އާމިނަތު ވިލިނީ އަލީ: ދުރާލާ އޯޑަރު ދިނުމުގެ ބަދަލުގައި އޭނާގެ ސްޓޫޑިއޯއަށް ގޮސްގެން ވެސް އެއްޗެހި ގަނެލެވޭނެ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
'ކުކިސް ކުކީސް'ގެ ދުވެލި ބާރު، ގޭ ބަދިގެއިން ކުކީ ސްޓޫޑިއޯއަކަށް
މީގެ 15 އަހަރު ކުރި އެވެ. އާމިނަތު ވިލިނީ އަލީގެ ބޮޑުދައިތަ، ލީލާ އަހުމަދު ހުރީ އޮސްޓްރޭލިއާގައި ކިޔަވާށެވެ. އޭނާއަށް ބޮޑުދައިތަ ކިޔާ ކުދިންނަށް ދޭތެރެ ދޭތެރެއިން ހަދިޔާއަކަށް ލީލާ ފޮނުވަނީ ފޮތެވެ. އޭގެ ތެރެއިން ފޮތަކުން ވިލިނީއަށް ފެނުނީ ވަރަށް ރީތިކޮށް ޒީނަތްތެރިކޮށްފައިވާ ކުކީއެކެވެ.
އެއީ އައިސިން ކޭކެއްހާ ފުރިހަމަ މަސައްކަތެކެވެ. ކަޕް ކޭކެއްހާ މީރެވެ. އެކަމަކު އާދައިގެ ބިސްކޯދަކަށް ވުރެ އެ ކުކީތައް ހާއްސަ އެވެ. ފޮތުން ފެނުނު ކުކީ ވިލިނީ އާޝޯހުކޮށްލި އެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް އެ ގޮތަށް ކުކީ ހަދަން ދަސްކުރަން އަޒުމް ކަނޑައަޅައި، އެ މަސައްކަތް ފެށި އެވެ.
އޭރު ވިލިނީގެ ދަރިފުޅު ކައިސަންއަށް ތިން އަހަރެވެ. ދަރިފުޅަށް ވެސް ކުކީ ކަމުދާނެތީއާ އެ ހަދަން ފެށީ ކައިސަން ވެސް ބައިވެރިކޮށްގެންނެވެ. އެކި ކަހަލަ ރެސިޕީތަކަށް ކުކީ ހެދުން ކުރިއަށް ގެންދިޔަ އެވެ. އެއީ ދަރިފުޅާ އެކު އުފެއްދުންތެރި ގޮތެއްގައި ވަގުތު ހޭދަކޮށްލަން ވެސް ލިބުނު ފުރުސަތަކަށް ވި އެވެ.
"ދަރިފުޅާ އެކު ކުކީ ބޭކްކޮށް ތައްޔާރުކޮށް އޭނާއަށް ދެނީ ކޮލަށް ކިސްއެއް ދިނުމުން،" ފުރަތަމަ ދުވަސްކޮޅުގެ ވާހަކަތައް ހިއްސާކުރަމުން ވިލިނީ ބުންޏެވެ.
ކާމިޔާބު އަމިއްލަ ބްރޭންޑަކުން
'ކުކިސް ކުކީސް'ގެ ބްރޭންޑަކީ އޭނާގެ އެ މަސައްކަތުގެ ފޮނި ނަތީޖާ އެވެ.
ވިލިނީ އެކަން ފެށި އިރު މާލޭގައި އޯޑަރަށް ކުކީސް ހަދާ މާ ގިނަ ބަޔަކު ނޫޅެ އެވެ. އޭނާގެ މަސައްކަތް ފެނި އެތައް ބަޔަކު އެކި މުނާސަބަތުތަކާ ގުޅުވައިގެން ކުކީސްއަށް އޯޑަރު ދިނެވެ. އުފަންދުވަސްތަކަށާއި ވެޑިން ގިވްއަވޭ އަދި ކުންފުނިތަކުގެ އަހަރީ ދުވަސްތަކަށް ވިލިނީ ތަފާތު އެކި ޑިޒައިންތަކަށް ކުކީ ހަދައިގެން ވިއްކި އެވެ.
އެންމެ ފުރަތަމަ ކުކީސް ހަދަމުން ގެންދިޔައީ އުފަންދުވަހުގެ ޕާޓީތަކަށެވެ. އޭގެ ފަހުން މާލޭގައި ބާއްވާ ވެޑިންތަކަށް ބޮޑެތި އޯޑަރުތައް ލިބެން ފެށި އެވެ.
"އޭރު 800 ކުކީސް ވެސް ވެޑިންއަށް ހަދަން ޖެހުނު. ޔޫއެންގެ ޕްރޮޖެކްޓަކަށް 2،000 ކުކީސް ގެއިން ވެސް ހެދިން،" ވިލިނީ ބުންޏެވެ.
އޭނާގެ އެ އުފެއްދުންތަކަށް އޮތް ޑިމާންޑް ބޮޑުވެ، ބައެއް ރޭރޭ ހޭލާ ހުރެގެން ވެސް ނިންމަން ޖެހުނު ފަހަރުތައް ކުރިމަތިވި އެވެ. ދެވަނަ ދަރިފުޅު އުފަންވީ އޭނާގެ އެ ވިޔަފާރި ފުޅާވަމުން ދަނިކޮށެވެ.
ވިލިނީ ބުނި ގޮތުގައި ދެ ކުދިންގެ ސަބަބުން ކުކީސްގެ އާ އުފެއްދުންތަކަށް ހިޔާލުތައް ލިބުނެވެ. މިސާލަކަށް އިންޓަވަލް ގަޑީގައި ފަސޭހައިން ކާލެވޭނެ ގޮތަށް 'ވަން ބައިޓް' ކުކީސް، އެކި ރަހަތަކުގައި ތައާރަފުކުރުމުގެ ހިޔާލު އައީ ދެ ކުދިންގެ ސަބަބުންނެވެ.
"ކުކީސް އަކީ އަބަދު ކާން ނުވަތަ މާ ގިނައިން ކާން ރަނގަޅު އެއްޗެއް ނޫން. އިންޓަވަލަށް ވެސް ބޮޑު ކުކީއެއް ކާލުމުގެ ބަދަލުގައި ކުޑަ ސައިޒެއް ހަދަން ވިސްނީ،" ވިލިނީ ބުންޏެވެ.
މިހާރު އޭނާގެ އެ މަސައްކަތަށް ގިނަ ދުވަސް ވެއްޖެ އެވެ. އޭނާގެ އުފެއްދުންތައް އާންމުންގެ ތެރޭގައި މަޝްހޫރުވީ އާއިލާގެ ފަރާތުން ލިބުނު އަދި ލިބެމުން އަންނަ އެހީތެރިކަމާ ވެސް އެކުގަ އެވެ.
މަންމަ އާއި ބައްޕަ ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި، ކުކީސް ހަދަން ބޭނުންވާ ކޮންމެވެސް އެއްޗެއް ހަދިޔާއަކަށް ނުލައި، އެނބުރި ނާދެ އެވެ.
"މާލޭގައި އޭރު ވަރަށް ނުހުންނާނެ ވިއްކަން ކުކީ ހަދާ ޓޫލްސް. ކުކީ ކަޓާސް އާއި ކުކީ ޑެކަރޭޓް ކުރަން ބޭނުން ކުރާ ކަހަލަ އެއްޗެހި. މަޑުމަޑުން ބޭރުން އެއްޗެހި ގެންނަން ފެށީ،" ވިލިނީ ބުންޏެވެ.
ފިރިމީހާގެ އެހީތެރިކަން އޭނާ އަބަދުވެސް ފާހަގަކުރެ އެވެ. އެ މަސައްކަތުގައި ކުރިއަށް ދިއުމުގެ ހިތްވަރަކީ، އޭނާ ގަބޫލުކުރާ ގޮތުގައި، ފިރިމީހާ އެވެ.
"ހުރިހާ ކަމެއްގައި އެހީތެރިވާނެ. އެއީ އަހަރެންގެ މީހަކީ،" ވިލިނީ ބުންޏެވެ.
"ހައިވަކަރު އާއިލާ [ލީލާގެ] އަދި ހަނދުވަރު އާއިލާ އިން ވެސް ވަރަށް ސަޕޯޓިވް ވާނެ. ރަހަ ބަލައި މީރޭ ބުނާނެ. އެމީހުން ދިން ހިތްވަރުން މަޑުމަޑުން ގޭގައި ސައިބޯލަން ޓީ ކޭކްސް އާއި ބްރައުނީ ވެސް އިތުރުވީ. އަހަންނަކީ އަބަދުވެސް ބޭކްކުރާ ހިތުން ކުރާ މީހެއް،" ވިލިނީ ބުންޏެވެ.
ކުކީ ހަދަން ފުރަތަމަ ބަދިގެއަށް ވަން އިރު ކައިރީގައި ހުރި ކައިސަންއަށް މިހާރު 18 އަހަރެވެ. ހަގު ދަރިފުޅަށް 11 އެވެ. ކައިސަން ޖީސީއީ އޭލެވެލްއަށް ކިޔަވަމުން އަންނަނީ ބިޒްނަސް ދާއިރާއިންނެވެ. އެހެންކަމުން ދަރިފުޅުގެ ހިޔާލު ބަލައިގަނެ އެއީ، ވިލިނީ ބުނި ގޮތުގައި، "ބިޒްނަސް ޕާޓްނާ" އެވެ.
"ކުކީސްގެ ފޮޓޯ ނެގުމާއި ގްރެފިކްސް މަސައްކަތުގައި ކައިސަން އެހީތެރިވާނެ،" ވިލިނީ ބުންޏެވެ.
'ކުކިސް ކުކީސް' އަށް ހާއްސަކޮށްގެން މި މަހު 1 ގައި ވިލިނީ ވަނީ ސްޓޫޑިއޯއެއް ހުޅުވައިފަ އެވެ. މަގުސަދަކީ އެހެން މީހުންނަށް މި މަސައްކަތް ދަސްކޮށްދިނުމެވެ. ސްކޫލް ބަންދު ދުވަސްތަކުގައި ކުދިންނަށް އަމާޒުކޮށްގެން ކޯސްތައް ހިންގުމެވެ. އަދި އޭނާގެ އުފެއްދުންތައް ހަވީރު ގަޑީގައި ގަންނަން ލިބޭ ގޮތް ހެދުމެވެ.
"ވިޔަފާރި ކުރިއަށް ގެންދާނީ އަދިވެސް އޯޑަރަށް ކުކީ ހަދައިގެން. އެކަމަކު ބޭނުންވީ ކޮންމެ ދުވަހަކު ހަވީރު ސައި ބޯލަން ސިނަމަން ކޭކް، ބްރައުނީ އަދި ކުކީސް ގަނެލަން ބޭނުންވާ މީހުންނަށް ފަސޭހައިން ލިބެން ހުރުން. އަދި މިއީ އަހަރެން މަސައްކަތް ކުރާ ތަނަށް ހެދުމަށް. ދެން ކޯސް ހިންގަން،" ވިލިނީ ތަފުސީލެއް ދިނެވެ.
އޭނާގެ މި ކުރިއެރުމުން ދައްކައިދެނީ ގޭގައި ތިބެގެން އަންހެނުންނަށް ކުރެވޭނެ ފައިދާ ބޮޑު މަސައްކަތްތައް ހުރި ކަމެވެ. ސްޓޫޑިއޯ ހަދާކަށް އޭނާ ލޯނެއް ނުނަގަ އެވެ.
ކުކީސް ހަދަން ބޭނުންވާ އަވަނާއި މިކްސަރު ފަދަ ހުރިހާ އެއްޗެއް ގަތީ ގޭގައި އޯޑަރަށް އެއްޗެހި ތައްޔާރުކޮށް ވިއްކައިގެން ލިބުނު އާމްދަނީންނެވެ.
ދުވަން ފެށުމުން މަސައްކަތަށް އާ ބާރެއް
ވިލިނީގެ ލައިފްސްޓައިލް އިން ވެސް ވިޔަފާރިއަށް ކުރިއެރުން ލިބުނު ކަމަށް އޭނާ ގަބޫލުކުރެ އެވެ. ބިޒީ މަންމައެއް ކަމުން އޯޑަރުތައް ގިނަ ރެއެއް ނަމަ ހޭލާ ހުރެ މަސައްކަތް ކުރަން ޖެހެ އެވެ. އޭނާގެ ދިރިއުޅުން ބަދަލުކޮށްލީ 2015 ގައި ފުރަތަމަ ފަހަރަށް 10 ކިލޯމީޓަރު ދުވުމެއްގައި ބައިވެރިވުމާ އެކު އެވެ. އޭގެ ކުރިން ދުވަހަކު ވެސް އެކަހަލަ ދިގު ރާސްތާއަކަށް ނުދުވާ ބަޔަކު ތަމްރީންކުރަން ޓީއެފްޖީން ފެށުމުން އޭގައި ވިލިނީ ބައިވެރިވި އެވެ. ކަސްރަތާއި ދުޅަހެޔޮ ލައިފްސްޓައިލަކާ ދިމާލަށް ވިލިނީގެ ހިތް ގެންގޮސް ދިނީ އެ ދުވުމުގެ ސަބަބުންނެވެ.
އެ އަހަރު އަލަށް ކޮކާކޯލާ ލޯންގް ރަންގައި ބައިވެރިވެ 10 ކިލޯމީޓަރު ރޭސް ނިންމާލި އެވެ. އޭގެ ފަހުން މިދިޔަ ހަތް އަހަރުގެ ތެރޭގައި ހަ މެރެތަން އާއި ފަސް ހާފް މެރެތަން ވަނީ ފުރިހަމަކޮށްފަ އެވެ.
ވިލިނީ ބުނި ގޮތުގައި ދިގު ދުވުންތައް ދުވާއިރު އޭނާގެ ސިކުނޑީގައި އެނބުރެނީ ކުކީސް ހެދުމާ ގުޅޭ ހިޔާލުތަކެވެ.
"ވަކި ވަރަކަށް ދުވުމުން ބޮލުތެރޭ މެރެތަން ނިންމަން ފިކުރު ހިންގާލެވޭ. އަދި އަމިއްލަ ނަފްސާ ވާހަކަ ދައްކައިލެވޭ. އެ ގަޑީގައި ހިތަށްއަރާ މިވެނި އެއްޗެއް ކުކީ ރެސިޕީއެއްގައި ބޭނުންކޮށްފިއްޔާ ކިހިނެއްވާނެ ބާވައޭ؟ އެ ގޮތްގޮތަށް ފަހުން ޓްރައި ވެސް ކުރަން،" ދުވުމުގެ ތެރެއިން އޭނާގެ މަސައްކަތަށް އައި ދިރުމާ ބެހޭ ގޮތުން ވިލިނީ ބުންޏެވެ.
ވިލިނީ ތައްޔާރުކުރާ އޯޓްމީލް ކުކީސްއަކީ ދުވުމުގެ ތެރެއިން އައި ހިޔާލަކަށް ހެދި ރެސިޕީއެއްގެ އުފެއްދުމެކެވެ.
ދިގު ދުވުންތަކުގެ ތަމްރީންތަކުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން މީހާ ފިޓްކޮށްލާ ކަމަށް ވިލިނީ ގަބޫލުކުރެ އެވެ. ދުވަން ފެށުމާ އެކު އޭނާގެ ކިބައިގައި ވެސް ރަނގަޅު އެތައް އާދަތަކެއް ހަރުލި އެވެ. ފަތިހު ތެދުވެ ހަށިގަނޑަށް ބޭނުންވާ ކަސްރަތު ހޯދުމެވެ. ރޭގަނޑު ހޭލާ ހުރުމުގެ ބަދަލުގައި ދުވާލުގެ ކުރީކޮޅު މަސައްކަތް ނިންމާލުމެވެ. އޭރުން ހަށިގަނޑަށް ވެސް، ސިކުނޑިއަށް ވެސް ލުއިކަން ލިބެ އެވެ.
ވިލިނީގެ ކަސްޓަމަރުން އޭނާ ބަލައިގަންނަގަތުން ފާހަގަކުރި އެވެ.
"ފެށުނީއްސުރެ މިއަދާ ހަމައަށް އެބަ ތިބި އެއް ކަސްޓަމަރުންތަކެއް. އެ ކުދިންގެ ބާތުޑޭތަކުގައި އަހަރެން ކޮންމެ އަހަރަކު ވެސް ކުކީސް ތައްޔާރުކުރަން،" އުފަލާ އެކު ވިލިނީ ބުންޏެވެ.
މިހާރު އޭނާ ސްޓޫޑިއޯ ހުޅުވުމުން ކަސްޓަމަރުންނަށް ވެސް ފަސޭހަތަކެއް ވެ އެވެ. އެގޮތުން ކުރިން އޯޑަރު ދީގެން ހެއްދުމުގެ ބަދަލުގައި އެތަނަށް ގޮސްގެން ވެސް ކުކީސް އާއި އޭނާ ހަދާ ފޮނި އެހެން އެއްޗެހި ގަނެލެވޭނެ އެވެ.
ހަމައެކަނި ހުސް ވަގުތުގައި ކޮށްލަން ފެށި މަސައްކަތަކީ މިއަދު ވިލިނީގެ ފުލްޓައިމް ވަޒީފާ އެވެ. މިއަދު އެހެރީ އެކަމަށް ހާއްސަ ސްޓޫޑިއޯއެކެވެ. ހަޔާތުގެ ވަރަށް ކާމިޔާބު ވާހަކައެއްގެ ގޮތުގައި ނޫނީ މިކަން ނެގޭކަށް ނެތެވެ.