ހައްޖާޖީންގެ ކަރުނައިގެ އަލްވަދާއު

ހައްޖާޖީންގެ ކަރުނައިގެ އަލްވަދާއު

މައްކާގެ މާތް ބިމަށް ފަށާ ދަތުރަކީ ހިތާމަ އަދި އުފާ ހިމެނޭ އަލްވަދާއެއް؛ އެ މީހުން ހިތް ސާފުކޮށް ނިޔަތް ގަނެފައި އެ ވަނީ މާތް އަޅުކަމަކަށް

ކާފަ ދަރިފުޅު އުރާލައި ގައިގާ ބައްދާލި އެވެ. އޭނާ ހުރީ ފެންކަޅިވެފަ އެވެ. ހައްޖުގެ މަތިވެރި އަޅުކަމަށް ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްް (ވީއައިއޭ)ގައި ހުރެ މިއީ އޭނާގެ އާއިލާގެ މީހުންނަށް ކުރި ވަދާއީ ސަލާމެވެ. މިއީ ކޮންމެ މީހަކުހެން ފުރަން ޓާމިނަލްއަށް ވަނުމުގެ ކުރިން އާއިލާގެ މީހުންނަށް ކޮށްލާ ވަދާއީ ސަލާމެވެ. 

ހައްޖުގެ މަތިވެރި އަޅުކަމަށް ފުރުމުގެ ކުރިން ކާފަ ދަރިން ގައިގާ ބައްދާލަނީ: މިއީ އެތައް ބަޔަކަށް އުފަލާއި ހިތްދަތިކަމުގެ ވަގުތުކޮޅެއް (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)
ހައްޖަށް ފުރުމުގެ ކުރިން އާއިލާ މީހުން ބައްދާލަނީ (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)

އެންމެން ވެސް ތިބެނީ ފެންކަޅިވެފަ އެވެ. އާއިލާ މީހުންނާ ދުރަށް މަދު ދުވަސްކޮޅަކަށް ދާން ޖެހުމުގެ ނުތަނަސްކަން އޮތަސް ހިތުގައި އުފާވެރިކަމުގެ ޝުއޫރުތައް ވެސް ހިނގަ އެވެ. ދިގު އިންތިޒާރަކަށް ފަހު ހައްޖުގެ އަޅުކަމަށް މައްކާގެ މާތް ބިމަށް ދެވޭތީ އެންމެން ވެސް ތިބީ އުފަލުންނެވެ. ހިތް ހަމަ ޖެހުމުގެ އިހުސާސްތައް ވެސް ބޮޑެވެ. 

މިއީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން - ހައްޖާޖީއެއް

ބައެއް މީހުން އާއިލާގެ މީހުންނަށް ވަސިއްޔަތް ވެސް ކުރެ އެވެ. ހެޔޮކޮށް ރަނގަޅަށް އުޅުމަށެވެ. މީހުންނަށް ހެޔޮ ފޯރުކޮށްދިނުމަށެވެ. ވިޔާ ނުދާ އަަމަލުތައް ނުކުރުމަށެވެ. ރަނގަޅު ރައްޓެހިން ހިޔާރު ކުރުމަށެވެ. މިއީ އެތަނުން އިވުނު ވަސިއްޔަތްތަކުގެ އަޑެވެ. 

ހައްޖަށް ފުރުމުގެ ކުރިން އާއިލާގެ މީހުންނަށް އަލްވަދާއު ކިޔަނީ: މިއީ ދިގު އިންތިޒާރެއްގެ ނިމުން (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)

ހައްޖަށް ދާން ކިއުގައި 6،000 އެއްހާ މީހުން ތިބިއިރު މިއަހަރު ހައްޖަށް ދާން ފުރުސަތު ލިބުނު މީހުންނަށް މިއީ ބޮޑު ނަސީބެކެވެ. ހަޔާތުގައި އެއް ފަހަރު ލިބޭނޭ ބޮޑު ނަސީބެކެވެ. އެ މީހުންގެ ހިތްތައް އެހެންވެ، ވަނީ ޝުކުރުން ފުރިފަ އެވެ. 

ހަޔާތުގައި އެ މާތް ބިމަށް ދިޔުމަކީ އަބަދުވެސް އެދެމުން ދިޔަ ކަމެއް. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ދާނީ ރަނގަޅަށް - ހައްޖާޖީއެއް


މާތް ވެގެންވާ މި ބޮޑު އަޅުކަމަށް އެ މީހުން ވަނީ ނިޔަތް ގަނެފަ އެވެ. ހިތް ހަލާސްކޮށް ސާފުކޮށްފަ އެވެ. އެ މީހުން އެ ފުރަނީ ސާފު ހިތަކާ އެކު އެވެ. 

ހައްޖަށް ދާ ގިނަ މީހުންނަކީ ދުވަސްވީ މީހުންނަށް ކަމަށްވާއިރު އާއިލާތަކުގެ ކަންބޮޑުވުމަކީ އެ މީހުންނާ ނުލާ ދުރަށް ދަތުރު ކުރަން ޖެހުމެވެ. 

އެހެންވެ، އަލްވަދާއު ކިޔަން ގޮސް ތިބި އާއިލާ މީހުންގެ ހިތުގެ ނުތަނަވަސްކަން އެކަމުގައި ބޮޑެވެ. އެކަމަކު، މައިންބަފައިންގެ ދުވަސްވީ އުންމީދެއް ހަގީގަތަކަށްވެ މަބުރޫރު ހައްޖެއް ލިބުމަކީ އެ މީހުންގެ ދުއާ އެވެ. 

މިއަހަރު ރާއްޖެއިން 1،000 މީހުން ހައްޖަށްދެ އެވެ. އޭގެ ތެރެއިން 400އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ސައުދީ އަރަބިއްޔާއަށް ގޮސްފަ އެވެ. އަދި ހުރިހާ ހައްޖުވެރިންގެ ހާލު ވެސް އާންމުކޮށް ރަނގަޅު ކަމަށް ހައްޖު މިޝަންއިން ވަނީ ބުނެފަ އެވެ. 

  • މިއަހަރު ރާއްޖެއިން ހައްޖަށް ދާ ފަރާތްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން އައިސް (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)
  • އެއާޕޯޓަށް ވަދެގެން ދާއިރު ހައްޖާޖީއަކު އޭނާގެ އާއިލާގެ މީހުންނަށް އަލްވަދާއު ކިޔަނީ (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)
  • މިއަހަރު ރާއްޖެއިން ހައްޖަށް ދާ ފަރާތްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން އައިސް (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)

ދިވެހި ހައްޖާޖީންގެ ތެރޭގައި ކޮންމެ ދުވަހަކު ޑަޔަލިސިސް ހަދަން ޖެހޭ ފަދަ ބަލި މީހުން ވެސް އެބަ ތިއްބެވެ. ހައްޖު ކޯޕަރޭޝަނުން ބުނަނީ، އެ މީހުންގެ ސިއްހީ ކަންކަން ކައިރިން ބަލަހައްޓާ ދޭން ޖެހޭ ފަރުވާތައް ބަރާބަރަށް ދީ އެ މީހުންގެ ހައްޖުގެ ކަންކަން އޮމާންކަމާ އެކު ގެންގޮސްދޭ މުޅި ޓީމް ތައްޔާރުވެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

ބަލި މީހަކު ހައްޖަށް ފުރުވަން އެއާޕޯޓްގައި ގެންދަނީ: ހައްޖަށް ދާ ދިވެހިން ތެރޭ ދުވަސްވީ މީހުންނާއި ބަލި މީހުން ހިމެނޭ (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)
ހައްޖުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި  (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ހައްޖަށް ދެވުމަކީ އެތައް ބައެއްގެ ހުވަފެން ހަގީގަތަކަށް ވުމެވެ. އަދި އެކަމަށް ކިޔާ އަލްވަދާއު އަކީ ވެސް ހިތްދަތި ވަގުތުކޮޅެކެވެ. އެހެން ނަމަވެސް ދީނީ މި ބޮޑު އަޅުކަމަށް އެންމެން އެ ތިބީ ކެތް މަދުވެފަ އެވެ.

"ވަރަށް ހިތް ހެޔޮ ކުރާތި،" މިއީ އެންމެން ވެސް އެ އަޅުކަމަށް ފުރުމުގެ ކުރިން ބުނެލާ ބަސްކޮޅެވެ.

ދިވެހި ހައްޖާޖީއަކު މާލެއިން ފުރުމުގެ ކުރިން އެ މީހުންގެ އާއިލާއާ އެކު (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)
ހައްޖުގެ އަޅުކަމަށް ފުރާ ވަގުތަކީ ހިތަށް އަސަރުކުރުވާ ވަގުތެއް(ފޮޓޯ/އިސްލާމިކް މިނިސްޓްރީ)
މިއަހަރު ރާއްޖެއިން ހައްޖަށް ދާ ފަރާތްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރުމުގެ ކުރިން އާއިލާއާ އެކު (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)
މިއަހަރު ރާއްޖެއިން ހައްޖަށް ދާ ފަރާތްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރުމުގެ ކުރިން އާއިލާއާ އެކު (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)

އިތުރު އާޓިކަލް

އިތުރު އާޓިކަލް