް ކައިރީގައި ދައުރުވާ ތަރިއެއް (ފޮޓޯ/މެސްރޯ)

އުޑުމަތިން ފެންނަ އެންމެ އަލި ގަދަ ހަތަރު ވަނަ ތަރިއަކީ މި އެވެ. ކާއިނާތުގެ ދުރުމިން ވަޒަންކުރާ މިންގަނޑުން ބަލާ ނަމަ 37 އަލިއަހަރަކީ ވަރަށް ކައިރި އެވެ. އާކްޗުރަސް ދައުރުވަމުން އެ ދަނީ ދުނިޔެއާ އެހާ ކައިރިންނެވެ.

މިއީ އަސްލު އިރާ ދާދި އެއް ސައިޒެއްގެ ތަރިއެކެވެ. ނަމަވެސް 7.1 ބިލިއަން އަހަރު ވުމާ އެކު އޭގެ މައިގަނޑު ހައިޑްރޮޖަން ބޭނުންކޮށް ނިމެނީ އެވެ. އެއާ އެކު އެ ތަރިވަނީ 25 ގުނައަށް މިހާރު ބޮޑުވެފަ އެވެ.

މިއީ އޮމެގާ ސެންޗޯރީ (ފޮޓޯ/މެސްރޯ)

އޮމެގާ ސެންޗޯރީއަކީ ގާތްގަނޑަކަށް 10 މިލިއަން ތަރި ހިމެނޭ ތަރިބޮނޑިއެކެވެ. އުޑުމަތިން މި ތަރިބޮނޑި އަލިގަދަކަމުން ހަމަ ލޮލަށް ވެސް ފެންނާނެ އެވެ. މިއީ ޖައްވީ އަޖައިބުތައް ބަލާ މީހުންގެ ވަރަށް ބޮޑު ޝައުގެއް ވެސް މެ އެވެ. އޮމެގާ ސެންޗޯރީ އޮންނަނީ ދުނިޔެއާ 17،000 އަލިއަހަރު ދުރުގަ އެވެ. މި ތަރިބޮނޑި އުފެދިފައި ވަނީ މީގެ 10-12 ބިލިއަން އަހަރު ކުރިން ކަމަށް ލަފާކުރެވެ އެވެ.

މެސްރޯގެ ޓެލެސްކޯޕުން އުޑުމަތި ބަލަން ކޮންމެ ރެއަކު ވެސް އެތައް ބަޔަކު ޒިޔާރަތްކުރޭ (ފޮޓޯ/މެސްރޯ)
ކުޑަކުއްޖަކު ޓެލެސްކޯޕުން ބަލަނީ: މެސްރޯގެ އެއް މަގުސަދަކީ ކާއިނާތާ ބެހޭ ގޮތުން އާންމުންގެ ހޭލުންތެރިކަން ވެސް ބޮޑުކުރުން (ފޮޓޯ/މެސްރޯ)
އުޑުމަތީގެ އަަޖައިބުތައް ބެލުމަކީ އުފަލެއް: މެސްރޯއިން ބުނާ ގޮތުގައި އުޑުމަތި ސާފު ނަމަ މޯލްޑިވްސް އެކްސްޕޯގެ ތެރޭގައި ކޮންމެ ރެއަކު ވެސް އެ ފުރުސަތު އޮންނާނެ (ފޮޓޯ/މެސްރޯ)

އިތުރު އާޓިކަލް

އިތުރު އާޓިކަލް