ފުޑް ކާނިވަލްގައި ޒުވާނުންތަކެއް ޕާނީ ޕޫރީ ބަހާލައިގެން ކަނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ފުޑް

ފުޑް ކާނިވަލްގެ ފައްކާ ރަހަތަކާ އެކު ފޯރި ވެސް ގަދަ

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްގެންދާ ކާނިވަަލަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން

ހުޅުމާލޭ ސެންޓްރަލް ޕާކަށް މާ އަވަހަށް ބޮޑު އީދު އައި ކަހަލަ އެވެ. އެތަނުގައި ކުރިއަށްދާ ފުޑް ކާނިވަލުގައި އެކި ބާވަތްތަކުގެ ކާބޯތަކެތި އަޖުމަ ބެލުމަށް އެތައް ބަޔަކު އަންނަނީ ޒިޔާރަތް ކުރަމުންނެވެ. ލައިވް މިއުޒިކް އަޑުއަހާލުމަށް ސްޓޭޖް ކައިރީ އަތުރާފައިވާ ކުނާތައް އޮންނަނީ ފުރިފަ އެވެ. އެތަނުގައި ހަދާފާއިވާ ބިރުވެރި ހޮހޮޅަ 'ހަންޑި ގަނޑުވަރު' އަށް ވަނުމަށް ދަމާފައިވާ ކިއުތައް ދިގެވެ.

ސްކޫލް ބަންދާ ގާތްވެފައިވާތީ ކުދިން ގޮވައިގެން އެންމެން އެކީގައި ދާ އާއިލާތަކެވެ. ޒުވާން ފުރައިގެ ރައްޓެހިންނާއި އަތް ޖޯޑުކޮށްގެން ދާ ދެމަފިރިންނެވެ.

ފުޑް ކާނިވަލްގެ ސްޓޯލްއެއްގައި ފަރާޓާ ފިހަނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ޖާގަ ތަނަވަސް ސެންޓްރަލް ޕާކުގައި މިއީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ކާނިވަލެވެ. ސްޓޯލްތައް ހަދާފައި ހުރީ ހިނގާބިނގާވާ މިހުންނަށް ފަސޭހަވާނެ ގޮތަށް، މީހުން އެއް ތަނަކަށް ބޮނޑިނުވާ ގޮތަށެވެ.

ހުވަނދުމާ ހިނގުމުން އައިސް ސެންޓްރަލް ޕާކަށް ވަންނަ އިރު ކުލަގަދަ ދިދަތަކާއި ބޮކި ފަތި ދަމާފައި އޮތް މާހައުލުގެ ދެ ފަރާތުގައި ސްޓޯލްތައް އަތުރާލާފައިވެ އެވެ.

މިއުޒިކާއި ބޮކި އެރުވުމުމާއި ކުޑަކުދިން ދިއްލޭ އެކި ސާމަނު ހިފައިގެން ކުޅެ ދުވެ އުފާ ކުރާ މަންޒަރު ފެނެ އެވެ. 

ފުޑް ކާނިވަލްގެ ސްޓޯލްއެއް (ދައުރު ފޮޓޯ/ އިބްރާހިމް އިފާޒް)

ލުއިކާނާ، ސަގާފީ ކެއުން، ފޮނިކާ ތަކެތި، މިހެން ގޮސް ނެތް ބާވަތެއް ފުޑް ކާނިވަލްގައި މަދެވެ. ކާބޯތަކެތި ހޯލްސޭލް ކުރާ ކުންފުނިތަކުގެ ސްޓޯލްތަކާއި ބޮޑެތި ރެސްޓޯރަންޓްތަކުގެ އިތުރުން ގޭގައި ކާބޯތަކެތި ތައްޔާރުކޮށްގެން ވިއްކާ މީހުންގެ ސްޓޯލްތަކެވެ. އެ ތަންތަނުން ފެންނަނީ ގިނައިން ޒުވާން މޫނުތަކެވެ. 

'އައްޑޫ ރަހަ' ސްޓޯލްގައި ދެ ޒުވާނަކު ތިބީ އެމީހުންގެ މަންމަ ސ. ފޭދޫގައި ހަދާފައިވާ ތަކެތި ވިއްކާށެވެ.

ފުޑް ކާނިވަލްގައި ޒުވާނަކު އޭނާގެ މަންމަ އައްޑޫގައި ތައްޔާރުކުރާ ބާވަތްތަކެއް ވިއްކުމުގައި ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/ އިބްރާހިމް އިފާޒް)

އަލައިން ހަދާފައިވާ މެޓާތަކެއް އެންމެ 5 ރުފިޔާއަށް މި ސްޓޯލްގައި ހުއްޓެވެ.

ފުޑް ކާނިވަލްގައި 'އައްޑޫ ރަހަ' ސްޓޯލް އިން ވިއްކާ އަލަ މެޓާ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ސްޓޯލްގައި ހުރި އެއް ޒުވާނަކު ބުނީ ރަށުން ގެނެސްގެން ވިއްކަން ބެހެއްޓި ބޮނޑި އާއި އެހެނިހެން އައްޑޫ ހަދިޔާގެ ސްޓޮކް އަރައިގެން ދިޔަ ގޮތް ވެސް ނޭނގޭ ކަމަށެވެ.

"މިއީ އެންމެ ފަހު ކުދިގުޅަ ޕެކެޓް،" އޭނާ ބުންޏެވެ.

ފުޑް ކާނިވަލްގައި އައްޑޫ ތަކެތި ވިއްކާ ސްޓޯލް

ކާނިވަލުގެ އެތެރެއަށް ވަދެގެން ކުރިއަށްދާ އިރު ޑިޒާޓް ބޮކްސް ލޮލުގައި އަޅައިގަންނާނެ އެވެ. އިންސްޓަގްރާމްގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ވެން ގޯ ކޭކް ހަދާ ފާތިމާ ޒައީމް ބުނިގޮތުގައި އޭނާގެ އުފެއްދުންތަކަށް ބޮޑު ތަރުހީބެއް ލިބެ އެވެ.

ފުޑް ކާނިވަލްގައި ހުޅުވާފައިވާ ޑިޒާޓް ބޮކްސްގެ ސްޓޯލް (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

އާއްމުކޮށް ފޮނިކާތަކެތި ތައްޔާރުކުރާ ފާތިމާ ކާނިވަލަށް ކޮންމެވެސް ވަރަކަށް ކުޅި އެއްޗެހި ވެސް ތައްޔާރުކޮށްފައިވެ އެވެ.

ފާތިމާ ތައްޔާރުކުރާ ވެން ގޯ ކޭކްސިކަލްސް (ފޮޓޯ/ލޮނުމެދު.ކޮމް)

އެއް ސްޓޯލެއްގައި އަވަން ބަހައްޓައިގެން ވަގުތުން ކުކީ ފިހަމުން ދިޔަ އެވެ. މި ސްޓޯލް އިން ފެންނަނީ މުޅި އާއިލާ އެއްކޮށް ހަރަކާތްތެރިވާ ތަނެވެ.

ވިލިނީ އަލީ ފުޑް ކާނިވަލްގައި ވަގުތުން ކުކީ ފިހަނީ (ދައުރު ފޮޓޯ/ އިބްރާހިމް އިފާޒް)

ބަލާބެލުމަށް މި ސްޓޯލަށް އެންމެ ބޮޑަށް ޝައުގުވެރިވަނީ ކާނިވަލަށް ދާ ކުޑަކުދިންނެވެ. ކުކިސްކުކީގެ ޓާގެޓް މާކެޓަކީ ވެސް އެއީ އެވެ.

ފުޑް ކާނިވަލް

'އަތުމީރު' ސްޓޯލްގައި، މަންމަ ތައްޔާރު ކުރާ ބާވާތްތައް ވިއްކަން ދެ ފިރިހެން ދަރިން އަވަދިނެތި އުޅުނެވެ. 

މަރިޔަމް ޒާހިރާ އާއި އޭނާގެ ދެ ދަރިން ފުޑް ކާނިވަލްގައި އެ މީހުން ހުޅުވައިގެން އުޅޭ ސްޓޯލްގައި ފޮޓޯއަކަށް ހުއްޓިލައިގެން (ދައުރު ފޮޓޯ/ އިބްރާހިމް އިފާޒް)

އަތުމީރު ބްރޭންޑްގެ ހިކި ހަވާދާއި ފުނޑި ހަވާދާއި މަސްމިރުހާއި އަސާރަތައް މޭޒުމަތީ އަތުރާފައި ހުއްޓެވެ. ކަނޑުކުކުޅާއި ކުޅިމަހާއި ބޮނޑިބަތް ވިއްކަން ހުއްޓެވެ. މިއީ މަރިޔަމް ޒާހިރާގެ ފަހުރުވެރި މަސައްކަތެވެ.

މަރިޔަމް ޒާހިރާ އޭނާގެ 'އަތުމީރު' ބްރޭންޑުގެ ހަވާދު ބޭނުންކޮށްގެން ހަދާފައިވާ ތަކެތި މީހަަކަށް ވިއްކަނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)
ފުޑް ކާނިވަލްގައި 'އަތުމީރު' އިން ވިއްކާ ހަވާދު ދައްކާލަނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ޒުވާން ދެ އެކުވެރިންގެ ޖޯވިއަލް ބައިޓްސް ވެސް ތަފާތެވެ.

ފުޑް ކާނިވަލް (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

މި ސްޓޯލްގައި ހުރި ގިނަ އެއްޗެހި ކައްކާ ތައްޔާރުކޮށްފައިވަނީ ޔާނިއާ އެވެ. އޭގެ އިތުރުން އޭނާގެ މާމަ ފިހެފައިވާ މަސްރޮއްޓާއި ބޯކިބާ ފަދަ ދިވެހި ބާވަތްތައް ވެސް ވިއްކަން ހުއްޓެވެ.

ފުޑް ކާނިވަލްގައި ހުޅުވާފައިވާ ޖޯވިއަލް ބައިޓްސްގެ ސްޓޯލް (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

މި ސްޓޯލް އިން ވިއްކާ ޕިންކް ލެމަނޭޑް މަގުބޫލެވެ.

ފުޑް ކާނިވަލްގައި ޖޯވިއަލް ބައިޓްސް އިން ވިއްކާ ޕިންކް ލެމަނޭޑް (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ހުޅުމާލޭގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ މޯލްޑިވް ކިޗަން ރެސްޓޯރަންޓްގެ ސްޓޯލް ވެސް ތިޔާގި އެވެ.

މޭޒުމަތީ އަތުރާފައިވާ ކޮފީ ތަށިތަކުގައި އެމީހުން ވިއްކަނީ ކޮފީއެއް ނޫނެވެ. ބޯކުރި ފަޅޯ، ބޯކުރި ކައްޓަލަ، ބޯކުރި ބަނބުކެޔޮ، ފުފޫ ކަނދި، މިހެން ގޮސް ތަފާތު އެކި ދިވެހި ބާވަތްތަކެވެ. މީހުން އެ ތަކެތި ގަނެގެން ކޮތަޅު ކޮތަޅުގައި ގެއަށް ގެންދާ ތަން ފެނެ އެވެ.

އެ ސްޓޯލަށް ޑިމާންޑް ބޮޑެވެ. އަގުތައް ވެސް ރަނގަޅެވެ.

ފުޑް ކާނިވަލްގެ މޯލްޑިވް ކިޗަން ސްޓޯލް (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

މޯލްޑިވް ކިޗަންގެ ޖީހާން ސަލީމް ގާތު އެންމެ ހިނގަނީ ކޯއްޗެއްތޯ ސުވާލުކޮށްލުމުން ބުނީ ޓޮފީ އިން ފެށިގެން ހުރިހާ އެއްޗެއް ވެސް ހިނގާ ކަމަށެވެ.

ފުޑް ކާނިވަލްގައި ހުޅުވާފައިވާ މޯލްޑިވް ކިޗަންގެ ސްޓޯލް (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ހުޅުމާލޭ މަމަކް ކެފޭގެ ސްޓޯލުން ޗިލީ ފްރައިސް، ކޮއްތު އަދި ޗިލީ ޗިކަން ލިބެން ހުއްޓެވެ. ބިރިޔާނީ އެންމެ 50 ރުފިޔާ އަށެވެ. އެ ސްޓޯލުގައި ވަގުތުން ފަރާޓާ ފިހުން ވެސް ކުރިއަށްދެ އެވެ.

ފުޑް ކާނިވަލްގައި ހުޅުވާފައިވާ މަމަކްގެ ސްޓޯލް (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)
މަމަކް ކެފޭގެ ސްޓޯލުން 50 ރުފިޔާއަށް ވިއްކާ ބިރިޔާނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)
މަމަކްގެ ސްޓޯލްގައި ފަރާޓާ ހަދަނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ފުޑް ކާނިވަލުގައި ކާބޯތަކެތި ތިޔާގި އެވެ. މޯމޯސް އާއި ޕާނީޕޫރީ ވެސް އެބަހުއްޓެވެ. ތަނުން ފެންނަނީ އުފާވެރި މާހައުލެކެވެ.

މާދަމާގެ ނިޔަލަށް، ހަވީރު 5 އިން ރޭގަނޑު 11:55 އަށް ކާނިވަލް ކުރިއަށް ދާނެ އެވެ. ޖައްސާލާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް