ގުޅީ ކައުންސިލަރު ނޫމާ މުހައްމަދު އެ ރަށު އިސްރަށްވެއްސަކާ އެކު: ކޮންމެ އަހަރެއްގެ 1 އޮކްޓޯބަރު އޭނާއަށް ވެސް ވަރަށް ހާއްސަ

އާންމު ހިދުމަތް

ނޫމާ މި ދުވަހުގެ ކޮންމެ ސިކުންތެއް، ގުޅީގެ ދޮށީ މީހުންނާ އެކު

އެއީ އުދަބާނި ފަދަ ފިލްމުތަކުގެ މޭކަޕް އާޓިސްޓް. މިހާރު ގުޅީ ކައުންސިލަރެއް. އިސްރަށްވެހިންގެ ދުވަހުގެ ކޮންމެ ސިކުންތެއް ނޫމާ ހޭދަކުރައްވަނީ ގުޅީގެ އެ އުމުރުގެ މީހުންނާ އެކު
2 އޮކްޓޯބަރު 2025
2

ގިނަ މީހުން އޭނާ ދަންނާނީ މޫނުތަކުގެ ސިފަ ރީތިކޮށްދޭ އާޓިސްޓެއް ގޮތުގަ އެވެ. ފިލްމީ ތަރިންނަށް ކޮށްދިން މޭކަޕްތަކުންނެވެ. ބިރުވެރި، އަނިޔާވެރި ފިލްމުތަކުގެ ސްޕެޝަލް އެފެކްޓް މޭކަޕް އާޓިސްޓެއް ވެސް މެ އެވެ.

އުދަބާނި ފަދަ ފިލްމުތަކުގެ މޭކަޕް އާޓިސްޓް ނޫމާ މުހައްމަދު، 29، ގެ ހަޔާތުގެ ބޮޑު ބަޔަކީ ފަންނީ އެ މަސައްކަތެއް ނޫނެވެ. އޭނާގެ ހަޔާތުގެ ފޮތުގައި އިޖުތިމާއީ ހިދުމަތުގެ ސޮފްހާތައް ވެސް ގިނަ އެވެ.

ސިއްހީ އެހީތެރިކަމާއި ޖަމާއަތްތެރިކަމުގެ ހިދުމަތުގެ ތަމްރީން ވެސް ހޯއްދަވާފައިވާ ނޫމާއަށް އެއީ ހިތްހަމަޖެހުމެވެ. ހިތަށް ތަސައްލީތަކެއް ގެނެސްދެ އެވެ.

މި ވަގުތު އޭނާއަކީ ކ. ގުޅީ ކައުންސިލްގެ އެއް މެމްބަރެވެ. ރަށަށް ބޭނުންވާ ރަސްމީ އެތައް ހިދުމަތެއްގައި އޭނާ ހުންނަވަނީ ކުރީ ސަފުގަ އެވެ.

ނޫމާގެ އިޖުތިމާއީ ޝައުގުވެރިކަމުގައި ވަރަށް ތަފާތު ހަރަކާތެއް ކޮންމެ އަހަރަކު ހިންގަވަ އެވެ. އެއީ ކޮންމެ އަހަރެއްގެ 1 އޮކްޓޯބަރުގައި ފާހަގަކުރާ ދޮށީ އުމުރުފުރައިގެ މީހުންގެ ދުވަހުގަ އެވެ. އެ ދުވަހުގެ ކޮންމެ ސިކުންތެއްހެން އޭނާ ހޭދަކުރައްވަނީ ރަށުގައި ތިބި އެ އުމުރުފުރާގެ މީހުންނާ އެކީ އެވެ.

އެހެން އަހަރުތަކޭ އެއް ގޮތަށް، 1 އޮކްޓޯބަރު، ނުވަތަ އިއްޔެ ވެސް ގުޅީގައި ނޫމާ އެ ހަރަކާތް ހިންގެވި އެވެ. އެ ރަށުގައި އުމުރުން 65 އަހަރަށް ވުރެ މަތީގެ ގާތްގަނޑަކަށް 60 މީހުން އުޅެ އެވެ. މި ހަރަކާތުގެ ތެރެއިން ނޫމާ އެއިން ކޮންމެ މީހެއްގެ ކައިރިއަށް ގޮސް ވަގުތުތަކެއް ހޭދަކުރެއްވި އެވެ. އެ މީހުންނާ އެކު އުފާވެރި ހަނދާންތަކެއް ރައްކާކުރެއްވި އެވެ.

އެ މީހުންނާ ބައްދަލުކުރަން ވަޑައިގަންނަވަނީ ކޮންމެ މީހަކަށް ވެސް ނޫމާގެ ފަރާތުން ހަދިޔާއެއް ހިއްޕަވައިގެންނެވެ.

"އަބަދުވެސް ކުރާހިތްވާ ކަމެއް އެއީ. ދޮށީ އުމުރުގެ މީހުންނާ އެކު ވަގުތު ހޭދަކުރުން. ކަންކަމުގައި އެހީތެރިވުން،" ނޫމާ ވިދާޅުވި އެވެ.

"ދެން އަބަދުވެސް ވިސްނިން، އަހަރަކު އެއް ފަހަރު އެބަ ޖެހެއޭ އެ މީހުންނަށް ހާއްސަވާން. ހަނދާންތަކެއް އުފައްދަން. ހަދިޔާއެއް ވެސް ދޭން."

އިސްރަށްވެހިން ކައިރިއަށް ދަނީ ހަދިޔާ ވެސް ހިފައިގެން

ދ. މާއެނބުދުއަށް އުފަން ނޫމާގެ އުމުރުން 13 އަހަރުގައި ގުޅިއަށް ބަދަލުވި އެވެ. އާއިލީ ކަމެއް މެދުވެރިވެގެންނެވެ. މިހާރު އޭނާ ވަނީ ގުޅީގެ ޒުވާނަކާ އެކު ޒަވާޖީ ހަޔާތެއް ވެސް ފައްޓަވައިފަ އެވެ. އޭނާއަކީ ގުޅީ ރައްޔިތުންނަށް ރަށުގެ އަމިއްލަ ދަރިއެކެވެ.

މިއީ މިހާރު އޮތް ކައުންސިލްގެ ފަހު މަސްތަކެވެ. ގުޅީ ކައުންސިލް މެންބަރެއްގެ ގޮތުން އޭނާގެ ހަނދާނުގައި އެންމެ ބޮޑަށް ކަނޑާނެގިފައި ވަނީ، ނޫމާ ވިދާޅުވި ގޮތުގައި، މިދިއަ ބުދަދުވަހުގެ ހަނދާންތަކެވެ. އެއީ ކައުންސިލް މެންބަރެއްގެ ގޮތުގައި އޭނާ އެ ހަރަކާތް ހިންގަވާނެ ފަހު ފަހަރެވެ.

އިއްޔެ ހެނދުނުން ފެށިގެން ރޭގަނޑާ ހަމައަށް، މުޅި ދުވަސް ހޭދަކުރެއްވީ އެ ހަރަކާތުގަ އެވެ.

"އަޅުގަނޑު އިސްނަގައިގެން ކޮންމެ އަހަރަކު، އަޅުގަނޑުގެ އަމިއްލަ ކަމެއްގެ ގޮތުގައި މިކަން ކުރަނީ. ގިފްޓް ޕެކް ވެސް ފުރަތަމަ އަހަރުތަކުގައި އަމިއްލައަށް ހަރަދުކުރީ. މި ފަހަރު އާއިލާގެ ތެރެއިން ވަރަށް ގިނަ އެހީތެރިކަމާއި ފަންޑް ވެސް ލިބުނު،" ނޫމާ ވިދާޅުވި އެވެ.

ނޫމާ ވިދާޅުވަނީ އިސްރަށްވެހިންގެ ފަރާތުން ލިބޭ މައުލޫމާތު މުހިންމު ކަމަށް (ފޮޓޯ/ ނޫމާ)


"އަޅުގަނޑު އެ މީހުންނާ ބައްދަލުކޮށް، އެ މީހުންނާ އެކު، އެކި ވާހަކަތައް ދައްކާލައި، ހާލު ބަލައިލާ ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވޭ. ރަށުގައި ނޫޅެންޏާ ވެސް އާއިލާ ކައިރިއަށް ގޮސް މި ހަދިޔާ ރައްދުކުރަން،" ނޫމާ ވިދާޅުވި އެވެ.

އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވެސް ދޮށީ އުމުރުގެ މީހުންގެ ފަރާތުން ލިބޭ އެކި މައުލޫމާތުތަކެވެ.

"ވަރަށް އުފާވޭ. ވަރަށް އުފާވޭ، މިހެން ބައްދަލުވެ ވާހަކަ ދައްކާލެވުމުން. ދެން ދެރަވާ ފަހަރު ވެސް އާދޭ. އެއީ ވާހަކަ ދައްކާތާ ދުވަސްތަކެއް ފަހުން އެއިން ބޭފުޅަކު ނިޔާވީމަ އަޅުގަނޑު ހިނަވަން ވެސް އުޅެން ޖެހޭތީ. އެކަމަކު އެ ފުރުސަތު ލިބޭތީ ހިތްހަމަޖެހުމެއް ވެސް ލިބޭ ކޮންމެވެސް ވަރެއްގެ،" ނޫމާގެ ހާއްސަ އިހުސާސްތަކާ ބެހޭ ގޮތުން ވިދާޅުވި އެވެ.

ގުޅީ އިސްރަށްވެއްސަކާ އެކު ނޫމާ: އިއްޔެ މުޅި ދުވަސް ހޭދަކުރެއްވީ މި ހަރަކާތުގައި (ފޮޓޯ/ ނޫމާ)

ވަކި ރަށެއް ވަކީ މީހެއް ނުބަލައި އިޖުތިމާއީ ރޫހުގައި ނޫމާ ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ފާހަގަކޮށްލަން ޖެހޭ އެހެން ކަމެއް ވެސް އެބަ އޮތެވެ. އެއީ ސިއްހީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދެއްވަން އާސަންދަ އާއި އެންސްޕާއަ ގުޅޭ ކަންކަމަށް އަމިއްލަ ޑެސްކެއް ބެހެއްޓެވުމެވެ.

މިހާތަނަށް އޭނާ ވަނީ އެ ހިދުމަތްތައް ޖުމްލަ ހަތް އަތޮޅަކަށް ފޯރުކޮށްދެއްވައިފަ އެވެ. މިފަދަ ހިދުމަތްތައް ފޯރުކޮށްދެއްވުމަކީ، ނޫމާ ވިދާޅުވި ގޮތުގައި، އަމިއްލަ ނަފުސަށް ވެސް އޮތް ހަމަޖެހުމެކެވެ.

ގުޅީގެ ދޮށީ އުމުރުގެ ވަރަށް ގިނަ މީހުން ވެސް ނޫމާގެ އެހީތެރިކަން ފާހަގަކުރެ އެވެ.

"ވަރަށް އުފާވޭ. އަހަރެމެންނަކީ ވެސް އުޅޭ ބައެއް ކަން ދަނެގެން ތި ގޮތަށް އަމިއްލައަށް އިސް ނަގައިގެން މި ކަަހަލަ ކަމެއް ކުރާތީ" ނޫމާއާ ބެހޭ ގޮތުން ގުޅީގެ މީހެއް ކަމަށްވާ ހަނީފް ބުންޏެވެ.

އެހެން މީހެއް ކަމަށްވާ ހާދީ އެދުނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ކުރިމަތިލެއްވުމަށެވެ.

"އަޅުގަނޑުމެން ވަރަށް ހަނދާންވާނެ ނޫމާ މަތިން. ދައުރު ނިމުނަސް ތި ގޮތަށް ހާލު ބަލަން އަންނަން ވާނެ. ވަރަށް ހިތްހަމަޖެހޭ ތި ކަހަލަ ކުއްޖެއް ހުންނާތީ،" ހާދީ ބުންޏެވެ.

ގުޅީ އަންހެނެއް ކަމަށްވާ ފަރީދާއަށް ނޫމާ ސިފަކުރެވެން އޮތީ "އަހުލާގު ރަނގަޅު، އެންމެނަށް ހިތްހެޔޮ ދަރިއެއް"ގެ ގޮތަށެވެ.

"އަބަދުވެސް އުމުރުން ދުވަސްވީ މީހުންނަށް އަޅާލައި ހާލު ބަލާ އޯގާތެރި، އަމިއްލައަށް އިސް ނަގައިގެން އެ މީހުންނަށް ޒިޔާރަތްކޮށް ހާލު ބަލާތީ ވަރަށް އުފާވޭ،" ފަރީދާ ބުންޏެވެ.

ގުޅީ ރައްޔިތުންގެ ފަރާތުން އެކަހަލަ ބަސްތައް އިވިވަޑައިގަންނަވާތީ ނޫމާ އުފާވެ އެވެ. ހަގީގަތުގައި އޭނާއަށް އެ ތައުރީފް އެ އަންނަނީ ހިތްހެޔޮ ބޭފުޅަކަށް ވެފައި، ކޮންމެ މީހަކު ކަމަކަށް އެދުނަސް އެކަމެއް ކޮށްދެވޭތޯ ކުރައްވާ މަސައްކަތެވެ. 

ހަމައެކަނި ގުޅީ ރައްޔިތުންނަކަށް ނޫނެވެ. ނޫމާއަކީ އެ ރަށަށް އެކި ކަންކަމުގައި ޒިޔާރަތްކުރާ އެހެން މީހުންނަށް ވެސް އެހީތެރިއެކެވެ. މީހަކަށް ނުވަތަ ބަޔަކަށް އެހީތެރިވުމަކީ އޭނާގެ ހާއްސަ ލޯތްބެކެވެ. ދޮށީ އުމުރުގެ މީހުންނާ އެކު ވަގުތު ހޭދަކުރެއްވީ ވެސް އެ ލޯބީގެ ސަބަބުންނެވެ.




ކޮމެންޓް (2)

ޢީޟާ

3 އޮކްޓޯބަރު 2025
ހާދަ ލޯބި ކުއްޖެ.
0 0

މަހްރީން

3 އޮކްޓޯބަރު 2025
މަންމަ! ވ ލޯބިވޭ. ޒޯ ޒޯ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް