އިބްރާހިމް ނާހިދު: އޭނާ އަންނަނީ ގަހުން ވެއްޓި، އަނިޔާވާ ޅަ ދޮންދީނިތަކަށް ފަރުވާދެމުން (ދައުރު ފޮޓޯ/އަބްދުﷲ ފަރާޝް ލުތުފީ)
ނާހިދުގެ ހިމާޔަތުގެ ފިޔަގަނޑު: ދޮންދީނިތައް ވެސް ޝުކުރުވެރިވާނެ
މުހިންމު ނުކުތާތައް
އައްޑޫގައި ރަސްކަންކުރާ ދޮންދީނިތަކަކީ އިންސާނުންނާ ބީރައްޓެހި، އޭގެ އަމިއްލަ ދިރިއުޅުމައިގެން އުޅޭ ދޫނިތަކެއް
އައްޑޫގެ ގިނަ މީހުން ބުނާ ގޮތުގައި ގަހުން ވެއްޓި، އަނިޔާވާ ދޮންދީންޏަކަށް ކާންދީ، ސަލާމަތްކުރުމަކީ ވާނެ ކަމެއް ނޫން
ނަމަވެސް ނާހިދު ވަނީ 40 އަށް ވުރެ ގިނަ ދޮންދީނި ސަލާމަތްކޮށް، އެއީ ފުލޯކު ވާހަކައެއްކަން ސާބިތުކޮށްދީފައި
"ދޮނޫ، އެ އިނީ ދޮނޫގެ ބިޓުތަ؟"
އިބްރާހިމް ނާހިދުގެ އެ ސުވާލަށް ޖަވާބެއް ނުދީ 'ދޮނޫ' އޭނާގެ 'ބިޓު' ގޮވައިގެން އެތަނުން ފިލައިފި އެވެ. އެކަމަކު އަނބުރާ ނާންނަ ގޮތަކަށް ނޫނެވެ. ބޮޑަށް ހީވަނީ 'ބައްޕަ' އެ ސުވާލު ކުރުމުން ލަދުން ފިލީހެންނެވެ.
ނާހިދުއަކީ މިކަހަލަ ބައިވަރު 'ދޮނޫ'އެއްގެ ބައްޕަ އާއި މަންމަ އެވެ. އައްޑޫގައި ދޮންދީނި ފިޔޮކެއް ހާލިން ވެއްޓި، މަގުމަތިވެފައި އޮއްވާ ފެނިއްޖެ ނަމަ އޭނާއަށް ކެތެއް ނުކުރެވެ އެވެ. އެ ހިސާބުން އެއީ އޭނާގެ ދަރިއެކެވެ. ޔަތީމުވާ މިކަހަލަ ދޫނިތަކުގެ ފުރާނަ ސަލާމަތްކޮށްދޭ ޑޮކްޓަރެކެވެ. އޮޅުކޮށްގެން ގެންގުޅޭ ދޫންޏާއި މަސްމަހާމެއްސަށް އޭނާއަކީ ގާތް އެކުވެރިއެކެވެ.
ނާހިދުގެ ހިތުގައި މި ލޯބި އުފެދުނު ހިސާބަށް ދާން އޭނާ އަހަރެން ގޮވައިގެން އުދުއްސައިގަތީ މީގެ 40 ވަރަކަށް އަހަރު ފަހަތަށެވެ. އޭރު އުމުރުން 10 ވަރަކަށް އަހަރުގެ ނާހިދުއަށް މަދަރުސާއަކީ ދޫނި ކޮށްޓެއް ފަދަ، ހާސްކަން ބޮޑު ތަނެކެވެ. އެހެންވެ ކޮންމެ ދުވަހަކު ދަބަސް އަޅައިގެން ގެއިން ނުކުންނަ ގޮތަށް އޭނާ އުދުއްސައިގަންނަނީ އެހެން ދިމާލަކަށެވެ. ބައެއް ދުވަސްދުވަހު 'ވަލުތެރޭ މަދަރުސާ' އަށެވެ. އަނެއްބައި ފަހަރު 'ފަރުމަތީ ކޮލެޖަށެވެ'.
އެތަނުން ކޮންމެވެސް އެއް މަދަރުސާއަކަށް ދިޔަ ދުވަހެކެވެ. ކިޔެވި އެއްޗެއް ކިޔަވައިގެން ގެއަށް އައި މަގުމަތީގައި ނާހިދުގެ ލޮލުގައި އަޅައިގަތީ ބުޅަލެއް، ޅަ ދޮންދީންޏެއްގެ ފިޔަގަނޑުގައި ދަތް އަޅައިގެން އޮތް ތަނެވެ. ދުވެފައި ގޮސް އެ ބުޅާ ފައްސާލުމަށް ފަހު އޭނާ އެ ދުވަހު ގެއަށް ދިޔައީ ދޮންދީނި ނަގައިގެންނެވެ. ބުޅަލުގެ ހަމަލާގައި އެ ސޮރުގެ ފައެއް ބިނދި، އެއް ފިޔަގަނޑު ވެސް އޮތީ ހަލާކުވެފަ އެވެ.
"ދެން އެކަމަކު ވެސް ވަރަށް ވަރުން، ކިރިޔަ ކިރިޔާ، އަނެއްހެން ބުނަންޏާ މަރުނުވެ، ސަލާމަތްވެއްޖެ. ވަރަށް ގިނަ ކަންކަން ކޮށްގެން ސަލާމަތްވީ. އެ އިން ގޮތަށް އިނދެ އަމިއްލައަށް ކާ ވަރުވެ، އުދުއްސައިގަނެގެން އޭނާ ދިޔައީ. މަ ފެންނަ އިރަށް، ސްކޫލުން އަންނައިރަށް އަންނާނެ. އައިސް އިންނާނެ ކައިރީގައި ޖައްސާލައިގެން. ވަރަށް ހިތްހަމަޖެހުނު،" އެންމެ ފުރަތަމަ ދޮންދީނި ސަލާމަތްކުރި ގޮތް ކިޔައިދެމުން ނާހިދު ބުންޏެވެ.
ދޮންދީނި ސަލާމަތެއް ނުކުރެވޭނެ؟ ނޫން، އެއީ 'ހޮޅި' ވާހަކައެއް
އައްޑޫގެ ވަރަށް ގިނަ މީހުން ބުނެ އުޅެ އެވެ – ގަހަކުން ވެއްޓޭ ދޮންދީނި ފިޔޮކެއް ސަލާމަތް ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެ ސޮރުމެންގެ މައިންބަފައިންނާ ވަކިވެއްޖެ ނަމަ، މަރުވެގެންދާނީ ހުއްޓުމެއް ނެތި ކުރާ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގަ އެވެ.
އެކަމަކު އެހެން ބުނާ އެންމެންނަށް ގޮންޖަހައި، އެއީ ފުލޯކު ވާހަކަތަކެއްކަން، ނާހިދު ވަނީ 40 އަށްވުރެ ގިނަ ފަހަރު ސާބިތުކޮށްދީފަ އެވެ. އަދި މި ވީހާ ތަނަށް ނާކާމިޔާބީއާ ކުރިމައްޗެއް ނުވެ އެވެ. ސަލާމަތްކުރި ދޮންދީނީގެ އަދަދު 40އިން މަތިން ގުނާލެވޭއިރު، އެހެން ބާވަތްތަކުގެ ވެސް 50 އަށްވުރެ ގިނަ ދޫންޏަށް އޭނާ ވަނީ ފަރުވާދީފަ އެވެ.
އޭނާ ސަލާމަތްކުރި ފުރަތަމަ ދޮންދީނި އުދުހިގެން ދިއުމާ އެކު ނާހިދު ނިންމީ އެގޮތަށް އަނިޔާ ލިބި، މަގުމަތިވާ ދޫނިތައް ސަލާމަތްކޮށް، އެސޮރުމެންނަށް ރަނގަޅު އެންޓިބަޔޮޓިކެއް ވެސް ހޯދުމަށެވެ. އެކަމަކު އެއީ ދޫންޏަކަށް ދޭނެ ބޭހެއް، އެންޓިބަޔޮޓިކެއް ރާއްޖެއިން ލިބޭ ޒަމާނެއް ނޫނެވެ.
ނާހިދު ކުރި މަސައްކަތުން އޭގެ ހައެއްކަ އަހަރު ފަހުން އަމިއްލަ ބޭހެއް ވުޖޫދުކުރި އެވެ. ވަލުތެރޭ މަދަރުސާ އާއި ފަރުމަތީ ކޮލެޖުން އޭނާ ގުރެޖުއޭޓުވީ ދޫނިސޫފާސޫތްޕަށް ހާއްސަ ދިވެހިބޭހުގެ 'ޑޮކްޓަރެއް'ގެ ގޮތުގަ އެވެ.
"މަ އަމިއްލައަށް ބޭހެއް ތައްޔާރުކޮށްލައިގެން ރަނގަޅު ކޮށްލަން. އަމިއްލައަށް ދިވެހި ބޭސް މި ހަދަނީ. އެކަމަކު އެއްވެސް މީހަކަށް ނޭނގޭނެ، ފޯމިއުލާއެއް ނުބުނެވޭނެ،" އެހެން ބުނިއިރު އަތުގައި ފޯމިއުލާ ފޮތް އޮތް ނަމަ އެ ފޮރުވަން ނާހިދު އޭގައި ބައްދައި ވެސް ގަތީހެވެ.
އަހަންނަށް ވުރެ ޝައުގުވެރިކަމާ އެކު ނާހިދުގެ ވާހަކަތައް ކަނުލާ އަޑުއަހަން އިނީ އޭނާގެ ބޯ ކައިރީގައި ޖައްސާލައިގެން އިން ގުރައެކެވެ. އެ ސޮރު އިނީ 'ހުސްގަޔާ' އެވެ. އެކަމަކު އެއީ ނިދާ ހޭލި ގޮތަށް ނުކުތީމައެއް ނޫނެވެ.
"މިއީ ބަޔަކު ގެންގުޅުނު ގުރައެއް. މި ގުރާ ސްޓްރެސް ވެގެން އޭގެ އަމިއްލަ ގައިގައި ހުރި ފިޔަތައް އަމިއްލައަށް ނައްޓާލީ،" އެ ގުރާގެ ވާހަކަ ކިޔައިދެމުން ނާހިދު ބުންޏެވެ.
"އެ މީހުން ހަދާނެ ގޮތެއް ނޭނގިގެން ވިއްކަން ޖެހިތަނާ މިދިޔަ ރޯދަމަހު މަ އޭތި ގަތީ. މިހާރު ފަތް ފަޅަމުން، ވަރަށް އުފަލުގައި ކައިގެން އެ އުޅެނީ."
ނާހިދު ބުނާ ގޮތުގައި ދޫނީގެ އެއްވެސް ބާވަތެއް ގެންގުޅޭކަށް އޭނާއަށް އުނދަގުލެއް ނޫނެވެ. އެއީ ދޮންދީންޏަކަސް، ގުރައަކަސް މައްސަލައެއް ނެތެވެ. އެކަން ބުނެދެނީ، ސްޓްރެސް ބޮޑުވެގެން، އަމިއްލަ ތުންގަނޑުން ހިފައި، ގައިގެ ހުރިހާ ފަތްތައް ނައްޓައި، 'އޮރިޔާން'ވި ނަމަވެސް މިހާރު އުފަލުން ކައިބޮއި، ބަނޑުފުރައިގެން އުޅޭ ގުރަ އެވެ. އެ ސޮރުގެ ގައިގައި ފަޅަމުން އެ އަންނަ ރަތާއި ނޫކުލައިގެ ކޮންމެ ފިޔައަކީ އޭގެ ހެއްކެކެވެ.
'ދޮންދީނާމެން'ގެ ތަފާތު، އިއްޒަތްތެރި އުޅުން
ދޮންދީނާމެންނަކީ އޭގެ ތަބީއަތުގައި ވެސް ތަފާތު އުޅުމެއް ހުންނަ ބައެކެވެ. އެހެން ދޫނިތަކާ ހިލާފަށް މިއީ ގަސްގަހުގައި ހާލި ހަދައިގެން ބިސް އަޅާ ދޫންޏެއް ނޫނެވެ. އެއަށް ވުރެ އެ ސޮރުމެން މާ ކަންފަސޭހަ އެވެ. ބިސް އަޅާނީ އޮފިގަނޑެއްގެ މައްޗަށެވެ. ދެން އެ އޮފިގަނޑުގައި އިނދެ އެ ބިސް ފީކުރާނެ އެވެ. ތޮށިގަނޑު ފަޅާލުމަށް ފަހު ނުކުންނަ ދޮންދީނި ފިޔޮއް، އަމިއްލައަށް އުދުހެވެންދެން ވެސް އިންނާނީ އެ ތަނުގަ އެވެ. ހަމަ ތުއްތު ވަޒީރު ބޭފުޅެކެވެ.
ހާލި ހެދުމުގައި ކަންނެތް ވިޔަސް، ދަރިންނަށް ކާން ދިނުމުގައި ދޮންދީނާމެންނަކީ ވަރަށް ހީވާގި ބައެކެވެ. ކޮންމެ ދުވަހަކު ދަރިންނަށް ކާންދޭން ނައްޓާލާނީ މަހަށެވެ. ކަނޑުމައްޗަށް ނުކުމެ މަސް ހިފައިގެން ގެނެސް، ތަހުތުގައި އިންނަ އެއްކަލަ ތުއްތު ބޭފުޅާގެ ތުނބަށް ލަވައިދެ އެވެ. އަރާމާއި ލައްޒަތުގައި، ޝަރަފާއި އިއްޒަތުގައި އިނދެ އެ ތުއްތު ބޭފުޅާ ފުރާފުރިހަމަވެ، ފިޔަފެޅުމުން އަމިއްލަ ދިރިއުޅުމަށް އުދުއްސައިގަންނާނެ އެވެ.
ދޮންދީނާމެންގެ ދުޝްމަނުންނަކީ ބުޅަލާއި މީދަލެވެ. އަދި ދޭތެރެދޭތެރެއިން 'ޕައިރެޓުން'ގެ ގޮތުގައި ރަށަށް އަރައި އުޅޭ ކާޅުތަކެވެ. މިއިން ބަޔަކަށް އެ ސޮރުމެން ފެނިއްޖެ ނަމަ ހަމަލާދީ، ގަހުން ވައްޓާލަ އެވެ. މިވެރިން މި ޖަރީމާ ހިންގަނީ ދޮންދީނާމެން މަހަށް ނުކުމެ އުޅޭ ތަންވަޅު ބަލާފަ އެވެ.
ރާއްޖޭގައި ގުދުރަތީ ގޮތުން ދޮންދީނި އާލަވެ ދިރިއުޅޭ ހަމައެކަނި ތަނަކީ އައްޑޫ އެވެ. ހަމައެގޮތަށް މިއީ ގުދުރަތީ ގޮތުން ކާޅު ދިރިއުޅޭ އަތޮޅެއް ވެސް ނޫނެވެ. ދޮންދީނާމެން މި އަތޮޅުގައި ރަސްކަން ކުރަނީ ވެސް، ބައެއް މީހުން ބުނާ ގޮތުގައި، އެ ސަބަބާ ހުރެ އެވެ.
އެކަމަކު ދޮންދީނާމެންގެ މަދުވަމުންދާ ނަންބަރުތައް ހަމައެކަނި ކާޅާއި ބުޅަލާއި މީދަލުގެ ބޮލަށް ޖަހައިފި ނަމަ އެ ވާނީ ބުހުތާނު ދޮގަކަށެވެ. ކާޅާއި ބުޅަލާއި މީދަލުގެ ހަމަލާތައް ދޮންދީނާމެންގެ ފިޔޮއްތަކަށް އަމާޒުވާއިރު، އެ ސޮރުމެންގެ ގެދޮރު ސުންނާފަތި ކުރުމުގެ ޒިންމާ ނަގަން ޖެހެނީ އަހަރެމެން އިންސާނުންނެވެ.
ދޮންދީނާމެން ބިސް އަޅައި އުޅެނީ އެ ސޮރުމެންގެ އިއްޒަތްތެރިކަން ހިފެހެއްޓޭވަރުގެ ބާރު ހުންނަ، ބޮޑެތި ގަސްތަކަށެވެ. ބަނބުކެޔޮ ގަހާއި އަނބު ގަހާއި ދުނބުރި ގަސް ކަހަލަ، އޭގެ ތުންގަނޑުން ޖަހާލުމުން ކިރު ނުކުންނަ ކަހަލަ ގަސްގަހަށެވެ. ފަތް ވެރޭވަރުން ސާފުކުރަން އުނދަގޫވެގެންނާއި އަހަރެމެންގެ ގެދޮރު އަޅަން ކަނޑައި ވައްޓާލަނީ އެސޮރުމެންގެ އެ ގެދޮރެވެ.
ދޮންދީނާމެން ކުދި ގަސްގަހަށް ހިޖުރަކުރަން މަޖުބޫރުވީ އެ ސަބަބާ ހުރެ އެވެ. ބިސް އަޅަން ޖެހެނީ ބުޅަލާއި މީދަލަށް ވެސް ފަސޭހައިން އެރޭހާ ތިރީ އޮފިތަކަށެވެ. އެ އޮފިތައް ނިކަމެތިކަމުން، ވައިރޯޅިއާ އެކު ހެލިލާއިރަށް ބިސް ނުވަތަ ފިޔޮއް އޮންނަނީ ބިންމަތީގަ އެވެ.
"ވިސްނަންވީ ދޮންދީނި މިއީ އައްޑޫގެ ފަހުރެއްކަން. ގަހުން ވެއްޓިފައި އޮވެއްޖެއްޔާ ނަގައިގެން ރެސްކިއު ކުރަންވީ. ނުކުރެވެންޏާ މަށާ ހަމައަށް ގެނެސްދީ، މަ އޭތި ރެސްކިއު ކުރާނަން،" ނާހިދު އާންމުކޮށް އަންގައި އިއުލާންކުރި އެވެ.
"އަދި ނާކާމިޔާބުވެފައެއް ވެސް ނެތް ރެސްކިއުއެއްގައި."
ނާހިދު އާއި ދޮންދީނާމެންނާ ދެމެދު ގާތް ގުޅުމެއް
ތަހުތުން ވެއްޓޭ ދޮންދީނި ފިޔޮއް، އޭގެ މައިންބަފައިން ގެންގުޅުނުހާ ފޮނިކޮށް، އަރާމުގައި އެހެން ބަޔަކަށް ގެންގުޅެވޭނީ ކިހިނެއް ހެއްޔެވެ؟ ގަދަހަދައި، ބޮޑާހާކާތީ ވަރަށް ގިނަ މީހުންނަށް މިއީ ނުވާވަރުގެ ކަމަކަށް ވިޔަސް، ނާހިދު އެ ސޮރުމެން ގެންގުޅެނީ 'އުފަންވި ހާލި ނޫން ހެން އިހުސާސް ވެސް ނުވާ' ގޮތަށެވެ. ތާޒާ ވައި ލިބޭ މިނިވަން މާހައުލެއްގަ އެވެ. ދުވަހަކު ވެސް ކޮށްޓަކަށް ލައި، ބަންދެއް ނުކުރެ އެވެ.
އެކަމަކު ވެސް ދޮންދީންޏެއް ނަގައިގެން އުޅޭއިރު އެންމެ ފުރަތަމަ ކޮޅުގައި ގަދަހަދާ ކަމަށް ނާހިދު ވެސް އެއްބަހެވެ.
"ވިސްނާލީމަ އެނގޭނެ، އެހެން މީހެއްގެ ދަރިއެއް ގެންގޮސް ގެންގުޅެން ވެއްޖެއްޔާ ކޮންމެވެސް ކަހަލަ ދަތިތަކެއް ހުންނާނެ. ކެއުމުގައި ވެސް، ރޮއެ ހަދާނެ. އެގޮތަށް މި ދޮންދީނި ވެސް އުޅޭނީ،" ނާހިދު ބުންޏެވެ.
ގަސްގަހުން ވެއްޓޭ ދޮންދީނި ފިޔޮއް ސަލާމަތް ކުރަން މަސައްކަތް ކުރާ އެހެން ބަޔަކު ވެސް އައްޑޫގައި އުޅެ އެވެ. ނަމަވެސް އެ މީހުންނަށް އެކަން ކާމިޔާބެއް ނުވެ އެވެ.
"އެކަތި ވެސް ސަވައިވްއެއް ނުވޭ. އެމީހުން އަމިއްލައަށް އައިސް ބުނީ، ތިމަންނަމެން މިހެން ގެންގުޅެމޭ އެކަމަކު ސަވައިވްއެއް ނުވޭ، އަމިއްލައަށް މަރުވަނީއޭ ހަމަ ނުކައި ތިބެގެން،" ނާހިދު ބުންޏެވެ.
އެހެން މީހުންނަށް އުނދަގޫ ކަމަކަށް ވިޔަސް ނާހިދަކީ ދޮންދީންޏަކަށް ދޫނުކުރާ، އެ ސޮރުމެންނަށް ވުރެ މާ ބޯހަރު މީހެކެވެ.
"ދެ ދުވަސް ތިން ދުވަސް ވަންދެން ނުކައި ހިފަހައްޓާލާނެ. އެކަމަކު ކޮންމެ ދުވަހަކު ވެސް ދެ ފަހަރު ޓްރައި ކުރަން ޖެހޭނެ [ކާން ދޭން]. ގައިގައި އަތް ނުލާ، މަސްކޮޅެއް ދިއްކޮށްގެން އޭނާ އަމިއްލައަށް ތުންތަޅައިގެން ރުޅި ގަދަވެގެން ގޮސް ހިފަންދެން ވެސް ޓްރައި ކުރަން ޖެހޭނެ. ތިން ވަނަ ދުވަހަށް ދާއިރު އަމިއްލައަށް ކާނެ ހަމަ،" ތަޖުރިބާއާ އެކު ނާހިދު ބުންޏެވެ.
އަހަރެމެންނަށް މީރުވިޔަސް، ބަތާއި ގަރުދިޔަ ނުކާނެ
ކާންދިނުމުގައި ވެސް ނާހިދު ގެންގުޅެނީ ސީދާ ދޮންދީނާމެންގެ އުސޫލެވެ. އެސޮރުމެންގެ މައިންބަފައިން މަހަށް ދާ އުސޫލުން ނާހިދު ވެސް ދަނީ މަހަށެވެ. އެކަމަކު ކަނޑުމައްޗަކަށް ނޫނެވެ. މަސްދޯނިފަހަރުން އެ ސޮރުމެންނަށް އެންމެ މީރު ބާވަތްތަކުގެ އެން ގަނެގެން ގެނެސް، ފުރިޖަށް ލައިގެން ތާޒާ ސްޓޮކެއް އަބަދުވެސް ބަހައްޓަ އެވެ.
ދޮންދީނާމެންގެ ފޭވަރިޓް މެނޫގައި ހިމެނެނީ ރެއްސާއި މަސްވެރިން އެމުގެ ގޮތުގައި ބޭނުންކުރާ އެ ނޫނަސް އެކި ބާވަތްތަކެވެ. އެކަމަކު ދޮންދީނި ނަގައިގެން ގެންގުޅެން މަސައްކަތްކުރާ ގިނަ މީހުންނަށް އެ ބާވަތްތައް ހޯދައެއްނުދެވެ އެވެ. ނާހިދު ބުނީ ބަތާއި ގަރުދިޔަ ނޫނީ ރޮއްޓާއި ރިހަ މޮޑެގެން އެސޮރުމެންނަށް ދޭން އުޅެފި ނަމަ، އެއީ އަހަރެމެންނަށް ކިތަންމެ މީރު ވިޔަސް، އެ ސޮރުމެން ނުކާނެ ކަމަށެވެ.
ނާހިދު ބުނާ ގޮތުގައި:
-
ބަނޑައިދޫ ފަސޭހައިން ލިބުނު ނަމަވެސް ދޮންދީންޏަށް ކާން ދޭން އުނދަގޫ ވާނެ
-
އެންމެ ފަސޭހަވާނީ އެން؛ އެއާ ޖެހިގެން މަސް އަރީގެ އެތިއެތިކޮޅު
-
ކަންނެލި މަސް ވެސް ވަރަށް ފަސޭހައިން ކާނެ
ކާން ދިނުމުގައި ސަމާލުވާން ޖެހޭ ވަރަށް މުހިންމު، އިތުރު ކަމެއް ވެސް އޮވެ އެވެ – އެއްވެސް ގޮތަކަށް ދޮންދީނާގެ ގައިގައި އަތްލައިގެން ނުވާނެ އެވެ.
"ދޮންދީނި ޅަ އިރު ހުންނާނެ ބޮއިފަތް ކިޔާ ފަތްތަކެއް. އެމީހުން އޭގައި އަތްލިޔަ ނުދޭން އުޅޭނެ. އޭގައި އަތްލައިފިއްޔާ އަނެއް ދުވަހު އުޅޭނީ ނުކާން ވެގެން. އެ މީހަކާ ދުރަށް ދާން އުޅޭނީ،" ނާހިދު ބުންޏެވެ.
ދެން އޮތީ އެސޮރުމެންނަށް ދޭން ޖެހޭ ހިމާޔަތެވެ. މިކަހަލަ ޅަ ދޮންދީންޏަކީ ބުޅަލާއި މީދާ ވަރަށް ފާރަލާ އެއްޗެކެވެ. އެހެންވެ ނާހިދު ހުންނަނީ ބުޅަލާއި މީދާތަކަށް، ގަހަށް ނޭރޭ ގޮތަށް ސަތަރި އޮޅާފަ އެވެ. ކާޅެއް އާދޭތޯ ފޯރިމަރަން ވެސް ޖެހެ އެވެ.
ރެ އާއި ދުވާލު ހިދުމަތުގައި؛ މިވަރުގެ އުފަލެއް ނެތް
ނާހިދުގެ އަޅާލުމާއި ބެލެނިވެރިކަމުގެ ދަށުގައި ބޮޑުވެ، ފިޔަފަޅައި، އުޅެވޭވަރު ވުމުން ދޮންދީނާމެން އަމިއްލައަށް އުދުހިގެން ދަނީ އެވެ. އެކަމަކު ކޮންމެ ދޫންޏެއް ވެސް، އެ މީހުންގެ މަންމަ އާއި ބައްޕަގެ ދައުރު އަދާކުރި ނާހިދު މަތިން ހަނދާން ހުރެ އެވެ.
"ދުވާލަކު ދެ ފަހަރު ކާންދޭ ގަޑީގައި އަތްމައްޗަށް ނަގާފައި އޭނާއާ ވާހަކަ ދައްކާފައި އެހެން ހެދީމަ ހަނދާން ހުރޭ. މަ ފެންނައިރަށް ވެސް، މަ ބަހެއް ކިޔާ އިރަށް ވެސް އެނގޭނެ މަ ކަން،" ނާހިދު ބުންޏެވެ.
"ބޮޑުވަމުން ގޮސް އަމިއްލައަށް އުދުހެވޭ ވަރުވީމަ ކައިރީގައި ހުންނަ އެހެން އޮފިގަނޑަކަށް ޖައްސާފައި އަނެއްކާ އެހެން އޮފިގަނޑަކަށް ޖައްސާފައި އެހެން އަމިއްލައަށް އުދުހޭނީ. އަމިއްލައަށް ދަސްކުރާނީ. އުދުހުނަސް، ގޮވާލީމަ އަންނާނެ ކާން ދޭ ގަޑިއަށް."
އެންމެ ފަހުން ނާހިދު މިގޮތަށް ގެންގުޅުނު ދޮންދީނާ ބޮޑުވެ، އަމިއްލައަށް އުދުހެވޭ ވަރުވެގެން ދިޔަޔަސް، ކޮންމެ ދުވަހަކު ބްރެކްފަސްޓު ނަގަނީ ނާހިދުއާ އެކީގަ އެވެ. އެކަމަކު މިހާރު އަންނަނީ އިތުރު މެހެމާނެއް ވެސް ގޮވައިގެންނެވެ.
"މީހަކާ އިންނަންވީމަ ވެސް އައިސް އެހި، ޑެޑީއޭ މީހަކާ އިންނަން ވެއްޖޭ. މަ ބުނިން އާނއެކޭ. ދެން އަނެއް ދުވަހު ގޮވައިގެން އައިސް ދައްކާލައިފި. ދޮނޫއޭ ކިޔާފައި ގޮވާލާއިރަށް ކައިރިއަށް އައިސް މަތި ބަލަންފެށީމަ، އަހަރެން ބެލިއިރު މަތީގައި އިން ބޯއިފްރެންޑު،" އެ ކައިވެންޏާ ގުޅުވައިގެން ސަމާސާ ރާގެއްގައި ނާހިދު ބުންޏެވެ.
"ދޮނޫ ބިޓު ހެއްޔޭ އެހީމަ ގޮސް ކައިރީގައި ޖައްސާލާފައި ދެ މީހުން އެއްކޮށް ހިނގައްޖެ އުދުހިގެން. ކޮންމެ ދުވަހަކު ހެނދުނު އަންނާނެ މިތަނަށް އަދިވެސް. ދެން ވެޑިންއަށް ފައިގައި ފަށެއް ވެސް އަޅައިދިނިން. ޑެޑީމެން ކޮންމެވެސް ކަމެއް ކޮށްދޭން ޖެހޭނެތާ ވެޑިންއަށް."
އޭނާ ސަލާމަތްކުރާ ދޫންޏެއް މިނިވަންކަމާ އެކު އަމިއްލަ ދިރިއުޅުމެއް ފަށައިގެން އުޅޭތަން ފެނުމުން ނާހިދަށް ކުރެވެނީ ކޮން ކަހަލަ އިހުސާސެއް ހެއްޔެވެ؟
"އެހާ ވަރުގެ އުފަލެއް ނުވޭ. ނޭނގެ ބުނެދޭކަށް ވެސް،" ނާހިދަށް ކުރެވޭ އިހުސާސްތައް ބަޔާންކޮށްދެވުނީ އެ މިންވަރަށެވެ. ދޫންޏެއް ވިޔަސް ބައްޔެއް ޖެހިފައިވާ މަހެއް ވިޔަސް އެކަން އޭނާ ނަގަނީ ޗެލެންޖެއްގެ ގޮތުގަ އެވެ.
"މަރުވެގެން ވިޔަސް ރޭގަނޑު ނުނިދާ ހޭލާ ހުރެގެން ވިޔަސް ކުރަން. ގޭ މީހުން ހަޅޭއް ވެސް ލަވާނެ. މި އިނީ މިތާ ކައިރީގައި މިހާރު ވެސް އަޑުއަހައިގެން، ވަރަށް ހަޅޭއްލަވާނެ."
ނާހިދު އިޝާރާތްކުރީ ބޯ ކައިރީގައި އިން ގުރައަކަށް ނޫނެވެ. ޖެހިގެން ހުރި ޖޯލީގައި އިން، އޭނާ އެންމެ ލޯބިވާ "ދޫންޏަށެ"ވެ. އެއީ އޭނާގެ އަނބިމީހާ އެވެ.
ކޮމެންޓް (4)
އައްޑޫ
ބަހީ
ދީނާ
ތެފައާސާ.