ސަތޭކަ

މުލީގެ ވެލާ ޑިޒައިނަށް ދޭނީ 100، މި އާކިޓެކްޓަށް ވެސް 100

ޒަފަރުﷲ ޝަކީލްގެ އެންމެ ހިތްގައިމު އެއް ޑިޒައިނަކީ މ. މުލީގެ ފާލަންމަތީގައި ރަށަށް އަރާފައިބާ މީހުން މަޑުކޮށްލުމަށް އަދި ވާރޭ ހިޔަލަކަށް ހަދާފައި ހުރި ޕެވިލިއަން
10 މާރިޗު 2025
5

ކޮންމެ މީހަކަށް ވެސް 100ގެ މީހަކަށް ވެވިދާނެ އެވެ. އެކަމަކު 100 އަކަށް ވާން ކުރާ ދަތުރުގެ މިސްރާބު ސާފުވާން ޖެހެ އެވެ. މަންޒިލަށް ވާސިލުވާންވެ އެވެ. ޒަފަރުﷲ ޝަކީލް (ޒަފް) އަކީ މި ދަތުރު ފަށައިގެން އޮޔާއި ވަޔާ ދެކޮޅަށް ދަަތުރުކުރަމުން ދާ އާކިޓެކްޓެކެވެ.

އަމިއްލަ ކުންފުންޏެއް ހަދައިގެން މަސައްކަތް ކުރަމުން އަންނަ ޒަފަރުﷲގެ ހިތްގައިމު އެއް ޑިޒައިނަކަށް ވާނީ މ. މުލީ ފާލަމުގައި ވެލައެއްގެ ބައްޓަމަށް ހަދާފައިވާ ޕެވިލިއަން އެވެ. އެއީ އެ ރަަށަށް އަރާފައިބާ މީހުންނަށް ހިޔަލެކެވެ.

އެ ރަށުގެ ތާރީހާއި ސަގާފަތާ ގުޅިފައިވާ ވެލާ ރަމްޒުކޮށްދޭ ގޮތަށް އޭނާ ފަރުމާ ކުރި މި ޕެވިލިއަންއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. ސަބަބަކީ އެހެން ރަށްރަށުގައި ހުންނަ މިކަަހަލަ މޮނިއުމަންޓްތަކުން ރަށް ރަމްޒުކޮށްދިނަސް އެ ތަންތަން ހަދާފައި ހުންނަނީ ބޭނުން ކުރެވޭ ގޮތަކަށް ނޫނެވެ.

އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތް ކުރާތާ 15 ވަރަކަށް އަހަރުވެފައިވާ ޒަފަރުﷲ އަށް އާކިޓެކްޗާގެ ދާއިރާއަށް ވަދެވުނީ ޖީސީއީ އޯލެވެލް ނިންމާލުމާ އެކު އޭނާގެ ބައްޕަ ހޯދައިދިން ސޮފްޓެވެއާތަކަކާ ކުޅެން އަމިއްލައަށް ދަސްކުރަން ފެށި ހިސާބުންނެވެ. ސޮފްޓްވެއާތަކަށް އޭނާ ފަރިތަވި ވަރަކަށް ރަނގަޅަށް އެ ދާއިރާއަށް އޭނާގެ ހިތް ދަމައިގަތެވެ. އެއާއެކު، މިފަދަ މަސައްކަތް ކުރާ ކުންފުންޏަކާ ގުޅި، 2008 އިން ފެށިގެން 2021ގެ ނިޔަލަށް މަސައްކަތް ކުރީ އާކިޓެކްޗާ ފާމެއްގަ އެވެ. ޒަފަރުﷲ ބުނިގޮތުގައި އެއީ އޭނާ ބައްޕަގެ ފަރާތުން ލިބުނު ފުރުސަތެެއްކަމުން ޝުކުރު އޮތީ ބައްޕައަށެވެ.

ވަޒީފާއަށް ދަމުން އޭނާ ވަނީ މޯލްޑިވްސް ޕޮލިޓެކްނިކް އިން ހިންގާ ޑިޕްލޮމާ ކޯސް 2013 ވަނަ އަހަރު ފުރިހަމަކޮށްފަ އެވެ. އަދި ވިދިގެން އައި އަހަރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން ޑިގްރީ ހެދި އެވެ. އެއަށް ފަހު އަމިއްލަ އާކިޓެކްޗާ ޑިޒައިން ކުންފުންޏެއް 2021 ވަނަ އަހަރު އޭނާ އުފެއްދި އެވެ. 

ޒަފަރުﷲއާ ބައްދަލުކުރުމަށް އަހަރެމެން ދިޔައީ އޭނާ ދިރިއުޅޭ ގެއަށެވެ. ތަރުތީބު ސިޓިން ރޫމަކުން ވަދެގެންދާ އިރު ގޭތެރޭގައި ހުރި ގާތްގަނޑަކަށް 6 ފޫޓު 4 ފޫޓުގެ ކުޑަ ތަންކޮޅެއް ހާއްސަކޮށްފައިވަނީ އޭނާ މަސައްކަތް ކުރާ ސްޓޫޑިއޯގެ ގޮތުގަ އެވެ.

ޒަފަރުﷲ ބުނި ގޮތުގައި މާލެ އިން މާ ގިނަ ކްލަޔަންޓުންތަކެއް ނުލިބުނަސް، ރަށްރަށުން  ގިނަ މަސައްކަތްތަކެއް ލިބެ އެވެ. ގުޅީގައި އޭނާ ހެދި ޕެވިލިއަންއާ އެކު ގިނަ އަދަދެއްގެ ރަށްރަށުން މިފަދަ ތަންތަން ޑިޒައިން ކުރުމަށް ފުރުސަތުތައް އަންނަނީ ލިބެމުންނެވެ.

މިގޮތަށް ގޭގައި މަސައްކަތް ކުރުމުން އޭނާއަށް ތަފާތު ހިތްހަމަޖެހުމެއް ލިބެ އެވެ. ދަރިންނާ އެކު ވަގުތު ހޭދަކުރެވޭތީ އާއި އަމިއްލަ ކުންފުނީގައި އަމިއްލަ ޕްރޮޖެކްޓުތަކެއް ނަގައިގެން ކަންކަން ނިންމުމުގެ އިހްތިޔާރު އޮންނާތީ އެވެ.

މިހާރު ވެސް އޭނާ އަންނަނީ ގިނަ ޕްރޮޖެކްޓްތަކެއްގައި މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތީ މި ދާއިރާއިން ކުރިޔަށް ދިޔުމެވެ. މިހާރު ހަމައެކަނި ޑިޒައިން ބައި ކުރިއަށް ގެންދިޔަސް މުސްތަގުބަލުގައި ޑިޒައިން އެންޑް ބިލްޑް ކުންފުންޏަކަށް އޭނާގެ ކުންފުނި ގެންދިއުމަކީ ކުރާ އެންމެ ބޮޑު އުއްމީދެވެ. އެއީ އޭނާގެ މިސްރާބެވެ.

ކޮމެންޓް (5)

މުލީ މީހާ

11 މާރިޗު 2025
ކަންޒުކަހަނބު ފުރިހަމައެއްނޫން ކަން ފާހަގަކޮއްލެވޭ
0 2

މީރާ

10 މާރިޗު 2025
މަގޭ ގެކުރަހަން ބޭނުންވޭ މީނަ ލއްވާ. ކިހިނެއް ގުޅާނި
1 0

ާރުޚްސީ /މުލި

10 މާރިޗު 2025
މީނަ އިނދެގެން ވެސް އުޅެނީ މުލީ މީހަކާ. ދެން ބުނަން އޮތް ވާހަކަ އަކީ ވެލަ އެއް ނޫން އެއީ. ކަންޒުކަހަނބެއް. ކުޑަކޮށް ބަލާލަބަ ލިޔާއިރުގަ
1 5

ޓޮޓީ

10 މާރިޗު 2025
ވަަރަށް ފުރިހަމަ އަދު ދިވެހި ރާއްޖެ އާއި ގޫޅޭ ޑިޒައިން ތަކެއް. ޒަފަރުﷲ ކާމިޔާބީ އާއި ކުރި އެރުން އެދެން.
11 0

ހަމްދު

10 މާރިޗު 2025
ޑިޒައިން ހަމަ ވަރަށްސަޅި. ސަތޭކައެއްނޫން، ދުއިސައްތަވެސް ދޭ ވަރުވޭ.
8 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް