ޔަންގް އޮންޓަޕްރެނުއާ ފެއާގައި ދެ ކުއްޖަކު އެއްޗެހިތަކެއް ވިއްކަނީ: މިއީ އެތައް ކުދިންނަކަށް ލިބުނު ރަނގަޅު ފުރުސަތެއް އުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކުޑަކުޑަ މި "ވިޔަފާރިވެރިން"ގެ ހިނިތުންވުން ބޮޑު

11 މޭ 2025
1
ކުޑަކުދިންގެ ދުވަހު ޗިލްޑްރަންސް އޮމްބަޑްޕާސަންގެ އޮފީހުން ބޭއްވި ޔަންގް އޮންޓަޕްރެނުއާާ ފެއާއިން ކުދިންނަށް ވިޔަފާރީގެ އަމަލީ ތަޖުރިބާ ލިބުނު

ކުޑަކުދިންގެ ދުވަހު އަސްރުން އިރު ތިރިވެލުމާ އެކުހެން މާލޭގެ އާޓިފިޝަލް ބީޗް ފުރާލީ ކުޑަކުޑަ "ވިޔަފާރިންތަކެއް" ޖަމާވެގެންނެވެ. ހުސް ކުޑަކުދިންނެވެ. މި ކުޑަކުޑަ "ވިޔަފާރިވެރިން"ގެ މަގްސަދަކީ އެމީހުންގެ ހިޔާލުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ތަކެތި މާކެޓްކުރުމެވެ.

އާޓިފިޝަލް ބީޗުގައި ޔަންގް އޮންޓަޕްރެނުއާާ ފެއާ ކުރިއަށް ދަނީ: އެތައް ސަތޭކަ ބަޔަކު ޒިޔާރަތްކުރި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
މިއީ ކުޑަކުދިންނަށް އެ ކުދިން އަމިއްލައަށް އެއްޗެހި ތައްޔާރުކުރަން ވެސް ލިބުނު ފުރުސަތެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ކުޅިވަރު ހަރަކާތްތައް އޮތަސް އާޓިފިޝަލް ބީޗު ހާއްސަކޮށްފައި އޮތީ ކުޑަކުދިންގެ ވިޔަފާރީގެ ހިޔާލުތަކުން ނެރުނު ތަކެތި ދައްކާލައި، ވިޔަފާރިކުރުމުގަ އެވެ. މިއީ ބައިވެރިންނަށް މުޅިން ތަފާތު ތަޖުރިބާއެކެވެ.

އެތަނަށް ޒިޔާރަތްކުރި ކުދިންނަށް އޮތީ ކުޑަކުދިން އުފެއްދި އެއްޗެހި ގަނެލުމެވެ. 

ކުޑަކުއްޖަކު ކާ އެއްޗެހި ވިއްކަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
މި ފެއާގައި އެތައް ކުދިންނެއް އެ ކުދިންގެ ހުނަރު ވެސް ދައްކާލި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ބޭއްވި "ޔަންގް އޮންޓަޕްރެނުއާ ފެއާ" މިއީ ރާއްޖޭގައި ކުޑަކުދިންގެ މެދުގައި ވިޔަފާރިއަށް ލޯބި އުފައްދައި، ހިޔާލު ތަރައްގީކުރަން މިފަދަ ފުރަތަމަ ފެއާ އެވެ.

ވިިޔަފާރިއެއް ފަށާނެ ގޮތާއި މާކެޓްކުރާނެ ގޮތް ކުޑަކުދިންނަށް އަމިއްލައަށް ތަޖުރިބާކުރެވުނު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ކުޑަކުދިންގެ ދުވަހާ ގުޅިގެން ބޭއްވި މި ފެއާގައި ކުޑަކުދިން ވަނީ އެ ކުދިންގެ ހުރި ހުނަރު އެތައް ބަޔަކަށް ދައްކާލާފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ފެއާއިން ތަފާތު ހުނަރުގެ ކުދިން ފެނުނެވެ. ކާ އެއްޗެހި ހަދާ ކުދި ގުރޫޕްތަކެވެ. މިނާއިން އަމުނައިގެން ފަށާއި ޓެގް ހަދާ ކުދިންނެވެ. އަތްތެރި މަސައްކަތުގެ އުފެއްދުންތަކެވެ. އެކުދިން ތިބީ ވަރަށް ބޮޑަށް ތައްޔާރުވެލައިގެންނެވެ.

ސްޓޯލެއްގެ ކުދިންތަކެއް އެއްޗެހިތަކެއް ދައްކަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ކުޑަކުދިންގެ މުނިފޫހިފިލުވަން ވެސް މި ފެއާ ތެރޭގައި ކަންކަން ހުރީ އިންތިޒާމްކޮށްފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެއް ކުއްޖަކު އަމިއްލައަށް ލިޔެގެން ޕަބްލިޝްކޮށްފައިވާ ވާހަކަ ފޮތްތަކެއް ވެސް އޭނާގެ ސްޓޯލުގައި ވިއްކަން ހުއްޓެވެ. ހަމަ ސޭޓުންގެ ގޮތުގަ އެވެ. ފަހުރުވެރިކަމާ އެކު އެވެ.

ކުޑަކުއްޖަކު އަމިއްލައަށް ލިއުނު ވާހަކަތަކެއް ފެއާގައި ވިއްކަން ބަހައްޓާފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

 މިއީ އެ ކުދިންގެ އުފެއްދުންތަކެއްތޯ އަހާލެވޭހާ ރަނގަޅު އެއްޗެހި ހުއްޓެވެ. އެކަމަކު އެއީ އެ "ވިޔަފާރިވެރިން"ގެ ހުނަރެވެ.

މި އުމުރުގެ ކުދިންނަށް އާންމުކޮށް ނުލިބެނީ ކަންކަން އަމިއްލައަށް ކުރުމުގެ ތަޖުރިބާ ކުރުމުގެ ފުރުސަތެވެ. ދިވެހި ވިޔަފާރިވެރިންނަކީ މިފަދަ ފުރުސަތުތައް ނުލިބި ފޮތުގެ ދެލިގަނޑުން ވިޔަފާރި ދަސްކުރި ބައެކެވެ.

ޔުނިސެފްގެ ބައެއް އޮފިޝަލުން ކުޑަކުދިންގެ ފެއާއަށް ވަޑައިގެން ބައްލަވާލައްވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ކުދިންގެ ކިބާގައި ހުރި ހުނަރުން އެތައް އެއްޗެއް ތައްޔާރުކޮށް ސްޓޯލްތަކުގައި ބެހެއްޓި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ވާހަކަ ދެއްކި ބެލެނިވެރިން ބުނާ ގޮތުގައި ފެއާގެ ސަބަބުން ކުދިންނަށް އެތައް ކަމެއް ދަސްވެއްެޖެ އެވެ.

"އެއްބައި ސްޓޯލްތަކުގައި ކުދިންގެ އަމިއްލަ އުފެއްދުން ނޫނަސް އެއްޗެހި ބަހައްޓާފައި ހުރީ މާކްއަޕެއް ލިބޭ ގޮތަށް. މިއީ އަސްލު ވިޔަފާރީގެ ތެރެއަށް ކުދިން ވަރަށް ބޮޑަށް ލޯ ހުޅުވިގެން ދިޔަ ފުރުސަތެއް،" ބެލެނިވެރިޔަކު ބުންޏެވެ.

ފެއާގައި މާލޭގެ މޭޔަރު އާދަމް އާޒިމް، ބައެއް ބައިވެރިންނާ އެކު ވީޑިއޯ ގޭމެއް ކުޅުއްވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ބައިވެރިވި ކުދިންގެ ހަނދާނުން މި ތަޖުރިބާ ފިލައިގެން ނުދާނެ އެވެ. 

ޗިލްޑްރަނަސް އޮމްބަޑްޕާސަން ނިއުމަތު ޝަފީގު ވިދާޅުވީ މި ފެއާގެ އެންމެ ބޮޑު މަގުސަދަކަށް ވީ ކުޑަކުދިންނަށް އަމިއްލަ އުފެއްދުންތެރިކަމާއި ވިޔަފާރީގެ ދާއިރާއިން އަގުހުރި ފިލާވަޅުތަކެއް ދަސްވާ ގޮތަށް އެ ދާއިރާއިން އެކުދިންގެ ހުރި ހުނަރާއި ގާބިލުކަން ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

ޔަންގް އޮންޓަޕްރެނުއާ ފެއާގައި ޗައިލްޑް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު، މާލޭގެ މޭޔަރު އާދަމް އާޒިމްއާ އެކު ކުއްޖަކަށް ހަދިޔާއެއް ދެނީ ހަރަކަތްތެރިވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

"އެ މަގްސަދު އަޅުގަނޑުމެންނަށް ވަރަށް ފުރިހަމައަށް މިއަދު ހާސިލުވި ކަމުގެ އުފާ އެބަ އޮތް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ މަޖާ، ޝައުގުވެރި މާހައުލެއްގައި ކުދިންނަށް އެކުދިންގެ ނަފްސު ތަރައްގީކުރުމަށް ދެވުނު ފުރުސަތެއް. އެހެންކަމުން ކުޑަކުދިންނަށް ހާއްސަކުރެވިފައިވާ ދުވަހެއްގައި، މިއީ މި ދުވަހާ ވަރަށް ގުޅޭ، ވަރަށް މުނާސަބު ހަރަކާތެއް،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މިއީ، ފެއާގައި ބައިވެރިވި ހުރިހާ ކުދިންނަށް ވެސް ވަރަށް ގިނަ ކަންކަން [ވިޔަފާރި އާއި އުފެއްދުންތެރިކަމުގެ ދާއިރާއިން] ދަސްވެގެން ދާނެ ކަމަށް. އަދި މީގެ ސަބަބުން އެކުދިންގެ ތައުލީމީ އަދި މުސްތަގުބަލުގެ ހަޔާތަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ފަދަ ފުރުސަތަކަށް މި ފުރުސަތު ވެގެންދިޔަ ކަމަށް." 

ކޮމެންޓް (1)

ހަމްދު

11 މޭ 2025
އަހަރެންވެސް ފެއަރއަށް ދިޔައިން. ވަރަށްތަފާުތު ހުނަރުވެރި މަސައްކަތް ކޮށްފަހުރިކަން ފާހަގަކުރެވުން.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް