
ކެންސާ ސޮސައިޓީން ބޭއްވި އިވެންޓްގައި ބައިވެރިވި އައިޖީއެމްއެޗްގެ އޮންކޮލޮޖީ ޑިޕާޓްމަންޓްގެ ޓީމު: އަޒުމަކީ ބަލިމީހުންނަށް އޯގާތެރިކަމާ އެކު ފަރުވާދީ، އެހީތެރިވުން (ދައުރުފޮޓޯ/އަބްދުﷲ އިޔާން)
ކެންސަރާ ގުޅޭ އިހްސާސްތަކާއި މެސެޖްތައް
ކެންސަރަކީ ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާން މެދުވެރިވާ އެއް ސަބަބެވެ. ރާއްޖޭގެ ހާލަތަށް ބަލާއިރު އެންމެ ގިނައިން މީހުން މަރުވާ ތިން ސަބަބުގެ ތެރޭގައި ވެސް ކެންސަރު ހިމެނެ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 2020ގެ ތަފާސްހިސާބުތައް ބުނާ ގޮތުގައި ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ %17 މީހުން މަރުވަނީ ކެންސަރު ބަލީގަ އެވެ.


ރާއްޖޭގައި ފިރިހެނުންނަށް އާއްމުކޮށް ޖެހޭ ކެންސަރުތަކުގެ ތެރޭގައި؛
-
ފުއްޕާމޭގެ ކެންސަރު
-
ޕްރޮސްޓްރޭޓް ކެންސަރު
-
ކޮލޮރެކްޓަލް ކެންސަރު
-
ބަނޑާއި ފުރަމޭގެ ކެންސަރު
ރާއްޖޭގައި އަންހެނުންނަށް އާއްމުކޮށް ޖެހޭ ކެންސަރުތަކުގެ ތެރޭގައި؛
-
އުރަމަތީގެ ކެންސަރު
-
ކޮލޮރެކްޓަލް ކެންސަރު
-
ފުއްޕާމޭގެ ކެންސަރު
-
ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު
-
ތައިރޮޑް ކެންސަރު
ދުނިޔޭގެ ކެންސަރު ދުވަސް އިއްޔެ ފާހަގަކުރުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗުޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ 2016 އިން 2019 އަށް ކެންސަރު ބައްޔަށް 7،500 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވާ ކަމަށެވެ.

މޯލްޑިވްސް ކެންސާ ސޮސައިޓީ އިން ހުޅުމާލެ ސެންޓްރަލް ޕާކުގައި އިއްޔެ ބޭއްވި އިވެންޓްގައި ބައިވެރިވި ބައެއް މީހުންނާ 'ދައުރު'ން ބައްދަލުކުރި އެވެ. އެމީހުންގެ އިހުސާސްތައް ކިޔައިދިނެވެ. އާންމުންނަށް ތަފާތު މެސެޖް ދިނެވެ.
1. މުހައްމަދު ކަލީމް/ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން
ރާއްޖެއަށް ފުރަތަމަ ފަހަރަށް ސާފް ގޭމްސްގެ ރިހި މެޑެލް ހޯދައިދިން ގައުމީ ފުޓްބޯޅަ ޓީމުގެ ތާރީހީ ކެޕްޓަން މުހައްމަދު ކަލީމަކީ ކެންސަރު ބަލި ތަހައްމަލް ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ ކެންސާ ސޮސައިޓީން މީގެ ހަތް އަހަރު ކުރިން ފެށި ކެންސާ ސަޕޯޓް ގުރޫޕްގެ ފައުންޑާ މެންބަރެކެވެ.
ކަލީމް ވިދާޅުވި ގޮތުގައި ކެންސާ ސަޕޯޓް ގްރޫޕްގައި ބައިވެރިވެވަޑައިގަތުމަކީ "ހިތްހަމަޖެހުމެކެ"ވެ.
އޭނާގެ އުއްމީދަކީ އެ ގްރޫޕްގައި އަދިވެސް ގިނަ މީހުން ބައިވެރިކުރުވުމެވެ. ބައިވެރިވާން ހިތްވަރު ދެއްވުމެވެ.


އެންމެ ފުރަތަމަ މިކަމުގަައި [ކެންސަރު ބައްޔަށް] ބޭސް ކުރަމުންދާ މީހުން ނުވަތަ އެހީތެރިވަމުންދާ [ކެއާގިވާސް] އަށް ﷲ ތައާލާގެ ހެޔޮރަހުމަތް ލެއްވުން، އަވަސް ޝިފާއެއް ދެއްވުން އަދި ކެތްތެރިކަން ދެއްވުން އެދެން ބޭނުންވަނީ. އެއީ ހަމަ މި ދަތުރު އަޅުގަނޑަށް ދިމާވި ފަހުން، ކޮންމެ މީހަކަށް ދިމާވިޔަސް މިކަން މަތިން ހިތަށްއަރާ، ހިތަށް އަންނަ އެއް ޝުއޫރު. ހަމަ އެއާ އެކު ބޭހުގެ ކަންތަކުން އަރައިގަނެވި ދުނިޔޭގެ ލެހެއްޓެވީތީ ﷲ ތައާލާއަށް ހަމްދާއި ޝުކުރު
2. ނަޒީރު އަހުމަދު/މިހާރު ވެސް އަންނަނީ ބޭސްކުރަމުން
ގދ. ތިނަދުއަށް އުފަން ނަޒީރު އަހުމަދު، 63 އަކީ ކެންސަރު ބައްޔާ މިހާރު ވެސް ހަނގުރާމަކުރަމުން އަންނަ އަދި އާދަޔާ ހިލާފް ހިތްވަރެެއް ވެސް ދައްކާ ބަލިމީހެކެވެ.

އިވެންޓްގައި ނަޒީރު ބައިވެރިވީ ކުރީ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓްވެގެން އޮވެ ގައިގައި އަޅަމުންދާ ވޭން ކުޑަ ކުރުމަށް އެތައް ބޭހެއް ބޭނުންކޮށްގެން ކޮޅަށް ހުރެވޭ ވަރުވުމުންނެވެ.

މި ދުވަހަށް ދޭން ބޭނުންވާ މެސެޖަކީ ބައްޔާ އެކު އުޅެން ދަސްކުރާށޭ. މާޔޫސްވެ ގެއަށް ވަދެ، ރޯން އޮންނަންވީ ބައްޔެއް ނޫނެ. ބައްޔާ އެކު އުޅެން ދަސްކުރާށޭ.
އޭނާ ބުނީ އިވެންޓަށް އައިސް މިހުރީ ބައްޔާ އެކު އުޅެން ދަސްކޮށްދޭން ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.
"ބޭނުމަކީ މިސާލު ދެއްކުން،" އޭނާ ބުންޏެވެ.
3. ޑރ. މުހައްމަދު ޝިފާން/ ސާޖިކަލް އޮންކޮލޮޖިސްޓް
ރާއްޖޭގެ ފުރަތަމަ ސާޖިކަލް އޮންކޮލޮޖިސްޓް ޑރ.މުހައްމަދު ޝިފާން ވެސް މި އިވެންޓްގައި ބައިވެރިވެވަޑައިގަތެވެ. އޭނާގެ މެސެޖު ގުޅިފައިވަނީ ކެންސަރު ދުވަހުގެ ޝިއާރާ އެވެ. މި އަހަރުގެ ކެންސަރު ދުވަހުގެ ޝިއާރަކީ "ފަރުވާގައި ފަރަގު ކުޑަކުރަމާ" އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަނީ ފަރުވާ ކުރުމުގެ ހުރި ތަފާތު ވީހާވެސް ކުޑަކުރުމަށް. މިސާލަކަށް ރަށެއްގައި ހުރެ ބޭސް ކުރުމާއި މާލޭގައި ހުރެ ބޭސްކުރުމާ ލިބޭ ބޭސްތައް އާއްމުކުރެވޭތޯ. ބޮޑު މަސައްކަތެއް މިއީ. އަޒުމަކީ ޓްރީޓްމަންޓްގައި ހުރި ތަފާތު ކުޑަކޮށް އެންމެންނަށް ވެސް އޮންޓައިމްގައި ސްޓޭންޑަޑް ކެއާ ދިނުން،" ޑރ. ޝިފާން ވިދާޅުވި އެވެ.
4. އައިމިނަތު އަލީ/ އޮންކޮލޮޖީ ޑިޕާޓްމަންޓްގެ ނަރުހެއް
އައިމިނަތު އަލީއަކީ ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި އޮންކޮލޮޖީ ޑިޕާޓްމަންޓްގައި މަސައްކަތްކުރަމުން އަންނަ ނަރުހެކެވެ. އޭނާގެ މެސެޖް ވެސް ގުޅިފައި ވަނީ މި އަހަރުގެ ކެންސަރު ދުވަހުގެ ޝިއާރާ އެވެ.

"އޮންކޮލޮޖީ ނަރުހެއްގެ ގޮތުން މަސައްކަތް ކުރަނީ ވަރަށް މަސައްކަތް ކުރާ ހިތުން، ކެންސަރު ބަލީގެ މީހުންގެ އިހްސާސްތައް ދަނެގެން. ބުނެލަން އޮތީ ކެންސަރުގެ ބަލި މީހުންނަށް ޑެޑިކޭޓްވެގެން ރާއްޖޭގައި ދެވެން ހުރިހާ ފަރުވާއެއް ދޭން ތައްޔާރަށް މި ތިބީ،" އޭނާ ވިދާޅުވި އެވެ.
5. ޑރ .މުހައްމަދު އަމްރު އަހުމަދު
ޑރ. މުހައްމަދު އަމްރު އަހުމަދަކީ ރާއްޖޭގެ ފުރަތަމަ މެޑިކަލް އަދި ރޭޑިއޭޝަން އޮންކޮލޮޖިސްޓެވެ. އޭނާ ވިދާޅުވީ ކެންސަރު ހުރިކަން އެނގުމަށް ފަހު ބަލިމީހާއަށް ފުރިހަމަ މައުލޫމާތު ލިބުން މުހިންމު ކަމަށެވެ.

"ފުރިހަމަ މައުލޫމާތު ލިބުނިއްޔާ ނޫނީ ބައްޔާ ކުރިމަތިލާން ފަސޭހައެއް ނުވާނެ. ޓްރީޓްމަންޓާއި، ޓްރީޓްމަންޓް އޮޕްޝަންސް އަދި ޓްރީޓްމަންޓްގެ ސައިޑް އިފެކްޓްސް، ޓްރީޓްމަންޓް އިން ލިބޭ ފައިދާތައް އެކަހަލަ ކަންތައް އެނގިގެން ނޫނިއްޔާ ކުރިމަތިލާން ފަސޭހައެއް ނުވާނެ. ބަލިމީހާގެ އާއިލާގެ ފަރާތުން ވެސް ހިއްސާކުރުން، ބަލިމީހާ ޑޮކްޓަރުންނާ ވާހަކަ ދެއްކުން ވެސް ވަރަށް މުހިއްމު،" ކަމުގައި ޑރ. އަމްރު ވިދާޅުވި އެވެ.
6. އައިިމިނަތު ރުމެއިޒާ/ކެންސަރުން ސަލާމަތްވެފައި
އައިމިނަތު ރުމެއިޒާ މިހާރު ވަނީ ކެންސަރުން ސަލާމަތްވެފަ އެވެ. އޭނާގެ ވާހަކަ އަޑުއަހާލަން ޕާކުގައި އަޅާފައިވާ ކުނާ ދޮށަށް މީހުން ޖަމާވަމުން ދިޔައީ ހިތްވަރު ލިބިގަތުމަށެވެ. ރުމެއިޒާ ދެކޭ ގޮތުގައި އެޑްވޮކަސީއަކީ މުހިއްމު މަސައްކަތެކެވެ.

"ރާއްޖޭގައި އާއިލާއެއް ނުހުންނާނެ ކަންނޭނގެ ކެންސަރު ބަލި ތަހައްމަލު ނުކުރާނެ. މިއީ ވަރަށް ގިނަ އާއިލާތަކެއް ތަހައްމަލު ކުރާ ހިތްދަތި ދުވަސްކޮޅެއް. ވޭނީ ދުވަސްތަކެއް އެއީ،" އޭނާ ބުންޏެވެ.
"މި ކަހަލަ ދުވަހެއް ފާހަގަކުރާ އިރު، އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ ފަރުދަކު ވެސް ސަޕޯޓެއް ދޭނެ ގޮތެއް ހޯދުން މުހިއްމު. އެންމެން ވެސް ވީހާ ބޮޑަކަށް މި މަސައްކަތުގައި ބައިވެރިވެ ހޭލުންތެރިވެގެން ކެންސަރު އިތުރުވުން ކޮންޓްރޯލް ކުރެވެން އޮތީ ރާއްޖޭގައި."
7. ޖުވޭރިޔާ ސައީދު/ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ޗެއާޕާސަން
ކެންސާ ސޮސައިޓީ އިން އިންތިޒާމްކުރި މި އިވެންޓްގެ އެއް މަގުސަަދަކީ މައުލޫމާތު ފަތުރައި، އެކެއްގެ ކިބައިން އަނެކަކު ހިތްވަރު ލިބިގަތުމެވެ. ޖުވޭރިޔާ ސައީދަކީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ޗެއާޕާސަން އެވެ. ދުވަހާ ގުޅިގެން އޭނާ ދެއްވާ މެސެޖު މުހިއްމެވެ.

ކެންސަރު ބަލިން ރައްކާތެރިވާން އަމިއްލައަށް ކުރެވިދާނެ ކަންކަން އެބަ ހުއްޓެވެ. ލައިފްސްޓައިލް ބައްޓަން ކުރާ ގޮތުން ކެންސަރާ ދުރުވެ އެވެ. މިސާލަކަށް ހެލިފެލިވެ އުޅުމާއި ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމެވެ.
މީގެ އިތުރުން އަހަރެމެންގެ މުޖުތަމައުގައި ނެތެމުން ދާ އޯގާތެރިކަމާއި އަޅާލުމަކީ ކެންސަރު ބަލި މީހުންނަށް ނުހަނު މުހިއްމު އެއްޗެއް ކަން ޖުވޭރިޔާ ފާހަގަކުރެއްވި އެވެ.
"އާއިލާ، ރައްޓެހިން އަދި ކޮމިއުނިޓީގެ ލޯތްބާއި އަޅާލުން އެއީ ކެންސަރު ބަލި ތަހައްމަލުކުރާ މީހުންނަށް ބޭހާ އެއްވަރަށް މުހިއްމު ވާ އެއްޗެއް. ބާކީކޮށްނުލާ އެކީގައި އަތުގައި ހިފައިގެން މަސައްކަތް ކުރުން ވަރަށް މުހިއްމު،" ޖުވޭރިޔާ ވިދާޅުވި އެވެ.


ކެންސާ ސޮސައިޓީ އިން ބޭއްވި މި އިވެންޓްގައި ކުޑަކުދިންނަށް ތަަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔަ އެވެ. އެކި ސްޓޯލްތަކުން އާއްމުންނަށް ކެންސަރާ ގުލޭ ގޮތުން މައުލޫމާތު ދިނެވެ.