މަރިޔަމް ނަފާ ނާހިދު: އޭނާ އަންނަނީ އިހުސާސްތައް ކުރެހުމަކަށް ބަދަލުކޮށްދޭން އެހީތެރިވަމުން

ފަންނުވެރިން

އާޓް ތެރަޕީގެ ތެރެއިން ހޯދައިދެނީ ސިކުނޑިއަށް ބޮޑު ލުޔެއް

މަރިޔަމް ނަފާ ނާހިދު ކުރިން އަދާކުރި ވަޒީފާ ދޫކޮށްލައި އާޓް ތެރަޕީއަށް ހުސްވީ އޭގެ ސަބަބުން އެތައް ބައެއްގެ ނަފުސަށް ދިރުމާއި އިތުބާރު ހޯދައިދެވޭތީ
25 ފެބްރުއަރީ 2026

 އުމުރުން 27 އަހަރުގެ މަރިޔަމް ނަފާ ނާހިދު އާމްދަނީ ހޯދަން ކުރަނީ ތަފާތު މަސައްކަތެކެވެ. އެކަމަކު އެއީ އޭނާ ކުރަން ވެސް ބޭނުންވާ މަސައްކަތެވެ. އޭނާއަކީ ތެރަޕިއުޓިކް އާޓް ޕްރެކްޓިޝަނާ އަދި ފެސިލިޓޭޓަރެކެވެ. ތަފާތެއް ނޫން ހެއްޔެވެ؟

"ނަފްސްމައިލް ބުކް" މިއީ ނަފާގެ ބްރޭންޑެވެ. އެކަމަކު އޭނާ ބުނާ ގޮތުގައި މިއީ ހަމައެކަނި ބްރޭންޑެއް ނޫނެވެ. މިއީ އޭނާ އަމިއްލަ ނަފުސުގެ މައުނަވީ ތަޖުރިބާތަކާއި އިހްސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ދަތުރެކެވެ.

"އަހަރެންގެ ނަމަކީ ނަފް، އަރަބި ބަހުން ނަފުސަކީ ރޫހު"  އޭނާގެ ބްރޭންޑް ތައާރަފުކޮށްދެމުން ނަފާ ބުންޏެވެ.

ހަޔާތާ މެދު ނަަފާ ދެކެނީ ލިޔަމުން އަންނަ ފޮތެއްގެ ބާބުތަކެއް ފަދައިންނެވެ. އެއް ބާބުގައި އުނދަގުލާއި ދަތިކަމެއް އަތުވެއްޖެ ނަމަ، އެ އުނދަގޫކަމުން އަރައިގަނެ ދެން އޮތް ބާބު އެއަށްވުރެ އުފާވެރި ބާބެއްގެ ގޮތުގައި ލިޔުމަށް މަސައްކަތް ކުރުމެވެ. 

އާޓް ތެރަޕީ ފޯރުކޮށްދޭ މީހަކަށް ނަފާ ބަދަލުވީ ކޮން ހިސާބަކުން ހެއްޔެވެ؟ މިއީ އޭނާއާ ބެހޭ ގޮތުން އުފެދިދާނެ ސުވާލެކެވެ. އެކަމަކު މިއީ ވެސް އޭނާއަށް ތަފާތު ތަޖުރިބާއެކެވެ. އަދި ހަޔާތުގައި ކުރި މުހިއްމު ދަތުރެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ޒުވާނުން މި ކިޔާ 'ކޯޕަރޭޓް ބާންއައުޓް' ތަޖުރިބާކުރި

ނަފާގެ އުމުރުގެ އެހެން ޒުވާނުންނެކޭ އެއްގޮތަށް ޑިގްރީ ނިންމާ، އޭނާ ވެސް މަސައްކަތް ފެށީ އަހަރެމެން މިކިޔާ 'ކޯޕަރޭޓް ދިވެހިރާއްޖޭ"ގަ އެވެ. އަބަދުވެސް ޑެޑްލައިނެވެ. ނޭވާ ހޮޅިއަށް އެޅިގެންނެވެ. ނުކަތާ ވަރަށް މަސައްކަތް އަޅާލާ އިރު މެނޭޖަރު މީހާ އެހާ މައިކްރޯ މެނޭޖްކުރެ އެވެ. މަސައްކަތްކުރަން ފޯރުކޮށްދޭނީ މަދު އަދި އެކަށީގެން ނުވާ ވަސީލަތްތަކެވެ. އެކަމަކު ޕާފޮމަންސް ސަތޭކަ ވާން ޖެހޭނެ އެވެ.

ބެޗިލާސް އޮފް ހިއުމަން ރިސޯސް ފުރިހަމަކޮށްފައިވާ ނަފާގެ 'ކޯޕަރޭޓް ދިވެހިރާއްޖޭ'ގެ ވަޒީފާ އިތުރަށް ތަފާތުވީ، އޭނާ ފުރަތަމަ މަސައްކަތްކުރަން ފެށީ ދިވެހި އަންހެނުން ނިސްބަތުން މަދު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގަ އެވެ.

