މުހައްމަދު މޫސާ (ޗަމްޕާ އުއްޗު). (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސައިމަލެއް، ފިނިފެންމަލެއް އަދި ފުޅިމަދު ލެޕްޓޮޕެއް: ޗަމްޕާ މުހައްމަދު މޫސާ ބަނޑުގައި ކޮން އެއްޗެއް؟

ގިނަ މީހުން އުއްޗު ދަންނަނީ ވިޔަފާރިވެރިއެއްގެ ގޮތުގަ އެވެ. އެއީ ދިވެހި ފަތުރުވެރިކަމުގެ ބާނީއެކެވެ. ގިނަ ރިސޯޓުތަކެއްގެ ވެރިއެކެވެ. ނަމަވެސް އުއްޗުގެ ޓޫރިޒަމް ވާހަކަ ބާއްވަމާ ހިނގާށެވެ. އުއްޗުއާ އެކު މިފަހަރު މި ވަންނަނީ އޭނާގެ ޅެންވެރިކަމުގެ ގުލްޝަނަށެވެ. ސައިމަލާއި ފިނިފެންމަލުގެ ގުލްޒާރަކަށެވެ.
27 ޑިސެމްބަރު 2024

"މަގޭ ކަމަނަ ސައިމަލޭ ތީ ދޮން

ހިތުގާ އަހާބަލާ ލޯބިން

ތި ހިތޭ ކަލާ ދިނީ ލޯބިން

މި ފުރާނަ މީ ކަލާ ނޫންހޭ"

ހިތާއި ފުރާނަ ހިބަކޮށްދީގެން މިއުޅެނީ ކާކު ހެއްޔެވެ؟ ކޮން ސައިމަލަކަށް ހެއްޔެވެ؟ މާނަ ފުންވިޔަސް، ނުވިޔަސް ޅެމުގެ ހަގީގީ މާނަ އޮންނާނީ ޅެންވެރިޔާގެ ބަނޑުގަ އެވެ.

މިއީ މުހައްމަދު ރަފީ އާއި ލަތާ މާންގޭޝްކަރުގެ ރަން އަޑުން ކިޔާފައިވާ 'މުޖެ ކިތުނަ ޕިޔާރުހޭ ތުމްސޭ'ގެ ދިވެހި ވާޝަންގެ ފުރަތަމަ ކަޑި އެވެ. އަބްދުﷲ ވަހީދު (ފީއަލި ވަހީދު)ގެ ހިތްގައިމު އަޑުން ދިރުން ގެނެސްދިން އެ ލަވައިގެ ޅެން ހެއްދެވީ މުހައްމަދު މޫސާ އެވެ. މަޝްހޫރު ނަމުން ނަމަ ޗަމްޕާ އުއްޗު އެވެ.

ޗަމްޕާ މުހައްމަދު މޫސާ (ޗަމްޕާ އުއްޗު). (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ގިނަ މީހުން އުއްޗު ދަންނަނީ ވިޔަފާރިވެރިއެއްގެ ގޮތުގަ އެވެ. އެއީ ދިވެހި ފަތުރުވެރިކަމުގެ ބާނީއެކެވެ. ގިނަ ރިސޯޓުތަކެއްގެ ވެރިއެކެވެ. ނަމަވެސް އުއްޗުގެ ޓޫރިޒަމް ވާހަކަ ބާއްވަމާ ހިނގާށެވެ. އުއްޗުއާ އެކު މިފަހަރު މި ވަންނަނީ އޭނާގެ ޅެންވެރިކަމުގެ ގުލްޝަނަށެވެ. ސައިމަލާއި ފިނިފެންމަލުގެ ގުލްޒާރަކަށެވެ. އަޑު އެންމެ ހަރުކޮށް މަގެ ކަމަނަ ސައިމަލޭ ތީ ދޮން ޖަހަމުންނެވެ.

ސައިމަލުގެ ކުރިން ފާރުމަތިން ފޮޅުނު ފިނިފެންމާ

އުއްޗުގެ ޅެންވެރިކަމުގެ ބަގީޗާއިން އެންމެ ފުރަތަމަ ފޮޅުނީ ފިނިފެންމަލެކެވެ. އެއީ އޭނާ ވަރަށް ކުޑައިރު އެވެ. އުއްޗު މި އުޅުއްވަނީ އެކުވެރި ހަސަން (މާނު)ގެ ބައްޕަ އީދަށް ތައްޔާރުކުރާ މަޖައްލާއަކަށް ޅެމަކާއި މަޒުމޫނެއް ލިޔުއްވަން ޖެހިވަޑައިގެންނެވެ.

އެ ޅެމާއި މަޒުމޫނު ބޮލަށް ލައިގެން އެއް ދުވަހަކު އުއްޗު މި ވަޑައިގަތީ މަގްރިބު ނަމާދަށް ކަލާފާނު މިސްކިތަށެވެ. ދިޔަ މަގުމަތީގައި ލޮލުގައި އަޅައިގަތީ މާންދޫގޭ ފާރުބުރި މައްޗަށް އަތް ވައްޓާލައިގެން އިން އަންހެން ކުއްޖެކެވެ. ޖުމްހޫރީ ދުވަހަށް އޭރުގެ ރައީސް މުހައްމަދު އަމީންގެ އަމުރުފުޅަށް މާލޭ މަޖީދީމަގުގެ އެކި ތަންތަނުގެ ފާރުތައް ހުންނަނީ އަތް ވައްޓާލެވޭ ވަރަށް ތިރިކޮށްފަ އެވެ.

އޭރު އެއީ ކޮން އަންހެން ކުއްޖެއް ކަމެއް އުއްޗުއަކަށް ވެސް އެނގިވަޑައެއްނުގަންނަވަ އެވެ. އުމުރުން ވާނީ ދާދި އެއްވަރެވެ. އުއްޗުގެ ސިކުނޑިއަށް އެ މަންޒަރު ފެނުނީ ޝާއިރީ ކުލަތަކަކުންނެވެ. ހަދަން ޖެހިފައި އޮތް ޅެމުގެ ފުރަތަމަ ބައިތަކީ އެއީ އެވެ.

"ބަލާލާފައި ހިތަށްއެރީ އޭނީ ފާރެއްގެ މައްޗަށް ފިނިފެންމަލެއް ފޮޅިފައޭ. ދެން އެއީ ފުރަތަމަ ހެދުނު ލަވަޔަކީ،" ޅެންވެރިކަން ފެށުނު ގޮތް ޓީވީ މޯލްޑިވްސްގެ ހޭޔަންބޯއަށް ކިޔައިދެއްވަމުން އުއްޗު ވިދާޅުވި އެވެ.

"'ދުށީމޭ ފޮޅިފައި އިން ފިނިފެންމަލެއް ފާރެއް މަތީ އިންދާ'. އަޅުގަނޑު ދުށީ (އަލް އަމީރާ) ޒަރީނާ ނޫރައްދީން. އަޅުގަނޑަކަށް ނޭނގޭ (އޭރު) ޒަރީނާ ނޫރައްދީނު ކަމެއް."

މުހައްމަދު މޫސާ (ޗަމްޕާ އުއްޗު) ހޭޔަންބޯއަށް ދެއްވި އިންޓަވިއުގެ ތެރެއިން.

ސައިމަލަކީ ކިޔަން ހުއްދަ ނުލިބުނު 'މަރިޔަން'

ގުލްޒާރުގައި ފިނިފެންމަލުގެ ބައި ނިމި، ސައިމަލުގެ ބައި ފެށުނީ އެވެ. އެއް ދުވަހަކު އުއްޗުގެ ރަހުމަތްތެރިއަކު ލަވައެއް ފޮނުވައިފި އެވެ. އެއީ މުޖެ ކިތުނަ ޕިޔާރުހޭ ތުމްސޭ އެވެ. އޭނާގެ އެދުމަކަށް ވީ އެ ރާގަށް ދިވެހި ލަވައެއް ހަދައިދިނުމެވެ. ކޮންމެވެސް ލޯބިވެރިއެއްގެ މަތިން ހަނދާންވެގެން ކަމަށް ވެސް ވެދާނެ އެވެ.

"އަޅުގަނޑު ފުރަތަމަ ޖެހީ މަގޭ ކަމަނަ މަރިޔަނޭ ތީ ދޮން. އެއީ އަޅުގަނޑުގެ އަންހެނުން. އަޅުގަނޑަށް ދޮން ވާނެތާ؟ ބުނީމަ އަންހެނުން އެންގެވި، 'އަޅުގަނޑުގެ ނަން ނުޖަހާށޭ'. ދެން އަޅުގަނޑު ބަސްއަހައިގެން އެ ނަން ނުޖެހީ،" އުއްޗު ވިދާޅުވި އެވެ.

"ދެން ކައިރިން ބަލައިލިއިރު ގަހެއްގައި މަލެއް ފެންނަން އިނީ، ސައިމަލެއް. އެ ވަގުތު ބަދަލުކޮށްލީ 'މަގޭ ކަމަނަ ސައިމަލޭ ތީ ދޮން' އަށް."

މުހައްމަދު މޫސާ އާއި އޭނާގެ އަނބިކަނބަލުން.

މިހާރު މި ލަވަޔާ ނުލައި ގިނަ ޕާޓީތަކާއި ފޯރިގަދަ މުނާސަބަތުތައް ފަޅުފިލުވައެއްނުލެވެ އެވެ. ކަރިއޯކީ ޕްލޭލިސްޓުތައް ފުރިހަމަކުރަން ކޮންމެހެން ވެސް އޮންނަން ޖެހެ އެވެ. ބޮޑުބެރުގެ ބީޓުތަކާއި ބަތްޕޮޅި ނެށުމުގައި އެ ގެންގުޅޭ ފޮޅުންތަކާއި ހަރަކާތްތަކަށް ވެސް ބަރާބަރަށް ފެތެ އެވެ. ޓިކްޓޮކްގައި އެކި ފާޑުފާޑުގެ ރީމިކްސްތައް ދައުރުކުރެ އެވެ. އެ ލަވައިގެ މަގުބޫލުކަން އުއްޗުއަށް ވެސް އޮތީ އިވިވަޑައިގެންފަ އެވެ.

"ބައެއް ކުދިން ބުނޭ، އޭ އުއްޗުގެ ލަވައެއް ސޯޝަލް މީޑިއާގައި އެބަ އެނބުރޭ، މިވެނި ކުއްޖެއް އެބަ ނަށައޭ. ދެން އަޅުގަނޑު ދަންނަވަން އެކުދިން ކޮށްލަނީ އުފަލޭ، ދެން ރަނގަޅު ކަމެއް ނޫންހޭ."

'ޖައްވުން ފެނިއްޖެއޭ ތަރި، އައިޝާގެ ނަން ދެވޭ ފަރި'

އުއްޗުގެ ގުލްޒާރުގައި ފޮޅެނީ ހަމައެކަނި ސައިމަލާއި ފިނިފެންމަލެއް ނޫނެވެ. މި ގުލްޒާރުގައި ޖައްވުން ބާލާފައި ހުރި ތަރިއެއް ވެސް އެބަ އޮތެވެ. އާންމުކޮށް ދިވެހި ޅެންތަކުގައި ކިޔާ އުޅޭ ކަހަލަ ހަސަނާތު ތަރިއެއް ނޫނެވެ. ގުރަހައިގެ ތަރިއެއް ވެސް ނޫނެވެ. މި ތަރިއަށް ކިޔަނީ 'އައިޝާ' އެވެ. މި ތަރި އާއި ޅެން ނިސްބަތްވަނީ ކުރީ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށެވެ.

"އެންމެން އެންމެންނަށް ކިޔަން ފަށައިފި، ޓްރާންސްޕޯޓު މިނިސްޓަރު، ޓްރާންސްޕޯޓު މިނިސްޓަރު. ވަރަށް ރީތި ބޭފުޅެކޭ. ދެން އަޅުގަނޑަށް ވެސް ޓީވީން ފެނުނީ. ފެނުނީމަ ހިތަށްއެރީ ލަވައެއް ވާނީ ހަދާލާށޭ،" އުއްޗު ވިދާޅުވި އެވެ.

"ބެލިއިރު ގާސިމް [އިބްރާހިމް]ގެ އަނބިކަނބަލުން މިއީ. ދެން އަޅުގަނޑު ހިތަށްއެރީ ވަރަށް ރީތި ލަވައެއް ހަދާނަމޭ."

ގާސިމް އިބްރާހިމް އާއި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ. (ފައިލް ފޮޓޯ/ ސަން)

އުއްޗު އެ ލަވަ ލިޔުއްވީ ދެ ގަޑިއިރުގެ މަސް ދަތުރެއްގަ އެވެ. ކަނޑުމަތިން އައިސް ބައްދާލި ލޮނު ވައިން އަރާމާއި ފިނިކަން ހޯއްދަވަމުން، އެ މާހައުލު ވީ ޅެމެއް ހައްދަވަން ވަރަށް ފައްކާ ވަގުތުކޮޅަކަށެވެ.

"ފަތިހު މަހަށް ދަން ވަރަށް ގިނަ ދުވަސް ދުވަހު. އެ ދުވަހު ދިޔައީ ޖީބަށް ގަލަމަކާއި ޓިޝޫއަކާ ލައިގެން. މަހަށް 5:30 ހާއިރު ނައްޓާލައިގެން ގޮސް 8 ޖަހާކަށް ހާއިރު އަންނަން ވާއިރަށް ލަވަ ހަދާފައި އޮތީ. ދޯނި މަތީގައި އެ ލަވަ ހެދީ. ވަރަށް އަރާމު. 'ސޯލްޓީ އެއާ'ގެ ތެރޭގައި،" އުއްޗު ވިދާޅުވި އެވެ.

އުއްޗު އެ ޓިޝޫކޮޅުގައި ލިޔުއްވި ލަވައިގެ ފުރަތަމަ ކަޑީގައި އޮންނަނީ:

"ޖައްވުން ފެނިއްޖެއޭ ތަރި

އައިޝާގެ ނަން ދެވޭ ފަރި

ލޯތައް އަޅަން ފެށިއޭ ކަޅި

ޖައްވުން ވިދަން ފެށީމާ"

އެ ލަވަ ހައްދަވާފައި އުއްޗު އެންމެ ފުރަތަމަ ވެސް ފޮނުއްވީ ގާސިމަށެވެ. ގާސިމް ވަރަށް އުފާކުރައްވައި ވިދާޅުވި ކަމަށް ވަނީ "ވަރަށް ރަނގަޅޭ، ވަރަށް ރީއްޗޭ ތި ލަވަ" އެވެ.

މިއީ ވެސް ބޮޑުބެރު ގްރޫޕްތަކާއި އެކި މީސްމީހުން ޓިކްޓޮކްގައި ކަވާކުރާ، ދިވެހިންގެ މެދުގައި މަގުބޫލު ލަވައެކެވެ.

އުއްޗުގެ 2،000އަށް ވުރެ ގިނަ 'ފުޅިމަދު ލެޕްޓޮޕް'

މިހާތަނަށް ހެއްދެވި ޅެމުގެ ޖުމްލަ އަދަދު އުއްޗުއަކަށް ވެސް އެނގިވަޑައެއްނުގަންނަވަ އެވެ. ނަމަވެސް ލަވައިގެ ގޮތުގައި ލަފާކުރެއްވީ، 60 ނުވަތަ 70 ވަރަކަށް ލަވަ ރެކޯޑު ކޮށްގެން ގެންގުޅޭނެ ކަމަށެވެ.

"ފޯރި އަރައިފިއްޔާ ހަމަ ދުވާލަކު ލަވައެއް، ދުވާލަކު ލަވައެއް ވެސް ހެދިދާނެ. ރެކޯޑު ވެސް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

މަސް ދަތުރެއްގައި ގޮސް ޓިޝޫކޮޅެއްގައި ލަވައެއް ލިޔުއްވި ނަމަވެސް، އެއީ އުއްޗު އާންމުކޮށް އެކަން ކުރައްވާ ގޮތެއް ނޫނެވެ. ކަރުދާސްކޮޅެއް އަބަދު ޖީބަށް ލައްވައިގެން އުޅުއްވުމަކީ ފަސޭހަ ކަމަކަށް ނުވެ އެވެ. އެހެންވެ، އާންމުކޮށް އެކަން ކުރައްވަނީ އަމިއްލަވަންތަ ގޮތަކަށެވެ. އެއީ ރިސޯޓަށް ތަރުކާރީ އަޅައިގެން ގެންނަ، އިތުރު ބޭނުމެއް ނޯންނަ، ފުޅިމަދު ފޮށިތަކުގެ މަތިގަނޑުގަ އެވެ. އުއްޗުގެ ބަހުން ނަމަ، 'ލެޕްޓޮޕެއް' ގޮތަށް އޭނާ ބޭނުންކުރައްވާ އެއްޗަކީ އެއީ އެވެ.

އުއްޗު، ފުޅިމަދު ފޮއްޓެއްގެ މަތިގަނޑު ލަވައެއް ލިޔުއްވަނީ.

"ފުޅިމަދު ފޮށި ވާ ގޮތަކީ ރިސޯޓުތަކަށް ތަރުކާރީ ގެންނާނީ އޭގައި. ހުސް ފޮށިތަކުގައި މި އިންދަނީ ތަރުކާރީ... މަތިގަނޑުގެ ވެސް ބޭނުމެއް ކޮށްލަން ވާނެ. އަޅުގަނޑު ލެޕްޓޮޕެއް ކަހަލަ އެއްޗަކަށް ގެންގުޅޭ އެއްޗެއް އެއީ،" ހިނިގަނޑެއް ޖަހާލައްވަމުން އުއްޗު ވިދާޅުވި އެވެ.

މިފަދަ ގާތްގަނޑަކަށް 2،000 ވަރަކަށް ފުޅިމަދު ފޮށީގެ މަތިގަނޑުގައި އުއްޗުގެ ޝާއިރީ މާކަރު ވަނީ ހިންގާލައްވައިފަ އެވެ. ލަވައެއް ނިންމާލަން ބައެއް ފަހަރު ދެ މަތިގަނޑު، ތިން މަތިގަނޑު ނުވަތަ ހަތަރު މަތިގަނޑުން ވެސް ބޭނުންވެދާނެ އެވެ. ލިޔަން އިންނަވަނިކޮށް ކަމެއް ޖެހިއްޖެ ނަމަ އެ ހުރި ތަނެއްގައި ވޮންޑަ މާކަރާއި މަތިގަނޑު ބާއްވަވާފައި ވަޑައިގަންނަވަނީ އެވެ.

  • އުއްޗު 2020ގައި ލިޔުއްވާފައިވާ ލަވަތަކުގެ ލިސްޓު ފުޅިމަދު ފޮއްޓެއްގެ މަތިގަނޑުގައި ލިޔުއްވާފައި.
  • އުއްޗު ލަވަ ލިޔުއްވާފައިވާ ފުޅިމަދު ފޮށީގެ މަތިގަނޑުތައް. އޭނާ ލަފާކުރައްވަނީ މިފަދަ 2،000 ވަރަކަށް މަތިގަނޑު ހުންނާނެ ކަމަށް
  • އުއްޗު، ފުޅިމަދު ފޮއްޓެއްގެ މަތިގަނޑު ލަވައެއް ލިޔުއްވަނީ.

ޅެން ގުލްޒާރުން ނުކުމެގެން އެ ވަޑައިގަންނަވަނީ ކޮން ތަނަކަށް ހެއްޔެވެ؟ ސީދާ ވިޔަފާރި ހިންގުމުގައި ނޫޅުއްވި ނަމަވެސް އުއްޗުއަކީ ވަރަށް ބިޒީ ބޭފުޅެކެވެ. އެއްގޮތަކަށް ވެސް ހުސް ވަގުތެއް ނޯވެ އެވެ. ފަތިހު އަރައިގެން އަންނަ އިރާ އެކު އުއްޗު ވެސް ހުންނަވަނީ ތެދުވެ އެވެ. އިރު އޮއްސުނަަސް އުއްޗުއެއް ނޯއްސެ އެވެ. ރޭގަނޑު 12 ޖަހަންދެން އުޅުއްވަނީ ކޮންމެވެސް ކަމެއްގަ އެވެ.

އެކި ކަންކަމުގައި ރަށު ތެރެއަށް ނުކުމެ އުޅުއްވާއިރު ބައެއް ޓޫރިސްޓުންނަށް އުއްޗު ފެނިގެން ސުވާލު ވެސް ކުރެ އެވެ.

މުހައްމަދު މޫސާ (ޗަމްޕާ އުއްޗު). (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

"ބައެއް މީހުން، ގެސްޓުން އައިސް ބުނާނެ ކަލޭ ތީ ކައްކާ މީހާ ހެއްޔޭ ވެސް. އަނެއް ބައިފަހަރު ބުނާނެ ކަލޭ ތީ ގާޑްނާ ހެއްޔޭ. އާނއެކޭ އަޅުގަނޑު ބުނަނީ،" އުއްޗު ވިދާޅުވި އެވެ.

"ގަސްތަކަށް ފެން ޖަހަން ފަތިހު ތެދުވެ އުޅެނިކޮށް ގަސްތަކަށް ލޯބިވާ މީހަކު އައިސް ފަސް ޑޮލަރު ވެސް ދިއްކޮށްލަފާނެ. ހަމަ ލަން ޖީބަށް. ކޮންމެވެސް ކައިރީގައި އުޅޭ ކުއްޖަކަށް ދެނީ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް