އިބްރާހިމް މާރިފް (ވ)އަށް މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަންގެ އެވޯޑް ހަވާލުކޮށްދެނީ

ލިވިން

އެވޯޑް ލިބުނީމާ އުފާވޭ އެކަމަކު ހިތް ދަނީ ރޮމުން

ހދ. ނޭކުރެންދޫ އިބްރާހިމް މާރިފްއަށް މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަންގެ އެވޯޑް ލިބުނީ އެރަށު ކަނޑޫފާގެ ސަބަބުން. ނަމަވެސް އެ ކަނޑޫފަލަށް ކުރިމަތިވި ހާލަތުން އޭނާގެ ހިތުގައި އޮތީ ކަރުނަ
6 ފެބްރުއަރީ 2025
2

ބައިނަލްއަގުވާމީ ކުޅިފާޗަސްބިމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ 2 ފެބްރުއަރީގައި މޯލްޑިވްސް ވެޓްލޭންޑް ފައުންޑޭޝަންގެ ފަރާތުން ދޭ އެވޯޑް 'ވެޓްލޭންޑް ވޮންޑާ އެެވޯޑް' ތައާރަފުކުރީ މިދިޔަ އަހަރެވެ.

މިއީ ފަރުދީ ފެންވަރުގައި ކުޅީފާޗަސްބިމުގެ ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ނަމޫނާ ދައްކާ ފަރާތްތަކަށް ދޭ އެވޯޑެކެވެ.

ރާއްޖޭގައި އެންމެ ގިނައިން ކަނޑޫފާ އޮންނަނީ އުތުރުގެ ރަށްރަށުގަ އެވެ. މި އަހަރު މި އެވޯޑް ހާސިލްކުރީ ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ އޮންނަ ހދ. ނޭކުރެންދޫ އުމުރުން 43 އަހަރުގެ އިބްރާހިމް މާރިފް އެވެ. 

މާރިފް ނޭކުރެންދޫ ކަނޑޫފާގެ ތެރޭގައި

މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ފެނަކައިގެ ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތްކުރާ މާރިފްއަށް މި އެވޯޑް ލިބުމުން ހައިރާންވެދާނެ އެވެ. ސަބަބަކީ ކަނޑޫފާއާ ގުޅޭ މަސައްކަތަކީ އޭނާ ދިރިއުޅުން ބިނާކުރާށާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް ނުވުމުންނެވެ.

ނަމަވެސް މާރިފަކީ ނޭކުރެންދޫގެ ބިމުގެ ތިންބައި ކުޅު އެއްބަޔަށް ފެތުރިފައި އޮންނަ ކަނޑޫފަލަށް އެންމެ ފަރިތަ އެކެކެވެ. ރަށަށް ޒިޔާރަތްކުރާ މީހުން އަގުދީގެންނާއި ހިލޭ އަދި ސްކޫލްތަކުގެ ދަރިވަރުންނާއި ކަމާ ގުޅޭ މިނިސްޓްރީގެ މީހުންނާއި، ތިމާވެށީގެ އެންޖީއޯތަކުގެ މީހުން ގޮވައިގެން އޭނާ ބަރާބަރަށް އެތަނަށް ޒިޔާރަތްކުރެ އެވެ. 

ނޭކުރެންދޫ ކަނޑޫފާ ސަރަހައްދު އޮންނަނީ މީހުން އުޅޭ ސަރަހައްދާ މާ ދުރަކު ނޫނެވެ. ނަމަވެސް އެއީ ވަންނަން ފަސޭހަ ތަނެއް ނޫނެވެ. ހާއްސަ މަގެއް ކަނޑާފައެއް ވެސް ނޯވެ އެވެ.

ނޭކުރެންދުއަށް ޒިޔާރަތްކުރާ މީހުންގެ ޓުއާ ގައިޑަކީ މާރިފް

މޯލްޑިވްސް ވެޓްލޭންޑް ފައުންޑޭޝަނުން އޭނާއަށް އެވޯޑް ދިނީ ވެސް އެ ކަނޑޫފާ ހިތުދަސްކަމުންނެވެ. އެ ކަނޑޫފާގައި ހެދޭ ހާއްސަ ގަސްތަކާއި އެ ހުރި ތަންތަނާއި އެ ގަސްތައް ބަލަން ދާންވާ ގޮތާއި ކަނޑޫފާގެ ހުރިހާ ހިސާބެއް އޭނާއަށް އެނގޭތީ އެވެ.

ހިލޭސާބަހަށާއި ބައެއް ފަހަރު އަގަށް ނަމަވެސް އެތައް ވަގުތެއް އޭނާ ހޭދަކުރަނީ ފޫހިކަމެއް ނެތި އެވެ.

"ރަށަށް މީހަކު ދިޔަސް ކަނޑޫފާ ބަލަން ޝައުގުވެރިވެއްޖެ ނަމަ، އެ ރަށުން ހޯދާނެ ޓުއާ ގައިޑަކީ މާރިފް،" މޯލްޑިވްސް ވެޓްލޭންޑްސްގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވި އެވެ.

މާރިފް ބުނީ ކަނޑޫފަލަށް އޭނާ ނުވަންނަ ހަފްތާއެއް ނުދާނެ ކަމަށެވެ. ދާދި ފަހަކާ ޖެހެންދެން، ރާއްޖޭގައި ދޫނި ހިފުން މަނާނުކުރާ އިރު، އިރު އަރާ އޮއްސޭނީ އޭނާ އެ ކަނޑޫފާ ތެރޭ އުޅެނިކޮށެވެ.

މިކަމަށް އޭނާ ޝައުގުވެރިކަން ދަމައިގަތީ، މާރިފް ބުނާ ގޮތުގައި، އޭނާގެ ބައްޕަ އަބްދުލް ވާހިދު އަލީގެ ފަރާތުންނެވެ. އައިޑީ ކާޑަށް ބަލާ ނަމަ އަބްދުލް ވާހިދުގެ އުމުރަކީ 80 އަހަރެވެ. އެކަމަކު މާރިފް ގަބޫލުކުރަނީ 100 އަހަރު ވެދާނެ ކަމަށެވެ. އޭނާގެ ބައްޕަ ބޮޑު ތިލައްދުންމައްޗަށް މަޝްހޫރުވެފައި އޮންނަނީ 'ތުއްތުބެ'ގެ ނަމުންނެވެ.

"ބައްޕަގެ ނުވަ ކުދިން ތިބޭ. ދުނިޔޭގައި މިހާރު ތިބީ އަށް ކުދިން. ބައްޕަގެ ފަރާތުން 2019 އިން ފެށިގެން މިތަނާ ގުޅޭ މައުލޫމާތު އަހަރެން ސީރިއަސްކޮށް އެއްކުރަން ފެށީ،" މާރިފް ބުންޏެވެ.

މިއީ ދުނިޔޭގައި 10 ވަނައަށް އެންމެ ބޮޑު ކާނޑޫފާ

ރާއްޖޭގެ ނިސްބަތުން އެންމެ ގިނައިން ކަނޑޫގަސް ހެދިފައި އޮންނަނީ ނޭކުރެންދޫ ކަނޑޫފަލުގަ އެވެ. ނަމަވެސް 2020ގައި އެ ތަނުގެ ބޮޑު ބައެއް ވަނީ މަރުވެފަ އެވެ. 

މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަންގެ ފަރާތުން މާރިފްއަށް އެވޯޑް ހަވާލުކޮށްދިނީ ނޭކުރަންދޫ ކައުންސިލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެވޯޑާ އެކު އޭނާ ހިތް އުފަލުން ފުރުނެވެ. އެއީ ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާއަކުން އޭނާގެ މަސައްކަތް ބަލައިގަތުމުންނެވެ.

"ވެޓްލޭންޑްސް ފައުންޑޭޝަންގެ ފަރާ [ޖަމިއްޔާގެ ރައީސް]އަށް އަޅުގަނޑުގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރިއްޔާ،" މާރިފް ބުންޏެވެ.

އައިޝަތު ފަރުހަތު އަލީ (ފަރާ) ވިދާޅުވީ 'ދައުރު'އަށް ވިދާޅުވީ އަންނަ އަހަރުން ފެށިގެން މި އެވޯޑާ އެކު ފައިސާގެ އިނާމެއް ވެސް ދޭނެ ކަމަށެވެ.

އެވޯޑު ލިބުނަސް އެކަމަކު ހިތުން ރޮވެނީ 

ނޭކުރެންދުއަށް އަރާއިރު ވެސް ފެންނާނީ ކަނޑޫފަލާ ގުޅޭ ސިފަތަކެއް (ފޮޓޯ/ ނޭކުރެންދޫ ކައުންސިލް)

ނޭކުރެންދުއަށް އަރާއިރު ވެސް އެއީ ކަނޑޫފަލުގެ ރަށެއްކަން އެނގޭނެ އެވެ. ރަށުގެ ނަން ޖަހާފައި ހުންނަނީ ކަނޑޫފާ ސިފަވާ ގޮތަށެވެ. މިއީ އެ ރަށާއި މުޅި އަތޮޅުގެ ވެސް ފަހުރެކެވެ. ސަގާފަތާއި އާދާކާދަ ދައްކާލަ އެވެ. އެ ކަނޑޫފަލުން އިސްރަށްވެހިން ބަނޑުފުރާނަ މުއްތިކުރި ގޮތެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ރާއްޖެއަށް ދިމާވި ބޮޑު ތަދުން އަރައިގެން ގޮތެވެ. އެ ތަދުން ބޮޑުތިލަދުންމަތީގެ ގިނަ ބަޔަކު ބަނޑުފުރާނަމުއްތިކުރީ އެ ކަނޑޫފަލުންނެވެ. އެތަނުން ކަށިކޭލާއި ކާއްޓާއި ކަނޑުލާއި ކުރުކުރު ލިބުނެވެ.

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާގެ އިތުރުން މިއީ އޭޝިއާގެ ތިންވަނައަށް އެންމެ ބޮޑު އަދި ދުނިޔޭގެ 10 ވަނައަަށް އެންމެ ބޮޑު ކަނޑޫފާ ވެސް މެ އެވެ.

އެކަމަކު މިހާރު އެތަނުގެ %99 އޮތީ ހިކިފަ އެވެ. 

ނޭކުރެންދޫ ކަނޑޫފާ: ދެވަނަ ބޮޑު ހަނގުރާމައިގެ ތަދުން އެތައް ބަޔަކު ސަލާމަތްވީ މި ތަނުގެ ސަބަބުން (ފޮޓޯ/ޒުވާން މަސްވެރިޔާ)

"މިހާރު އެތަނުގައި އޮތް ފެންގަނޑު ދެބައި ވަނީ. ހަތަރު ވަަރަކަށް އަހަރު ވެސް އެ ފެންގަނޑު ދެން އެހެން ނޯންނާނެހެން ހީވަނީ. ކަނޑޫގަސްތައް މަރުވެ، ދުނގެތި ގަސްތައް ހެދެނީ،" މާރިފް ބުންޏެވެ.

މާރިފް ނޭކުރެންދޫ ކުޅީގައި

އެ ކަނޑޫފަލާ ގުޅުވައިގެން މާރިފްއަށް އެވޯޑް ލިބުނަސް ހިތް ރޮނީ އެ ބަދަލުތަކާ ހެދި އެވެ. އޭނާގެ އެންމެ ބޮޑު ޝަކުވާއަކީ އެތަނަށް ސަރުކާރުން ވެފައިވާ އިހުމާލެވެ. އަމިއްލަ ރަށުގައި އެ ތަން އޮތަސް އެއިން ނަފައެއް ހޯދާށާއި ތަން ދިރުވަން ރަށުގެ ރައްޔިތުންނަށް ބާރެއް ނެތުމެވެ.

"މާލޭގައި ހުރި މިނިސްޓްރީއަކަށް ކިހިނެއްތޯ އެނގޭނީ ކިތަންމެ ބުންޏަސް އެތަނުގެ ހާލަތު؟" އޭނާ ބުންޏެވެ.

އެ ތަނަށް ބޭނުންވަނީ ފަސޭހައިން ވަދެނުކުމެވޭނެ ގޮތަށް މަގު ހެދުމެވެ. ޒިޔާރަތްކުރާ މީހުންނަށް ބަގީގައި ދެވޭ ގޮތަށް ހެދުމެވެ. ކަނޑޫފަލަކީ ލޯކަލް ޓުއަރިޒަމް ފައްކާވަމުން އަންނަ ބައެއް ރަށްރަށުގައި ނަފާ ހޯދިދާނެ ވަސީލަތެއްކަން އަންނަނީ ސާބިތުކޮށްދެމުންނެވެ.

މާރިފް ބުނި ގޮތުގައި ހިކިފައިވާ ގަސްތައް އަލުން އިޔާދަކުރެވޭނެ ގޮތެއް ބޭނުންވެ އެވެ. އެކަން ކުރުމުގެ ބާރު ކައުންސިލަށް ދިނުމަށް އޭނާ އެދެ އެވެ. އޭގެ މާނައަކީ ކަނޑޫފާ ވެސް ލާމަރުކަޒީ ކުރުމެވެ.

ނޭކުރެންދޫގެ ބޮޑު ބަޔަކީ ކަނޑޫފާ (ފޮޓޯ/ޒުވާންމަސްވެރިޔާ)

"ބޮލުގައި ރިއްސަޔޭ ބުންޏަސް، ތަދުވާ ވަރު އެނގޭނީ ތަދު އިހްސާސްކުރެވޭ މީހާއަށް،" މަޖާޒީ މިސާލެއް ނަގަމުން މާރިފް ބުންޏެވެ.

ދިވެހިންނަށް ކާނާގެ ޔަގީންކަން އޮންނާނީ ވެސް، އޭނާ ދެކޭ ގޮތުގައި، ގުދުރަތީ އެފަދަ ތަންތަން ދިރުވައި އާލާކޮށްގެންނެވެ.

"މިއަދު ވެސް އެފަދަ ހާލަތެއް [ދެވަނަ ބޮޑުހަނގުރާމަ ފަދަ] ދިމާވެއްޖެ ނަމަ ދިވެހިންގެ ބަނޑުފުރާނަ މުއްތިކުރާނެ ގޮތެއް ނެތް،" މާރިފް ބުންޏވެ.

ރައްޓެއްސަކަށް ނުވަތަ ދަންނަ ތިމާގެ މީހަކު ކަނޑޫ ކޮޅެއް ރަށުން ފޮނުވާލާށޭ ބުނެފިއްޔާ މިހާރު މި ޖެހެނީ ފޯނު ރޭންޖު ނުލިބޭ ކަމަށް ހަދާ، ލަދުން ފޯނު ކަނޑާލާށެވެ. ސަބަބަކީ ކަނޑޫފަލުން އެވަރު ވެސް ނުލިބޭތީ އެވެ.

އެ ކަނޑޫފަލުން ކުރިން ލިބުނު ބާވަތްތައް ކަމަށްވާ ކުުރުކުރު، ކަށިކެޔޮ، ކާށި އެއްގޮތަކަށް ނުލިބެ އެވެ. ކަނޑޫ/ރަނޑޫ އެއްގޮތަކަށް ވެސް ނެތެވެ.

"މިއީ އަޅުގަނޑަށް ރޮވޭ ސަބަބަކީ،" މާރިފް ބުންޏެވެ.

އޭނާ ބުނާ ގޮތުން ރަށުގައި އުޅޭ އޭނާގެ އުމުރުގެ މީހުން ވެސް ކަނޑޫފާ ހިމާޔަތްކޮށް ދިރުވާ އާލާކުރުމުގެ މާ ބޮޑު ވިސްނުމެއް ނެތެވެ. 

އެކަމަކު އޭނާގެ ބައްޕަ ފަދަ އުމުރުން ދޮށީ މީހުންގެ ހިތުގައި އަމިއްލަ ވެއްޓަށް ވަރަށް ބޮޑު ލޯތްބެއް އޮތެވެ.

"އަދިވެސް މަސައްކަތް ކޮށްފިއްޔާ އާލާ ކުރެވިދާނެ،" އުއްމީދާ އެކު މާރިފް ބުންޏެވެ.

ކޮމެންޓް (2)

މީމަ

7 ފެބްރުއަރީ 2025
އީމާން، ހިނގާބަލަ މިކަހަލަ ކަނޑޫފާއަކަށް ޖައްސާލަން.
1 0

ހަމްދު

7 ފެބްރުއަރީ 2025
މަރްހަބާ މާރިފް. ހިތް ރޯ ރުއިން ހުއްޓޭކަށް ދެން މާގިނަ ދުވަހެއް ނުނަގާނެކަމަށް އުންމީދުކުރަން.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް