ހަސަން އޭނާގެ ދުވަހުގެ މަސައްކަތުގައި (ދައުރު ފޮޓޯ)
ހަންބައްދައި ފޫހިނުވި ހަސަނުގެ އާދަޔާހިލާފު ދަތުރު
މިޒާޖުގައި ހަސަން ނާސިރަކީ ވަރަށް މަޑުން ހުންނަ މީހެކެވެ. ވާހަކަ ދައްކަނީ ވެސް ވަރަށް މަޑުން، ވަރަށް ފަރުވާތެރިކަމާ އެކުގަ އެވެ. ހިނގާލާފައި ދަނީ ވެސް ވަރަށް މަޑު މަޑުންނެވެ. ސައިކަލްގައި ދަނީ އަދި މާ މަޑުންނެވެ.
އެކަމަކު ވެސް އޭނާގެ އިންތިޒާރުގައި ނުޖެހޭ ހަމަ އެކަކު ވެސް ސ. މަރަދޫގައި ނެތެވެ. އެ އިންތިޒާރު ކިތަންމެ ދިގުލައިގެން ދިޔަޔަސް ހަސަން ނާސިރު ނޫން ގޮތެއް ހޯދަން ބޭނުންވި ހަމައެކަކު ވެސް މަރަދޫއަކުން ނުފެނެ އެވެ.
ސަބަބު ވަރަށް ވެސް ސާފެވެ. ހަސަން ނާސިރުގެ ދެގޮތެއް ނުވި ހިދުމަތެވެ.
އެކަމަކު އުމުރުން 50 އަހަރުގެ ހަސަންގެ އާދަޔާހިލާފު އެ ހިދުމަތީ ކޮބައި ހެއްޔެވެ؟
"އަޅުގަނޑުގެ ދާއިރާ އަކީ ހަންބެއްދުން. ހަން ބެއްދުމުގެ ހިދުމަތް އަޅުގަނޑު ފެށީ 1999 ވަނަ އަހަރު. އަދި މެދުނުކެނޑި މި މަސައްކަތުގައި އަޅުގަނޑު އުޅޭތާ މިހާރު 23 އަހަރު ވެއްޖެ،" ވަރަށް ފަރުވާތެރިކަމާ އެކު ސައިކަލެއްގެ ފަހަތު ފުރޮޅުގެ ހަން ބަލައި އޭގައި ވަރަށް ލޯބިން ފިރުމަމުން އަދި އެއަށް ވުރެ މާ ލޯބިން ހަސަންގެ ވާހަކަ އޭނާ ފަށައިގަތެވެ.
ހީވަނީ ސްލޯމޯޝަންގައި ސައިކަލުގެ އެ ފުރޮޅު ހަސަންގެ އަތު ތެރޭގައި އެނބުރެމުން ދިޔަ ހެންނެވެ.
"ހަން ބެއްދުމަކީ އަދި ހަން ބަދަލުކޮށްދިނުމަކީ ވެސް ވަރަށް ފަރުވާތެރިކަމާ އެކު ކޮށްދޭން ޖެހޭ ކަމެއް. ޓަޔަރު ތެރޭގައި ހުންނާނެ ލޮލުގެ އެސްފިޔަހާ ހިމަ އެކަމަކު ވަރަށް ތޫނު ނަރުތަކެއް،" ހަސަންގެ މި ވާހަކަ ސްލޯމޯޝަންގައި ގޮސް އެ ތޫނު ކަށިތަކާއި ނަރުތަކާ އަރައި ހަމަކޮށްފި އެވެ.
"ހަން ބަދަލުކުރާއިރު ފަރުވާތެރިނުވެއްޖެ ނަމަ މީގެ ނަރުކޮޅަކުން ޖެހުމާ އެކު އަލަށް އަޅުވާ ހަން ވެސް ފަޅައިގެން އެ ދިޔައީ. އެހެންވީމަ ސައިކަލެއްގައި ހަމެއް ބަދަލުކުރުމަކީ އަޅުގަނޑު ދަންނަވާނީ ހިތުގެ އޮޕަރޭޝަނެއް ކުރުން ކަހަލަ ކަމެކޭ."
އެއީ ތެދެކެވެ. އަދި އައްޑޫ އަތޮޅުގެ ލިންކު ރޯޑުން ގުޅިފައިވާ ރަށްތަކުގައި 'ހިތުގެ މި އޮޕަރޭޝަންތަކަށް' ހަސަން ވަރުގެ ޑަކްޓަރަކު މުޅި އަތޮޅުގައި ވެސް ނެތެވެ.
"އަނެއްކޮޅުން އަވަސް އަރުވާލައިގެން ހަން ބައްދާލާއިރު ހުރެދާނެ ރަނގަޅަށް ބުރޭކު އެއްޗެހި ބާރުނުވެ. އެގޮތަށް ހުރެ މި ނުކުންނަނީ ބޮޑު ހައިވޭއަކަށް. އެއާ އެކު ޑަން. އެވީ އެކްސިޑެންޓެއް،" ހަސަންގެ ވާހަކަ ގޮސް ހުއްޓުނީ ފުއްޓައްކެއްގެ އަޑަށެވެ.
އެއާއެކު އަނެއްކާވެސް މަޑުމަޑުން ފަށައިގަތެވެ. ދެން އަނެއްކާވެސް ފުއްޓައްކެއް ކަނޑާލި އެވެ.
"ކޮންމެވެސް ނަޓެއް ރަނގަޅަށް ބާރުނުވެ ހުއްޓައި ފުރޮޅު ޖޭމުވެދާނެ. ޑަން. އެވީ އެކްސިޑެންޓް"
"އެހެންވީމަ މިއީ ވަރަށް ވަރަށް ފަރުވާތެރިކަމާ އެކު ދޭން ޖެހޭ ހިދުމަތެއް. ތެޅިގެން މަރޮވެގެން ވޭނެ ކަމަށް ނޫން މީކީ،" ރަށުގެ ބަހުރުވައިން ގޮސް ހަސަން ނިންމާލި އެވެ.
މި ރަށު އެންމެން ވެސް އޭނާ ދަންނަނީ 'ހަންބައްދާ ހަސަނު' ގެ ގޮތުގަ އެވެ. އަދި އޭނާގެ 23 އަހަރު ވީ މި ހިދުމަތާ އެކު 'ހަން ބައްދާ ހަސަން' މިއަދު އޮތީ ލިންކު ރޯޑުގެ އެއްކޮޅުން އަނެއްކޮޅަށް 'އެޗްބީއެޗް' ގެ ގޮތުގައި ބްރޭންޑްވެ ނިމިފަ އެވެ. 'އެޗްބީއެޗް' އަކީ ހަންބައްދާ ހަސަނަށް ކުރުކޮށް ކިޔާ ގޮތެވެ.
ހަސަންގެ މި ހިދުމަތުގެ އިޝްތިހާރުތަކުން ވެސް ފެންނަނީ 'އެޗްބީއެޗް' ގެ ލޯގޯއެކެވެ. ހަންބެއްދުމުގައި އެފަދަ ދެ ވަނައެއް ނެތް ޝަހުސިއްޔަތަކަށް ހަސަން ނާސިރު ބަދަލުވެފައި ވަނީ ސަބަބެއް ނެތިއެއް ނޫނެވެ.
އެކަމަކު 23 އަހަރު ކުރިން ހަސަން އުޅުނީ ކޮން ތާކު، ކީއް ކުރަން ހެއްޔެވެ؟ އެ ސުވާލާ އެކު އޭނާގެ ހަޔާތުގެ ފުރޮޅު އަދި މާ މަޑުން އެނބުރެން ފެށީ ފަހަތަށެވެ.
"އައްޑު އަތޮޅުގެ ފެޝަނާ އެއްގޮތަށް އަޅުގަނޑު ވެސް އެންމެ ފުރަތަމަ ދިޔައީ ރިސޯޓަކަށް. އަޅުގަނޑު ފުރަތަމަ ދިޔައީ ވަކަރުފަޅިއޭ ކިޔާ ރިސޯޓަކަށް. އެއީ ސްކޫލުން ކިޔަވައި ނިމިގެން ގާތްގަނޑަކަށް 20 އަހަރުގައި،" މަޑުމަޑުން ހަސަންގެ ހަޔާތުގެ ބުރު އަނބުރަމުން ގެންދިޔަ އެވެ.
"ދެން އަޅުގަނޑު ދިޔައީ ރީތިރަށަށް. އެތަނުގެ ވޯޓާސްޕޯޓްސްގައި އުޅެފައި، ވެއިޓަރަކަށް އުޅެފައި، ރޫމްބޯއިއަކަށް ވެސް އުޅުނިން. އެކަމަކު ރިސޯޓް ލައިފްވީ އަޅުގަނޑު އެހާ ހިތްހަމަޖެހޭ ދާއިރާއަކަށް ނޫން،" ހަސަން ބުނެލި އެވެ.
އަދި އިނގިރޭސި ބަހުން ގޮސް ސަޅި ގޮތަކަށް އެ ވާހަކަ ނިންމާލި އެވެ.
"އިޓް ފެލްޓް ވެރީ މަޗް ލައިކް އަ ޖެއިލް."
އެ ޖަލު ފަޅާލާފައި ނުކުތް ގޮތަށް އޭނާގެ ދިރިއުޅުން ސެޓުކޮށް ފައްކާކުރީ އުފަން ރަށް މަރަދޫގަ އެވެ. އޭނާގެ އާއިލާ އަކީ މަރަދޫގެ އެންމެ ދޮށީ ވަޒަންވެރިންގެ ތެރޭގައި ހިމެނޭ އާއިލާއެކެވެ. މަޝްހޫރު ބޯދާ ނަމުން ނަމަ އޭނާގެ އާއިލާއަކީ މަރަދޫ ހަންކެޑެ ހަސަނާގެ ދަރިކޮޅެވެ.
"އެއީ މަރަދޫގައި މީހުން އާބާދުވިއިރު އެންމެ ފުރަތަމަ ވަޒަންވެރިވި ކަމަށް ބުނެވޭ އެއް އާއިލާ،" ހަސަން ކިޔައިދިނެވެ.
"އަޅުގަނޑުގެ ބައްޕައަކީ ކަތީބުކަން ކުރެއްވި ބޭފުޅެއް. މާފާމެން މުނިމާފާމެންނަކީ ވެސް ކަތީބުކަންކުރައްވާފައި ތިބި ބޭފުޅުން. އަޅުގަނޑުގެ މާފާ ގޮއްޔެ ހުސޭނަކީ އަދި އެ ޒަމާނުގައި އައްޑޫ އަތޮޅުން އަރައި ހުރި ފަންޑިތަވެރިއެއް."
އާއިލީ ނަސަބުނާމާ އިރައިކުދި އަރުވާލުމަށް ފަހު ހަސަން ގޮސް ހުއްޓުނީ ހަން ބެއްދުމުގެ މި ދަތުރު ފެށުނު ހިސާބަށެވެ.
"ފުރަތަމަ ހަންބެއްދި ދުވަހަކީ އަޅުގަނޑަށް ވަރަށް އާ އަދި ހަނދާނުން ފޮހެނުލެވޭނެ ތަޖުރިބާއެއް ކުރެވުނު ދުވަހެއް،" ހަސަން ފަށައިގަތެވެ.
"ހިތަދޫން އައި މީހަކު މި އަންނަނީ އޭނާގެ ޖީއެން ސައިކަލުގެ ހަންފަޅައިގެން ގޮސްގެން ސައިކަލް ކޮއްޕަމުން. އޭރު ގިނަ މީހުން ދުއްވާނީ ބައިސިކަލް. އަޅުގަނޑު އުޅެނީ ދައްތަމެންގެ ގޭގައި ކުޑަ ގަރާޖެއް ހުޅުވައިގެން. އަޅުގަނޑު ވެސް އޭރު މުޅިން ވެސް ދެނީ ބައިސިކަލު މަރާމާތުކުރުމުގެ ހިދުމަތް."
ސައިކަލެއް ރޫޅަން ނޭނގި އެ ސައިކަލު ރޫޅައިގެން ހަސަންއަށް ދަސްވީ އޭނާގެ ހަޔާތުގައި ދަސްވެފައި ނެތް އެތައް ފިލާވަޅެކެވެ. އެތައް ގަޑިއިރެއް ހޭދަކޮށްގެން އެ ސައިކަލު މަރާމާތުކޮށް ފެށި ދަތުރުގައި އޭނާ މި ދަނީ އަދިވެސް ފަސްއެނބުރި ބެލުމެއް ނެތި ކުރިއަށެވެ. އަދި ކޮންމެ ދުވަހަކު ވެސް އަރައިގެން އަންނަ އިރާ އެކު އޭނާ ހުންނަނީ އަބަދުވެސް އޮންކޯލުގައި ތައްޔާރަށެވެ.
"ހަމަ ކޮންމެ ދުވަހަކު ވެސް ހޭލައިގެން އަޅުގަނޑު އިންނާނީ އޮންކޯލްގައި. އަރާއިރާ އެކު ވަޒީފާ ފެށުނީ. އަދި އަޅުގަނޑުގެ ހަމައެކަނި ހިދުމަތަކީ ހަންބެއްދުމެއް ވެސް ނޫން. މި ހައިވޭގައި ދަތުރުކުރަނިކޮށް ތެޔޮ ހުސްވެގެން ހުއްޓިއްޖެ ނަމަ ވެސް ވަރަށް ގިނަ މީހުން ގުޅާނެ އަޅުގަނޑަށް. ތެޔޮ އަޅައި ދިނުމަކީ ވެސް އަޅުގަނޑު ދޭ ހިދުމަތެއް،" ހަސަން ބުނެލިއެވެ.
"ސައިކަލް ސްޓާޓުނުވެއްޖެ ނަމަ އެ މައްސަލަ ވެސް ހައްލުކޮށްދެން. ޗޭނު ނެއްޓިއްޖެ ނަމަ ނުވަތަ ކަނޑައިގެން ދިޔަ ނަމަ ޗޭނު ވެސް ބަދަލުކޮށްދެން. އަދި ކީއް، ހެލްމެޓު ވެސް ގެންގޮސްދެން."
ހަސަން ބުނީ އޭނާގެ މި ދިގު ހިދުމަތުގައި އެންމެ އުފާވަނީ އަތޮޅުގެ އެންމެނަށް ކޮންމެ ދުވަހަކު ވެސް އެހީތެރިކަމެއް ފޯރުކޮށްދެވޭތީ ކަމަށެވެ. އަދި މިއީ ލިބޭ އާމްދަނީއަށް ވުރެ ބޮޑަށް ހިދުމަތެއްގެ ގޮތުގައި އޭނާ ފައްކާކޮށްފައިވާ ކަމެއް ކަމަށް ވެސް ބުންޏެވެ.
"މި އޮންނަނީ 18 ކިލޯމީޓަރުގެ ދިގު ލިންކްރޯޑެއް. މި މަގުގައި ހާލުގައި ޖެހޭ ކޮންމެ ދަތުރުވެރިޔަކަށް އަޅުގަނޑުގެ އެހީތެރިކަން އަދި މި ހިދުމަތް ލިބޭނެ އެމީހުންގެ ދަތުރު އަމާން އޮމާން ރައްކާތެރި ދަތުރަކަށް ހެދުމަށް. ހާލުގައި ޖެހިފައި ހުންނަ މީހަކަށް ގޮސް އެހީ މިވަނީ. އެއީ އަޅުގަނޑަށް ވެސް ވަރަށް ހިތްހަމަޖެހޭ ކަމެއް،" ހަސަން ބުނެލި އެވެ.
މިހާ ހިސާބަށް ގޮސް މި އިންޓަވިއުގައި ބުރަކި ޖައްސާލުމަށް ފަހު އޭނާ ދެން ކިޔައިދޭން ބޭނުންވީ 23 އަހަރުވީ ތަޖުރިބާއިން ދަސްވެފައިވާ އާދަޔާހިލާފު ކަމެކެވެ. އަދި އެ ވާހަކަ ފަށައިގަތެވެ.
"މިހާރު އަޅުގަނޑަށް ވަރިހަމަ ކިތަންމެ އަނދިރި ތަނެއްގައި، އެއްވެސް އަލިކަމެއް ނެތް މަގެއްގައި ޓަޔަރު ބަދަލުކޮށް ހަން ބަދަލުކުރަން ޖެހުނަސް. އެއްވެސް މައްސަލައެއް ނުޖެހި އަޅުގަނޑު އެކަންކުރާނަން،" ހަސަން ބުނެލިއެވެ.
"އަލިކޮށްލަން ބޭނުންވާނީ ރެންޗެއް ހޯދަން. ނުވަތަ ނަޓެއް ހޯދާލަން އެކަނި. އެއަށް ފަހު މަސައްކަތްކުރާއިރު އެއްވެސް އަލިކަމެއް ނެތަސް ވަރިހަމަ. އެކަމަކު ރޭގަނޑު، އަނދިރި މަގެއްގައި ނަމަ ކުރިން ބައްތިއެއް ދިއްލައިގެން ނޫން ގޮތަކަށް ނުކުރެވޭނެ މަސައްކަތެއް. އެކަމަކު މިހާރު ހިތުދަސްވެފައި މި ހުންނަނީ މި ހުރިހާ ކަމެއް."
ހަސަންގެ މި ދަތުރުގައި އޭނާގެ ޑިމާންޑް އޮތީ ހިތަދޫން ފަށައިގެން ގޮސް ގަމާ ހަމައަށް އުފުލިފަ އެވެ. އަދި އޭނާގެ ކިބައިން އެއްވެސް ފޫހިކަމެއް އަދި ވަރުބަލިކަމެއް ނުފެނެ އެވެ.
"ހަމަ އެއްވެސް ފޫއްސެއް ނުވޭ. މިއީ އަދިވެސް މިހާރު ވެސް އަޅުގަނޑަށް ވަރަށް އިންޓްރެސްޓިން ކަމެއް. ގުޅާލުމާ އެކު ހަމަ ނައްޓާލަންވީ މިހާރު ވެސް،" ހަސަން ބުނެލިއެވެ.
މި އިންޓަވިއު ނިމި، ސައިކަލުގެ ހަން ބައްދައި ނިމުނުއިރު އޭނާއަށް އެހެން މީހަކު ގުޅައިފި އެވެ. އެ ނައްޓާލީ އަނެއް ހަން ބައްދާށެވެ. ހަން ބައްދާ ހަސަނުގެ ވާހަކަ ލިޔެ ނިމުނަސް އޭނާގެ މި ވާހަކަ ވަށައި ޖެއްސޭކަށް ނެތެވެ.