
އަފާ: އައްމިލައަށް ދަސްކޮށްގެން އާޓާއި ކްރާފްޓްގެ އުފެއްދުން ތައްޔާރުކޮށް، ވިއްކަނީ އަމިއްލަ އުފަލަށްޓަކައި.
އަފާ: ވަޒީފާއަށް ދަމުން ކްރާފްޓް ވިޔަފާރީގައި
އައިޝަތު އަފާއަކީ ފާމަސިސްޓެކެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އެސްޓީއޯ ފާމަސީގައި މަސައްކަތް ކުރާތާ މިހާރު ހަތް އަހަރު ވެފައިވާ ދެ ކުދިންގެ މަންމައަށް ކޮންމެ ދުވަހަކީ ވެސް ބުރަ ދުވަހެކެވެ. އޮފް ލިބެނީ ހަފްތާއަކު އެއް ދުވަހެވެ. އެކަމަކު އޭނާގެ ދުވަހުގެ ބުރަކަން ވަޒީފާއާ ހިސާބުން އަދި ނިންމައެއް ނުލަ އެވެ.
އަފާ، 30، އަކީ އުފެއްދުންތެރި ހުނަރުވެރިއެކެވެ. ރޭގަނޑު ނިދި ނަގާލައިގެން ވެސް އެ ހުނަރުގެ ބޭނުން ހިފަން އޭނާ ބޭނުންވެ އެވެ. އިންސްޓަގްރާމްގައި ހިންގާ 'އާޓްފުލް ތިންގްސް' އަކީ އޭނާގެ ލޯތްބެވެ.

ކައިވެނީގެ ރަން، ލޯބިވެރިޔާއަށް ދޭނެ އެއްޗެއް، ނުވަތަ އުފަން ދުވަސް ކަހަލަ ހާއްސަ ދުވަހެއްގައި ދިއްކޮށްލާނެ ހަދިޔާގެ އެކި އުފެއްދުންތައް، އަފާ އަންނަނީ ތައްޔާރުކުރަމުންނެވެ. މިއީ އޭނާ އުފަލަކަށް ކުރާ މަސައްކަތެކެވެ. އަދި އެ އުފެއްދުންތަކުން އެހެން މީހުންނަށް ވެސް ގެނެސްދެނީ އުފާވެރިކަމެވެ.
އަފާ އަބަދުވެސް އާޓާއި ކްރާފްޓް މަސައްކަތަށް ލޯބިކުރެ އެވެ. ހިތް ކިޔާ ކަހަލަ ކްރާފްޓެއް ފެނިއްޖެ ނަމަ އަމިއްލައަށް އެ އެއްޗެއް ހެދޭތޯ ބަލަ އެވެ. ފެހުމާއި ކޭކް އެޅުމަކީ އާޓެއް ކަމަށް ދެކި އެ ކަންކަން ވެސް ތަޖުރިބާކުރި އެވެ. އަފާ ބުނިގޮތުގައި ކަރުދާހުން ސާމާނު ހަދަން އޭނާ އެންމެ ބޮޑަށް ހިތްޖެހުނީ ޓިކްޓޮކްގެ ކްރާފްޓް ވީޑިއޯތައް ބަލަނިކޮށް ފެނުނު މެޝިނަކާ ހެދި އެވެ.

ކްރިކަޓް ކަޓިން މެޝިނުން ބޭނުން ގޮތަކަށް، ބޭނުން އެއްޗެއް ކުރަހާލައި އަދި ކަފާލެވެ އެވެ. އެއީ އާޓްފުލް ތިންގްސްގެ ފެށެމެވެ.
"ކަރުދާހުން އެއްޗެހި ހަދަން ފެށުނީ އެ ހިސާބުން. ތްރީޑީ ލެޓާސް، ބެނާސް، ކޭކް ޓޮޕާސް، އެކްސްޕްލޯޝަން ބޮކްސް ހަދަން ފެށީ،" އަފާ ކިޔައިދިނެވެ.
އަފާ ކްރާފްޓް މަސައްކަތް ދަސްކުރަން، އެންމެ ފަހުން ރޭގަނޑު ނުނިދާ ވެސް ވަގުތު ހޭދަކުރި އެވެ. އޭނާގެ ހުނަރު ވިޔަފާރިއަކަށް ބަދަލުކުރީ ރައްޓެއްސެއްގެ ލަފާގެ މަތިންނެވެ. އޭގެ ފަހުން ލިބޭ ކޮންމެ އޯޑަރަކާ އެކު، އަފާ ބުނީ، އޭނާގެ ހުނަރަށް ވެސް ތަރައްގީ އަންނަ ކަމަށެވެ.