ޓުއަރިޒަމް ދާއިރާގައި އަދާކުރި ވަޒީފާ ދޫކޮށްލާ އާޓް މަސައްކަތަށް ވަނީ ހުސްވެފައި
މިއިން ކޮންމެ ކުރެހުމަކީ ކޮންމެވެސް އިހުސާސެއް

ނަފާ ބުނާ ގޮތުގައި އޭނާ ވެސް ބާންއައުޓް އިހްސާސްކުރެވުނެވެ. ހަޔާތުގެ އެންމެ  ޕްރައިމް ދުވަސްކޮޅު ބޮޑު ސިންގާ ކުންފުންޏެއްގައި ކުންފުނީގެ އިސް ވެރިންގެ ފައިދާ ބޮޑުކޮށްދޭން ދާ އޮހޮރުވާލައިގެން ބުރަކޮށް މަސައްކަތްކޮށް، 20 އަހަރު ހޭދަކޮށްފައި ވެސް އަނބުރާ ގެއަށް ދާން ޖެހެނީ ހުސް އަތާ ބަރު ހިތަކާ އެކު އެވެ.

ނަފާ ބުނާ ގޮތުގައި މީހެއްގެ ނަފްސަކީ ނުވަތަ ގަދަރަކީ ހަމައެކަނި އޭނާ އަދާކުރާ ވަޒީފާ އާއި މަގާމަށް ވުރެ މާ ބޮޑު އެއްޗެކެވެ. އެހެންކަމުން އޭނާ ގަސްދުކުރީ އިންސާނުންގެ ރޫހު ބޮޑުކޮށްދޭ ކަހަލަ މަސައްކަތެއް ކުރުމަށެވެ. އޭނާއަކީ އާޓިސްޓެކެވެ.

އޭނާގެ އުފެއްދުންތެރި ނުވަތަ އާޓަކީ އޭނާގެ އަމިއްލަވަންތަކަމާއި އަމިއްލަ ޝަހުސިއްޔަތު ދައްކާލާށާއި ކުރިމަތިވާ ހާލަތްތަކާއި ޑީލްކުރުމަށް ބޭނުންކުރާ ވަސީލަތެކެވެ. އެހެންކަމުން  ދިރިއުޅުމުގައި ކުރިމަތިވާ މާޔޫސްކަމަކުން އަރައިގަންނަން ނަފާ ބަރޯސާވަނީ އާޓަށެވެ. އޭނާ އެހެން މީހުންނަށް ވެސް ދަސްކޮށްދެނީ މިކަން ކުރާށެވެ.

ތެރަޕިއުޓިކް އާޓަކީ ކޮބާ؟

ނަފާގެ މަސައްކަތުގެ ތަފްސީލް ކުރު ގޮތަކަށް ކިޔައިދެމުން ބުނީ އޭނާ ހަމައެކަނި ދަސްކޮށްދެނީ ކުރަހަން ނުވަތަ ކުލަޖައްސަން ނޫން ކަމަށެވެ. އޭނާ ދަސްކޮށްދެނީ މީހުންނަށް ދިރިހުރުމަށެވެ. ޔޯގާ އާއި ކަސްރަތުން މީހާގެ ނާވަސް ސިސްޓަމް ރީބެލެންސްކޮށްލާ ގޮތަށް ތެރަޕިއުޓިކް އާޓަކީ ވެސް އެފަދަ އެއްޗެކެވެ. މީހާގެ ނާވަސް ސިސްޓަމް ބެލެންސްކޮށްލާ ސިކުނޑި އާއި ހިތާއި ހައްޓަށް ލުއި ހޯދައިދެ އެވެ.

ނަފާގެ ކުރެހުމެއް
ނަފާ ބުނާ ގޮތުގައި ތެރަޕީގައި ހަދާ އާޓުގައި ވަކި ފެންވަރެއް ހުންނާކަށް ނުޖެހޭނެ

މިވަގުތު ނަފާ އަންނަނީ ޑިޕްލޮމާ އިން އާޓް ތެރަޕީ، ހާއްސަކޮށް އާއިލާތަކަށް ފޯކަސްކޮށްގެން ފުރިހަމަކުރަމުންނެވެ. މިއީ އޭނާ ބުނާ ގޮތުގައި އަމިއްލަ ނަފްސަށް ވެސް ބޮޑު އެހީތެރިކަމެކެވެ. ކުޑައިރު ކުރިމަތިވި ނަފްސާނީ އަނިޔާއަކުން އޭނާއަށް ވަނީ އާޓް ތެރަޕީގެ އެހީގައި އަރައިގަނެވިފަ އެވެ.

 ނަފާ ބުނާ ގޮތުގައި އާޓް ތެރަޕީ އަހަރެމެންގެ މުޖުތަމައުއަށް ވަރަށް މުހިއްމެވެ. ސަބަބުތައް ބައިވަރެވެ. އޭނާ ފާހަގަކުރީ ބެލެނިވެރިންނާއި މި ޖީލުގެ ކުދިންނާ އޮންނަ ގުޅުން ހީނަރުވެފައި އޮންނަ އިރު ތެރަޕިއުޓިކް އާޓުން މި ގުޅުންތައް ބަދަހިކުރަން އެހީތެރިވެދޭ ކަމަށެވެ. އެއީ ގުޅުން ބަދަހިކޮށްދޭ ފާލަމެއް ގޮތަށް އޭނާ ސިފަކުރި އެވެ.

"އާޓް ތެރަޕީއަކީ ގުޅުން ބަދަހިކޮށްދޭ ތަފާތު ކުލައިން ފުރިފައިވާ އަދި ތެދަށް ދަމާ ރޮނގުތަކެއް ހިމެނޭ ފާލަމެއް. އަދި ދުވަހަކު ވެސް އައުޓްޑޭޓް ނުވާނެ ޓޫލެއް،"  ނަފާ ސިފަކޮށްދިނެެވެ.

އަމިއްލަ ނަފްސަށް ވެސް ލިބުނީ ލުޔެއް

އާޓުން މީހާގެ ހިތާއި ސިކުނޑިއަށް ލުއި ހޯދޭނެކަން ދެނެގަނެވުނު ހިސާބުން ނަފާ އައީ އަމިއްލައަށް ވެސް މިކަން ކުރަމުންނެވެ. ބޮލަށާއި ހިތަށް އުނދަގޫވާ ފަހަރުތަކުގައި އެކި މީޑިއަމް ބޭނުންކޮށްގެން އެ ހިޔާލުތައް އާޓްގެ ގޮތުގައި ކަރުދާހަށް ތިިރިކުރަނީ އެވެ. އާޓުގެ ތެރެއިން ނަފްސާނީ ގޮތުން ހަމަޖެހުން ގެނެސްދޭކަން ތަފާތު އެކި ދިރާސާތަކުން ސާބިތުކޮށްދެ އެވެ. މިއީ ނަފާގެ ލޯބި އޮތް މަސައްކަތެއްކަން އެނގުނު ހިސާބުން، ފުލްޓައިމް  ވަޒީފާއެއްގެ ގޮތުގައި ކުރަން ބޭނުންވި އެވެ. އެހެންވެ އޭނާގެ ކުރީގެ ވަޒީފާ ދޫކޮށްލައި،  ތެރަޕިއުޓިކް އާޓަށް ހުސްވީ އެވެ.

ނަފާއަށް އާޓް ތެރަޕީގެ ސަބަބުން ލުއިތަކެއް ލިބުނު

"13 މަސްވަންދެން އެއްވެސް އާމްދަނީއެއް ނުލިބި، މަންމަމެންނާ އެކު ދިރިއުޅެމުން ދިޔައިން. އޭރު ވެސް، އައީ އާޓް ތެރަޕީ އަމިއްލައަށް ޕްރެކްޓިސް ކުރަމުން،" ނަފާ ބުންޏެވެ.

 އާޓިސްޓެއް ކަމަށް ގަބޫލުނުކުރާ ކްލައިންޓުން އެކަން ދަސްކޮށްދޭން ފިހި ނަގައި ކުރަހާ ކުލަޖައްސައިދެ އެވެ. އަނެއް ބަޔަކު ޅެމެއް ލިޔެ ނުވަތަ ކޮންމެވެސް ކަހަލަ މަންޒަރެއް ކުރަހާލަ އެވެ. ބައެއް ވަރަށް ބޮޑަށް ޖަޒުބާތީވެ އެވެ. ރޮވޭ ގޮތް ވެސް ވެ އެވެ. އެމީހުންގެ ހަޔާތުގައި އެތައް ދުވަހެއް ވަންދެން ހިފަހައްޓައިގެން ހުރި އިހުސާސްތަކެއް ދޫކޮށްލަން ލިބޭ ފުރުސަތަކަށް އޭނާގެ އެ ސެޝަންތައް ވަނީ އެވެ.

ބައެއް މީހުންނަށް ދިރިއުޅުމުގައި ދިމާވެފައި ހުންނަ އެކި ކަންކަމުގެ ސަބަބުން އަމިއްލަ ނަފުސު ކުށްވެރިކުރުން، ޕޯސްޓް ޓްރޮމެޓިކް ސްޓްެރެސް، ލަދުގަތުން، އަދި ބިރު ފަދަ އިހުސާސްތައް ހިފަހައްޓައިގެން އެތައް ޒަމާނަކު އުޅެ އެވެ. އެކަމަކު އެ އިހުސާސްތައް ބަންޑުންކޮށްލަން އާޓް ތެރަޕީ އެހިވެދެ އެވެ.

"ކޮންމެ މީހަކީ ވެސް އާޓިސްޓެއް"

ނަފާ ބުނާގޮތުގައި ގިނަ މިހުން ކުރެހުމާއި އާޓާ ދުރީ އެ ހުނަރު ފުރިހަމަ ނޫންކަމަށް ދެކޭތީ އެވެ. ނުވަތަ ހަޑިކޮށް ހެދިދާނެތީ އެވެ. އެހެން މީހުން ގަބޫލުކުރާ ފެންވަރު ނުހުރެދާނެ ކަމަށް ދެކެނީ އެވެ.

"އަހަރެންގެ ސެޝަންގެ އެންމެ ފައިނަލް ޕްރޮޑަކްޓެއް ނޫން މުހިއްމީ. އާޓް ހަދާ ވަގުތުކޮޅު،" ނަފާ ބުންޏެވެ.

މިިއީ ހިނދުކޮޅަކަށް ނަމަވެސް މީހާ ހަމަޖެހިލައި، ކުރިމަތީގައި އޮންނަ ހުދު ކަރުދާހަށް ހުރިހާ ސަމާލުކަމެއް ދޫކޮށްލާ ވަގުތުކޮޅެކެވެ. 

ތިމަންނައަކީ މޮޅު ކުރެހުންތެރިއެއް ނޫނޭ، 'އިމްޕޮސްޓައެއް' ގޮތުގައި ހީވަނީ އެހެން މީހުންގެ ފެންވަރާ ހަމައަށް ދާން އުޅޭތީ ކަމަށް ނަފާ ބުންޏެވެ. ނަމަވެސް އޭނާ ގަބޫލުކުރާ ގޮތުގައި މި މަސައްކަތް ކުރާ އިރު ފެންވަރަކީ އަމިއްލަ ނަފްސަށް ތެދުވެރިވުމެވެ.

ކާމިޔާބީތަކާއި ގޮންޖެހުންތައް ގިނަ. އެކަމަކު ވެސް ކުރިއަށް

އެސޯސިއޭޝަން އޮފް ވިމަން އެމްޕަވަމަންޓް އިން ބޭއްވި ކްލޯތްސްލައިން ޕްްރޮޖެކްޓްގައި ނަފާ އާޓް ތެރަޕީ ސެޝަނެއް ނަގައިދެނީ

އެސޯސިއޭޝަން އޮފް ވިމަން އެމްޕަވަމަންޓުން މިދިޔަ އަހަރު ހިންގި ދަ ކްލޯތުލައިންސް ޕްރޮޖެކްޓްގައި ނަފާ ވަނީ ބޮޑު ގުރޫޕަކަށް އާޓް ތެރަޕީ ސެޝަނެއް ނަގައިދީފަ އެވެ. އެ ސެޝަނުގެ ބައިވެރިން އެމީހުންގެ މަސައްކަތާއި ސެޝަންއާ މެދު ދުށް ގޮތާއި ނަޒަރިއްޔާތުގެ ސަބަބުން ނަފާއަށް މި މަސައްކަތްކުރަން ބޮޑު ހިތްވަރެއް ލިބުނެވެ.

މިއީ ރާއްޖޭގައި މުޅިން އާ ދާއިރާއެއް ކަމުން ލިބޭ އަމްދަނީ އަދި އެންމެ ރަނގަޅެއް ނޫނެވެ. ނަމަވެސް ނަފާ ހުރީ އޭނާއަށް ލުއި ލިބުނު ގޮތަށް އެހެން މީހުންނަށް ވެސް އޭގެ ފައިދާތަކެއް ހޯދައިދޭން އެ މަސައްކަތުން ދުރުވާ ގޮތަކަށެއް ނޫނެވެ.

ފިކުރަކުން އަރައިގަތުން ނުވަތަ 'ހީލް' ވުމަކީ އުނދުގޫ އަދި ތަކުލީފު ބޮޑު ކަމެއް ނޫނެވެ. ނަފާގެ ގޯލަކީ އަަހަރެމެންގެ ތެރޭގައި އަބަދު ވަރުބަލިވެފައި ނުވަތަ މާޔޫސްކަންމަތީ ތިބޭ ތިބުން ނިމުމަކަށް ގެނެސްދީ ކޮންމެ މީހަކަށް ވެސް އެމީހެއްގެ އެންމެ 'ބެސްޓް ވާޝަން'އަށް އުޅުމުގެ ފުރުސަތު އާޓް ތެރަޕީ ބޭނުންކޮށްގެން ހޯދައިދިނުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް