އިބްރާހިމް ހަނޫން ފަތުހުﷲ 'ދައުރު'އަށް އިންޓަވިއު ދެނީ - (ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
3 ބަހުން ޅެން ލިޔަމުން، ހަނޫން މި އުޅެނީ ޅެމުގެ ދުނިޔެއަަކަށް މީހުން އެއްތަންކުރަން
މީގެ އަހަރުތަކެއް ކުރި އެވެ. މާމަ މަރުވުމުގެ ހިތާމައިގައި، އޭނާގެ އިހުސާސްތައް ދުނިޔެއަށް ބޭރުކޮށްލީ ޅެމެއްގެ ޒަރީއާއިންނެވެ. މާމަގެ ހަނދާނުގައި އިނގިރޭސި ބަހުން ލިޔެލީ ޅެމެކެވެ. އަސަރު ކުރަނިވި، ތަފާތު އުފެއްދުންތެރި ޅެމެކެވެ. ޅެން ގެނެސްދީފައިވާ ނަޒަރިއްޔާތު ތަފާތު ވެފައި، އޭގެ އޮނިގަނޑު އަސަރު ގަދަ އެވެ.
އެ ޅެމުގައި މަރު އައިސް އިބްރާހީމް ހަނޫން ފަތުހުﷲއާ ވާހަކަ ދައްކަ އެވެ. މަރު އޭގެ ޒާތުގައި އިންސާނެއް ގޮތަށް ވާހަކަ ދައްކަމުން ވިސްނައިދެނީ މީހަކު ދުނިޔެ ދޫކުރި ނަމަވެސް މަރު ގޯސްނުކުރުމަށެވެ.
މަރު ކޮންމެ މީހަކާ ވެސް ބައްދަލުކުރާނެ ކަމެވެ. އެއީ ތަގުދީރުގައި ލިޔެފައިވާ ފަހު ސަފުހާ އެވެ. ދިރިއުޅުމާއި ހަޔާތް ފުރިހަމަ ވަނީ އެ ސަފުހާ ވެސް ހިމެނިގެނެވެ. މަރަކީ ބަލާއާފާތެއް ނޫނެވެ. ހަގީގަތުގައި، މަރަކީ ރަހުމަތެކެވެ. ހުތުރު، ބިރުވެރި، ހިތާމަވެރި ގޮތަކަށް މަރާ މެދު ނުދެކޭށެވެ. މަރު އައިސް އަދާކުރީ އޭނާާއާ ހާވާލުކޮށްފައިވާ ޒިންމާ އެވެ. އެހެންވެ، ތިމަންނައާ މެދު ހިތްބަރު ކަމެއް ނުގެންގުޅުމަށް ދޭހަވާ ގޮތަކަށް މަރު ހަނޫންއާ ދިމާއަށް ބުނާ ފަދަ ގޮތަކަށެވެ.
"އެންމެ ހަނދާންވާ ޅެމަކީ ވެސް އެއީ. އެންމެ ފުރަތަމަ ލިޔުނު އަމިއްލަ ޅެން. އަދި އަހަރެންނާ ގާތް ހާއްސަ މީހަކު ނިޔާވުމުން އެ ކަމަށް ހާއްސަކޮށް ލިޔުނު ޅެމެއް އެއީ،" ހަނޫން ބުންޏެވެ.
ހަނޫން، 20، ޅެމުގެ ދުނިޔެއެއްގެ ތެރެއަށް ވަދެވުނީ ސިކުނޑިއަށް އެއްވާ ހިޔާލުތައް ތަފާތު ގޮތަކަށް ދޫކޮށްލެވޭ ބަހުރުވައަކަށް ޅެން ބަހުރުވަވެގެނެވެ. ހިތާމައެއް ވެސް ޅެން ބަހުރުވައިން ފާޅުކުރާއިރު، ހަނޫންެއަށް، އިހުސާސް ވަނީ އިސްގީ ރީތި ވައްޓަފާޅިއަކުން އެ އިހުސާސްތައް ބޭރުކޮށްލެވޭ ކަމުގަ އެވެ. އަދި އެއީ ކަމަކާ މެދު އޮތް ނުރުހުމެއް ފާޅުކުރިއަސް ވެސް، ކޮންމެ އިހުސާސެއް ވެސް މަޑުމައިތިރި ހިމޭންކަމާ އެކު ފާޅުކުރެވެ އެވެ.
"މަރު ވިއަސް. ހިތާމައެއް ވިއަސް. ނުރުހުމެއް ވިއަސް. ކޮންމެ ފީލިންއެއް ވެސް ވަރަށް ރީތިކޮށް ރޮމޭންޓިސައިޒްކޮށްލާ ޕޮއެޓްރީ،" ހަނޫން ބުންޏެވެ.
އަހަރުތަކެއް ވަންދެން ފުރަތަމަ މިހެން ލިޔުނު ޅެންތައް އޭނާ އެއްވެސް ވަރަކަށް ސޯޝަލް މީޑިއާގައި ޕޯސްޓެއްނުުކުރެ އެވެ. އަޖުމަ ބަލައިލުމުގެ ގޮތުން ވެސް ފުރަތަމަ ދޫކޮށްލި ޅެމަކީ އޭނާގެ ފުރަތަމަ ޅެމެވެ. ޅެން ގިނަ ބަޔަކަށް ކަމުދާން ފެށުމުން، މި ގޮތަށް ޅެން ޕޯސްޓްކުރަން ހިތްވަރު ލިބުނެވެ. މިހާރު ދޭތެރެއަކުން އިންސްޓަގްރާމުގައި ހަނޫން ޅެން ޕޯސްޓްކުރެ އެވެ.
ޅެމުގެ ދުނިޔެއެއްގައި އުޅެމުން ދަނިކޮށް ހަނޫންެއާ ދިމާވަނީ އޭނާ ފަދަ އެހެން ޅެންވެރިންތަކަކާ އެވެ. އަދި ޅެންވެރިކަމާއި ޅެން އަޑުއެހުމަށް ލޯބިކުރާ މީހުންނާ ވެސް އޭނާއާ ދިމާވަމުން ދިޔަ އެވެ. ތަފާތު މި މީހުނާ ދިމާވެ، ހަނޫން އާއި އެކުވެރިންތަކެއް ކުރަން ފެށި ކަމަކީ ޅެންވެރި ދުނިޔެއަކަށް އެއްތަންކޮށްލުމެވެ. ޕޮއެޓްރީ ކިޔާ ސެޝަންތަކުގެ އިވެންޓްތަކެއް ބޭއްވުމެވެ.
"އަހަންނާ ދިމާވި މި ކޮންމެ އެކުވެރިއަކު ވެސް އެބަހުރި ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން މި ކަހަލަ ޕޮއެޓްރީ ރިޝައިޓިން އިވެންޓަކަށް ދެވިފައި، ދެން ރާވަން ފެށީ ރާއްޖޭގައި ވެސް މީގެ އިވެންޓްތަކެއް ބާއްވަން،" ހަނޫން ކިޔައިދިނެވެ.
ޅެންވެރިކަމުގެ ތެރެއަށް ހަނޫން ވަދެގެން ދިއުމަށް، އެންމެ ބޮޑު ދައުރެއް އަދާކުރީ އޭނާ ޕާކިސްތާނުގައި އަހަރުތަކަކަށް އުޅުނު ދުވަސްވަރެވެ. ޕާކިސްތާނަކީ އަދަބިއްޔާތުގެ ރޮނގުން އަރާ އޮތް ގައުމެކެވެ. ފުރަތަމަ އުރުދޫ ބަސް ހަނޫންއަށް ފަހުމެއް ވެސް ނުވެ އެވެ. ނަމަވެސް އުރުދޫ ބަސް ދަސްވަމުން ދިޔަވަރަކަށް ހަނޫން އެ ބަސް ދެކެ ލޯބިވެވެން ފެށި އެވެ. އުރުދޫން ޅެން ކިޔާ އިވެންޓްތަކަށް ގޮސް އޭނާއަށް ކުރެވެން ފެށީ ކުރިން ނުކުރެވޭ އިހުސާސްތަކެކެވެ.
"އަރަބި ބަސް ކުރިން ވެސް ދަސްކޮށްފައި ހުރީ. އުރުދޫ ބަސް ދަސްވެއްޖެ ޕާކިސްތާނުގައި އުޅެމުން. އަރަބި ބަހުންނާއި އުރުދޫން ވެސް ޅެން ލިޔަން،" ހަނޫން ބުންޏެވެ.
ހަނޫނުގެ އެކުވެރިން، އިއުފާ، ޝަހާ، މަނާލް، ރުހާ، އަދި ޔަޝްމީ އެކުވެގެން މިހާރު ދޭތެރެއަކުން އެ ގޮތަށް ޅެން ކިޔައި ޅެން އަޑުއަހާ ގޮތަށް އިވެންޓްތައް ބާއްވަ އެވެ.
"ހަނޫންއަށް އޭގެ އިންސްޕެރޭޝަނަކީ ޕާކިސްތާނުގައި މި ދެވުނު ޝާއިރީ އިވެންޓްތައް. މުޅިން އެހެން ދުނިޔެއަކަށް އަހަންނަށް ވަދެވި މަރުހަބާކީ ކަހަލަ އިހުސާސެއް ވީ. ހާއްސަކޮށް ރީތި ކޮންމެ ޅެމެއްގެ މަދު ޖުމްލަތަކަކަށް އޯޑިއެންސްއިން ތަރުހީބު ދޭ ގޮތް. އެއް ފަހަރު އަޑުއަހާފައި ދެވަނަ ފަހަރު ކުރާއިރު ތަކުރާރު ކުރުމާއި ވާވާ ގޮވުން. ވަރަށް ތަފާތު ތަޖުރިބާއަކާއި މާހައުލެއް އެއީ،" ހަނޫން ބުންޏެވެ.
ހަނޫން ބޭނުންވަނީ އޭގެ ސަގާފަތެއް ރާއްޖޭގައި ވެސް އާލާކުރުމަށެވެ.
އޭނާ ކިޔައިދިން ގޮތުން ނަމަ، މިހާތަނަށް ބޭއްވި އިވެންޓްތަކަށް ލިބުނު ތަރުހީބު ވެސް ބޮޑެވެ. ހަނޫން އާއި އޭނާގެ އެކުވެރިން ވެގެން ގެންދަނީ ފަންޑު ރެއިޒުކުރުމަށް ވެސް މި ކަހަލަ އިވެންޓުތައް ބާއްވަމުންނެވެ. ފަލަސްތީނަށް އެހީ ފޮނުވުމަށް، އަދި އެ މައްސަލާގައި ޅެން ބަހުރުވައިން ހިޔާލު ފާޅުކުރުމަށް މީގެ އިވެންޓެއް ބޭއްވި އެވެ.
ހަނޫން ދެެކެނީ މި ކަހަލަ އިވެންޓްތަކުންނާއި ޅެން ބަހުރުވައިން އޭނާއަށް ވެސް ބަޔަަކަށް ހިތްހަމަޖެހުމެއް ގެނެސްދެވިދާނެ ކަމަަށެވެ.
ކޮމެންޓް (1)
މަބުނީ