ކްރިކަޓް މެޝިނާ ކުޅެމުން ގޮސް އެންމެ ފަހުން ސްކެޗް ކުރަން ވެސް އަފާ ދަސްކުރި އެވެ. އަމިއްލައަށް ޑިޖިޓަލްކޮށް ކުރަހާ ކުރެހުންތައް މެޝިނަށް ފީޑްކުރުމުން އެ ކުރެހުމެއްގެ އުފެއްދުންތައް ހަދާލަ އެވެ. އަފާގެ ޑިޖިޓަލް އިލަސްޓްރޭޝަންގެ ފެށުމަކީ އެ އެވެ.
ކުރިން ގޭތެރޭގެ ފާރެއްގެ ރީތިކަން ބޮޑުކުރަން އަސްލު ފޮޓޯގަނޑެއް ބެހެއްޓިޔަސް އެ ގޮތް ގިނަ މީހުންނަށް މިހާރު އެހާ ކަމަކުނުދެ އެވެ. މިހާރު ގިނަ މީހުންނަށް ރަނގަޅީ އަސްލު ފޮޓޯގެ ބަދަލުގައި ކުރެހުމެވެ. ސްކެޗް އާޓިސްޓެއް ލައްވާ ސްކެޗުކޮށްލުމެވެ. އެ ފަންނުގެ އުފެއްދުންތަކަށް ގިނަ މީހުންގެ ހިތް ދަމައިގަނެ އެވެ. އަފާގެ ކަސްޓަމަރުންގެ މެދުގައި ވެސް އެންމެ މަޝްހޫރީ އޭނާގެ އެ ހުނަރެވެ. ޔޫޓިއުބް ބަލައިގެން ޑިޖިޓަލް ސްކެޗް ކުރަން ދަސްކޮށްގެން ނެރެމުން އަންނަ އުފެއްދުންތަކަށް އެތައް ބަޔަކު ހިތްޖެހެ އެވެ.

"އެޑޯބީ އިލަސްޓްރޭޓަރުން ފުރަތަމަ ކުރެހީ އައިފޯނުގައި. އޭރަކު އައިޕެޑެއް، ޕެންސިލެއް ނެތް. ސްކެޗް ކުރަނީ އިނގިލިތަކުން. އައިޕެޑަކާއި އެޕަލް ޕެންސިލެއް ގަނެގެން މިހާރު މި ކުރަހަނީ. މިހާރު ހިތަށްއަރާ ކިހިނެއްހޭ އޭރު އެ ކުރެހީ ވެސް،" އަފާ ބުންޏެވެ.
ކުރެހުންތައް ފްރޭމްކޮށް ލޯގަނޑަށް ލައި ގޭތެރެ ޒީނަތްތެރިކުރަން ވިއްކަން ފެށުމަކީ އޭނާއަށް ފަހިވި ފުރުސަތެކެވެ. ކުރެހުންތައް މިގޮތަށް ފްރޭމްކޮށްގެން ވިއްކާ މާ ގިނަ ބަޔަކު އަދި ނޫޅެ އެވެ.

ފާމަސީ ވަޒީފާ އާއި ދެ ކުދިން ބެލުމާއި އާޓް އަދި ކްރާފްޓް މަސައްކަތް ކުރުމަށް ވަގުތު ހޯދުން އުދަނގުލަސް އެކަން ކުރަނީ ކުރާ ހިތުން ކަމުގައި އަފާ ބުންޏެވެ.
"އެންމެ އުފާވަނީ ކަސްޓަމަރުންގެ ފަރާތުން ލިބޭ ފީޑްބެކްގެ ސަބަބުން. މީހެއްގެ ގެއެއްގައި އަހަރެންގެ މަސައްކަތެއް (ފޮޓޯ ލޯގަނޑެއް) ޒީނަތްތެރި ކުރުމަށް ބެހެއްޓުން އެއީ ލިބޭ ޝަރަފެއް. އެހެންވެ އަހަރެން މަސައްކަތް ކުރަނީ %100 ދީގެން،" އަފާ ބުންޏެވެ.

އަފާގެ ފާހަގަކޮށްލެވޭ އެއް އުފެއްދުމަކީ ކުޑަކުދިންނަށް އަކުރު ދަސްކޮށްދޭން ހެދި ޕޯސްޓަރުތަކެވެ. ވަރަށް ގިނަ މީހުންގެ ނަޒަރު އެއަށް ހުއްޓުނެވެ. އަފާގެ އަމިއްލަ އަތުން މިނިމަލިސްޓް ސްޓައިލަކަށް ލިޔެފައިވާ ތާނަ އަކުރާއި އަލިފުބާ އަކުރާއި އިނގިރޭސި އަކުރު ހިމެނޭ ޕޯސްޓަރު ފްރޭމްތައް ވަނީ ވައިގައި ހިފައިފަ އެވެ.

އަފާގެ މިހާރުގެ ލަނޑުދަނޑިއަކީ އައްޑޫގައި އުޅޭ އާޓް އަދި ކްރާފްޓްގެ އެހެން ހުނަރުވެރިންނާ އެކު ޕޮޕްއަޕް ޝޮޕަކަށް ތައްޔާރުވުމެވެ.


"އަހަރެން ބޭނުންވަނީ ޒުވާން ކްރިއޭޓިވް މައިންޑްސްއަށް ޓްރެއިނިން ޕްރޮގްރާމް ހިންގަން މުސަތަގުބަލުގައި،" އަފާ ބުންޏެވެ.
"އެމީހުންގެ ކްރިއޭޓިވިޓީ އާއި ޕެޝަން ހޯދައިދިނުމަށް މަގެއް ކޮށައިދޭން. ކޮންމެ މީހަކީ ވެސް ކްރިއޭޓިވް މީހެއް. އަދި ކްރިއޭޓިވް ވާން ވެސް ޖެހޭ."
ބޭސް ފިހާރައިގައި އަދާކުރާ ވަޒީފާއާ ދޭތެރޭ އެހާ ހިތްހަމަޖެހިގެން ހުރެ ވެސް، އަމިއްލަ ފަންނުވެރިކަން ކުރިއަރުވަން އަފާ މަސައްކަތް ކުރަނީ އެ ވިސްނުމުގަ އެވެ. އުފެއްދުންތެރި ހުނަރުވެރިއަކަށް އޭނާ ވީ އަމިއްލައަށެވެ. އެއީ އަފާއަށް، ހަޔާތުގެ ވަރަށް ބޮޑު ކާމިޔާބީއެކެވެ.