ސަތޭކަ

ލީނާ އެބަލަނީ ހުރިހާ ކަމެއް ރަނގަޅުތޯ، ބޯޓަށް އުދުހި ގަނެވޭނީ އޭގެ ފަހުން

ޓީއެމްއޭގައި ހުރި ބީ-ވަން އަންހެން ހަމައެކަނި އިންޖިނިއަރު ފާތިމަތު ލީނާއަކީ ދިވެހި އަންހެނުންގެ ކުރިއެރުން ދައްކައިދޭ ނަމޫނާއެއް
24 މާރިޗު 2025
5

ބަނދަރުކޮށްފައި އޮތް ޓީއެމްއޭގެ މަތިންދާބޯޓުގެ ފިޔަގަނޑުގެ ބައެއް ހުޅުވާލައިގެން ފާތިމަތު ލީނާ ހުރީ އޭނާގެ މަސައްކަތުގަ އެވެ. އިންޖިނޭރުންނާއި ޓެކްނީޝަނުންގެ ހާއްސަ ހެދުމުގައި، ކަށިގަނޑުތައް ފަަދަ އާލާތްތައް ހިފައިގެންނެވެ. ދިވެހި އަންހެނުންނަކީ ކޮންމެ ދާއިރާއެއްގައި ވެސް ކުރިއަރައިގެން ދެވޭނެ، އެ ހިތްވަރާއި އިލްމާއި ހުނަރު ވެސް ހުރި ބައެއްކަން، އޭނާގެ ހަރަކާތްތަކުން އެނގެ އެވެ.

އުމުރުން 32 އަހަރުގެ ލީނާ މިހާރު އެ އަންނަނީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓީއެމްއޭގައި އޭނާގެ މަގާމު ހަރުދަނާކުރަމުންނެވެ. އެއާކްރާފްޓް އިންޖިނިއަރުކަމާއި ޓެކްނީޝަނެއްގެ ޒިންމާ އެވެ. އޭ ލެވެލްއަށް ފަހު ވަޒީފާއެއް ހޯދަން އޭނާ އުޅުނު އުޅުމުގައި 'މިއީ އަހަރެންގެ ކުރިމަގޭ' ބުނެވޭ ފަދަ ގޮތަކަށް ހިތްދަމައިގަތް ދާއިރާ އެވެ. 

"ސްކޫލް ދަައުރުގައި ވެސް ހިސާބާއި ފިޒިކްސްއަށް މޮޅު. ނަމަވެސް މި ދާއިރާއިން ކިޔަވަން ދާން ބޭނުންވާ ލޯނު ހަމަޖެހެން ވަގުތު ނެގި،" ލީނާ ބުންޏެވެ.

ލީނާ މަތީ ތައުލީމު ހާސިލްކުރީ އިނގިރޭސި ވިލާތުގައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

"އަޅުގަނޑު 2011ގައި އޭ ލެވެލް ނިންމީ. އެކަމަކު ކިޔަވަން ދެެވުނީ 2015ގައި."

އެއާކްރާފްޓް އިންޖިނިއަރިންގެ ދާއިރާއިން ކިޔެވުމުގެ ފުރުސަތު ލިބެންދެން އެއްވެސް ކަމެއް ނުކޮށް ހުރީކީ ނޫނެވެ. ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ވަޒީފާއަކަށް ނުކުތެވެ. 

ޓީއެމްއޭގެ ބޯޓެއް ޗެކްކުރަނީ: ކޮންމެ ދުވަހަކު ވެސް އޭނާގެ މަސައްކަތް ބުރަ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އިނގިރޭސި ވިލާތުގެ ކިންގްސްޓަން ޔުނިވާސިޓީއިން ނިއުކާސަލް އޭވިއޭޝަން ކޮލެޖުގައި އެއާކްރާފްޓް މެއިންޓަނަންސް އިންޖިނިއަރިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރަން ފުރުސަތު ލިބުމާ އެކު އޭނާގެ ކުރިމަގު ބިނާކުރުމުގެ އަމަލީ ދަތުރު ފެށި އެވެ. 

ފުރަތަމަ ޑިގްރީއަށް ފަހު އެނބުރި ރާއްޖެ އައުމާ އެކު ވަޒީފާ ހޯދާކަށް އުނދަގުލެއް ނުވި އެވެ. ޓީއެމްއޭއާ ގުޅުނީ 2018ގަ އެވެ. މިހާރު އޭނާ އެ އަންނަނީ އަތްމަތި އަވަސްކަމާ އެކު މަސައްކަތްކުރަމުންނެވެ.

ސީޕްލޭންގެ އިންސްޕެކްޝަނަކީ އޭނާގެ ޒިންމާ އެވެ. މާނައަކީ ބޯޓެއްގެ ދަތުރު ފެށުމުގެ ކުރިން އޭގެ ޓެކްނިކަލް ހުރިހާ ކަމެއް ފުރިހަމަތޯ ކަށަވަރުކުރުމެވެ.

"ޓެކްނީޝަން އާއި އިންޖިނިއަރެއްގެ ގޮތުގައި މި މަސައްކަތް ކުރަނީ. މިއީ ވަރަށް [އުފާވެރި] ޖޮބެއް،" ބޯޓެއްގެ ތަންތަން ބަލައި ޗެކްކުރަމުން ލީނާ ބުންޏެވެ.

ލީނާ މަސައްކަތުގައި: ފޫހިކަމެއް އިހުސާސެއް ނުކުރެވޭ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ލީނާއަކީ މިވަގުތު ޓީއެމްއޭގައި ހުރި ބީ-ވަންގެ ހަމައެކަނި އަންހެން އިންޖިނިއަރެވެ.

"ބީވަން އިންޖިނިއަރުން ބޮޑަށް މަސައްކަތް ކުރަނީ ބޯޓުގެ ސްޓްރަކްޗަރަލް އަދި މެކޭނިކަލް ސިސްޓަމްތަކުގައި،" އޭނާގެ މަސައްކަތުގެ ވަރަށް ކުރު ހުލާސާއެއް ދެމުން ލީނާ ބުންޏެވެ.

މިއީ ވަރަށް ބުރަ އަދި އެހާމެ ބޮޑު ވެސް މަސައްކަތަކާއި ޒިންމާއެކެވެ. އަންހެނުން ވެސް އެހާމެ މަދު ދާއިރާއެއްމެ އެވެ.

ބޯޓުތަކުގެ ސްޓްރަކްޗަލް އާއި މެކޭނިކަލް ސިސްޓަމްތަކަށް ލީނާ މިހާރު ފަރިތަ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

"ފިޒިކަލީ ޑިމާންޑިން [ޖިސްމާނީ ގޮތުން ބުރަ] އަދި ފިރިހެނުން މައިގަނޑު ގޮތެއްގައި އުޅޭ ދާއިރާއެއް މިއީ،" ލީނާ ބުންޏެވެ.

ނަމަވެސް އޭނާ ތަފާތެވެ. އަންހެނަކަށް ވީތީ ނުކުރެވޭނެ ކަމެއް ކަމަކަށް، ދުވަހަކު ވެސް އޭނާ ގަބޫލެއްނުކުރެ އެވެ. އެހެންކަމުން އުނދަގޫތަކާ އެކު ވެސް އޭނާ އައީ ވަޒީފާގެ ޒިންމާތައް ފުރިހަމައަށް ނަގަމުންނެވެ.

"ފެށި އިރު އަވަހަށް ވަރުބަލިވޭ. ކުރިން ވެސް އަންހެނުން މަދު ދާއިރާއެއް ކަމުން އެކީގައި މަސައްކަތް ކުރާ ޓީމަށް ވެސް ނޭނގޭ ކިހާ ވަރަކަށް ކަމެއް [އަހަންނަށް] ޕުޝް ކުރަންވީ،"  ލީނާ ބުންޏެވެ.

ސީޕްލޭން ދަތުރަށް ފެށުމުގެ ކުރިން ފަހުގެ ބެލުންތައް ބެލުމުގައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ފުރަތަމަ ދުވަސްކޮޅު މަސައްކަތް ނިންމާފައި ގެއަށް ދާއިރު މުޅި މީހާ ހުންނަނީ، އޭނާ ސިފަކުރި ގޮތުގައި، "ވަރުބަލިވެގެން އެއްކޮށް ދެމިފަ" އެވެ.

ނަމަވެސް މިހާރު ތަފާތެވެ. ދުވަހުގެ ހުރިހާ ކަމެއް ނިންމާލަނީ އުނދަގުލެއް ނެތި އެވެ. ހަ އަހަރުގެ ތެރޭގައި އެ ވަޒީފާއަށް އޭނާގެ ހަށިގަނޑު މުޅިން ހޭނުނީ އެވެ. ގެއަށް ދަނީ މަސައްކަތާ މެދު ހިތްހަމަޖެހިގެންނެވެ.

"އެެހެން ކޮލީގްސްއާ އެއްވަރަށް މިހާރު މަސައްކަތްކުރެވޭ. އެންމެން ވެސް ވަރަށް ސަޕޯޓިވް. ލީނާއަކަށް [މިވެނި ކަމެއް] ނުވާނެއޭ ނުބުނޭ،" މަސައްކަތުގެ މާހައުލާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

ލީނާ ބުނާ ގޮތުގައި މިއީ ކަންކަން ދަސްކޮށް ތަޖުރިބާކުރަން ރަނގަޅު ފުރުސަތެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޓީއެމްއޭއަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. ގާތްގަނޑަކަށް 60 ބޯޓު އޮވެ އެވެ. އެހެންކަމުން މަސައްކަތް ގިނަވެފައި އޭގެ ސަބަބުން އޭނާއަށް ލިބޭ ތަޖުރިބާތައް ވެސް ބޮޑެވެ. ފޫހިވާނެ ވަގުތެއް ނޯވެ އެވެ. އަބަދުވެސް އުޅެން ޖެހެނީ ބޯޓަކާ ގުޅޭ ކޮންމެވެސް ކަމެއްގަ އެވެ. 

ބަނދަރުކޮށްފައި އޮތް އެ ބޯޓުގެ ފިޔަގަނޑު ހުޅުވާލައިގެން އެކަންޏެއް ނޫނެވެ. ބޯޓުގެ މައްޗަށް އަރައިގެން ވެސް މަސައްކަތްތަކެއް ކުރި އެވެ. އޭގެ ފަހުން ޕައިލެޓްގެ ގޮނޑީގައި އިށީނެވެ. އިންޖީނު ހިންގާލައި، ހުރިހާ ކަމެއް ރަނގަޅުތޯ ކަށަވަރުކުރި އެވެ.

ލީނާއަކީ ދިވެހި އަންހެނުންނަށް އުއްމީދެކެވެ. ނަމޫނާއެކެވެ.

ކޮމެންޓް (5)

އާތިރު

25 މާރިޗު 2025
ގަދަފަދަ ފިސާރި އަންހެނެއް 👏👏👏
5 0

އީމާން

25 މާރިޗު 2025
ހިތްވަރުގަދަ އަދި ކެރޭ ދިވެހިދަރިއެއް. މަރުހަބާ.
7 0

އެމޭޒިން

24 މާރިޗު 2025
އެމޭޒިންގ! 🫶🏽💪🏽
6 0

އައްލަ

24 މާރިޗު 2025
އައި އެމް ސޯ ޕްރައުޑް އޮފް ޔޫ ލީ
6 0

ހަމްދު

24 މާރިޗު 2025
ސަޅިކަމެއް. ކުރިއެރުމަށްއެދެން.
12 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް