މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަން އާއި ކެނެޑާ ފަންޑް ފޯ ލޯކަލް އިނިޝިއޭޓިވްސް ގުޅިގެން ހިންގި ރޯނު ގަހަނާ ކޯހުގެ އުފެއްދުންތަކެއް ދައްކާލަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ކަނޑޫފަލުން ނަފާ ހޯދަން ރޯނުން ހެދި ގަހަނާ
ހދ. ކުޅުދުއްފުށީ އަންހެނުން އުފައްދާފައިވާ އެ ގަހަނާތަކުގެ ތެރޭގައި، ދިވެހި ލިބާހާ އެކު އާއްމުކޮށް ބޭނުން ކުރާ ފައްޓަރުބައި، ރޯނު ވަށައި ވިޔެގެން، އުފައްދާފައި ހުއްޓެވެ.
އެއީ މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަނުން ކެނެޑާ ފަންޑް ފޯ ލޯކަލް އިނިޝިއޭޓިވްސްގެ އެހީގައި ކުޅުދުއްފުށީ އަންހެނުންނަށް ރޯނުން ގަހަނާ ހަދަން ދަސްކޮށްދިން ކޯހެއްގެ ބައިވެރިންގެ އުފެއްދުންތައް 'ކޮއާ ޗާމްސް' ބްރޭންޑްގެ ދަށުން ތައާރަފުކޮށް ދައްކާލުމުގެ ރަސްމިއްޔާތެވެ.
ހޯމަ ދުވަހު ހަވީރު މީރުމާގައި އޮތް މި ރަސްމިއްޔާތުގައި، ކެނެޑާ އިން ރާއްޖެ އަށާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަަރު އެރިކް ވޮލްޝް އާއި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި 'ސޯޝިއޯ އިކޮނޮމިކް އިމްޕޯޓަންސް އޮފް މެންގްރޫވްސް ފޯ ވިމަންސް ލައިވްލިހުޑް އިން ދަ މޯލްޑިވްސް'ގެ ނަމުގައި މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަނުން ހެދި ދިރާސާއެއް ވަނީ އާއްމުކޮށްފަ އެވެ. ރަށްރަށުގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ އަންހެނުންނަށް ކުޅިފާޗަސްބިންތައް މުހިއްމު މިންވަރު ބުނެދޭ އެ ދިރާސާއާ ގުޅޭ ގޮތުން ޕްރެޒެންޓޭޝަނެއް ހުށަހެޅި އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަނުގެ ރައީސް އައިޝަތު ފަރުހަތު އަލީ ވިދާޅުވީ ކުޅިފާޗަސްބިމުގެ މާހައުލުތަކުން އިގުތިސާދީ ނަފާ ހޯދާ ގިނަ އަދަދެއްގެ އަންހެނުން ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި އުޅޭ ކަމަށެވެ.
މިފަދަ މާހައުލުތަކަށް އިންސާނުންގެ އަމަލުތަކުގެ ސަބަބުންނާއި މޫސުމީ ބަދަލުތަކުން ބޮޑެތި ނުރައްކާތައް ކުރިމަތިވަމުންދާ ދުވަސްވަރެއްގައި، މިފަދަ 'ސޯޝިއޯ-އިކޮނޮމިކް' ދިރާސާއެއް ކޮށްފައި އޮތުމަކީ، ކުޅިފާޗަސްބިންތައް ބޭނުންކުރާ އަންހެނުންނަށް ދެމެހެއްޓެނިވި ގޮތުގައި އާމްދަނީ ހޯދުމުގެ ފުރުސަތު ތަނަވަސްވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ވެޓްލޭންޑްސް ފައުންޑޭޝަނުން ބުނީ ރަށުން ލިބެން ހުރި ގުދުރަތީ ވަސީލަތްތަކުން އާމްދަނީ ހޯދާ ގޮތުގެ ރަނގަޅު އަދި އިލްމީ ދިރާސާތަކެއް ހެދިފައި ނެތުމުން އަންހެނުންނަށް އެކަށީގެންވާ ބަދަލު ލިބެން ދަތިތަކެއް ހުރި ކަމަށެވެ.
އިވެންޓްގައި ހައި ކޮމިޝަނަރު ވޮލްޝް ވިދާޅުވީ މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަނުން ހިންގި ގަހަނާ ހަދާ ކޯހުގެ ސަބަބުން އަންހެނުންގެ މާލީ ތަނަވަސްކަން އިތުރުވެ، އޭގެ ސަބަބުން ފައިދާ ކުރާނީ އެ އަންހެނުންނަށް އެކަނި ނޫން ކަމަށެވެ.
މިއީ މުސްތަގުބަލަށް ވެސް ފައިދާ ކުރާނެ ކަމެއްކަން އޭނާ ފާހަަގަ ކުރެއްވި އެވެ.
ރާއްޖޭގެ ރަށްރަށުގައި މިފަދަ އިތުރު ޕްރޮޖެކްޓް ހިންގުމަށް ކެނެޑާ ފަންޑް ފޯ ލޯކަލް އިނީޝިއޭޓިވްއަށް ޕްރޮޕޯޒަލް ހުށަހެޅުން އަންނަ ފެބުރުއަރީގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަނުން ބުނި ގޮތުގައި ބޮނބިން ރޯނު ވަށައިގެން ގަހަނާ ހެދުމުގެ ޕްރޮޖެކްޓަކީ ރާއްޖޭގެ ގުދުރަތީ ވެށިން ލިބޭ މާއްދާތައް ބޭނުންކޮށްގެން، ދިވެހި އަންހެނުންގެ ފަންނުވެރިކަން ދައްކާލާ ނަމޫނާ މަޝްރޫއުއެކެވެ.
ރާއްޖެ އަންނަ ފަތުރުވެރިންނަށް، ޗައިނާގައި އުފައްދާ ތަކެތި ސުވެނިއާގެ ގޮތުގައި ވިއްކާ އިރު، ދިވެހި އަންހެނުންނަކީ ޒަމާނުއްސުރެ ފަންނުވެރި ބައެއްކަން އެ ޖަމްއިއްޔާ އިން ފާހަގަކުރި އެވެ.
މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަނުން ބުނީ ދިވެހިންގެ ތާރީހާއި އާދަކާދަ އާއި ސަގާފަތް ރަމްޒުކޮށްދޭ ތަކެތި އުފައްދަން މި ކޯހުގައި ދަސްކޮށްދެވުމަކީ ފަހުރެއް ކަމަށެވެ.
ކޮމެންޓް (2)
ސުރިޚީ
ހަމްދު